“އެކަމުން ސަލާމަތްވާން އޭނާ އެ ދައްކަނީ ބޭކާރު ވާހަކަ. އެކަމަކު އޭނާގެ ޓެސްޓުތައް ހަދާއިރު އޭނާއަކީ މޮޔައެއް ނޫންކަން އެނގިއްޖެއްޔާ އޭނާ ދާންޖެހޭނީ ޖަލަށް. މާދަމާގެ އަޑުއެހުމަށްފަހު ކަލޭގެ ބައްޕަ ހުންނާނީ ހަމަ ގައިމުވެސް ޖަލުގައި. ބަލަން ހުންނާތި.”
—
އަހަރެންނަށް ވަރަށް ގިނަ ސޫރަތްތައް ހިތުދަސްވެފައި ހުރެއެވެ. ކަމަކަށް ބޭނުންވެގެން ﷲގެ ހަޟްރަތުގައި ދަންނަވާއިރު، ގިނަފަހަރަށް އެ ސޫރަތްތައް ކިޔަވައި އުޅެމެވެ. އެއްފަހަރަކު، އެޗް މާކެޓުގައި ހުރި ކުޅިވަރު ސާމާނު ވިއްކާ ފިހާރައިން ފެނުނު ދަނބުކުލައިގެ ރެކެޓެއް ބޭނުންވެގެން އުޅުނު ހަނދާންވެއެވެ. އެއީ އަހަރެންގެ އެއްވެސް ބޭބެއެއްގެ ދަރިއެއްގެ އަތުގައި ނެތް ފަދަ ރެކެޓެކެވެ. އެދުވަހު އަހަރެން ދަންނަ ހުރިހާ ސޫރަތެއް ކިޔެވީމެވެ. އަދި ބައްޕަ އެ ރެކެޓް ގަނެދިނެވެ. އަހަރެން އެކަމަށް އެދުމުން، އަގުހެޔޮ ރެކެޓެއްވެސް ބައްޕައަށް ގަނެދެވުނީހެވެ. ނަމަވެސް ﷲ އެކަން އެގޮތަށް މިންވަރުކުރެއްވީއެވެ. އެކަލާނގެ އަބަދުވެސް އަހަރެންގެ ދުއާ އިޖާބަކުރައްވައެވެ.
މިފަހަރު އަހަރެން ބޭނުންވީ ކުރިން އެދުނު ހުރިހާ ކަމަކަށްވުރެ ބޮޑު ކަމަކަށެވެ. އެއީ ބައްޕަ ޖަލަށް ނުވަތަ ނަފްސާނީ ބަލިމީހުން ބައިތިއްބާ މަރުކަޒަކަށް ގެންދިޔަ ނުދިނުމަށެވެ. އެހެންކަމުން، ގުރުއާން ހުޅުވާލުމަށްފަހު ވީހާވެސް ގިނަ ސޫރަތްތަކެއް ކިޔަވަން ފެށީމެވެ. ކަރު ހިއްކައިގަނެ، ލޮލުން އައި ކަރުނައިގެ ސަބަބުން އަކުރުތައް ފުސްވާންދެން އަހަރެން ކިޔެވުން ހުއްޓައެއް ނުލަމެވެ.
“ޔާ ﷲ، ބައްޕައަށް އެހީތެރިވެވޮޑިގަންނަވާފާނދޭ،” އަހަރެން ދެންނެވީމެވެ.
އެދުވަހު ހިނގާދިޔަ ކަންތައްތަކުގެ ހަގީގަތް ނޭނގޭ މިންވަރަށް އަހަރެން އުމުރުން ޅައީ ހެއްޔޭ ހިތަށް އެރިއެވެ. ބައްޕަ ހަމަ ހަގީގަތުގައިވެސް ނޫރައިޒް ބޭބެ މަރާލީ ހެއްޔެވެ؟ އެހެން އެކަން ވީނަމަވެސް، އެއީ ގަސްތަކާ ނުލައި ވީ ކަމަކަށް ވާނެއެވެ. އެއީ ލޯބީގެ މައިދާނުން ނުވަތަ ދިރިއުޅުމުގެ ކަންކަމުގައި ބައްޕަ ނާކާމިޔާބު ވީނަމަވެސް، މީހެއްގެ ފުރާނަ ދުއްވާލުމަކީ ބައްޕަ ކުރާނެ ކަމެއް ނޫންކަން އަހަރެންނަށް ޔަގީންވާތީއެވެ. އަދި ބައްޕަ ބުނި ވާހަކަތަކަކީ މިސާލު ބަސްތަކަކަށް ވެދާނެ ހެއްޔެވެ؟ ބޮޑެތި މީހުން އެއްޗެއް ބުނާއިރު އޭގެ މާނަ ތަފާތުވެދާނެ ކަމަށް އަހަރެންގެ ލިޓްރޭޗަރ މުދައްރިސް ބުނެދީފައިވެއެވެ. ފަހަރުގައި ނޫރައިޒް ބޭބެއަކީ ޖިންނިއަކަށް ވެފައި، އަމިއްލަ ނަފްސު ސަލާމަތްކުރަން ބައްޕައަށް އެ ބޭބެ މަރާލަން މަޖުބޫރުވީ ބާވައެވެ؟ މިފަދަ އުނދަގޫ ޚިޔާލުތަކެއްގެ ތެރޭގައި ހުއްޓާ، މެންދުރުގެ ހޫނުގަދަ ވަގުތު، މައިންބަފައިންގެ އުނގުގައި ނިދާލަން ބޭނުންވިއެވެ. މާގިނައިރުތަކެއް ނުވެ އަހަރެންނަށް ނިދިއްޖެއެވެ.
އަހަރެންނަށް ފެނުނީ ކޭ.އެފް.ސީގެ މޭޒެއްގެ ދޮށުގައި މުޅި އާއިލާ އެކުގައި ތިބި މަންޒަރެވެ. ބައްޕަ އިނީ ވަރަށް ފޯރިއާއެކު ކުކުޅު ކެއުމުގައި މަސްއޫލުވެގެންނެވެ. އެއީ ދުވަހަކުވެސް ނިމެން ބޭނުންނުވާ ފަދަ ރީތި ހުވަފެނެކެވެ. ނަމަވެސް، ބައްޕަގެ ބޭބެ މަރާލިކަން ސާބިތުވެއްޖެ ކަމުގެ ޚަބަރާއެކު މަލީހާ އަހަރެން ހޭލެއްވިއެވެ. އަހަރެން ވަގުތުން ބިރުގަނެ، ބައްޕަ ބަހައްޓާފައި ހުރި ތަނަކަށް ގެންގޮސްދިނުމަށް އެދުނީމެވެ.
މަލީހާ ބުންޏެވެ، “މިއީ ހަމައެކަނި ފުރަތަމަ އަޑުއެހުން. ގާޒީއަށް މިހާރުވެސް ބައްޕަގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި އެބަހުރި. އެކަމަކު ބައްޕަގެ ފަރާތުން އިތުރު ވަގުތަށް އެދިފައިވަނީ. މަންމަ ބުނި ގޮތުގައި ގާޒީ ބައްޕައަށް ރަހުމްކުރީ، ބައްޕަ އަމިއްލަ ވަކީލަކު ހަމަޖައްސަންވެސް އިންކާރު ކުރުމުން. މިއީ ޖަލު ހުކުމަކުން ސަލާމަތްވެ، ނަފްސާނީ ފަރުވާދޭ ތަނަކަށް ދިއުމަށް ބޭނުންކުރާ އުކުޅެއް ކަމަށް މަންމަ ބުނި.”
މަލީހާގެ އަޑުގައި ހުރީ އުފާވެރިކަމެވެ. ބައްޕައާ ބެހޭގޮތުން ނުބައި ވާހަކަ ދެއްކުމުން އަހަރެން ކޮށްފާނެ ކަމަކަށް އޭނާ މިހާރު ބިރެއް ނުގަނެއެވެ. އެވަގުތު އަހަރެންގެ ހިތަށްއެރިއެވެ، މަލީހާގެ ކަރުގައި ހިފާ ނޭވާ ނުލެވޭވަރު ކޮށްލެވޭނެ ނަމައެވެ. އޭނާ އާދޭސްކުރިޔަސް އަހަރެން ދޫނުކުރީމުހެވެ. އެހިނދު ބައްޕަވެސް ބޭބެއާ މެދު ކަންތައް ކުރީ އެފަދަ ރުޅިވެރިކަމެއްގައި ބާވައޭ ހިތަށްއެރިއެވެ. މަލީހާ މަރާލުމަށްފަހު، އަހަރެންވެސް އެކަން ޖިންނިއެއްގެ ބޮލުގައި އެޅުވީމުހެވެ.
އެދުވަހު އާއިލާގެ ބޮޑެތި މީހުން އެކަކު ފަހަތުން އަނެކަކު އަހަރެންގެ ކޮޓަރިއަށް އައިސް، ދެރަނުވުމަށް ނަސޭހަތްތެރިވިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބަލާނެ އާއިލާއެއް އޮންނާނެ ކަމަށް ބުންޏެވެ.
ނަމަވެސް އަހަރެން ބުނީމެވެ، “އަހަރެން ދެރައެއް ނުވޭ. ބައްޕަވެސް ރަނގަޅުވާނެކަން އަހަރެންނަށް އެނގޭ.” އަހަރެން ބޭނުންވީ ބައްޕަ ދެކިލުމަށެވެ. އެ އަތުގައި ބޮސްދީ، ޖިންނީންގެ ވާހަކަ އޮޅުންފިލުވުމަށެވެ. ކޯޓުގައި އަހަރެންވެސް އެ ޖިންނި ދުށިން ކަމަށް ބުނެ، ބައްޕަ ހުރި ކޮންމެ ތަނެއްގައި ބައްޕައާ އެކު ހުރުމަށް އަހަރެން ބޭނުންވިއެވެ.
ރޭގަނޑު އެންމެން ނިދަން ދިއުމުން، އަހަރެން ސިޓިންގ ރޫމުގައި ބައްޕަ އަންނަންދެން މަޑުކުރީމެވެ. ހާސްކަން ބޮޑުވެގެން އަލަނާސި ޕެކެޓްތަކެއް ކާން ފެށީމެވެ. ނަމަވެސް އޭގެ ރަހަ ހީވަނީ ހުސް ކަރުދާސްގަނޑެއް ކެވޭ ހެންނެވެ. ކޮޓަރި އޮތީ އަނދިރިކޮށެވެ. ފުރަތަމަ އިވުނީ ހަމައެކަނި މަދިރީގެ އަޑެވެ. ނަމަވެސް އަހަރެން ވަރަށް ބޮޑަށް ސަމާލުކަން ދިނުމުން، ވަށައިގެން ގިނަ ބަޔަކު ސިއްރުން ވާހަކަދައްކާ އަޑު އިވޭން ފެށިއެވެ. ލޯ މަރާލައިގެން ހުރިއިރު، ސިޓިންގ ރޫމް ބަދަލުވަމުންދިޔައީ ފުރާޅެއް ނެތް، ހުސް ކޯޓެއް ފަދަ ތަނަކަށެވެ.
ކުއްލިއަކަށް ބަނޑުގައި ރިއްސާ، ބޯ އަނބުރަން ފެށިއެވެ. އަދި ނޭނގޭ ބަހަކުން މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެއީ ކޮންފަދަ މަޚްލޫގެއްތޯ ސުވާލުކުރި ކަހަލައެވެ. އެވަގުތު މީހަކު އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުރީ ވަރަށް ބޮޑަށް ހާސްވެފައި ހުރި ބައްޕައެވެ. ބައްޕަ ހުރީ ނޭވާ ކޮޅަށް ގޮސްފައެވެ. އަހަރެން ކުރަން އުޅުނު ކަންތަކާ ބެހޭގޮތުން ބައްޕަ ސުވާލުކުރިއެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރުމަށް ވަރަށް ހަރުކަށިކޮށް އެންގިއެވެ.
ބައްޕަ ކިޔައިދިން ގޮތުގައި، އަހަރެންގެ މާމައަކީ ޖިންނީންގެ މައްސަލަތައް ނިންމާ މީހެކެވެ. މާމަގެ ބަލިޖެހުނީވެސް އެކަންކަމަށް މާ ބޮޑަށް ސަމާލުކަން ދިނުމުގެ ސަބަބުންނެވެ. ބައްޕައާއި ނޫރައިޒް ބޭބެވެސް ތިބީ އެކަމުގެ ތެރެއަށް ވަދެވިފައެވެ. ނޫރައިޒް ބޭބެއަށް ކުރެވުނު ގޯސް ނިންމުމެއްގެ ސަބަބުން ކުށެއް ނެތް ޖިންނިއަކަށް އަދަބުދެވުނެވެ. އެއީ ބޭބެގެ މަރަށް މަގުފަހިވި ސަބަބެވެ. އަދި ބައްޕަގެ މައްޗަށްވެސް އެމީހުންގެ ކޯޓުގައި މައްސަލަ ބެލެވެމުންދާ ކަމަށް ބައްޕަ ބުންޏެވެ.
އަހަރެން ބައްޕަގެ ގައިގައި ބައްދާލުމަށްފަހު ނިދަން ދިޔައީމެވެ. ބައްޕަ ބުނި ވާހަކަތައް އަހަރެންގެ ސިކުނޑިއަށް ނަގައިގަންނަން އުނދަގޫވިއެވެ. އަނެއް ދުވަހު ހެނދުނު ހޭލައިގެން ތިރިއަށް ދިޔައިރު، ގޭތެރެ އޮތީ މީހުން ފުރިފައެވެ. އެންމެން ތިބީ ރޯށެވެ.
މަލީހާ ބުންޏެވެ، “ބައްޕަ ނިޔާވެއްޖެ. ތި އިން ތަނުގައި، ފަންކާގައި އަމިއްލައަށް ދަންޖެހިގެން.”
އަހަރެން މައްޗަށް ބަލާލީމެވެ. ފަންކާ މަތީގައި ނޫކުލައިގެ އަންހެނަކު އިނެވެ. އޭނާގެ އަތުގައި ބައްޕަގެ ގަމީހުގެ ފޮތިކޮޅެއް އޮތެވެ. އޭނާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިނދެ ރޮމުންދިޔައެވެ.
“މާދަމާ ޖިންނީންގެ ކޯޓަށް އެނގޭނެ އަހަރެންނާ މެދު ކަންތައް ކުރާނެ ގޮތެއް. އަހަރެން ވާނީ މިނިވަނަކަށް ނުވަތަ ކުރެވުނު ކަންތަކުގެ ބަދަލު ދޭންޖެހޭނެ،” ރޭގައި ބައްޕަ ބުނި ބަސްތައް އަހަރެންގެ ކަންފަތްދޮށުގައި ގުގުމާލިއެވެ.
—
ނިމުނީ.
