ބޮލީވުޑްގެ ކާމިޔާބު އެކްޝަން ބަތަލު ޓައިގަރ ޝްރޮފަކީ ތަފާތު އެކި ހުނަރުތަކުން ފުރިގެންވާ ފަންނާނެކެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފާއި ފިލްމު ޕްރޮޑިއުސަރު އައިޝާ ދަތުގެ ދަރިފުޅު ޓައިގަރއަކީ އޭނާގެ ފިލްމީ މަސައްކަތްތަކާއި، ނެށުމުގެ ހުނަރުގެ އިތުރުން ހަށިގަނޑު ދެމެހެއްޓުމަށް (ފިޓްނަސް) ކުރާ މަސައްކަތަށް ނަމޫނާއެކެވެ.
ނަމަވެސް، އެކްޓުކުރުމަކީ އޭނާގެ ފަންނަކަށް ވުމުގެ ކުރިން ޓައިގަރ ބޭނުންވީ ފުޓްބޯޅަ ކުޅުންތެރިއަކަށް ވާށެވެ. 2021 ވަނަ އަހަރު އަރްބާޒް ޚާން ހުށަހަޅައިދިން “ޕިންޗް” ޓޯކް ޝޯގައި ޓައިގަރ (އަސްލު ނަމުން ނަމަ ޖޭ ހެމަންތު) ވަނީ އިންޑިއާގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުމަށް އޭނާ ކުޑައިރު ދެކުނު ހުވަފެނާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރެއް ކަމަށްވާ ޓައިގަރ ބުނިގޮތުގައި، އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވީ ފުޓްބޯޅައަށެވެ. އަދި ފުޓްބޯޅަ ކުޅުންތެރިއަކަށްވެ ޤައުމު ތަމްސީލުކުރަން ބޭނުންވި ނަމަވެސް، އެކަމަށް ފުރުސަތެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.
ޓައިގަރ ފިލްމީ ދާއިރާއަށް ތައާރަފްވީ 2014 ވަނަ އަހަރު ނުކުތް “ހީރޯޕަންތީ” އިންނެވެ. އޭގެ ފަހުން އޭނާ ވަނީ “ބާގީ”، “ބާގީ 2″، “ވޯރ”، “ސްޓޫޑަންޓް އޮފް ދަ އިޔަރ 2″، “ގަނަޕަތު” އަދި “ސިންގަމް އެގެއިން” ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
އޭނާ ދަސްކޮށްފައިވާ މާޝަލް އާޓްސް އާއި އޭނާގެ ބޮޑީ ފިޓްނަސްއަކީ ފިލްމީ ދާއިރާގައި އޭނާގެ ތަފާތު ސިފައެއްގެ ގޮތުގައި ފާހަގަކުރެވުނު ކަންކަމެވެ. ހަމައެއާއެކު، ފިލްމީ މަސައްކަތްތަކުގެ ބޭރުން ހިލޭ ސާބަހަށް ކުޅޭ މެޗުތަކާއި އެކި ހަރަކާތްތަކުގައި އޭނާ ދިޔައީ ފުޓްބޯޅަ ކުޅެމުންނެވެ.
ޓައިގަރ ޝްރޮފް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވީ ގޮތް
މަޝްހޫރު ފަރާތްތަކާއެކު ފުޓްބޯޅަ ކުޅެމުން އައި ޓައިގަރ، ޕްރޮފެޝަނަލް ކުޅިވަރަށް ބަދަލުވާން ފެށީ “މުމްބާއީ އެފްސީ” އާއެކުގައެވެ.
މުމްބާއީ އެފްސީގެ ޓެކްނިކަލް ޑައިރެކްޓަރ ޒުހައިބް ޚާނަށް ޓައިގަރގެ ހުނަރު ފާހަގަވީ 2023 ވަނަ އަހަރު އޮތް އިންފްލުއެންސަރުންގެ ލީގު މެޗެއްގެ ތެރެއިންނެވެ. އެ ދުވަސްވަރު ޒުހައިބަކީ ރަންބީރު ކަޕޫރާއި މަހެންދުރަ ސިންގް ދޯނީ ފަދަ މަޝްހޫރު ތަރިން ހިމެނޭ “އޯލް ސްޓާސް” ފުޓްބޯޅަ ޓީމުގެ ކޯޗެވެ.
“ސްޕޯޓްސްޓާ” އަށް މައުލޫމާތު ދެމުން ޒުހައިބް ބުނިގޮތުގައި، 2023 ގައި ބޭއްވި އެ މުބާރާތުގެ ތެރެއިން ޓައިގަރއަކީ ފުޓްބޯޅައިގެ ޓެކްނިކަލް ކަންކަން ރަނގަޅަށް ދަންނަ، މޮޅަށް ކުޅެވޭނެ ކުޅުންތެރިއެއްކަން އޭނާއަށް ވިސްނުނެވެ.
2024 ވަނަ އަހަރުގެ ޖުލައި މަހު މުމްބާއީ އެފްސީ އުފެއްދުމާއެކު، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ޒުހައިބް ޓައިގަރއަށް ދައުވަތު އެރުވިއެވެ. ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، އާދައިގެ މެޗުތަކަށްވުރެ ބޮޑަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމުގެ ޝައުޤުވެރިކަން ޓައިގަރ ފާޅުކުރި ކަމަށް ޒުހައިބް ހާމަކުރިއެވެ.
ޒުހައިބް ކިޔައިދިން ގޮތުގައި، ޓައިގަރއަކީ “ސްލައިޑް ޓެކްލް” ކުރުމަށާއި “ޑްރިބްލް” ކުރުމަށް ވަރަށް ފޯރި ހުންނަ ކުޅުންތެރިއެކެވެ.
ޓައިގަރ ވަނީ ސެންޓްރަލައިޒްޑް ރެޖިސްޓްރޭޝަން ސިސްޓަމް (ސީ.އާރް.އެސް) ފުރިހަމަކޮށް، މުމްބާއީ ޑިސްޓްރިކްޓް ލީގުގައި ބައިވެރިވެފައެވެ. މި މުބާރާތުގައި އޭނާ ބައިވެރިވީ އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ރެޖިސްޓްރޭޝަން މަރުހަލާތަކާއި ރެފްރީންގެ ޗެކްކުރުންތައް ފުރިހަމަކުރުމަށްފަހުގައެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މުމްބާއީ ޕްރިމިއާ ލީގުގައި ބޮމްބޭ ޖިމްޚާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓައިގަރ ވަނީ މުމްބާއީ އެފްސީގެ ފަރާތުން ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް މެޗެއް ކުޅެފައެވެ. އެ މެޗުން އޭނާގެ ޓީމު މޮޅުވީ 1-0 އިންނެވެ. މިއީ އެ ކްލަބް އުފެދުނުތާ ހަތަރު މަސްވެސް ނުވަނީސް ލިބުނު ފުރުސަތެކެވެ.
މުމްބާއީ އެފްސީއާއެކު ޓައިގަރ ކުރާ މަސައްކަތަކީ ހަމައެކަނި ކުޅުމެއް ނޫނެވެ. ޒުހައިބް ފާހަގަކުރި ގޮތުގައި، ޓައިގަރ ފަދަ މަޝްހޫރު މީހަކު ކްލަބާ ގުޅުމުން، މަހާރާޝްތުރާގެ ޒުވާން ކުޅުންތެރިންނަށް ސްކައުޓުންގެ ސަމާލުކަން ލިބުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
ޓައިގަރ ޝްރޮފްގެ ފަހަތުގައިވާ އެތުލީޓް
ޓައިގަރގެ ފުޓްބޯޅަ ދަތުރު ކުރިއަށްދަނީ އޭނާގެ ފިލްމީ ކެރިއަރާއި ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އޮތް ހަށިގަނޑު ވަރުގަދަކުރުމުގެ ތަމްރީނުތަކާ އެކުއެކީގައެވެ.
2022 ވަނަ އަހަރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، ބިމުން ގާތްގަނޑަކަށް 13 ފޫޓު މަތީގައި ހުރި ހޮޅިއެއްގައި އަތްލުމަށްޓަކައި އޭނާ ފުންމި ފުންމުންތަކާއި “ބެކްފްލިޕް” ތަކުން އޭނާގެ ޖިސްމާނީ ޤާބިލުކަން ފެނިގެންދިޔައެވެ.
ނަމަވެސް، ފުޓްބޯޅައިގައި އޭނާ ފާހަގަކުރެވެނީ ހަމައެކަނި ހަށިގަނޑުގެ ވަރުގަދަކަމަކުން ނޫނެވެ. މުމްބާއީ އެފްސީގެ ކުރީގެ ހެޑް ކޯޗު އާސިމް ޙަސަން 2024 ގައި ބުނިގޮތުގައި، ޓައިގަރއަކީ އެކްޓަރަކަށް ނުވިނަމަ މާ ކުރިންވެސް އޭނާ ސޮއިކުރުވާނެ ފަދަ މޮޅު ހުނަރެއް ހުރި ކުޅުންތެރިއެކެވެ. އޭނާއަކީ ކަނާތުން ކުޅޭ ކުޅުންތެރިއެއް ނަމަވެސް، ވައަތުން ކުޅޭ ކުޅުންތެރިއެއް ފަދައިން ބޯޅަ ހިފައިގެން ކުރިއަށްދިއުމުގެ (ކަޓް-އިން) މަދު ހުނަރެއް ލިބިފައިވާ މީހެއް ކަމަށްވެސް އާސިމް ބުންޏެވެ.
ހަމައެއާއެކު، ޓީމުގެ އެހީތެރިޔާ ޖޯ ޕޯލް ބެންސް ފާހަގަކުރި ގޮތުގައި، ޓައިގަރއަކީ ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރާ، އުނގެނުމުގެ ރޫހު ހުރި، ހިތްތިރި ކުޅުންތެރިއެކެވެ.
2026 ވަނަ އަހަރު ބޭއްވުނު “ޑިއުރަންޑް ކަޕް” ގައި މުމްބާއީ އެފްސީގެ ސްކޮޑުގައި ޓައިގަރ ހިމެނުނެވެ. ނަމަވެސް، ފިލްމީ މަސައްކަތްތައް ހުރި ގޮތުން އޭނާއަށް އެ މުބާރާތުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.
