ފެތުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ ވަރުގަދަކަން އިތުރުކުރުމުގެ އިތުރުން ނޭވާލުމުގެ ނިޒާމު ރަނގަޅުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ފެތުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދެއެވެ.
އުމުރުން 19 އަހަރާއި 64 އަހަރާ ދެމެދުގެ މީހުން ހަފުތާއަކު މަދުވެގެން 150 މިނެޓު މެދު މިންވަރެއްގެ ކަސްރަތު ކުރުމަށް އަމާޒު ހިފަންވާނެއެވެ. އަދި ކުޑަކުދިންނަކީ ވެސް ހަރަކާތްތެރިކޮށް އުޅޭ ބަޔަކަށް ވާންޖެހެއެވެ.
މަސްތައް ވަރުގަދަކޮށް، ހަށިގަނޑު ލުއިކޮށް ބެހެއްޓުމަށްޓަކައި ކަސްރަތު ކުރާއިރު މަސްތައް ވަރުގަދަކޮށްދޭ ކަސްރަތުތައް ހިމެނުމަކީ މުހިންމު ކަމެކެވެ. ސިއްހީ ހާލަތު ތަންދޭ މިންވަރަކުން، މުޅި އުމުރު ދުވަހު މިގޮތުގައި ދެމިހުރުން ބޭނުންތެރިއެވެ.
އެހެން ކަސްރަތުތަކަށްވުރެ ފެތުން އިޚްތިޔާރު ކުރުމަށް ތަފާތު ސަބަބުތަކެއް ހުރެއެވެ. ފެތުމަކީ މުޅި ހަށިގަނޑަށް ފުރިހަމަ ކަސްރަތެއް ލިބިދޭ، އަދި ހުރިހާ އުމުރެއްގެ މީހުންނާއި ތަފާތު ސިއްހީ ހާލަތްތަކުގައި ތިބޭ މީހުންނަށް ވެސް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ.

ފެތުމުން ހަށިގަނޑަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ފައިދާތައް / މުނިއަވަސް އިމޭޖްސް
ފެތުމުން ލިބޭ މައިގަނޑު ބައެއް ފައިދާތައް ތިރީގައި އެވަނީއެވެ:
1- މުޅި ހަށިގަނޑަށް ކަސްރަތު ލިބުން:
ފަތާއިރު ހަށިގަނޑުގެ މައިގަނޑު ހުރިހާ މަސްތަކެއް ހަރަކާތްތެރިވާން ޖެހެއެވެ. މީގެ ތެރޭގައި އަތް، ފައި، ބުރަކަށި އަދި ބަނޑުގެ މަސްތައް ހިމެނެއެވެ. ފެތުމުގެ ސަބަބުން:
– ހަށިގަނޑަށް ބުރަ ނުވާނޭހެން ހިތުގެ ވިންދު އަވަސްކޮށްދެއެވެ.
– ހަށިގަނޑުގެ ބާރު އިތުރުކޮށްދެއެވެ.
– މަސްތައް ވަރުގަދަކޮށް ބައްޓަންކޮށްދެއެވެ.
– ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
– ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
2- ހިތާއި ނޭވާލާ ނިޒާމު ވަރުގަދަކޮށްދިނުން:
ކާޑިއޯ ކަސްރަތަކީ ހިތާއި، ފުއްޕާމެއާއި، ލޭ ދައުރުކުރާ ނިޒާމަށް އަމާޒުކޮށްގެން ކުރެވޭ ކަސްރަތެކެވެ. ފެތުމަކީ މިފަދަ ފުރިހަމަ ކަސްރަތެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ގަވާއިދުން ފަތާ މީހުންގެ މަރުވުމުގެ ނިސްބަތް، އެއްވެސް ކަސްރަތެއް ނުކުރާ މީހުންނާއި، ހިނގާ މީހުންނާއި އަދި ދުވާ މީހުންނަށްވުރެ ގާތްގަނޑަކަށް %50 ދަށެވެ. މީގެ އިތުރުން ފެތުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.
3- ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެކަށީގެންވުން:
ބައެއް ކަސްރަތުތަކަކީ އަލަށް ފަށާ މީހުންނަށް ނުވަތަ ސިއްހީ ގޮތުން ބަލިކަށި މީހުންނަށް އުނދަގޫ ކަންތައްތަކެވެ. ނަމަވެސް ފެތުމަކީ އެމީހަކަށް ކެތްވާ މިންވަރަކަށް ކުރިއަށް ގެންދެވޭނެ ކަމެކެވެ. ވަރަށް ކުޑައިރު ފަތަން ދަސްކުރެވޭއިރު، ގިނަ ފަތާ ފެންގަނޑުތަކުގައި އަލަށް ފަށާ މީހުންނަށް ޚާއްޞަ ސަރަހައްދުތައް ހުރެއެވެ. ރާއްޖޭގެ މޫދަކީ މި ދެންނެވިހެން ބޭނުން ސަރަހައްދެއް އިޚްތިޔާރުކުރެވޭނެ މާހައުލެކެވެ.
4- ހުޅުތަކަށް ލުއިވުން:
ފަތާއިރު ހަށިގަނޑުގެ ހުޅުތަކަށް ބުރައެއް ނުވެއެވެ. އެހެންކަމުން، ހުޅުތަކުގެ ބަލި (އާތްރައިޓިސް) ހުންނަ މީހުންނަށް ނުވަތަ ހުޅަކަށް އަނިޔާއެއް ވެފައިވާ މީހުންނަށް ފެތުމަކީ އެންމެ އެކަށީގެންވާ ކަސްރަތެވެ. ފެނުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ، ހުޅުތަކަށް ކުރާ ބާރު ކުޑަކޮށްދެއެވެ.
5- އަނިޔާވެފައިވާ މީހުންނަށް ރަނގަޅުވުން:
ހަށިގަނޑުގެ ބައަކަށް އަނިޔާވެފައިވާ މީހުންނަށް ބުރަ ކަސްރަތު ކުރުމަކީ އުނދަގޫ ކަމެކެވެ. ފެނުގެ އެހީގައި މަސްތަކަށް ލުއިކަން ލިބޭތީ، މިއީ މިފަދަ މީހުންނަށް ވަރަށް ރަނގަޅު ކަސްރަތެކެވެ.
6- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފައިދާވުން:
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން ކަސްރަތުތައް ކުރުމަކީ ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް ފެނަކީ ހަށިގަނޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއްޗަކަށް ވާތީ، ފެތުމަކީ އެފަދަ މީހުންނަށް އެންމެ އެކަށީގެންވާ އެއް ކަސްރަތެވެ.
7- ނޭވާލުމުގެ މައްސަލަތަކާއި ނޭވާހިއްލުމަށް އެހީތެރިވުން:
ފެތުމަކީ ސަބަބުން ފުއްޕާމޭގެ ގާބިލުކަން އިތުރުވެ، ނޭވާ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ފަތާ ފެންގަނޑުތައް ސާފުކުރަން ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން ބައެއް މީހުންގެ ނޭވާހިއްލުމުގެ މައްސަލަ ބޮޑުވުމުގެ ފުރުސަތު އޮންނާތީ އެކަމަށް ސަމާލުވާން ޖެހެއެވެ.
8- މަލްޓިޕްލް ސްކްލެރޯސިސްގެ އުނދަގޫތަކަށް ލުއިވުން:
މަލްޓިޕްލް ސްކްލެރޯސިސް ބަލި ހުންނަ މީހުންނަށް ފެނުގެ ތެރޭގައި ހަރަކާތްތެރިވުމަކީ ފަސޭހަ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ފަތާ މީހުންގެ ހަށިގަނޑުގައި އަޅާ ރިހުން ކުޑަވެ، ވަރުބަލިވުމާއި ދެރަވުން (ޑިޕްރެޝަން) ފަދަ ކަންކަމަށް ލުއި ލިބެއެވެ.
9- މާބަނޑު ދުވަސްވަރު ފައިދާވުން:
ފެތުމަކީ މާބަނޑު މީހުންނަށް ޑޮކްޓަރުން ލަފާދޭ ރަނގަޅު ކަސްރަތެކެވެ. ބަނޑުބޮޑުވުމުން ހަށިގަނޑުގެ ބަރުދަން އިތުރުވެ ހުޅުތަކާއި މަސްތަކުގައި ރިއްސާ މައްސަލައަށް ފެނުގެ ތެރޭގައި އުޅުމުން ލުއި ލިބެއެވެ. އެހެންނަމަވެސް، މިފަދަ ކަމެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
10- ކެލޮރީ އަންދާލުން:
ފެތުމަކީ ހަށިގަނޑުގެ ކެލޮރީ އަންދާލުމަށް އޮތް ވަރަށް ރަނގަޅު މަގެކެވެ. ކެލޮރީ އަނދާ މިންވަރު ބިނާވަނީ އެމީހެއްގެ ބަރުދަނާއި ފެތުމުގައި ހޭދަކުރާ ހަކަތައިގެ މައްޗަށެވެ.
11- ލޭގެ ހަކުރު ކޮންޓްރޯލް ކުރުން:
ދިރާސާތަކުން ދައްކާ ގޮތުގައި ހަފުތާއަކު ތިން ފަހަރު ފެތުމަކީ ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށާއި އިންސިއުލިންގެ މަސައްކަތް ހަރުދަނާ ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
12- ނިދި ރަނގަޅުވުން:
ގަވާއިދުން ކަސްރަތު ކުރާ މީހުންނަށް ނިދުމުގެ މައްސަލަތައް މަދުވާކަން ދިރާސާތަކުން އެނގެއެވެ. ނިދި ނުލިބުމުގެ މައްސަލަ ހުންނަ މީހުންނަށް ފެތުމަކީ މިއަށް އޮތް ރަނގަޅު ހައްލެކެވެ.
13- މޫޑު ރަނގަޅުކޮށްދިނުން:
ކަސްރަތު ކުރުމުން ހަށިގަނޑުގައި “އެންޑޯފިން” ކިޔާ މާއްދާއެއް އުފެދެއެވެ. މިއީ މީހާގެ މޫޑު ރަނގަޅުކޮށްދޭ މާއްދާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ފަތާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ.
14- ސްޓްރެސް ކުޑަކޮށްދިނުން:
ފެތުމަކީ ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދޭނެ ފުރިހަމަ މަގެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ބުރަކަން ކެނޑި، ނަފްސާނީ ހަމަޖެހުން ލިބިދެއެވެ.
15- ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން:
ފެތުމަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ފައިދާހުރި ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ފަތާ މީހުންގެ ލޭގެ ޕްރެޝަރު ހަމައަކަށް އެޅި، ހިތުގެ މަސައްކަތްތައް ހަރުދަނާވެއެވެ.
ޚުލާޞާ:
ފެތުމަކީ ކެލޮރީ އަންދާލައި، ބަރުދަން ކޮންޓްރޯލް ކުރުމަށާއި، މަސްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ހަށިގަނޑުގެ ހުރިހާ މަސްތަކަކާއި ހިތުގެ ސިއްހަތަށާއި ނޭވާލާ ނިޒާމަށް އަމާޒުކޮށްގެން ކުރެވޭ ފުރިހަމަ ކަސްރަތެކެވެ. އަދި މިއީ ތަފާތު ހާލަތްތަކުގައި ތިބޭ މީހުންނަށް ވެސް ކުރެވިދާނެ ވަރަށް ފައިދާހުރި ހަރަކާތެކެވެ.
މީގެ އިތުރުން، ފެތުމުގެ ސަބަބުން ނަފްސާނީ ގޮތުން އުފާވެރިކަން ލިބި، ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދީ، މީހާގެ ދިރިއުޅުމަށް ހަމަޖެހުން ގެނެސްދެއެވެ.
