ހަށިގަނޑާއި ސިކުނޑި
މިއުޒިއަމްތަކަށް ޒިޔާރަތްކުރާ ބައެއް މީހުންނަށް، ކުރެހުންތަކާއި ފަންނީ އުފެއްދުންތައް ފެނުމުން ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ލިބެއެވެ. ބައެއް މީހުންނަށް މިއީ ރޫހާނީ ތަޖުރިބާއަކަށް ވެ، އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެއް އިހުސާސްކުރެވޭ ކަމަށް ބުނެއެވެ. އާންމުގޮތެއްގައި އަހަރުމެން ގަބޫލުކުރަނީ މިފަދަ އިހުސާސްތަކަކީ ހަމައެކަނި ސިކުނޑީގައި އުފެދޭ ކަންތައްތަކެއް ކަމަށެވެ. އެއީ ތެދެކެވެ. ނަމަވެސް، ފަންނުވެރިކަމުގެ ރީތިކަން ސިކުނޑިން ތަޖުރިބާކުރަނީ ހަމައެކަނި ވަކިންނެއް ނޫނެވެ؛ މި ކަމުގައި މުޅި ހަށިގަނޑުވެސް ބައިވެރިވެއެވެ.
ސްވިޒަލޭންޑާއި ޖަރުމަނުގެ މުއައްސަސާތަކަކާ ގުޅިގެން ނަފްސާނީ އިލްމުވެރިޔާ ވޮލްފްގަންގް ޝާކާ އާއި އޭނާގެ އެކުވެރިން ވަނީ ސްވިޒަލޭންޑުގެ ކުންސްޓްމިއުޒިއަމް ސެއިންޓް ގަލެންއަށް ޒިޔާރަތްކުރި 373 މީހުން ބޭނުންކޮށްގެން ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ކަނާތުގައި ޚާއްޞަ އަންގިއެއް ބޭނުންކޮށްގެން، އެމީހުން މިއުޒިއަމް ތެރޭގައި ހިނގާބިނގާވެ އުޅުނުއިރު، ހަށިގަނޑުގެ ހަރަކާތްތަކާއި، ހިތުގެ ވިންދު އަދި ހަމުގެ ތެތްކަމަށް އަންނަ ބަދަލުތައް (ސްކިން ކޮންޑަކްޓޭންސް) ވަނީ ވަގުތުން ވަގުތަށް ބަލާފައެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 65 އިންސައްތައަކީ އަންހެނުންނެވެ. އަދި އެވްރެޖް އުމުރަކީ 47 އަހަރެވެ. ކޮންމެ މީހަކުވެސް މައުރަޒުގައި ގާތްގަނޑަކަށް 28 މިނެޓު ހޭދަކުރިއެވެ.
ހަމުގެ ތެތްކަމަށް އަންނަ ބަދަލުތަކަކީ އިންސާނާގެ ޖަޒުބާތުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ދިރާސާވެރިން ބޭނުންކުރާ ވަސީލަތެކެވެ. މިއީ ހަށިގަނޑުގެ ‘ސިމްޕަތެޓިކް ނާރވަސް ސިސްޓަމް’ ނުވަތަ ކުއްލި ހާލަތްތަކަށް ހަށިގަނޑު ތައްޔާރުކޮށްދޭ ނިޒާމުން ކޮންޓްރޯލްކުރާ ކަމެކެވެ. އަހަރުމެންގެ ޖަޒުބާތުތަކަށް ބަދަލެއް އައުމުން، ދާހިއްލާ ގްލޭންޑްތަކުގެ މަސައްކަތަށް ބަދަލު އާދެއެވެ.
މައުރަޒުން ނިކުތުމާއެކު، ބައިވެރިން ކޮމްޕިއުޓަރު މެދުވެރިކޮށް ސުވާލު ކަރުދާހެއް ފުރިހަމަކުރިއެވެ. އަތުގައި އޮތް އަންގީގެ ސެންސަރުތަކުން ދެއްކި ގޮތުގައި އެމީހުން އެންމެ ގިނަ ވަގުތު މަޑުކޮށްލި ތިން ފަންނީ އުފެއްދުމަކާ ބެހޭގޮތުން ސުވާލުކުރެވުނެވެ. މީގެ އިތުރުން، ދިރާސާވެރިން ކުރިން ކަނޑައަޅާފައިވާ ތިން އުފެއްދުމަކަށް މާކްސް ދިނުމަށްވެސް އެދުނެވެ. އެ މާކްސްތައް ދިނީ އަންނަނިވި ކަންކަމަށް ބަލާފައެވެ:
ފަންނީ ފެންވަރު: އެ އުފެއްދުމަކީ ހިތްގައިމު، ރީތި، އަދި އޭގެ ކޮމްޕޮޒިޝަނާއި މައުޟޫއު ފުރިހަމަ އެއްޗެއްތޯ؟
ހައިރާންކަން ނުވަތަ މަޖާކަން: އެއީ ބަލާ މީހާ ހައިރާންކޮށްލި ނުވަތަ ހިނިތުންވުން ގެނުވި އެއްޗެއްތޯ؟
ނޭދެވޭ އަސަރު: އެއިން ހިތާމަ، ބިރުވެރިކަން ނުވަތަ ރުޅިވެރިކަން އިހުސާސްވިތޯ؟
ނުފޫޒުގަދަކަން: އެއީ ބާރުގަދަ ނުވަތަ ޖޯޝް ގެނުވި އެއްޗެއްތޯ؟
އިންތިޒާމުކޮށްފައިވާ ފެންވަރު: އެ އެއްޗެއް ބެހެއްޓިފައި ހުރި ގޮތް މައުރަޒާ ގުޅޭތޯ؟
ހިސާބު އިލްމުގެ އެހީގައި މި ހޯދުންތައް ތަހުލީލުކުރުމުން އެނގުނު ގޮތުގައި، ހަށިގަނޑަށް އައި ބަދަލުތަކުގެ ތެރެއިން ތިން ކަމެއް، އެމީހުންނަށް ކުރެވުނު އިހުސާސްތަކާ ސީދާ ގުޅުން ހުއްޓެވެ.
ރީތި، ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހައިރާންކަން ނުވަތަ މަޖާކަން ގެނުވި ތަކެތި ފެނުމުން ހިތުގެ ވިންދަށް އަންނަ ބަދަލުތައް އިތުރުވިއެވެ. ބާރުގަދަ ނުވަތަ ނުފޫޒުގަދަ ގޮތަކަށް ހުރި އުފެއްދުންތަކުގެ ސަބަބުން ހަމުގެ ތެތްކަމަށް އަންނަ ބަދަލުތައް އިތުރުވެ، ހައިރާންވާ ފަދަ ގޮތަކަށް ހިތުގެ ވިންދު މަޑުޖެހުނެވެ.
މި ބަދަލުތަކުގެ ނަފްސާނީ މާނައަކީ ކޮބައިކަމާ މެދު ދިރާސާވެރިން ވަކި ގޮތެއް ނުނިންމައެވެ. އޭގެ ބަދަލުގައި އެމީހުންގެ މައިގަނޑު ހޯދުމަކީ: މިއުޒިއަމެއްގައި ހުންނަ ފަންނީ އުފެއްދުންތައް ބަލާއިރު، ހަށިގަނޑަށް މިނެކިރޭ ފަދަ ޖިސްމާނީ ބަދަލުތަކެއް އަންނަކަމެވެ.
އެމީހުން ނިންމި ގޮތުގައި، ފަންނީ އުފެއްދުންތަކުން ރީތިކަން ދެނެގަތުމަކީ ހަމައެކަނި އިންސާނީ ސިފައެއް ނޫނެވެ؛ އެއީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ނިޒާމާވެސް ގުޅިފައިވާ ކަމެކެވެ.
މިއީ މިއުޒިއަމްތަކަށް ޒިޔާރަތްކުރާ ގިނަ ބަޔަކަށް ތަޖުރިބާކުރެވޭ ކަމެކެވެ. ބައެއް ފަހަރު ކުރެހުމެއްގެ ރީތިކަމުން ލޯ އަތުލައިގަތުމުން، ގަސްތަކާ ނުލައި އެތައް އިރެއް ވަންދެން އެ ކުރެހުމެއްގެ ކުރިމަތީގައި މަޑުކޮށްލެވެއެވެ. އެވަގުތު އަހަރުމެން ހަމައެކަނި ބަލަނީއެއް ނޫނެވެ. އަހަރުމެންގެ ސަމާލުކަން އެކަމަކަށް ހުއްޓި، ޖަޒުބާތުތައް ބަދަލުވެ، ހަށިގަނޑުވެސް އެކަމަށް އިޖާބަދެއެވެ.
މީގެ މާނައަކީ ކޮންމެ ރީތި ކުރެހުމަކުން ކޮންމެ މީހަކަށް އެއްގޮތަކަށް އަސަރުކުރާނެއެކޭ ނޫނެވެ. ފަންނުވެރިކަމުގެ ރީތިކަން އިހުސާސްވުމަކީ މީހާގެ ހަނދާންތަކާއި، ތަޖުރިބާއާއި، ސަގާފަތާއި އަދި އަމިއްލަ ރަހަޔާ ގުޅިފައިވާ ވަރަށް އަމިއްލަ ކަމެކެވެ. އެކަކަށް ހިތްގައިމު މަންޒަރެއް ފެނުމުން އުފާވެރިކަން ލިބޭއިރު، އަނެކަކު އެއަށް ސަމާލުކަން ނުދީ، ‘އެބްސްޓްރެކްޓް’ ކުރެހުމަކަށް ހިތްޖެހިދާނެއެވެ.
އެހެންނަމަވެސް، މިފަދަ ދިރާސާތަކުން ހަނދާންކޮށްދެނީ، ފަންނުވެރިކަމަކީ ހަމައެކަނި ސިކުނޑިން ކުރާ ފިކުރީ ކަމެއް ނޫން ކަމެވެ. ސިކުނޑިން ފެންނަ މަންޒަރުތައް މާނަކުރާއިރު، އެކަން ކުރަނީ ހަށިގަނޑާ މެދުނުކެނޑި ކުރެވޭ މުއާމަލާތެއްގެ ތެރެއިންނެވެ. ހިތުގެ ވިންދާއި، ހަށިގަނޑުގެ ނާރުތަކުގެ މަސައްކަތާއި، ޖަޒުބާތުތައް މި ތަޖުރިބާގެ ބަޔަކަށް ވެގެންދެއެވެ.
މިއީ މިއުޒިއަމަކުން ނިކުމެގެން ދިޔަޔަސް، އެ ފެނުނު މަންޒަރުތައް އަހަރުމެންގެ ހިތުގައި ބަދަލުނުވެ ހުންނަ އެއް ސަބަބު ކަމަށް ވެދާނެއެވެ. އަހަރުމެން ހަނދާން ހުންނަނީ ހަމައެކަނި ފެނުނު މަންޒަރެއް ނޫނެވެ. އެ މަންޒަރުގެ ސަބަބުން އަހަރުމެންގެ ހިތަށް ކުރި އަސަރުތައްވެސްމެއެވެ.
