”އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ދަރިންނަށް ދައްކާފަ ނޫނީ އަހަރެންގެ ސަންދޯއް ވަޅަށް ތިރިކޮށްގެން ނުވާނެ. އަދި އަހަރެންނަށް ހެޔޮ ދުޢާކޮށްދޭތި، މާފުކޮށްދޭތި. މީ އަހަރެންގެ އާއިލާއަށާ ރައްޓެހިންނަށް އަދި ދަރިންގެ މަންމައަށް ކުރާ ވަޞިއްޔަތެއް!”
* ޢަލީ ޝާހިދު (ސްޓެޕް އައްޔަ)
މިއީ 06 ޑިސެމްބަރު 2025 ވަނަ ދުވަހު، 15:02 ގައި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އޭނާގެ ފޭސްބްކް މެދުވެރިކޮށް ދޫކޮށްލާފައިވާ މެސެޖެކެވެ. މި މެސެޖާއެކު އޭނާ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާކަން އެނގޭ ވީޑިއޯއެއްވެސް ހިއްސާކުރިއެވެ. ހަމަ އެދުވަހު 19:12ގައި އަނެއްކާވެސް އޭނާގެ މެސެޖެއް ދޫކޮށްލިއެވެ.
”އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިމަޖެންސީގަ މިހާރު ދަނީ ފަރިވާދެމުން. އަޅުގަނޑުގެ ހަށިގަނޑު ތެރޭގަ ބްލަޑް އިންފެކްޝަން، މޭގަވެސް އިންފެކްޝަން، ޗެސްޓް ޕެއިން. ކިޑްނީއަށްވެސް އިންފެކްޝަންގެ އަސަރުކޮށްފަ ކަމަށް އެންމެ ފަހުން ޑޮކްޓަރުން ބުނީ!”
* ޢަލީ ޝާހިދު (ސްޓެޕް އައްޔަ)
އައިޖީއެމް ހޮސްޕިޓަލުގެ ފޭސްބްކް ޕޭޖަށް ޓެގްކޮށް އައްޔަ ދޫކޮށްލި މެސެޖުން، އައްޔައަށް ކުރިމަތިވެފައިވާ ހާލަތުގެ ސީރިއަސްކަން އެނގުނެވެ. އެ ހޮސްޕިޓަލުގައި އެޑްމިޓްވިތާ 13 ދުވަސް ފަހުން އައްޔަގެ ސާޖަރީއަކަށް ވެއްދީ މިމަހު 18 ވަނަ ދުވަހު އެވެ. އެއީ ހަތަރު ވަރަކަށް ގަޑިއިރުގެ ސާޖަރީއަކަށް ވާނެ ކަމަށް އައްޔަގެ ކަންކަން ގާތުން ބަލަމުން ދިޔަ ބައުންޓީ ނާޒިމް، ފިލްމީ ފަންނާނުން ހިމެނޭ ވައިބަރ ގްރޫޕެއްގައި ހާމަކުރީ ޑޮކްޓަރާ ހަވާލާދެމުންނެވެ.
”އަލްޙަމްދު ލިﷲ، 05 ގަޑިއިރު ވަންދެން ހޭނައްތައިގެން ކުރި ސާޖަރީ ވަރަށް ކާމިޔާބު. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ދަރުމަވަންތަ ހޮސްޕިޓަލް ޑޮކްޓަރުން އަދި ނަރުހުންނަށް ސެލިއުޓްކުރަން، ހެޔޮ ދުޢާކުރަން ޑރ. މުޙައްމަދު ޢަލީ – ފިޒީޝަން!”
* ޢަލީ ޝާހިދު (ސްޓެޕް އައްޔަ)
އައްޔައަށް ހޭވެރިކަން ވުމާއެކު އޭނާގެ ހާލަތު، ފޭސްބްކް މެދުވެރިކޮށް އަދާހަމަކޮށްލީ ސާރޖަރީއަށް ފަހުން ނަގާފައިވާ ފޮޓޯއަކާވެސް އެކުގައެވެ.

ސާޖަރީއަށް ފަހު އައްޔަ އާއްމުރި ފޮޓޯ
ޑޮކްޓަރަށްް ދައްކަން ދިޔައީ ކީއްވެ؟
އައްޔަގެ ހާލަތު ބަލަމުން އައި މީހެއްގެ ހައިސިއްޔަތުން، އައްޔަގެ ސާޖަރީއަށްފަހުވެސް އޭނާއަށް ގުޅާލައިގެން ވާހަކަދައްކައިލީމެވެ.
”މެއަށް ތަދުވާތީ ނޭވާ ނުލެވިގެން ޑޮކްޓަރަށް ދައްކަން އައީ. އައިމަ އެރޭ ޑޮކްޓަރަށް ދައްކާފަ އެކްސްރޭ ނަގާފަ ފޮނުވާލީ. ދެން އަނެއް ދުވަހުވެސް ހަމަ ހެއަށް ގޮތްވާތީ އަނެއްކާވެސް އައީ. އައިމަ ދެން، ހަމަ އަހަރެން ބޭނުން ނުވީ ކޮން ކަހަލަ ބައްޔެއްތޯ ނުބަލާ ދާން އަސްލުގަ. ދެން އެހެންވެ އެމީހުން އެމަޖެންސީގަ ބާއްވާފަ އަލުން އަނެއްކާ އެކްސްރޭ ނެގީ. ނެގިއިރު މި ވާގޮތަކީ ކިޑްނީގަޔާ، ލޭގަޔާ މީ ލިވާގަ މިހުރީ އިންފެކްޝަނެއް އުފެދިފަ!”
* ޢަލީ ޝާހިދު (ސްޓެޕް އައްޔަ)
އިންފެކްޝަނެއް އުފެދިފައި ހުރިކަން އެނގުނު ހިސާބުން އިތުރަށް ބެލުމަށްޓަކައި ސްކޭނަކާ އިތުރު ޓެސްޓްތައް ކޮށް ބެލިއިރު އައްޔަގެ ފުއްޕާމޭގައި ވަރަށް ބޮޑަށް ފެން އުފެދިފައިވާކަން އެނގިގެން ދިޔަ ކަމަށްވެސް އައްޔަ ބުންޏެވެ.
ފުއްޕާމޭގައި އުފެދިފައިވާ ފެންތައް ސާފުކުރުމަށް (ނެރުމަށް) މެއާ ދިމާއަށް ހޮޅިއެއް ލައްވައިގެން މަސައްކަތް ފެށިއެވެ. އެވަގުތު ހޮޅިން އަންނަމުން ދިޔައީ ލެއާ ފެނާ އޭތި މީތި ކަމަށް އައްޔަ ހާމަކުރިއެވެ. ޑޮކްޓަރުންގެ ޓީމުން އައްޔަގެ ސާޖަރީއަކަށް ދިއުމަށް ނިންމީ މިހިސާބުންނެވެ.

އައްޔަގެ މެއަށް ގުޅާފައިވާ ހޮޅިން ތަކެތި ބޭރުވަނިކޮށް ނަގާފައިވާ ވީޑިއޯކޮޅެއްގެ އެސްއެސް އެއް
މިފަދަ ހާލަތެއް ކުރިމަތިވެ ސާޖަރީއަކާ ހަމައަށް ދިއުމަށް ޕްރޮސީޖާ އޮންނަ ގޮތުން ގިނަ ދުވަސްތަކެއް ނެގި ނަމަވެސް، އައްޔަގެ ނަސީބު ރަނގަޅުކަމުން ވަރަށް އަވަހަށް ސާޖަރީއާ ހަމައަށް ދެވޭގޮތް ވިއެވެ.
އައްޔަގެ ހެދި މި ސާޖަރީއަކީ ފުއްޕާމެއާ، ގޮހޮރާ ހަށިގަނޑުގެ އެތެރޭގައި ހުރި އިންފެކްޝަންތައް ސާފުކުރުމަށް ހެދި ސާޖަރީއެއް ކަމަށް ޑޮކްޓަރުންނާ ހަވާލާ ދީ އައްޔަ ބުންޏެވެ.
ސްޓެޕް އައްޔައަށް އަސްލު ވީ ކިހިނެއް؟
”އަސްލު މީ ”ޝީޝާ“ މަ ވަރަށް ގަދައަށް ޝީޝާ ބުއިން. ޑޮކްޓަރުން ވިދާޅުވަނީ ޝީޝާ ބުއިމުން ދިމާވި ކަމެއްކަމަށް މިއީ!”
* ޢަލީ ޝާހިދު (ސްޓެޕް އައްޔަ)
އެއްވެސް އިރަކު ސިނގިރޭޓް ނުބުޔަސް އައްޔަ ބުނީ ވަރަށް ގަދައަށް އޭނާ ޝީޝާ ބުއި ކަމަށާ ވޭޕްނުކުރިޔަސް ކޮންމެވެސް ވަރަކަށް ޕޮޑް އެއްޗެހި ބޭނުންކުރެވިފައިވާނެ ކަމަށެވެ.
ސްޓެޕް އައްޔަގެ މެސެޖް!
”ބުނެލަން ބޭނުންވަނީ ޝީޝާއަކީ އަނެއްހެން ބުނާނަމަ، ކިތައްމެ އެންޖޯއީކޮށްލަން ބޭނުންވި ކަމުގައިވިޔަސް، ޒުވާނުންގެ މެދުގައި މަޤުބޫލުއެއްޗެއް ކަމަށް ވިޔަސް މިއީ ހަމަ ހުއްޓާލަން ޖެހޭ އެއްޗެކޭ.
އަހަރެންގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ، ކިރިޔަ ކިރިޔާއޭ ހަގީގަތު، އަހަރެން ބުނާނީ މީ ދެވަނަ ފުރުސަތޭ އަހަރެންނަށް ލިބެން މާތްﷲ މެދުވެރިކުރެއްވި ކަމަށް އަހަރެން ގަބޫލުކުރަނީ!
އެހެންވީމަ މިކަމުން (ވޭޕް، ޝީޝާ، ޕޮޑް، ދުންފަތް ބޭނުންކުރުމުން) ދުރުވުން މުހިންމުކަމަށް އައްޔަ ބުނެލާނީ!“
* ޢަލީ ޝާހިދު (ސްޓެޕް އައްޔަ)
އައްޔަ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް ދިއުމުގެ ކުރިންވެސް އުޅެމުން ދިޔައީ ވަރަށް ހާލުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
”ސްޓެޕް އައްޔަގެ ކަންކަމުގައި އުޅެނީ އޭނަގެ ރައްޓެއްސެއްކަމަށްވާ ދުންމާރި ނާޒިމް. ފަޅު މަތީ އޮޑިއެއްގަ ދިރިއުޅެނިކޮން އެއޮޑިން ފައިބާން ޖެހުނީ އެއޮޑި ވިއްކާލުމުން. މަގުމަތީ އުޅޭތީ ނާޒިމް އޭނައަށް ނިދާނެ ތަނެއް ދީގެން ގެންގުޅެނިކޮށް ބަލިވީ!“
* ބައުންޓީ ނާޒިމް
ސްޓެޕް އައްޔަގެ ހާލަތު ހުރި ގޮތް ފިލްމީ ދާއިރާގެ ފަންނާނުން ހިމެނޭ ގްރޫޕްގައި ހިއްސާކުރަމުން ބައުންޓީ ނާޒިމް ބުނެފައިވެއެވެ.
ކޮންމެ އިންސާނަކަށްވެސް، ދަތި ހާލަތެއް ކުރިމަތިވެ ހާލުގައި ޖެހިދާނެއެވެ. މިފަދަ ދަނޑިވަޅުތަކުގައި އެންމެންގެ އަޅައިލުމާ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެއެވެ. ”شَفَاكَ اللهُ އޭ ބުނެ ކޮށްލާ“ ދުޢާއަކުން ހަމައެކަނި ފުއްދައިލުމުގެ ބަދަލުގައި، ބަލިމީހާގެ ހާލު ބަލައިލަން ޒިޔާރަތްކޮށްލުން ނުވަތަ އެކަމަށް ކުޅަދާނަ ނޫންނަމަ މި ޒަމާނުގައި ގުޅާލައިގެން ނުވަތަ މެސެޖަކުންވެސް ހާލުބަލައިލުމަކީ ބައްޔެއްގައި އުޅޭ މީހަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ. ޝިފާއަށް މަގުފަހިވެގެންދާނެ ކަމެކެވެ.
އައްޔައަށް ހަލި ޝިފާއެއް މިންވަރުކުރެއްވުމަށް އަޅުގަނޑުމެން ދުޢާކުރަމުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



