ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 32
މުނިއަވަސް ގްރެފިކްސް

ހިނގަން ނުޖެހޭ ދަތުރު

ދިރިއުޅުމުގައި ބައެއް ވަގުތުތަކަކީ، އެ ވަގުތެއް ހިނގަމުންދާއިރު އެއްވެސް މުހިންމުކަމެއް ނެތް އާދައިގެ ވަގުތުތަކެއްގެ ގޮތުގައި ފެންނަ ވަގުތުތަކެކެވެ. އެއީ އެތައް ބައެއްގެ ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލާނެ ކަމެއްގެ ފެށުން ކަމުގައި އެއްވެސް މީހަކަށް ހީވެސްނުވާނެ ފަދަ އާދައިގެ ވަގުތުތަކެކެވެ. ބައެއް ފަހަރު މިފަދަ ވަގުތުތައް އަންނަނީ ދިމާވާ އުނދަގުލެއްގެ ސިފައިގައެވެ. ނުވަތަ ނުބައި މަގަކުން ދެވޭ ދެވުމެއް، ލަސްވި ދަތުރެއް، ހީވެސްނުކުރާ ބައްދަލުވުމެއް، ނުވަތަ ލޯތްބާ އެއްވެސް ގުޅުމެއް ނެތް ސަބަބަކާ ހުރެ ކުރެވޭ އާދައިގެ ބަސް ދަތުރެއްގެ ސިފައިގައެވެ.

ޒިމާންއަށް އެރޭ ފެށުނީ ދަރަންޏަކާ ހިސާބުންނެވެ. އެއީ އޭނާގެ އަމިއްލަ ދަރަންޏެއް ނޫނެވެ. އަދި އެއީ އޭނާ އަމިއްލައަށް ހޯދަން ބޭނުންވި ދަރަންޏެއްވެސް ނޫނެވެ. އެއީ އޮންލައިން ގޭމް ކުޅުމާއި ޑިޖިޓަލްކޮށް ބިޑްކުރުމަށް ހިތްޖެހި، އެކަން މަޑުމަޑުން ދެވިހިފުމަކަށް ބަދަލުވި ޒުވާނެއްގެ ދަރަންޏެކެވެ. ފުރަތަމަ ކުދިކުދި އަދަދުތަކުން ފަށައި، ފަހުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ދިޔައީ، ކޮންމެ ފަހަރަކުވެސް ދެން ކުޅޭ ގޭމަކުން ނުވަތަ ކުރާ ބިޑަކުން ގެއްލުނު ހުރިހާ އެއްޗެއް އަނބުރާ ލިބޭނެ ކަމުގެ އުންމީދުގައެވެ. އޭނާގެ ނަމަކީ އަމީން އެވެ. އަދި އޭނާގެ ބަދުނަސީބަކީ، އޭނާ ފައިސާ ނެގީ އެންމެ ނުރައްކާތެރި މީހާގެ އަތުން ކަމަށް ވުމެވެ.

އެރޭ ޒިމާން އިނީ އަނދިރި ކާރެއްގެ ފަހަތު ސީޓުގައެވެ. ކާރުގެ ކުޑަދޮރުގައި އަތް އަޅުވައިލައިގެން އިންއިރު، މާލޭގެ މަގުތަކުގެ ބައްތިތަކުގެ އަލި އޭނާގެ މޫނަށް އެޅެމުން ދިޔައެވެ. އެންޒޯ ތިންވަނަ ފަހަރަށް އެ ވާހަކަ ކިޔައިދެމުން ދިޔައިރު، ޒިމާން އިނީ އެއްވެސް އަސަރެއް ނެތި އަޑުއަހާށެވެ.

“އަމީން އަދިވެސް ފައިސާއެއް ނުދައްކާ.”

ޒިމާން ބޭރު ބަލަން އިނދެ އަހައިލިއެވެ. “ކިހާވަރެއް؟”

އެންޒޯ އެ އަދަދު ބުންޏެވެ. އެއީ އާދައިގެ އާއިލާއެއް ސުންނާފަތިކޮށްލެވޭހާ ގިނަ ފައިސާއެވެ. އެއީ އެކެއްގެ މޮޔަކަމުން ކުރި ކަމެއްގެ ސަބަބުން، އޭނާއާ ގުޅުންހުރި އެންމެންނަށް މުސީބާތަކަށް ވާނެހާ ބޮޑު އަދަދެކެވެ.

“ކޮބާ އޭނާ؟”

“ފިލައިފި.”

“ކޮންތާކަށް؟”

“އަދިވެސް އޭނާ އުޅޭ ތަނެއް ހޯދަނީ.”

ޒިމާން އެންޒޯއާ ދިމާލަށް ބަލައިލިއެވެ. “އެހެންވީއިރު އަހަރެން މިތާ މި އިނީ ކީއްކުރަން؟”

މިވެސް ކިޔާލަން:  ބޭނުމީ އެހީ

އެންޒޯ ފަސްޖެހިލިއެވެ. “މާލޭގައި އޭނާގެ އެންމެ ގާތް ތިމާގެ މީހަކީ ކާކުކަން އެނގޭތީ.”

ޒިމާންގެ ދެލޯ ހަނިކޮށްލިއެވެ. “ކާކު؟”

“އޭނާގެ ކޮއްކޮ.”

ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އެންޒޯ ބުންޏެވެ. “އޭނާގެ ނަމަކީ އައިޝަތު ކިޔާރާ.”

އެ ނަމަކީ ޒިމާންއަށް އެއްވެސް މާނައެއް ހުރި ނަމެއް ނޫނެވެ. އޭރު އެއީ ހަމައެކަނި ހަވާލުކުރެވުނު މަސައްކަތަކާ ގުޅިފައިވާ ނަމެކެވެ. ދުވަހަކުވެސް ބައްދަލުނުވާ މީހެކެވެ. ނުރައްކާތެރި މީހަކު އޭނާ ހޯދަން އުޅޭކަމުގެ އެއްވެސް ހިލަމެއް ނެތް އަންހެނެކެވެ.

“ދަރަނީގެ ވާހަކައެއް އޭނާއަކަށް ނޭނގޭނެ.” އެންޒޯ ކުރިއަށް ގެންދިޔައެވެ. “އޭނާގެ އާއިލާއަކަށްވެސް ނޭނގޭ.”

“އެހެންވީއިރު އޭނާ މިކަމުގެ ތެރެއަށް ނުވައްދާ.”

“އަހަރެންވެސް ބޭނުމީ އެގޮތް.” ޒިމާން އޭނާއަށް ބަލައިލިއެވެ. “އެކަމަކު؟”

“ފައިސާ ދިން މީހާ ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ފައިސާ ހޯދަން.”

ކާރުތެރެއަށް ހިމޭންކަން ވެރިވިއެވެ. ޒިމާން މި ހާލަތާމެދު ހިތްހަމައެއް ނުޖެހުނެވެ. މީހަކު ކުރާ ކުށަކަށް އޭނާގެ އާއިލާ ޒިންމާވާންޖެހޭނެ ކަމަކަށް އޭނާ ދުވަހަކުވެސް ޤަބޫލެއް ނުކުރެއެވެ. އެކަމަކު އޭނާ އުޅޭ ދުނިޔެއަކީ އަބަދު އިންސާފަށް ބަލައިގެން އުޅެވޭނެ ތަނެއް ނޫނެވެ. އޭނާ ބޭނުންވީ އަމީން ހޯދާށެވެ. ފައިސާ ދިޔަ ތަނެއް ބަލާށެވެ. އަދި މި މައްސަލަ މިއަށްވުރެ ބޮޑުވިޔަނުދީ ހުއްޓުވާށެވެ.

އެހެންކަމުން އެރޭ އާދައިގެ މަތިން އޭނާގެ ބޮޑު ސިފައިންގެ ގާފިލާ ބޭނުމެއް ނުކުރިއެވެ. އޭނާއަކީ ކާކުކަން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނުވިއެވެ. މީހުންގެ ސަމާލުކަން ލިބޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ހިމޭނުން ހުރެ ކަންކަން ބަލާށެވެ. އެ އަންހެންކުއްޖާ ހޯދައި، އޭނާއަށް އެނގެނީ ކޯއްޗެއްތޯ ބަލައި، އެއަށްފަހު އޭނާގެ ދިރިއުޅުމުން ގެއްލުމަށެވެ.

އެއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި އޮތީ ރޭވިފައެވެ. ނަމެއް، މޫނެއް، އަދި ކުޑަ ވާހަކަކޮޅެކެވެ. އެއަށްފަހު އޭނާގެ ދުނިޔެއަށް އެނބުރި ދިއުމެވެ. ނަމަވެސް އެ ބަހަށް އެރި ވަގުތަކީ އޭނާގެ ކޮންޓްރޯލްގައި އޮތް ދިރިއުޅުން ބަދަލުވާން ފެށި ވަގުތުކަން އޭނާއަކަށް ނޭނގެއެވެ.

ބަސް އޮތީ ހުސްކޮށް ކަހަލަ ގޮތަކަށެވެ. ޒިމާންއަށް އެކަން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މަދު މީހަކު ތިބިއިރު، ކޮންމެ މީހަކުވެސް އިނީ އެމީހެއްގެ އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ. ފޯނަށް ބަލަނީއެވެ، ނުވަތަ މިއުޒިކް އަޑުއަހަނީއެވެ. ދެން އޭނާ ބަހަށް އެރިއެވެ. ކިޔާރާ އެވެ.

މިވެސް ކިޔާލަން:  ސޫރަ - އައްވަނަ ބައި

އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އެއީ މީހުން ޝަކުވާކުރާ ފަދަ ވަރުބަލިކަމެއް ނޫނެވެ. އެއީ ސާދަ ގަޑިއިރު ވަންދެން، އަމިއްލަ ނަފްސަށްވުރެ ބޮޑަށް އެހެން މީހުންގެ ކަންކަމުގައި އުޅުމުން ހަށިގަނޑަށް ވެރިވާ ހިމޭން ވަރުބަލިކަމެވެ. އޭނާ ހުރީ އީ.އާރުގެ ޔުނިފޯމުގައެވެ. އިސްތަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ. ކޮނޑުގައި ހުރީ ބަރު ދަބަހެކެވެ. އެ ދަބަސް ބެހެއްޓި ގޮތުން، އެއީ ފައިލްތަކާއި ނަރުހުން ގެންގުޅޭ އެކި ސާމާނުން ފުރިފައިވާ ދަބަހެއްކަން ޒީމާންއަށް އެނގުނެވެ.

އޭނާ އިށީނީ ދެ ސީޓު ދުރުގައެވެ. ބަލައިގެން، ސަމާލުވެ ހުރެއެވެ. ޒިމާންއަށް ބޭނުން ނޫނަސް އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ ކިބައިގައި ތަފާތު ގޮތެއް ހުއްޓެވެ. އޭނާއަކީ އިސްކޮޅުން ދިގު، ފުރިހަމަ ހަށިގަނޑެއްގެ ވެރިއަކަށް ވީނަމަވެސް، އޭނާ މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ކުޑަ ޖާގައެއް ހިފުމަށެވެ. އޭނާގެ ދިރިއުޅުން ހޭދަކޮށްފައިވަނީ އޭނާ ދުނިޔޭގައި ހުރިކަމަށްޓަކައި މައާފަށް އެދޭ ފަދަ ގޮތަކަށެވެ. އެކަމާ ޒިމާންއަށް އުނދަގޫވީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ.

ދެން އޭނާއަށް ނިދުނެވެ. ފުރަތަމަ ބޯ ތިރިވެލިއެވެ. އޭނާ ހޭލިއެވެ. ދެން އަނެއްކާވެސް އެހެންވިއެވެ. އޭނާ ނުނިދަން މަސައްކަތް ކުރިއެވެ. އެކަމަކު ނިދީގެ ބާރުގަދަވިއެވެ. އެންމެ ފަހުން، ދެމީހުންނަށްވެސް ނޭނގި ހުއްޓާ، އޭނާ އަރިވެލައި ޒިމާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

ޒިމާން ތިރިއަށް ބަލައިލިއެވެ. ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. އޭނާގެ ހަށިގަނޑުގެ ހޫނުކަމެވެ. އިސްތަށިގަނޑުން ދުވާ ލުއި މީރުވަހެވެ. އޭނާ ނޭވާލާ އޮމާން ގޮތެވެ. ބީރައްޓެހި މީހެއްގެ ގާތުގައި އެއްވެސް ޖެހިލުމެއް ނެތި އޭނާއަށް ނިދުނު ގޮތެވެ. އަދި އޭނާ ހޭލުމުން، ލަދުން އުޅުނު ގޮތަކީ ހަޤީޤީ އިޙުސާސްތަކެކެވެ. އޭނާ މައާފަށް އެދުނެވެ. ތަކުރާރުކޮށް މައާފަށް އެދުނެވެ. އޭނާ ޒިމާންއަށް ބަލައިލީ، ޒިމާން އޭނާއާމެދު ފޫހިވާނެ ކަމަށް ހީކޮށް ބިރުން ހުރެއެވެ. ނަމަވެސް، ޒިމާންގެ ހިތުގެ ތެރޭގައި ކޮންމެވެސް ކަމެއް ހިނގައިފިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އިޙުސާސް ކުރެވިފައި ނުވާ ފަދަ އާ ގޮތެކެވެ.

މިވެސް ކިޔާލަން:  އުދަރެހުން ބޭރު - ފުރަތަމަ ބައި

އޭނާ ފޮނުވީ ދަރަނިވެރިއެއްގެ ކޮއްކޮ ހޯދާށެވެ. އެކަމަކު އޭނާއަށް މި ބައްދަލުވީ، ބަހަށް އެރި ސަބަބުވެސް ހުރިހާ ކަމަކާމެދު ހަނދާން ނައްތުވާލި ފަދަ އަންހެނަކާއެވެ. އެއީ ފެށުމެވެ.

ހަފުތާތަކެއް ފަހުން، ޒިމާން އޭނާގެ ގޭގެ ބަގީޗާގައި ހުރެ އެ އަންހެންކުއްޖާ ގެ ހުނުމުގެ މަންޒަރު ބަލަން ހުއްޓެވެ. މެންދުރުފަހުގެ އިރުގެ އަލީގައި ކަނޑުގެ ރާޅުތައް ބަބުޅަމުން ދިޔައިރު، ކިޔާރާ ހުރީ މާތަކުގެ ކައިރީގައެވެ. އޭނާގެ އިސްތަށިގަނޑު މަޑު ވައިރޯޅިއާއެކު ހޫރެމުން ދިޔައެވެ. ޒިމާން އެއްވެސް އެއްޗެއް ނުބުނެ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ޒިމާން އަމިއްލަ ނަފްސަށް އެ އިޙުސާސްތައް ކިޔައިދޭން މަސައްކަތް ކުރިއެވެ. އެއީ ގަޔާވުމެއް ހެއްޔެވެ؟ ނުވަތަ އޭނާއާމެދު އުފެދުނު ޝައުޤުވެރިކަމެއް ހެއްޔެވެ؟ ނުވަތަ އޭނާ ރައްކާތެރިކުރުމުގެ ރޫހެއް ހެއްޔެވެ؟ ނަމަވެސް މިހާރު އެއިން އެއްވެސް ބަހަކުން އެ އިޙުސާސްތަކެއް ބަޔާނެއް ނުކުރެވެއެވެ. އޭނާ ބޭނުންވީ ކިޔާރާ ދަސްކުރާށެވެ. އޭނާ ވަޒީފާ އަދާކުރާ ތަނާއި އުޅޭ ތަން އެނގުމަކުން ނުފުދެއެވެ. އޭނާ ބޭނުންވީ ކުދިކުދި ކަންތައްތައް އެނގުމަށެވެ. އެއްވެސް މީހަކު ނުބަލާ ހުންނަ ވަގުތު އޭނާ ވިސްނަނީ ކޮން ކަމަކާ ހުރެ ހެއްޔެވެ؟ އޭނާ ބިރުގަންނަނީ ކޮން ކަމަކާ ހެއްޔެވެ؟ އޭނާ އަޑުއަހަނީ ކޮން ކަހަލަ ލަވަތަކެއް ހެއްޔެވެ؟ އޭނާގެ ހަނދާންތަކަކީ ކޮބައިހެއްޔެވެ؟ އަދި ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާ ހުރެ އޭނާ ދޫކޮށްލީ ކޮން ހުވަފެންތަކެއް ހެއްޔެވެ؟

އޭނާ ބޭނުންވީ ކިޔާރާ އެއްވެސް ޖެހިލުމެއް ނެތި ހުންނައިރު ހުންނަ ސިފަ ދެކޭށެވެ. އޭނާ އަމިއްލަ ނަފްސު ކުޑަކޮށްގެން އުޅޭ އުޅުން ދޫކޮށްލާތަން ދެކޭށެވެ. އަދި އެންމެ ނުރައްކާތެރި ކަމަކީ، އޭނާ ކިޔާރާ ގާތުގައި ހުންނަން ބޭނުންވުމެވެ. އެއީ ކިޔާރާގެ ބޭނުމެއް އޮވެގެންނެއް ނޫނެވެ. އަމީންއާ ގުޅުމެއް އޮތީމައެއްވެސް ނޫނެވެ. ނުވަތަ އޭނާ ހޯދަން އަމުރު ލިބިފައި އޮތީމައެއްވެސް ނޫނެވެ. ހަމައެކަނި އެއީ ކިޔާރާ ކަމަށް ވީތީއެވެ. މި ދަތުރުގެ ތެރެއިން ކޮންމެވެސް ހިސާބަކުން، އޭނާއަށް ހަވާލުކުރެވުނު މަސައްކަތުގެ މުހިންމުކަން ކެނޑިއްޖެއެވެ. މިހާރު މުހިންމުވާ ހަމައެކަނި ފަރާތަކީ ކިޔާރާއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top