ހެނދުނުގެ ވަގުތުގައި ކުޑަވަގުތުކޮޅަކު ހިނގާލުމަކީ ހިތުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް ފައިދާހުރި ކަމެކެވެ. ނަމަވެސް، މިކަމަށް އެންމެ އެކަށީގެންވަނީ ކިހާ ވަގުތެއް ހެއްޔެވެ؟
ދުޅަހެޔޮ ސިއްހަތަކަށް މަގުދައްކައިދޭ ވެބްސައިޓެއް ކަމަށްވާ “މައި ޕާސަނަލް ޓްރެއިނާ” ގައި ބަޔާންކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، އެންމެ މުހިންމު ކަމަކީ ގަވާއިދުން ހަރަކާތްތެރިވެ އުޅުމެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހަފުތާއަކު 150 މިނެޓާއި 300 މިނެޓާ ދެމެދުގެ ވަގުތަކު މެދު މިންވަރަކަށް ކަސްރަތު ކުރުން މުހިންމެވެ. މީގެ މާނައަކީ ހަފުތާއަކު 5 ދުވަހު، ދުވާލަކު 25 މިނެޓާއި 30 މިނެޓާ ދެމެދު ހިނގާލުމުން ކަސްރަތަށް ބޭނުންވާ އެންމެ ދަށް މިންގަނޑަށް ވާސިލުވެވޭނެ ކަމެވެ. އަދި މިއަށްވުރެ ކުރު ވަގުތުކޮޅަކު ހިނގި ނަމަވެސް، އެއީ އާދައަކަށް ހަދައިފިނަމަ އޭގެއިން ހަށިގަނޑަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.
ހިތަށް ލިބޭ ގިނަގުނަ ފައިދާތައް:
ބާރަށް ހިނގުމަކީ ހިތުގެ މަސައްކަތް ވަރުގަދަކޮށްދީ، ދުވަސްވީ ވަރަކަށް ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.
“މައި ޕާސަނަލް ޓްރެއިނާ” ގައިވާ ގޮތުން ގަވާއިދުން ހިނގުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ހަކުރު ކޮންޓްރޯލް ކުރުމަށާއި، ލޭގައި ހުންނަ ސަރުބީގެ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ހެނދުނު ހިނގުމުގެ ސަބަބުން ނިދުމަށް ފަސޭހަވެ، ނަފްސާނީ ބުރަދަން (ސްޓްރެސް) ކުޑަވެ، ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ “ސާކޭޑިއަން ރިދަމް” ހަމަޔަކަށް އެޅުމަށް މަގުފަހިވެއެވެ. ހެނދުނުގެ އިރުގެ އަލިކަމާ އެކު ކުރާ ކަސްރަތަކީ ހިތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ.
ހިނގަންވީ ކިހާ އިރަކު؟
ބޮޑެތި މީހުންނަށް ބަލާއިރު، ސިއްހީ ގޮތުން ފާހަގަކުރެވޭ ފަދަ ފައިދާއެއް ފެންނަން ފަށަނީ ހެނދުނު 20 މިނެޓާއި 30 މިނެޓާ ދެމެދު ބާރަށް ހިނގުމުން ކަމަށް ދިރާސާތަކުން ދައްކައެވެ. ނަމަވެސް، މިކަމުން ލިބޭ ފައިދާ ބިނާވެފައިވަނީ ހިނގާ ބާރުމިނާއި އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދާ މިންވަރުގެ މައްޗަށެވެ.
ހަމައެއާއެކު، ހިތުގެ ބަލި ހުންނަ މީހުން ނުވަތަ މޭގައި ރިއްސުމާއި، ނޭވާ ކުރުވުމާއި، ހިތް ތެޅުން ފަދަ އަލާމާތްތައް ފެންނަ މީހުން، ގަވާއިދުން ކަސްރަތު ކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެއް ކަމަށް “މައި ޕާސަނަލް ޓްރެއިނާ” އިން އިލްތިމާސްކުރެއެވެ.
އެންމެ މުހިންމު ކަމަކީ އެއް ދުވަހަކު ގިނައިރު ހިނގުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ހަފުތާއަކުވެސް މެދުކެނޑުމެއް ނެތް ގޮތުގައި ގަވާއިދުން ހިނގުމުގެ އާދަ އަށަގަންނުވުމެވެ.
