ލަމީން ޔަމާލް އަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ޓީމުން ވިދާލި އެންމެ އުންމީދީ ކުޅުންތެރިޔާއެވެ. އޭނާގެ މި ކާމިޔާބީގެ ފަހަތުގައި އޭނާގެ މައިންބަފައިން ކަމަށްވާ މުނީރު ނަސްރާވީ އާއި ޝީލާ އެބާނާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވެއެވެ. އޭނާ ކުޑައިރު މި ދެމަފިރިން ވަކިވި ނަމަވެސް، ދެމީހުންވެސް އަންނަނީ ޔަމާލްގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެ މީހުންނާ ބެހޭ ބައެއް މަޢުލޫމާތު ތިރީގައި އެވަނީއެވެ.
1- ލަމީން ޔަމާލްގެ މައިންބަފައިން ނިސްބަތްވަނީ މޮރޮކޯ އާއި އިކުއެޓޯރިއަލް ގިނީއަށް
ޔަމާލްގެ ބައްޕަ ނަސްރާވީ އުފަންވީ މޮރޮކޯއަށެވެ. އަދި މަންމަ އެބާނާގެ އާއިލާއަކީ އިކުއެޓޯރިއަލް ގިނީ އިން ސްޕެއިންއަށް ހިޖުރަކުރި އާއިލާއެކެވެ. “ރެސޮނަންސިއާ ޑި ކޮރަޒޯން” ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ޔަމާލް ބުނި ގޮތުގައި، އޭނާގެ އާއިލާގެ ދެފަރާތުންވެސް ސްޕެއިންގައި އާ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައިވެއެވެ. އެންމެ ފުރަތަމަ ސްޕެއިންއަށް އައީ އޭނާގެ މާމައެވެ. މާމަ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އޭނާގެ ބައްޕަ ސްޕެއިންއަށް ގެނައުމަށް މަގުފަހިކޮށްދިނެވެ. އަދި އޭނާގެ މަންމަވެސް މާމައާއެކު ގިނީ އިން ބާސެލޯނާއަށް ހިޖުރަކުރިއެވެ.
އާއިލީ ފަސްމަންޒަރަށް ބަލާއިރު، ޔަމާލްއަށް ސްޕެއިން، މޮރޮކޯ ނުވަތަ އިކުއެޓޯރިއަލް ގިނީ ތަމްސީލުކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އޭނާ އަބަދުވެސް ބޭނުންވީ ސްޕެއިންއަށް ކުޅުމަށެވެ.
2- ވަކިވުމަށްފަހު ލަމީންއަށް އެހީތެރިވުމަށްޓަކައި ޝީލާ އެބާނާ ގިނަ މަސައްކަތްތަކެއް ކުރި
ޔަމާލްގެ އުމުރުން އެންމެ 3 އަހަރުގައި އޭނާގެ މައިންބަފައިން ވަނީ ވަކިވެފައެވެ. އޭގެ ފަހުން ޔަމާލް ގިނައިން އުޅުނީ އޭނާގެ މަންމައާއެކު ގްރެނޮލާސްގައެވެ. ނަމަވެސް ބައްޕަވެސް އަބަދުވެސް އޭނާގެ ކަންކަމުގައި ބައިވެރިވެއެވެ. ޔަމާލްގެ މަންމަ ފާސްޓް ފުޑް ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުން ދިޔައިރު، އޭނާގެ ފުޓްބޯޅަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑަށް ހިތްވަރު ދިނެވެ. ފައިސާގެ ދަތިކަމެއްގެ ސަބަބުން ޔަމާލްގެ ކުޅުން ހުއްޓުނަނުދިނުމަށް އޭނާގެ އެކަޑަމީންވެސް ވަނީ އެހީތެރިވެދީފައެވެ. ޔަމާލް އޭނާގެ މައިންބަފައިން ގާތު ބުނެފައިވަނީ، އޭނާ ކޮންމެހެންވެސް ފުޓްބޯޅަ ކުޅުންތެރިއަކަށް ވާނެ ކަމަށާއި، އޭރުން މައިންބަފައިންގެ ދިރިއުޅުން އުޖާލާވާނެ ކަމަށެވެ.
3- ލަމީން ޔަމާލް ބުނާ ގޮތުގައި އޭނާގެ މަންމައަކީ އޭނާގެ “ރާނީ”
ޝުހުރަތާއި ކާމިޔާބީގެ އުސްމިންތަކުގައި ހުރި ނަމަވެސް، ޔަމާލް އަންނަނީ އޭނާގެ މަންމަގެ މުހިންމުކަމުގެ ވާހަކަ އަބަދުވެސް ދައްކަމުންނެވެ. އޭނާ ބުނާ ގޮތުގައި މަންމައަކީ އޭނާގެ ރާނީއެވެ. އަދި އޭނާއަށް ލިބުނު ކާމިޔާބީގެ ސަބަބުން އާއިލާގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކާ މެދު އޭނާ އުފާކުރެއެވެ.
“ކުރިން އަހަރެމެން އުޅުނީ ބަދިގެއާއި ނިދާކޮޓަރި އެއްތަނެއްގައި ހުރި ކުޑަ އެޕާޓްމަންޓެއްގައި. އެކަމަކު މިހާރު މަންމަ އުފަލުގައި ހުރިތަން ފެނުމުންނާ، އަހަރެންގެ ކޮއްކޮއަށް ޅައުމުރުގެ ރަނގަޅު ދުވަސްތަކެއް ލިބޭތީ އަހަރެން ވަރަށް އުފާވޭ،” ޔަމާލް ބުންޏެވެ.
4- ލަމީން ޔަމާލްގެ ކުޑަ ކޮއްކޮއަކީ ސަޕޯޓަރުންގެ މަގުބޫލުކަން ހޯދާފައިވާ ކުއްޖެއް
ޔަމާލްގެ ކޮއްކޮ ކޭން އަކީ އަދި ވަރަށް ތުއްތު ކުއްޖަކަށް ވީނަމަވެސް، އޭނާއަކީ މިހާރު ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް ފަރިތަ މޫނެކެވެ. 2024 ވަނަ އަހަރުގެ ޔޫރޯ ފައިނަލަށްފަހު ދަނޑުމަތީގައި އުފާފާޅުކުރުމުގައާއި، ބާސެލޯނާގެ މެޗުތަކަށްފަހުވެސް އޭނާ ޔަމާލްއާއެކު ފެނެއެވެ. އަދި ބެލޮންޑިއޯ އެވޯޑް ހަފްލާގައިވެސް އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ޔަމާލް އަބަދުވެސް އޭނާގެ ކޮއްކޮއާއެކު ވަގުތު ހޭދަކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ.
5- މުނީރު ނަސްރާވީ ދުވަހަކުވެސް އޭނާގެ ދަރިފުޅަށް ކުރާ އިތުބާރު ކުޑައެއް ނުކުރޭ
ޔަމާލްގެ މައިންބަފައިން ވަކިވެފައިވީ ނަމަވެސް، ދެމީހުންވެސް އޭނާގެ މެޗުތައް ބަލަން ދަނޑަށް ދެއެވެ. ޚާއްޞަކޮށް އޭނާގެ ބައްޕަ ނަސްރާވީ އަކީ ޔަމާލްގެ އެންމެ ބޮޑު ސަޕޯޓަރެވެ. އޭނާ ބުނާ ގޮތުގައި ޔަމާލްއަކީ ދުނިޔެ ދަންނަ ތަރިއަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އަބަދުވެސް އޮތެވެ.
“އަހަރެންގެ ދަރިފުޅާ މެދު އަހަރެން ވަރަށް ފަޚުރުވެރިވަން. އޭނާ މެސީއަށްވުރެވެސް މޮޅު ކުޅުންތެރިއަކަށް ވެދާނެ ކަމަށް އަހަރެން ގަބޫލުކުރަން،” ނަސްރާވީ ބުންޏެވެ. ނަސްރާވީގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، އޭނާ ވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކްރިސްޓީނާ ނަމަކަށް ކިޔާ އަންހެނަކާ ކައިވެނިކުރަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.
