ގިނަ ބަޔަކު ހެނދުނު ހޭލައިގެން ހަމައެކަނި ފެނުން މޫނު ދޮވެލި ނަމަވެސް، މިއީ ހަގީގަތުގައި ފުދޭވަރުގެ ކަމެއް ހެއްޔެވެ؟
އާންމުގޮތެއްގައި ގިނަ މީހުން ހަމުގެ ފަރުވާ ނުވަތަ ‘ސްކިންކެއާ ރޫޓިން’ އަށް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރޭގަނޑުގެ ވަގުތުގައެވެ. އަދި ހެނދުނު ހޭލައިގެން ހަމައެކަނި ފެނުން މޫނު ދޮވެލުމަށްފަހު ދޫކޮށްލައެވެ. ނަމަވެސް، އަހަރެމެން ނިދާފައި ތިބޭ ވަގުތު ފާއިތުވެދާއިރު ވެސް ހަންގަނޑުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދެއެވެ.
ހަމުގެ ބަލިތަކާ ބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ރޭގަނޑުގެ ނިދީގައި ވެސް ހަންގަނޑުން ދަލާއި ތެޔޮ އުފައްދައެވެ. މީގެ އިތުރުން، މަރުވެފައިވާ ހަމުގެ ސެލްތައް ބޭރުވެ ހަންގަނޑު މަތީގައި ޖަމާވުމާއި، ރޭގަނޑު ބޭނުންކުރި ކްރީމް ފަދަ ތަކެތީގެ އަސަރު ހަންގަނޑުގައި ހުރެއެވެ. މީގެ ސަބަބުން ހެނދުނު ބޭނުންކުރާ ސްކިންކެއާ އުފެއްދުންތައް ހަންގަނޑަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
މާގިނައިން މޫނު ދޮވުމުން ރައްކާތެރިވާށެވެ.
މާގިނައިން މޫނު ދޮވުމަކީ ނުވަތަ ބާރުގަދަ ފޭޝަލް ކްލެންސާ ( މޫނު ދޮންނަ ސައިބޯނި) ބޭނުންކުރުމަކީ ހަންގަނޑުގެ ގުދުރަތީ ރައްކާތެރިކަން ގެއްލި، ހަންގަނޑު ހިކި، ރަތްވެ، ތަދުވާގޮތް މެދުވެރިވާ ކަމެކެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، މާގިނައިން މޫނު ދޮވުމުގެ ސަބަބުން ހަންގަނޑު މާބޮޑަށް ހިކުމުން، އެކަން ފޫބެއްދުމަށްޓަކައި ހަންގަނޑުން އިތުރަށް ތެޔޮ އުފައްދަން ފަށައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މޫނުގައި ބިހި ނެގުން ފަދަ މައްސަލަތައް އިތުރަށް ގޯސްވެއެވެ.
ކޮންމެ މީހަކަށް ވެސް އޮތީ ތަފާތު ގޮތެކެވެ.
ދުވާލު ހަންގަނޑުގައި ހަރުލާފައި ހުންނަ އިރުގެ ދޯދިތަކުން ރައްކާތެރިކޮށްދޭ ކްރީމް (ސަންސްކްރީން)، މޭކަޕް، ތެޔޮ އަދި ހިރަފުސް ފިލުވުމަށްޓަކައި ރޭގަނޑު ކްލެންސާއެއް ބޭނުންކޮށްގެން މޫނު ދޮވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. މީގެ ސަބަބުން މޫނުގައި އުނގުޅާ ފަރުވާތައް ހަންގަނޑަށް ފަސޭހައިން ދަމައިގަތުމަށް އެހީތެރިވެދެއެވެ.
ނަމަވެސް، ހެނދުނު ކްލެންސާ ބޭނުންކުރުމުގައި ވަކި ހާއްސަ ގޮތެއް އެންމެންނަށް ކަނޑައެޅިފައެއް ނެތެވެ. ތެޔޮ ހަންގަނޑެއް ހުންނަ މީހުންނާއި، ނިދީގައި ވަރަށް ބޮޑަށް ދާހިއްލާ މީހުން ހެނދުނު އޭހާ ބާރުގަދަ ނޫން ކްލެންސާއެއް ބޭނުންކުރުން ރަނގަޅެވެ. އެހެންނަމަވެސް، ހަންގަނޑު ހިކި މީހުން ނުވަތަ ހަމުގެ ބަލިތައް ހުންނަ މީހުންނަށް ތާފަނާ ފެނުން ނުވަތަ ވަރަށް މަޑު ކްލެންސިން ކްރީމެއް ބޭނުންކުރުމުން ފުދޭނެއެވެ.
ޚުލާސާއަކީ، ހެނދުނު މޫނު ދޮވުމުގައި އަމަލުކުރަންޖެހޭނީ ތިމާގެ ހަންގަނޑު ހުންނަ ގޮތަކަށް ބަލައިގެން ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ.
