އދ. މަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ވޮލީބޯޅަ މުބާރާތް މި މަހުގެ 18 ވަނަ ދުވަހު ފަށައިގެން ފޯރިޔާއެކު ކުރިޔަށް އެބަދެއެވެ.
އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭ މި މުބާރާތުގެ އަންހެން ޑިވިޝަންގައި މި އަހަރު ވަނީ ތިން ޓީމު ބައިވެރިވެފައެވެ. އެ ޓީމުތަކަކީ ވޮލީބޯލް ކުއީންސް އާއި ސްކައި ލައިން އަދި ނެޓް ނިންޖާރސް އެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ޓީމު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ކުޅޭ ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
މި ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޮލީބޯލް ކުއީންސް އާއި ސްކައި ލައިން އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ސްކައި ލައިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓްތައް ކާމިޔާބު ކުރީ 22-25، 19-25 އަދި 24-26 އިންނެވެ.
މި ޑިވިޝަންގެ ދެވަނަ މެޗު ކުޅުނީ މިއަދު ހަވީރު އެވެ. މި މެޗުގައި ބައްދަލުކުރީ ސްކައި ލައިން އާއި ނެޓް ނިންޖާރސް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ހަ ޕޮއިންޓާއިކު ފައިނަލްގެ ޖާގަ ސްކައި ލައިން ވަނީ ހޯދާފައެވެ. އެ ޓީމުން މި މެޗުގެ ސެޓްތައް ކާމިޔާބުކުރީ 28-16، 25-11 އަދި 25-19 އިންނެވެ.
މި ޑިވިޝަންގެ ފަހު މެޗު އޮންނާނީ މާދަމާ އެވެ. ވޮލީ ކުއީންސް އާއި ނެޓް ނިންޖާރސް ވާދަކުރާ މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ.
މި ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ހަވީރުއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 5 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކަކީ، ކްރޮވްސް އާއި އީޒީ ސްޕޯޓްސް ކުލަބް އަދި ފިޓް ސްޕޯޓްސް ކްލަބް އާއި ކްރޮވްސް ޖޭއާރުގެ އިތުރުން ލެގަސީ ކިންގްސް އެވެ.
މި ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އީޒީ ސްޕޯޓްސް ކުލަބް އާއި ކްރޮވްސް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ އީޒީ ސްޕޯރޓްސް އެވެ. މި މެޗުގެ ސެޓްތައް އީޒީ ސްޕޯރޓްސް ކާމިޔާބު ކުރީ 15-14، 25-16 އަދި 25-8 އިންނެވެ.
މި ޑިވިޝަންގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފިޓް ސްޕޯރޓްސް ކުލަބާއި ކްރޮވްސް ޖޭއާރު އެވެ. ފަސޭހަކަމާއިއެކު 3-0 ސެޓުން ފިޓް ސްޕޯރޓްސް ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ. ފިޓް ސްޕޯރޓްސްއިން މި މެޗުގެ ސެޓްތައް ކާމިޔާބުކުރީ 25-10، 25-8 އަދި 25-13 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ އަންވަރު (ފިޓް ސްޕޯޓްސް ކްލަބް) / ފޮޓޯ: މަންދޫ ކައުންސިލް ފޭސްބުކް ޕޭޖް
މި ޑިވިޝަންގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އީޒީ ސްޕޯރޓްސް ކުލަބާއި ފިޓް ސްޕޯރޓްސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފިޓް އެފްސީ އެވެ. މި މެޗުގެ ސެޓްތައް ފިޓް އެފްސީ ކާމިޔާބު ކުރީ، 15-25، 19-25 އަދި 7-25 އިންނެވެ.
މި ޑިވިޝަންގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ކްރޮވްސް ޖޭއާރު އާއި ލެގަސީ ކިންގްސް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލެގަސީ ކިންގްސް އެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ކާމިޔާބުކުރީ 25-18، 25-13 އަދި 25-15 އިންނެވެ.
މި މުބާރާތުގެ ދެ މެޗު މިރޭ ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީޒީ ސްޕޯރޓްސް ކުލަބާއި ކްރޮވްސް ޖޭއާރު އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްރޮވްސް އާއި ލެގަސީ ކިންގްސް އެވެ.
ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށްގެން، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާ ޓީމު ފައިނަލަށް ދާގޮތަށް ރާވާލެވިފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 23 ވަނަ ދުވަހުގެ ހަވީރު އެވެ.
