ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއެސްޕީއޭ ފިލްމު އެވޯޑްގައި ބައިވެރިކުރީ 7 ފިލްމު، އެވޯޑް ނައިޓް އޮގަސްޓްގައި ބޭއްވުމަށް ތައްޔާރުވެއްޖެ
މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް އިން ބޭއްވި ފުރަތަމަ ފިލްމު އެވޯޑްގެ ތެރެއިން / އެމްއެސްޕީއޭ

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އިންތިޒާމުކުރާ ފިލްމު އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، މިއަހަރު އެވޯޑްގައި ބައިވެރިކޮށްފައިވަނީ ޖުމްލަ 7 ފިލްމެއް ކަމަށް އެމްއެސްޕީއޭ އިން ހާމަކޮށްފިއެވެ.

2024ވަނަ އަހަރު ޖުމްލަ 11 ފިލްމެއް ރިލީޒްކޮށްފައިވީ ނަމަވެސް، އެވޯޑަށް ހުށަހަޅާފައިވަނީ އޭގެ ތެރެއިން 7 ފިލްމެކެވެ. އެވޯޑްގައި ވާދަކުރާ ފިލްމުތަކަކީ “ފުރޭތަ”، “ބިބީ”، “ކަންބަޅި”، “ދޭދަރު ރުއިން”، “ސާޔާ”، “ކަމަނާ” އަދި “ރޯބޯމޭން” އެވެ. އެ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެވޯޑްގައި ބައިވެރިނުކުރާ ފިލްމުތަކަކީ “ގެއްލުނު ރޭ”، “ލަސްވިޔަސް”، “މީ އިޝްޤް” އަދި “އުދަބާނީ 2” އެވެ.

އެމްއެސްޕީއޭ އިން ފިލްމު އެވޯޑަށް ހުޅުވާލާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އިތުރު 20 ދުވަސް މުއްދަތު އިތުރުކޮށްދީފައިވެއެވެ. މިހާރު މި މުއްދަތު ހަމަވެފައިވާއިރު، އެމްއެސްޕީއޭ އިން މިހާރު ކުރިއަށްގެންދަނީ ޖޫރީ ޕެނަލް އެކުލަވާލުމުގެ މަސައްކަތެވެ. މިއަހަރުގެ ޖޫރީގައި ހިމެނޭނީ ރާއްޖޭގެ 5 މެންބަރުންނާއި ބޭރުގެ 2 މެންބަރުންނެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް އިން ބޭއްވި ފުރަތަމަ ފިލްމު އެވޯޑްގެ ތެރެއިން / އެމްއެސްޕީއޭ

ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ، ފިލްމުތައް ޖަޖުކުރުމުގެ މަސައްކަތް ޖޫން މަހުގެ 10 ވަނަ ދުވަހު ފެށޭނެ ކަމަށް އެމްއެސްޕީއޭ އިން ބުނެއެވެ. އަދި އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގައެވެ. އެވޯޑް ހަފުލާގެ ކުރިން، ބައިވެރިކޮށްފައިވާ ފިލްމުތަކަށް ޚާއްޞަ ފިލްމު ފެސްޓިވަލެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް ފެސްޓިވަލާއި އެވޯޑް ނައިޓް ބާއްވާނެ ސީދާ ތާރީޚު ފަހުން އިޢުލާން ކުރެވޭނެއެވެ.

އެވޯޑްގެ އިތުރުން، އެމްއެސްޕީއޭގެ ދެވަނަ އެކްޓިންގ ވޯކްޝޮޕް ބޭއްވުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މި ވޯކްޝޮޕްގައި މިހާތަނަށް 16 ފަރާތަކުން ބައިވެރިވެފައިވާއިރު، އީދު ބަންދާ ދިމާވުމުން ދިމާވި ބައެއް ދަތިތަކުގެ ސަބަބުން ވޯކްޝޮޕް ބާއްވާ ތާރީޚަށް ވަނީ ކުޑަ ބަދަލެއް ގެނެސްފައެވެ.

އެމްއެސްޕީއޭ އިން މިހާރު ވަނީ ފިލްމު އެވޯޑާއި ވޯކްޝޮޕަށް ސްޕޮންސަރުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެ ޖަމިއްޔާގެ އެދުމަކީ މި ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ސަރުކާރާއި، އާންމު ވިޔަފާރިވެރިންނާއި، ފިލްމީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް އިން ބޭއްވި ފުރަތަމަ ފިލްމު އެވޯޑްގެ ތެރެއިން / އެމްއެސްޕީއޭ

މި ފުރުޞަތުގައި، އެމްއެސްޕީއޭ އިން ބޭއްވި ފުރަތަމަ ފިލްމު އެވޯޑަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ސްޕޮންސަރުންނާއި، އެހެނިހެން ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އެ ސޮސައިޓީން ދަންނަވައެވެ. ވަކިން ޚާއްޞަކޮށް، މި އިވެންޓް އިންތިޒާމުކުރުމުގައި ބިިދަބިން އިވެންޓްސް އިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރެއެވެ.

މި ފިލްމު އެވޯޑަކީ އެމްއެސްޕީއޭ އާއި ބިދަބިން އިވެންޓްސް ގުޅިގެން ބާއްވާ ހަރަކާތެކެވެ. އެމްއެސްޕީ ފުރަތަމަ ފިލްމު އެވޯޑްވެސް ވަރަށް ކާމިޔާބުކަމާއެކު ބޭއްވީ ބިދަބިން އިވެންޓްސްއާ ގުޅިގެންކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އެކްޓިންގ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއަން ހައި ކޮމިޝަނުގެ އެހީތެރިކަމާއެކު، އެމްއެސްޕީއޭ އާއި އިންޑިއަން ކަލްޗުރަލް ސެންޓަރު (އައިސީސީ) ގުޅިގެން ނެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top