ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެޗްޑީސީ ބަލިކޮށް އެސްޓީއޯ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ފައިނަލަށް ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު މިރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އެވެ.

އެޗްޑީސީ އާއި އެސްޓީއޯއަކީ މުބާރާތުގައި މިހާތަނަށް ދައްކަމުން އައި ކުޅުމަށް ބަލާއިރު، ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ. ފުޓްސަލްގައި ނަންހިނގާ ގިނަ ކުޅުންތެރިންތަކެއް ދެ ޓީމުގައި ވެސް ތިއްބެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އެސްޓީއޯއިންނެވެ. ފުރަތަމަ މިނިޓްގައި އެ ޓީމުން ނުރައްކާތެރި ބޯޅައެއް ގޯލާއި އަމާޒުކޮށްލި، ނަމަވެސް އެޗްޑީސީގެ ކީޕަރު ވަނީ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފައެވެ.

މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދި އެޗްޑީސީން ހަތަރުވަނަ މިނިޓްގައި ލީޑު ނެގިއެވެ. އެ ޓީމަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމާއިއެކު ނާއިޒް ހަސަން (ދާދު) ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އެސްޓީއޯއިން ވަނީ، އެޗްޑީސީގެ ލަނޑަށް މާގިނައިރެއް ނުވެ ލަނޑެއް ޖަހާފައެވެ. އެޗްޑީސީގެ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ކުރިޔަށް އަރައި ގޯލު ކުރިމައްޗަށް ރާހިލް ޖައްސާލި ބޯޅަ ޢަލީ ހައިޝަމް (ޗުއްޕު) ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމުން ދެ ލަނޑު ޖެހި ނަމަވެސް، ލަނޑު ޖެހުމަށް، މި ހާފުގައި ދެން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް ކުރެވޭގޮތެއް ނުވިއެވެ. އެޓޭކް ކުރުމާއި ޑިފެންސް ކުރުމުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ވަރަށް އޮގަނައިޒިން ކުޅުމެއް ފެނިފައެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނު ނަމަވެސް، ދެވަނަ ހާފުގައި އެސްޓީއޯއިން ވަނީ ތަފާތު ދައްކާފައެވެ. އެޗްޑީސީން އުފެއްދި ހަމަލާއެއް ހުއްޓުވައި، އެ ބޯޅައާއެކު ކުރިޔަށް އަރައި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން އެސްޓީއޯއަށް މި ލަނޑު ޖަހައިދިނީ ޢަލީ ހުމޭޒު އެވެ. މި ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ދެތިން ފުރުސަތެއް އެޗްޑީސީއަށް ލިބުނު ނަމަވެސް، އެއިން ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ. އެޗްޑީސީން އުފެއްދި ގިނަ ހަމަލާތަކެއް އެސްޓީއޯގެ ކީޕަރު ޒަހުލް ވަނީ ދިފާއުކޮށްފައެވެ. ނަތީޖާގެ ފަރަގު ބޮޑުކޮށްލަން އެސްޓީއޯއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ކުރެވޭގޮތެއް ނުވިއެވެ.

މެޗުގެ ފަހުކޮޅު އެޗްޑީސީން ވަނީ ޕަވަރޕްލޭގެ ބޭނުންކޮށް ކީޕަރުގެ ބަދަލުގައި ކުޅުންތެރިއަކު ކުޅެން އަރުވާފައެވެ. މުޅި ޓީމު ކުރިޔަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް، ލިބުނު ބޯޅައެއްގެ ބޭނުން ހިފައި އަމިއްލަ ހާފުތެރޭ ހުރެ މަތިމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސޮރުސް ސެއިކޮލްހަރަމް މަސްސަދި ވަނީ އެސްޓީއޯގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެ ލަނޑުގެ ލީޑެއް ލިބުމާއިއެކު އެސްޓީއޯއިން ވަނީ ޑިފެންސަށް ބޮޑު އިސްކަމެއް ދީފައެވެ. ނަތީޖާ ހަމަހަމަ ނުކުރެވުނު ނަމަވެސް، މެޗުގެ ފަހުކޮޅު ވެސް އެޗްޑީސީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

3-1 އިން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ އެސްޓީއޯއިން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ކީޕަރު މުޙައްމަދު ޒަހުލް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ އެމްޓީސީސީ އާއި އާރުއާރުސީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top