ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮންމެ ދުވަހަކު އަންނާރު ޖޫސް ބުއިމުން ވަނީ ކިހިނެއް؟
ފޮޓޯ: ބޮޑީ ސީކްރެޓްސް

އަންނާރަކީ އޭގެ މީރުކަމާއި، ސިއްޙީ ގޮތުން ލިބިދޭ ގުނާނުކުރެވޭ ފަދަ ގިނަގުނަ ފައިދާތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤުބޫލުކަން ހޯދާފައިވާ މޭވާއެކެވެ. އަންނާރުގެ ސިއްޙީ ފައިދާތަކާ ގުޅޭގޮތުން ކުރެވޭ ދިރާސާތަކުން ހާމަވާ ގޮތުގައި، މިއީ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގެ މަސައްކަތްތައް ހަރުދަނާކޮށްދޭ “ސުޕަރ ފުޑް” އެކެވެ.

“ކްލިނިކަލް ނިއުޓްރިޝަން” މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު އަންނާރު ޖޫސް ބުއިމަކީ ހިތުގެ ލޭހިނގާ ނާރުތަކުގެ ދުޅަހެޔޮކަމަށް އިންގިލާބީ ބަދަލެއް ގެނުވާ ކަމެކެވެ. ޚާއްސަކޮށް، ކަރުގެ ނާރުތައް ހަނިވުމުގެ ބަލި ތަހައްމަލުކުރާ މީހުން ޤަވާއިދުން އަންނާރު ޖޫސް ބޭނުންކުރުމުން، ނާރުތަކުގެ ފާރުގައި ސަރުބީ ޖަހާ ބޯވުން ގާތްގަނޑަކަށް 30 އިންސައްތައަށް ދަށްކޮށްދޭކަން ފާހަގަކުރެވިފައިވެއެވެ. މިއީ ލޭގެ ހިނގުން ރަނގަޅުކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ފާހަގަކޮށްލެވޭ ބޮޑު ބަދަލުގެ އަސްލަކީ އަންނާރުގައި އެކުލެވޭ ބާރުގަދަ އެންޓިއޮކްސިޑެންޓްތަކެވެ. ޚާއްސަކޮށް އޭގައި ހިމެނޭ “ޕޮލީފިނޯލްސް” އަކީ ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑައިޒްވުން ހުއްޓުވައި، ލޭހިނގާ ނާރުތަކުގައި އުފެދޭ ދުޅަހެޔޮ ނޫން ތަތްލުންތަކާއި ދުޅަތަކުން ހަށިގަނޑު ސަލާމަތްކޮށްދޭ މާއްދާއެކެވެ.

ހިތުގެ ދުޅަހެޔޮކަމުގެ އިތުރުން، އަންނާރު ޖޫހަކީ ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ މެޓަބޮލިޒަމް ހަމަހިފެހެއްޓުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. އަދި ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށްދިނުމާއި، ގޮހޮރުގެ ދުޅަހެޔޮކަމަށް ބޭނުންވާ ފައިދާހުރި ބެކްޓީރިއާތައް އިތުރުކޮށްދިނުމުގައިވެސް އަންނާރު މުހިންމު ދައުރެއް އަދާކުރެއެވެ.

މި ފައިދާހުރި ބުއިން ގޭގައި ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތުން، ރަނގަޅަށް ދޮންވެފައިވާ އަންނާރެއްގެ އޮށްތައް ނެގުމަށްފަހު، ބައި ތަށި ފެނާއެކު މިކްސަރުން 5 ނުވަތަ 10 ސިކުންތު ވަންދެން ގިރާލާށެވެ. އެއަށްފަހު ފުރޭނުމަށްފަހު ނުވަތަ ނުފުރޭނި ނަމަވެސް ތާޒާކަމާއެކު ބޯލެވިދާނެއެވެ.

އަންނާރު ޖޫހުން ލިބޭ މިފަދަ ސިއްޙީ ފައިދާތައް އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑަށް ލިބޭނީ، ހަމައެކަނި މި ބުއިމަށް ބަރޯސާވުމުގެ ބަދަލުގައި، މުޅި ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮކޮށް ބަހައްޓައިގެންނެވެ. އެގޮތުން، ބެލެންސްޑް ޑައެޓެއް ނުވަތަ ހުރިހާ ބައިތަކެއް ހިމެނޭ ކާނާ ބޭނުންކުރުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި، ހަމަނިދި ހޯދުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. އަންނާރު ޖޫހަކީ މި ދުޅަހެޔޮ ދިރިއުޅުމަށް ލިބޭ އިތުރު ފުރިހަމަކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top