ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖެ ސުޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި އެ ޓީމު ކުޅުނު ދެވަނަ މެޗުން ފެލިދޫ މޮޅުވުމާއިއެކު ގުރޫޕް އޭ އިން ފޮނަދޫ އާއި ފެލިދޫ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އަދި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ހިރިލަންދޫން ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި މިހާރު ކުރިޔަށްދާ މި މުބާރާތުގެ ދެ މެޗު އިއްޔެ އާއި ރޭ ވަނީ ކުޅެފައެވެ.
އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ފެލިދޫ އާއި މާފުށްޓެވެ. ފެލިދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު މާފުށި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ސެޓްގައި ރަނގަޅަށް ކުޅުނީ ފެލިދޫންނެވެ. ސެޓް ފެށުމާއިއެކު ނެގި ލީޑުގައި ހިފަހައްޓައިލި ފެލިދޫން، ފަހު ވަގުތު ލީޑު ފުޅާކޮށް މި ސެޓް ކާމިޔާބުކުރީ 25-18 އިންނެވެ.
ދެވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ ފެލިދޫންނެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ލީޑު ނަގައި އެ ލީޑު ފުޅާކޮށްލިއިރު، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މާފުށްޓަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ކުރީ ސެޓަށްވުރެ ރަނގަޅަށް މި ސެޓްގައި ކުޅުނު ފެލިދޫން މި ސެޓް ކާމިޔާބުކުރީ 25-11 އިންނެވެ.
ތިންވަނަ ސެޓު ހޯދައި، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރަން ފެލިދޫން ނުކުތްއިރު، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް މާފުށިން ވަނީ އިތުރަށް ހިތްވަރުކޮށްފައެވެ. ތިންވަނަ ސެޓުގައި ވެސް ފެލިދޫން ވަނީ ތަފާތު ދައްކައިފައެވެ. ސެޓް ފެށިގޮތަށް ލީޑު ނަގައި އެ ލީޑު ބޮޑުތަނުން ތަފާތުކޮށްލިއެވެ. މި ސެޓް ފެލިދޫން ކާމިޔާބު ކުރީ 25-19 އިންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފެލިދޫއަށް ހަ ޕޮއިންޓް ލިބި، ޕޮއިންޓްގެ ގޮތުން ފޮނަދޫ އާއި އެއްވަރުވެފައި ވާއިރު، މި ގުރޫޕުން މި ދެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ފުރުސަތު ލިބިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމުގެ މުރާދް ޖީހާން އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް – އެފްބީ
ރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ހިރިލަންދޫ އާއި ތުލުސްދޫ އެވެ. މިއީ މި ގުރޫޕްގެ ފަހު މެޗެވެ. ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު މި މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ ދެވަނަ މަގާމާއިއެކު ސެމީ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ހިރިލަންދުއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓް، ކުޅުން ފެށި ގޮތަށް ލީޑުގައި އޮވެ ކުޅެމުން ދިޔައީ ހިރިލަންދޫ އެވެ. ތުލުސްދޫގެ ފަރާތުން ވެސް މި ސެޓްގައި ފެނުނީ ރަނގަޅު ކުޅުމެކެވެ. މި ސެޓް ހިރިލަންދޫ ކާމިޔާބުކުރީ 25-19 އިންނެވެ.
މި މެޗުގެ ދެވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ ހިރިލަންދޫ އެވެ. ފުރަތަމަ ސެޓް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައަކާއި ގާތަށް ހިރިލަންދޫ ޖެހިލުމުން ތުލުސްދޫގެ ފަރާތުން ފެންނާނެކަމަށް ބެލެވުނު ވަރުގެ ކުޅުމެއް އެ ޓީމުގެ ފަރާތުން ނުފެނުނެވެ. މި ސެޓް ވެސް ހިރިލަންދޫ ކާމިޔާބުކުރީ 25-19 އިންނެވެ.
ތިންވަނަ ސެޓު ވެގެން ދިޔައީ މި މެޗުގައި ފެނުނު އެންމެ ތަފާތު ސެޓަށެވެ. ސެޓްގެ ކުރީކޮޅު ތުލުސްދޫން ނެގި ލީޑު 23 ވަނަ ޕޮއިންޓާއި ހަމައަށް ދެމެހެއްޓި އެވެ. ފަހަތުން އަރައި 23-23 އިން ނަތީޖާ ހަމަހަމަކޮށް ހިރިލަންދޫ މި ސެޓް ކާމިޔާބުކުރީ 25-23 އިންނެވެ.
މި މެޗާއިއެކު މި ގުރޫޕްގެ މެޗުތައް ވަނީ ނިމިފަ އެވެ. މި ގުރޫޕްގެ އެއްވަނަ ގޮއިދޫ ހޯދިއިރު ދެވަނަ ޓީމަކީ ހިރިލަންދޫ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމުގެ އާފާގް ޚާން އެވެ.
މި މުބާރާތުގެ ދެ މެޗު މިއަދު ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާފުށްޓާއި ހަނިމާދޫ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޮނަދޫ އާއި ފެލިދޫ އެވެ.
