ދިރާސާކުރާ ފަރާތްތަކުން ވަނީ ދުނިޔޭގައި މަޝްހޫރު ބައެއް ބާވަތްތަކުގެ ހަވާދާއި ގަސްގަހާގެއްސާ ބެހޭގޮތުން ގިނަ ދިރާސާތަކެއް ކޮށްފައެވެ. މި ދިރާސާތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން ބައެއް ތަކެއްޗަކީ އިންސާނާގެ ހަށިގަނޑަށް ފައިދާހުރި އަދި ރަނގަޅު އަސަރުތަކެއް ކުރާ އެއްޗިއްސެވެ.
ހަށިގަނޑުގައި އުފެދޭ ރިހުންތަކާއި، މޭނުބައިކުރުމާއި، ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ ބަޔަކު ޤުދުރަތީ ފަރުވާތައް ބޭނުންކުރެއެވެ. ނަމަވެސް، ސުވާލަކީ މިފަދަ ފަރުވާތަކަކީ ހަގީގަތުގައިވެސް ނަތީޖާ ފެންނަ ކަންކަން ހެއްޔެވެ؟
ސިއްހީ މަޢުލޫމާތު ފޯރުކޮށްދެމުން އަންނަ މަޝްހޫރު ވެބްސައިޓް ‘ހެލްތްލައިން’ އިން ފާހަގަކުރާ ގޮތުގައި، މަޝްހޫރު ބައެއް ގެވެށިފަރުވާތަކަކީ ސިއްހީ ގޮތުން ފައިދާހުރި ކަމެއްކަން އެކި ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. ހަމައެއާއެކު، ދިރާސާވެރިން ފާހަގަކުރާ ގޮތުގައި މިފަދަ ތަކެތިން ކުރާ އަސަރު އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެކި ދާއިރާތަކުން ލިބޭ އެހީތެރިކަން
‘ފުޑްސް’ ފަދަ ސިއްހީ މަޖައްލާތަކުގައި ޝާއިޢުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ރީނދޫ، އަސޭއިނގުރު، އަދި މިރުހަކީ ތަދު ކެނޑުވުމަށާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ތަކެއްޗެވެ.
ފެފުރުމެންޓް (ޕެޕަރމިންޓް) ބޭނުންކުރުމަކީ ބަނޑުގެ މައްސަލައެއް ކަމަށްވާ ‘އިރިޓަބަލް ބަވަލް ސިންޑްރޯމް’ (ހަޖަމުކުރާ ނިޒާމަށް ނުވަތަ ގޮހޮރަށް ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބި، ނަމަވެސް ބަނޑުގައި ރިއްސުމާއި، ބަނޑު ފުއްޕުމުގެ އިތުރުން ބޮޑުކަމުދާ އާދަތަކަށް ބަދަލު އައުން ފަދަ އުނދަގޫތަކެއް ދިގު މުއްދަތަކަށް ކުރިމަތިކުރުވާ ސިއްހީ މައްސަލަ) ހުންނަ މީހުންނަށް ލިބޭ ލުޔަކަށް ވެދާނެއެވެ. އަދި ލެވެންޑާ އާއި ޔޫކަލިޕްޓަސް އަކީ ނުތަނަވަސްކަމާއި، ބޮލުގެ ރިހުން (މައިގްރޭން) އަދި އެކި ކަހަލަ ތަދުތަކަށް ހައްލު ހޯދުމަށް ބޭނުންކުރެވިދާނެ އެއްޗެއްކަން ދިރާސާތަކުން އެނގެއެވެ.

ޔޫކަލިޕްޓަސް ފަތާއި މާ / ފޮޓޯ: ޕިކްސަބޭ
މީގެ އިތުރުން، ‘ޖަރނަލް އޮފް ކޮމްޕްލިމެންޓަރީ އެންޑް އޮލްޓަނޭޓިވް މެޑިކަލް ރިސާޗް’ ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އޯބަތަކީ (ފެނުގްރީކް) ކިރުމަންމައިންގެ ގާތުންދޭ ކިރު އިތުރުކޮށްދިނުމަށާއި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ހަމައެހެންމެ، ‘ޝިޓާކޭ’ މަޝްރޫމް އާއި މެގްނީޒިއަމް ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަށިގަނޑުގެ އާންމު މަސައްކަތްތައް ފުރިހަމައަށް ބެހެއްޓުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ‘ހެލްތްލައިން’ އިން ބުނެއެވެ.

ޝިޓާކޭ މަޝްރޫމް / ފޮޓޯ: ޕީއެންޖީޓްރީ
މިއީ ހުރިހާ ބައްޔަކަށް އޮތް ޖާދޫއެއް ނޫން
ދިރާސާތަކުން އުންމީދީ ނަތީޖާތަކެއް ފެނުނު ކަމުގައި ވިޔަސް، މިއީ ހުރިހާ ބައްޔަކަށް އޮތް ފަރުވާއެއް ނޫނެވެ. ނުވަތަ ކުއްލިއަކަށް ހުރިހާ ކަމެއް ރަނގަޅުކޮށްދޭނެ ޖާދޫއެއް ނޫނެވެ. ދިރާސާތަކުން އުންމީދީ ނަތީޖާތަކެއް ފެނުނު ކަމުގައި ވިޔަސް، މިފަދަ ޤުދުރަތީ ފަރުވާތަކަކީ ބަލިތަކުން ފުރިހަމައަށް މިންޖުކޮށްދޭނެ ހަމައެކަނި ވަސީލަތް ކަމުގައި ބަލައިގެން ނުވާނެއެވެ.
