ކޮންމެ މީހެއްގެވެސް ދިރިއުޅުން ބިނާވެފައިވަނީ ތަކުރާރުވާ، މާ ބޮޑު ސަމާލުކަމެއް ނުދެވޭ ކަންތައްތަކެއްގެ މައްޗަށެވެ. ވަޒީފާއަށް ދިއުމަށް ކުރާ ދަތުރާއި، އެއްޗެހި ދޮވުމާއި، ސިޓީތަކާއި ބިލުތައް ބެލުމާއި، ކެއުން ތައްޔާރުކުރުމާއި، ދަތް އުނގުޅުން ފަދަ ކަންކަމަކީ އަބަދުވެސް ކުރެވޭ އާދައިގެ ކަންކަމެވެ.
މިއީ ދިރިއުޅުމުގެ ބޮޑު ބައެވެ. ނަމަވެސް، މިއީ އާދައިގެ ކަންކަމަށް ވާތީ، މިއާމެދު އަޅުގަނޑުމެން ފުންކޮށް ނުވިސްނަމެވެ. އަދި މިފަދަ ކަންކަމުގެ ތަފްސީލު ހަނދާން ބަހައްޓާކަށް ނުވަތަ އެހެން މީހަކަށް ކިޔައިދޭކަށްވެސް ބޭނުމެއް ނުވެއެވެ. ސަބަބަކީ އެއީ އެއްވެސް ޝައުޤުވެރިކަމެއް ނެތް ފޫހި ކަންތައްތަކެއްގެ ގޮތުގައި ފެންނާތީއެވެ.
ހިތާމައަކީ، މިފަދަ ކޮންމެ ދުވަހެއްގެ އާދައިގެ ކަންކަމަށް ސަމާލުކަން ނުދީ ދޫކޮށްލުމުގެ ސަބަބުން، ދުނިޔޭގައި އަޅުގަނޑުމެން ހޭދަކުރާ ވަގުތުގެ ބޮޑު ބައެއް ގެއްލިގެން ދިއުމެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ މުޅި ސަމާލުކަން ހުންނަނީ މާޒީގައި ހިނގާފައިވާ އުފާވެރި މަދު ކަންތައްތަކަކަށް ނުވަތަ މުސްތަޤުބަލުގައި ހިނގާނެކަމަށް އުންމީދުކުރާ ކަންކަމަށެވެ.
ފެންވަރަން ހުންނަ ގަޑީގައި އޮފީހުގެ ކަންކަމާމެދު ވިސްނުމާއި، އޮފީހުގައި ހުންނައިރު ހަފުތާ ބަންދާމެދު ވިސްނުމާއި، އަދި ހޮނިހިރު ދުވަހުގެ މެންދުރުފަހު ހުންނައިރު އަންނަ ހަފުތާގައި ވާނެ ގޮތަކާމެދު ވިސްނުމަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި އާދައަކަށް ވެފައިވާ ކަމެކެވެ. މީގެ ސަބަބުން މިހާރު ތިމާ ހުރި ތަނާއި ކުރާ ކަމަށް ސަމާލުކަން ދިނުން އޮންނަނީ ހަނދާން ނެތިފައެވެ. މިސާލަކަށް، މިހާރު މިއީ ޗުއްޓީ ދުވަސްވަރު ކަމަށް ވިޔަސް، އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އަނބުރާ ކިޔެވުން ނުވަތަ މަސައްކަތް ފެށޭނެ ދުވަހަކަށެވެ.
ކުޑަކުދިންގެ ފަރާތުން ލިބޭ ފިލާވަޅުތައް
އަޅުގަނޑުމެން ސަމާލުކަން ނުދޭ ނުވަތަ މާ ބޮޑު ކަމަކަށް ނުބަލާ ކަންކަމަށް ޝައުޤުވެރިވުމުގެ ހައިރާންކުރުވަނިވި ޤާބިލުކަމެއް ކުޑަކުދިންގެ ކިބައިގައިވެއެވެ. ދެ އަހަރު ނުވަތަ ތިން އަހަރުގެ ކުއްޖަކާއެކު ބަގީޗާއަކަށް ގޮސްލުމުން އެކަން ފެންނާނެއެވެ.
އެ ކުއްޖާ ދުވެފައި ގޮސް، އަތް ފަތުރާލައިގެން މަތިންދާބޯޓަކަށް ނުވަތަ ރޭސް ކާރަކަށް ވެގެން އުޅެއެވެ. ގަހަކަށް އަރާ މީދަލެއް ބަލަން މަޑުކޮށްލައެވެ. އަދި ބިމަށް ވެއްޓިފައިވާ ފަތްތަކުގެ ބޮޑުމިނާމެދު އަޖައިބުވެއެވެ. އޭނާ އެ ފަތްތައް ހޮވައިގެން ގުލްދަސްތާއެއް ހަދައެވެ. އަދި ދުވަމުންދާއިރު އެ ފަތްތައް އެކި ދިމަދިމާއަށް އުދުހެން ދޫކޮށްލައެވެ.
އޭގެ ފަހުން ސިޑިއަކަށް އަރައި ކަނދުފައްޗަކުން ފައިބާއިރު، “ބަލާބަލަ ކިހާ މައްޗަކަށްތޯ މިއެރީ” ނުވަތަ “ކިހާ ބާރަކަށްތޯ މި ފޭބީ” ބުނެ އުފާ ފާޅުކުރެއެވެ. ކައިރިންދާ ބުޅަލަކަށް ނުވަތަ ކޮކާލަކަށް ނުވަތަ އުޑުމަތީގައި އޮޔާދާ ވިލާގަނޑަކަށް އޭނާގެ ސަމާލުކަން ހުއްޓެއެވެ. ބައެއް ފަހަރު، އިރު އަރާފައި ހުންނަ ވަގުތު އުޑުމަތިން ފެންނަ ހަނދު ދައްކައި، އިރު އޮއްވައި ހަނދު ފެންނަނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. މިކަންކަމަކީ އަޅުގަނޑުމެންނަށް ފާހަގަވެސް ނުވާ ކަންކަމެވެ.
ކުޑަކުދިންނަށް ކޮންމެ ކަމަކީވެސް ސަމާލުކަން ދޭންޖެހޭ، އަޖައިބުން ފުރިގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެން ބޮޑެތި މީހުންނަކީ ވަރަށް ފޫހި ބައެކެވެ. ކޮންމެ ކަމެއްވެސް ކުރަނީ އެއްވެސް އިޙުސާސެއް ނެތި، ހަމައެކަނި ނިންމާލުމުގެ ނިޔަތުގައެވެ. އަޅުގަނޑުގެ ބައްޕަ ބުނެ އުޅެނީ ފޫހިވަނީ ފޫހި މީހުންނަށެވެ. މިއީ ހަޤީޤަތުގައި އަޅުގަނޑުމެންގެ މައްސަލައަކަށް ވެދާނެއެވެ.
ދުނިޔެއާމެދު އަލުން ޝައުޤުވެރިކަން އުފައްދައި، މިފަދަ ކަންކަމުން ހިތްހަމަޖެހުން ހޯދުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް ބާވައެވެ؟
އަޅުގަނޑުމެންގެ ހިއްސުތަކުގެ ބޭނުން ހިފުން
ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކޮށް، އޭގެ އުފާ ހޯދުމަށް ކުރެވިދާނެ އެއް ކަމަކީ، ދުވަހުން ދުވަހަށް ކުރާ އާދައިގެ ކަންކަން ޚާއްސަ ކަންތައްތަކަކަށް ބަދަލުކޮށްލުމެވެ. މީގެ މާނައަކީ ދުންދަނޑި ޖަހައިގެން ޚާއްސަ އަޅުކަމެއް ކުރުމެއް ނޫނެވެ. މީގެ މާނައަކީ ކަމެއް ކުރާއިރު އަވަސް އަރުވާނުލައި، ކެތްތެރިކަމާއެކު އެކަމަށް ފުރިހަމަ ސަމާލުކަން ދިނުމެވެ.
ލިޔުންތެރިޔާ ޑޭވިޑް ކެއިން ލިޔުއްވާފައިވާ ގޮތުގައި، މިފަދަ “ރިޗުއަލް” ތަކުގެ ބޭނުމަކީ، ތިމާ މިހާރު ކުރަމުންދާ ކަމަކީ އެވަގުތަށް އެންމެ މުހިންމު ކަންތައްކަން ހަނދާންކޮށްދިނުމެވެ. ދިރިއުޅުމުގެ ހަޤީޤީ އިޙުސާސް ކުރެވެނީ “މިހާރު” އެވެ. މިއަދު އެވެ. އިއްޔެއެއް ނޫނެވެ. އަދި މާދަމައެއްވެސް ނޫނެވެ. ކަމެއް ކުރާއިރު އެކަމުގެ ހުރިހާ ތަފްސީލަކަށް ސަމާލުކަން ދިނުމުން، ސިކުނޑީގައި އެނބުރޭ އެކި ޚިޔާލުތަކުން ނުވަތަ ފޯނާއި މީޑިއާގެ ސަބަބުން ލިބޭ އުނދަގޫތަކުން ދުރުވެ، އެ ވަގުތުގެ ހަޤީޤީ އުފާ ލިބިގަނެވޭނެއެވެ.
މިސާލަކަށް، ސައިތަށްޓެއް ތައްޔާރުކުރާ ވަގުތު ބަލަމާ ހިނގާށެވެ. ފެން ކެކެންދެން ފޫހިވެފައި ހުރުމުގެ ބަދަލުގައި، ނުވަތަ ފޯނާ ކުޅުމުގެ ބަދަލުގައި، ވަރަށް ފަރުވާތެރިކަމާއެކު ސައި ތައްޔާރުކުރަން ބޭނުންވާ ތަކެތި ހަމަކުރާށެވެ. ސައިފަތާއި، ތަށީގެ އިތުރުން ހަކުރު ނުވަތަ ލުނބޯފަޅިއެއް ތައްޔާރުކޮށްލާށެވެ. ލުނބޯފަޅި ކޮށާލާއިރު އޭގެ މީރުވަސް އިޙުސާސްކޮށްލާށެވެ. ބޭނުންކުރާނީ ކޮން ކަހަލަ ސައިފަތެއްކަން ނިންމާއިރު، އަޅުގަނޑުމެންނަށް ލިބިފައިވާ ތަނަވަސް ފުރުސަތުތަކާމެދު ވިސްނާލާށެވެ.
ފެންކައްކާ ޖަގު ތެރެއަށް ފެން އަޅާއިރު، ފެން ފުރެމުންދާ ވަރަކަށް އޭގެ ބަރުދަން އިތުރުވާކަން އިޙުސާސްކޮށްލާށެވެ. އަދި އަތުގެ އިނގިލި ކުރިން ޖައްސާލާ ފިއްތުމަކުން، ސާފު ބޯފެން ލިބޭ ފަސޭހަކަމާމެދު ޝުކުރުވެރިވާށެވެ.
ފެން ކައްކަން ޖައްސާފައި، ސައިފަތް ތަށްޓަށް އަޅާށެވެ. މި ވަގުތަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ވަގުތެކެވެ. ސަބަބަކީ އެއްވެސް ކަމެއް ނުހިނގާ މަދު މިނެޓުކޮޅެއްގައި އަޅުގަނޑުމެންނަށް ފޫހިކަން އިޙުސާސްވެ، ފޯނަށް ނުވަތަ އެހެން ޚިޔާލަކަށް ސަމާލުކަން ދެވޭތީއެވެ. އެހެން ނުހަދާށެވެ. ތިމާ މިހާރު ތިޔަ ކުރާ ކަމުގެ ތެރޭގައި މަޑުކޮށްލާށެވެ. ކޮޅަށް ހުރެގެން ބޭރު ބަލާލާށެވެ. ނޫނީ ހަށިގަނޑަށް ލިބޭ އަރާމު އިޙުސާސްކޮށްލާށެވެ. ފެން ކެކެމުންދާއިރު އިވޭ އަޑަށް ސަމާލުކަން ދޭށެވެ. އެހެން ތަނަކަށް ދާންޖެހޭކަމުގެ ނުވަތަ އެހެން ކަމެއް ކުރަންޖެހޭކަމުގެ އިޙުސާސް ދޫކޮށްލާށެވެ.
ފެން ކެކުމުން، ފަރުވާތެރިކަމާއެކު ފެން އަޅާށެވެ. އޭގެ މީރުވަހާއި ހޫނުކަން އިޙުސާސްކޮށްލާށެވެ. ސައިތަށި ހިފައިގެން ގޮސް ގޮނޑީގައި އިށީނުމުގެ ކުރިން، ހަށިގަނޑު ދޫކޮށްލައި އަރާމުކޮށްލާށެވެ. ކޮނޑާއި، ބަނޑާއި، ފައިގެ މަސްތަކަށް ދީފައިވާ ބާރު ދޫކޮށްލާށެވެ.
ދަތްޕިލައަށް ބާރުކޮށްގެން ހުންނަ ނަމަ، ދަތްޕިލަ ދޫކޮށްލާށެވެ. ސައިފަތް މަޑުވަންދެން މަދު މިނެޓުކޮޅަކު މަޑުކޮށްލާށެވެ.
މިހާރު ފުން ނޭވާއެއް ލާށެވެ. ނޭވާ ދޫކޮށްލާއިރު މުޅި ހަށިގަނޑަށް ލުއިކަން ލިބޭނެއެވެ. ސައިތަށި ތައްޔާރުވާން ހޭދަވާ މި މަދު މިނެޓުކޮޅަކީ ތިމާއަށް ލިބޭ ހަދިޔާއެއްގެ ގޮތުގައި ދެކޭށެވެ.
މި ވަގުތުތަކުގައި ކައިރިން އިވޭ އަޑުތަކަށް ސަމާލުކަން ދޭށެވެ. މަގުމަތިން ދާ ކާރެއްގެ އަޑު، ނުވަތަ އަވަށްޓެރިއެއްގެ ދޮރު ލެއްޕޭ އަޑު، ނުވަތަ ފާރުގައި ހުރި ގަޑީގެ އަޑު ކަމަށް ވިޔަސް މެއެވެ. ސައިތަށިން އަރާ އާތްވާއި އޭގެ ވަސް އިޙުސާސްވުމުން، ސައިތަށި ތައްޔާރުވެއްޖެކަން އެނގޭނެއެވެ. ދެން މަޑުމަޑުން ސައިތަށިން ފޮދެއް ބޯލާށެވެ.
އަވަސް އަރުވާނުލާށެވެ. މި ވަގުތު ތިމާގެ އަމިއްލަ ނަފުސަށް ދޭށެވެ. ދުނިޔޭގެ އެހެން ހުރިހާ ކަމެއް ފަހުން ކުރެވިދާނެއެވެ. ފުރަތަމަކޮޅު މިގޮތަށް ހޭދަކުރާ ފަސް މިނެޓު ނުވަތަ ދިހަ މިނެޓަކީ ވަގުތު ބޭކާރު ކުރުން ކަމަށް ހީވެދާނެއެވެ. ނަމަވެސް އޮފީހުގެ ކަންކަމާއި، އާއިލީ މައްސަލަތަކާއި، އެހެނިހެން ހާސް ކަންތައްތައް ސައިތަށި ބޮއެ ނިމެންދެން މަޑުޖައްސާލެވިދާނެއެވެ.
ކޮންމެ ފަދަ ކަމެއް ވިޔަސް، ސައި ބޯން އިންނަ ވަގުތު ފޯނާ ދުރަށްދާށެވެ. ފޯނަށް މެސެޖެއް އައިސްގެން އަޑު އިވުނަސް އެއީ ހަމައެކަނި އަޑެކެވެ. އޭގެ މުހިންމުކަން ފަހުންވެސް ބެލިދާނެއެވެ. އޭގެ ބަދަލުގައި، ސައިގެ ރަހަ އިޙުސާސްކޮށް، ވަށައިގެންވާ ތަކެއްޗަށް ބަލާލާށެވެ. ގޭގައި ހުރި ފޮތްތަކާއި، ގޮނޑީގައި ހުރި ބާލީސްތަކާއި، އަބަދު ފެންނަ ނަމަވެސް ސަމާލުކަން ނުދެވޭ ތަކެއްޗަށް ބަލާލާށެވެ.
މިއީ އަމިއްލަ ނަފްސު “ޑިސިޕްލިން” ކުރުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ހިތްހަމަޖެހުން ހޯދުމަށް ކުރާ ކަމެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ހިތްހަމަޖެހުން ހޯދަނީ ސިއްޙަތަށް ފައިދާނެތް ކާނާއިން ނުވަތަ ބޭކާރު ކަންކަމުންނެވެ. ނަމަވެސް މިކަމުގައި ބޭނުންވަނީ ވަރަށް އާދައިގެ ކަންކަމެވެ. އެއީ ސައިތަށްޓަކާއި، ފުރިހަމަ ސަމާލުކަމާއި، އަދި ހޭދަކޮށްލާ މަދު ވަގުތުކޮޅެކެވެ. މިއީ އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ހިތްހަމަޖެހުން ހޯދިދާނެ އެންމެ ފަސޭހަ މަގެވެ.
