ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ޖަޕާނުން ކުރަމުންދާ މަސައްކަތުގެ ދަށުން، “ވިންޒް މަރު” ނަމަކަށް ކިޔާ އާދަޔާ ޚިލާފު އުޅަނދެއް ދައްކާލައިފިއެވެ. މިއީ މިޓްސުއީ އޯ.އެސް.ކޭ ލައިންސް ގެ “ވިންޑް ހަންޓަރ ޕްރޮޖެކްޓް” ގެ ދަށުން ފަރުމާކޮށްފައިވާ އުޅަނދެކެވެ.
އާދައިގެ އުޅަނދުފަހަރާ ޚިލާފަށް، ވިންޒް މަރު އަކީ ކަނޑުމަތީގައި ދަތުރުކުރަމުންދާއިރު ވައިގެ ބާރާއި އިރުގެ ހަކަތަ ބޭނުންކޮށްގެން އަމިއްލައަށް ތެޔޮ ނުވަތަ ހަކަތަ އުފައްދާ އުޅަނދެކެވެ. މިގޮތުން އުފައްދާ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން މޮލިކިއުލްތައް ވަކިކޮށް، ހައިޑްރޮޖަން އުފައްދައެވެ. މިއީ އެއްވެސް މިންވަރަކަށް ދުން ނުވަތަ ވިހަ ގޭސް ބޭރުނުވާ، މުޅިން ސާފު ހަކަތައެކެވެ. މި އުޅަނދަކީ ހަމައެކަނި އަމިއްލަ ބޭނުމަށް ހަކަތަ އުފައްދާ އުޅަނދެއް ނޫނެވެ. މީގެ އިތުރުން، އުފައްދާ އިތުރު ހައިޑްރޮޖަން ރައްކާކޮށްގެން އެއްގަމަށް ގެންދިއުމުގެ ޤަބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެއެވެ. އެހެންކަމުން، މިއީ މުދާ އުފުލާ ބޯޓެއްގެ އިތުރުން، ކަނޑުމަތީގައި އޮންނަ ހަކަތަ އުފައްދާ ކާރުޚާނާއެއް ފަދަ އުޅަނދެކެވެ.
ދުނިޔޭގެ މިންވަރަށް ބަލާއިރު ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ގާތްގަނޑަކަށް 3 އިންސައްތަ ހިއްސާކުރަނީ ކަނޑުދަތުރުފަތުރުގެ ދާއިރާއެވެ. އެހެންކަމުން، މި ދާއިރާ ތިމާވެއްޓާ ރައްޓެހި ދާއިރާއަކަށް ބަދަލުކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ކަނޑުމަތީގައި ސީދާ ހަކަތަ އުފެއްދުމުގެ މި އާ އީޖާދުގެ ސަބަބުން، ވިހަ ގޭސް ބޭރުކުރުން ވަރަށް ބޮޑަށް މަދުވެ، ތެލަށާއި ބަނދަރުތަކުގެ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ.
މި އީޖާދު ފުޅާ ދާއިރާއެއްގައި ބޭނުންކުރުމާއި، ހައިޑްރޮޖަން ރައްކާކުރުމުގައި އަދިވެސް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، ވިންޒް މަރު އަކީ މިދާއިރާއިން އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. މިއީ ދުނިޔޭގެ ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުންދޭ އެއް ސިނާޢަތް، ސާފު ހަކަތައަށް ބަދަލުވުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެކަން ސާބިތުކޮށްދޭ ހެއްކެކެވެ.
ދުނިޔޭގެ ޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، ޖަޕާނުގެ މި ކުރިއެރުމަކީ މުސްތަޤުބަލުގައި އުޅަނދުފަހަރަކީ ހަމައެކަނި މުދާ އުފުލާ އެއްޗަކަށްވުމުގެ ބަދަލުގައި، އެ އުޅަނދު ދުއްވަން ބޭނުންވާ ސާފު ހަކަތަ އަމިއްލައަށް އުފައްދާނެ އެއްޗަކަށް ވެގެންދާނެކަމުގެ ނިޝާނެކެވެ.
