ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސޫޝީގައި ހުންނަ ފަނި ނުވަތަ ޕެރަސައިޓް
މުނިއަވަސް ގްރެފިކްސް

މުޅި ދުނިޔޭގެ އިތުރުން ދިވެހިރާއްޖޭގައި ވެސް ސޫޝީ އާއި ސަޝީމީ ފަދަ ރޯމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާ އާންމުވަމުންދާއިރު، ރޯމަހުގެ ބާވަތްތަކުގައި ހުންނަ ފަނި ނުވަތަ ޕެރަސައިޓްތަކާ ގުޅޭގޮތުން ސައިންސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންގޓަންގެ ދިރާސާވެރިން ކުރިއަށް ގެންދިޔަ، އަދި 2020 ވަނަ އަހަރުގެ މާރިޗު މަހު “ގްލޯބަލް ޗޭންޖް ބަޔޮލޮޖީ” މަޖައްލާގައި ޝާއިއުކުރި ބޮޑު ދިރާސާއަކުން ދައްކާގޮތުގައި، “ސޫޝީ ވޯމްސް” ގެ ނަމުން މަޝްހޫރުވެފައިވާ “އެނިސާކިސް” ފަނި، 1978 އާއި 2015 އާ ދެމެދު ވަނީ ބިރުގަންނަންޖެހޭ މިންވަރަކަށް، އެބަހީ 283 ގުނަ އިތުރުވެފައެވެ.

މި ފަނިތަކަކީ އާންމުކޮށް ކަނޑުމަހާއި، ކަޅުބިލަމަހާއި، ބޯވަދިލަމަހުގެ ބާވަތްތަކުން ފެންނަ އެއްޗެކެވެ. ރަނގަޅަށް ނުކައްކާ ނުވަތަ ރޯމަސް ކެއުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް މި ފަނިތައް ގޮސް، “އެނިސާކިއޭސިސް” ކިޔާ ބައްޔެއް ޖެހުމަށް މެދުވެރިވެއެވެ. މީގެ ސަބަބުން ބަނޑުގައި ރިއްސުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ކާނާ ވިހަވުމުން ފެންނަ ފަދަ އަލާމާތްތައް ފެނެއެވެ.

މާހިރުން ލަފާކުރާ ގޮތުގައި މި ފަނިތައް އިތުރުވާން މެދުވެރިވީ ކަނޑުގެ ދިރުންތަކުގެ ނިޒާމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ސޫފިތަކުގެ އާބާދީ އިތުރުވުމާ ގުޅިގެންނެވެ. މީގެ ސަބަބުން އިންސާނުންނަށް އޮތް ނުރައްކާ ނިސްބަތުން ކުޑަ ނަމަވެސް، ރޯމަސް ކެއުމުގައި އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ކާނާގެ ރައްކާތެރިކަމުގެ އުސޫލުތަކަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

މާލެއާއި ރިސޯޓުތަކުގައި ސޫޝީ، ޕޯކް ބޯލްސް އަދި އެކި ކަހަލަ ރޯމަހުގެ ކާނާ އާންމުވަމުންދާތީ، މިއީ ދިވެހިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. މިގޮތުން ދަންނަންޖެހޭ ބައެއް މުހިންމު ކަންތައްތަކަކީ:

● މަސް ތާޒާވުމަކީ އެއީ ރައްކާތެރި އެއްޗެއްކަމުގެ ފުރިހަމަ ޔަޤީންކަމެއް ނޫނެވެ.
● ރަނގަޅަށް ފިނިނުކޮށް ނުވަތަ ގަނޑުނުކޮށް ގެންގުޅޭ މަހުގައި މި ފަނި ހުރުމުގެ ފުރުސަތު ބޮޑެވެ.
● ގޭގޭގައި ރޯމަސް ތައްޔާރުކުރާއިރު، އެކަށީގެންވާވަރަށް ގަނޑުނުކޮށް ބޭނުންކުރުމަކީ ބަލިޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ.

ސިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، މައިނަސް 20 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ ދަށުން ގަނޑުކުރުމުން ނުވަތަ ރަނގަޅަށް ކެއްކުމުން މި ފަނިތައް މަރުވެ، މަސް ކެއުމަށް ރައްކާތެރިވެއެވެ.

މި ދިރާސާތަކުގެ ބޭނުމަކީ މަސް ކެއުން ހުއްޓާލުމެއް ނޫނެވެ. ނަމަވެސް، މިއީ ރޯމަސް ބޭނުންކުރާއިރު ރައްކާތެރިގޮތުގައި މަސް ތައްޔާރުކުރުމާއި، ގަނޑުކޮށްގެން ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހޭކަން ހަނދާންކޮށްދޭ ކަމެކެވެ. ރާއްޖޭގައި ރޯމަސް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ސިއްޙީ ރައްކާތެރިކަމަށް އިސްކަންދީ، ހޭލުންތެރި އިޚްތިޔާރުތައް ކުރުން މިވަނީ ކުރިއަށްވުރެ މުހިންމުވެފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top