ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްކައިލައިން ކައިރިން ބަދަލު ހިފައި ނެޓް ނިންޖާރސްއިން ޗެމްޕިއަންކަން ހޯދައިފި
ފޮޓޯ: ކިޔުންތެރިއެއް

އދ. މަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނެޓް ނިންޖާރސްއިން ހޯދައިފިއެވެ. ނެޓް ނިންޖާރސް އާއި ފައިނަލްގައި ބައްދަލުކުރީ ލީގު ބުރުގައި އެ ޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދި ސްކައިލައިން އެވެ.

ނެޓް ނިންޖާރސްއިން ފައިނަލްގެ ޖާގަ ހޯދީ، ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު ވޮލީބޯލް ކުއީންއާ ވާދަކޮށް މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗަށް ނުކުތް ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭތީ ދެ ޓީމުން ވެސް ކުޅުނީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދީގެންނެވެ. މި މެޗު ނެޓް ނިންޖާރސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ލީގު ބުރުގައި ސްކައިލައިން އާއި ނެޓް ނިންޖާރސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްކައިލައިން އެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް ކުރީކޮޅު ނެޓް ނިންޖާރސް އިން ނަތީޖާގެ ފަރަގު ބޮޑުކޮށް މޮޅުކޮށް އޮތް ނަމަވެސް، މަޑުމަޑުން ކުޅުން ރަނގަޅުކޮށް ގޭމްގެތެރެއަށް ވަތް ސްކައިލައިން ފަރަގު ކުޑަކުރިއެވެ. ދެވަނަ ފަހަރަށް ވެސް ތަފާތު ބޮޑުކޮށްލި ނެޓް ނިންޖާރސް އިން ފުރަތަމަ ސެޓް ކާމިޔާބުކުރީ 15-25 އިންނެވެ.

ދެވަނަ ސެޓްގެ ކުޅުން ފެށިގޮތަށް ސްކައިލައިން އިން ބޮޑު ލީޑެއް ނެގިއެވެ. ފުރަތަމަ ސެޓް ތަފާތުބޮޑުކޮށް މޮޅުވި ނެޓް ނިންޖާރސް އިން ގޭމްގެ ތެރެއަށް ވަދެ ނަތީޖާގެ ފަރަގު ކުޑަކޮށް ދެވަނަ ސެޓް ހޯދަން މަސައްކަތްކުރި ނަމަވެސް، 25-16 އިން މި ސެޓް ހޯދީ ސްކައިލައިން އެވެ. ފުރަތަމަ ސެޓްގައި އެ ޓީމުން ދެއްކި ކުޅުން މި ސެޓްގައި ނުދެއްކުނެވެ.

މި ދެ ޓީމު ގުރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު 3-0 އިން ސްކައިލައިން އިން ކާމިޔާބު ކުރިނަމަވެސް، ފައިނަލް މެޗުގެ ދެ ސެޓް ދެ ޓީމުން ހޯދުމާއިއެކު ފައިނަލް މެޗުގެ ފޯރި ގަދަވިއެވެ.

ތިންވަނަ ސެޓް ފެނުނީ އަނެއްކާ ވެސް ނެޓް ނިންޖާރސްގެ ސެޓެއްގެ ގޮތުގައެވެ. ދެވަނަ ސެޓްގައި ސްކައިލައިން ދެއްކި މޮޅު ކުޅުން މި ސެޓްގައި ނުދެއްކުނެވެ. ސެޓް ފެށީއްސުރެ ލީޑުގައި އޮވެގެން ކުޅެމުންދިޔަ ނެޓް ނިންޖާރސް މި ސެޓް ކާމިޔާބުކުރީ 14-25 އިންނެވެ.

ހަތަރުވަނަ ސެޓް ވެސް ނެޓް ނިންޖާރސް އިން ފެށީ ވަރުގަދަކޮށެވެ. މި ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް، އެ ޓީމުން ދިޔައީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންނެވެ. ބޮޑު ލީޑެއްގައި އޮވެ ކުޅެމުންދިޔަ ނެޓް ނިންޖާރސް އާއި ސްކައިލައިންއިން ނަތީޖާ ކައިރިކުރި ނަމަވެސް، 25-23 އިން މި ސެޓް ކާމިޔާބުކޮށް ނެޓް ނިންޖާރސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން / ފޮޓޯ: ކިޔުންތެރިއެއް

މުބާރާތުގެ މަގާމްތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލާލާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަކީ ނެޓް ނިންޖާރސް އެވެ. ރަނަރަޕް ޓީމަކީ ސްކައިލައިން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނެޓް ނިންޖާރސްގެ އާއިޝަތު ސާލިޔާ އެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ނެޓް ނިންޖާރސްގެ އާމިނަތު ހައުލާ ނޫމާން އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަގާމް ހޯދީ ސްކައިލައިންގެ ނަޒްލީނާ އިބްރާހީމް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ނެޓް ނިންޖާރސްގެ އާއިޝަތު ސާލިޔާ، ސްކައިލައިންގެ މަރިޔަމް މަޖްދީ، ވޮލީބޯލް ކުއީންގެ އާއިޝަތު ޝެހެނާޒް، ނެޓް ނިންޖާރސްގެ އާމިނަތު ސުހާ، ސްކައިލައިންގެ އާއިޝަތު ނުއުޝާ، ސްކައިލައިންގެ ފާތިމަތު މައެހާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކުއީން އޮފް ދަ ޓޯނަމެންޓް) މަގާމް ހޯދީ ނެޓް ނިންޖާރސްގެ އާއިޝަތު ސާލިޔާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top