ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގާފަރާއި ހިންމަފުށި ފައިނަލަށް
މެޗުގެ މޮޅު ކުޅުންތެރިޔާ ޙުސައިން ނާފިޒް / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ކ. އަތޮޅުގެ ފައިނަލަށް ގާފަރާއި ހިންމަފުށި ދަތުރުކޮށްފި އެވެ. ހަތަރު ޓީމުގެ މެދުގައި ކުޅެވުނު ލީގު ބުރުގެ ކުޅުން ރޭ ނިމިފައިވާއިރު، ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދި ގާފަރުގެ ފައިދާ ގޯލް ހައެކެވެ. ދެވަނަ ހޯދި ހިންމަފުށްޓަށް ވެސް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ފައިދާ ގޯލް ތިނެކެވެ. މި އަތޮޅުގެ ފަހު ދެ މެޗަށް ބަލާލާއިރު:

މެޗު 5

އިއްޔެ ހަވީރު ކުޅެވުނީ މި އަތޮޅުގެ ފަސްވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ލީގު ބުރުގެ އެއްވަނަ އާއި ދެވަނައަށް ވާދަކުރާ ގާފަރާއި ހިންމަފުށްޓެވެ. ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ވަނީ ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗުގައި ދެއްކި މޮޅު ކުޅުން ދެވަނަ މެޗުގައި އެއްވެސް ޓީމަކަށް ނުދެއްކުނެވެ. ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެން ނެވެ.

އިއްޔެ ހަވީރު ކުޅެވުނު މި މެޗުގައި ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ހާފުގެ ކުރީކޮޅު ރަނގަޅަށް ކުޅެ ދެ ޓީމުން ވެސް ވަނީ ރަނގަޅު ދެ ފުރުސަތެއް ފަހިކޮށްފަ އެވެ. ގާފަރުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރިއިރު، ހިންމަފުށީގެ ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ އެވެ.

ގާފަރުގެ ހަމަލާއެއް ދަނޑިއަށް އަމާޒުވިތާ އިރުކޮޅެއް ފަހުން އެ ޓީމުން ވަނީ ލީޑު ނަގާފަ އެވެ. 8 ވަނަ މިނިޓްގައި ގާފަރަށް މި ލަނޑު ޖަހައިދިނީ ޝަނާން ރަޝާދެވެ.

މިވެސް ކިޔާލަން:  'ލީނާ' ރިލީޒް ކުރުން އޭޕްރީލް ނުވަތަ މެއި މަހު!

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހިންމަފުށްޓަށް އެކަން ކާމިޔާބުވީ ދެވަނަ ހާފުގަ އެވެ. ހާފުގެ ފުރަތަމަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުޒައިފަތު އިބްނު ހުސައިން އެވެ. ދެވަނަ ފަހަރަށް ގާފަރުން ލީޑު ނެގީ ޝާމިން މުޙައްމަދު ނަސީރު ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

ގާފަރުގެ ލަނޑަށް މާ ގިނައިރެއް ނުވެ ނަތީޖާ ހަމަހަމަކުރާނެ ފުރުސަތެއް ހިންމަފުށްޓަށް ލިބުނު ނަމަވެސް ފުރުސަތުގެ ބޭނުން ކުރެވޭގޮތެއް ނުވި އެވެ. ޓީމުވަންތަ ޕާސިންގް ގޭމަކާއިއެކު މުޅި ޓީމު އެކުގައި ކަހަލަ ގޮތަކަށް ކުރިޔަށް ޖެހި ކުޅެމުންދިޔަ ގާފަރުން އެ ޓީމުގެ ލީޑު ފުޅާކުރީ 29 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އައްޒާމް ނިޔާޒެވެ.

ފައިނަލްގެ ޖާގައެއް ޔަގީން ކުރުމަށްޓަކައި އެންމެ މަދުވެގެން ޕޮއިންޓެއް ހޯދަން މަޖުބޫރުވި ހިންމަފުށިން ވަނީ ހާފުގެ ފަހުކޮޅު އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅުކޮށްފަ އެވެ. މި ވަގުތުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ހިންމަފުށިން ވަނީ 39 ވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހައި އުންމީދު އާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުޒައިފަތު އިބްނު ހުސައިން އެވެ.

ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ހިންމަފުށިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ހުސައިން ނާފިޒް ޖަހައިދިން ލަނޑުން ނެވެ. މި ނަތީޖާއާއެކު ފައިނަލްގެ ޖާގަ ވަނީ މި ދެ ޓީމަށް ލިބިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިންމަފުށީ ޓީމުގެ ހުސައިން ނާފިޒެވެ.

މިވެސް ކިޔާލަން:  ޕްރިޒަންސްއިން ހެލްތު ކޮޅަށް 14 ލަނޑު ޖެހިއިރު، އެސްޓީއޯއަށް ވެސް ފަސޭހަ މޮޅެއް

މެޗު 6

ރޭ ކުޅެވުނީ މި އަތޮޅުގެ ހަވަނަ މެޗެވެ. މިއީ ލީގު ބުރުގެ ފަހު މެޗެވެ. ގުރައިދޫ އާއި މާފުށި ބައްދަލު ކުރި މި މެޗާއި ކުރިމަތިލީއިރު  ވެސް ދެ ޓީމަށް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ. ކުޅުނު ފުރަތަމަ މެޗުން ދެ ޓީމު ބަލިވެފައިވާއިރު، ދެ ޓީމުގެ ވެސް ދެވަނަ މެޗު ވީ އެއްވަރެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ރަނގަޅަށް ކުޅުނީ މާފުށިން ނެވެ. އެ ޓީމުން ވަނީ 8 ވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. ގުރައިދޫ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން، އެ ޓީމުގެ އިސްމާއިލްއަށް ލިބުނު ބޯޅަ ހިފައިގެން ކުރިޔަށް އަރައި ހަސަން އިމްރާނަށް ޖައްސާލިއިރު އޭނާ ހުރީ ހުސްކޮށެވެ. ހަސަން އިމްރާން ވަނީ ފަސޭހަކަމާއިއެކު ކީޕަރު ކައިރިން ގޯލްގެ ތެރެއަށް އެ ބޯޅަ ވައްދާލާފަ އެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ގުރައިދޫއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މާފުށިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ކައުންޓަރ އެޓޭކެއްގައި މާފުށްޓަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް އަމީރެވެ. މާފުށީ އޭރިޔާ ކައިރިން އެ ޓީމުގެ ކުޅުންތެރިއަކަށް ލިބުނު ބޯޅަ ހިފައިގެން މާފުށީ ތިން ކުޅުންތެރިން ކުރިޔަށް އެރިއިރު، ގުރައިދޫ ޓީމު އެކުގައި ކަހަލަ ގޮތަކަށް ތިބީ މާފުށީ ހާފުތެރޭގަ އެވެ. މާފުށިން މި ފުރުސަތު ލަނޑަކަށް ބަދަލުކޮށްލީ ފަސޭހަކަމާއިއެކު އެވެ. ފުރަތަމަ ހާފު ނިމުނީ، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ގުރައިދޫގެ މަސައްކަތަށް ކާމިޔާބެއް ނުލިބި އެވެ.

މިވެސް ކިޔާލަން:  ޑޮކްޓަރ ޢާދިލް ރަޝީދު އަވަހާރަވެއްޖެ

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި އެ ޓީމުގެ ލީޑު ދެމެހެއްޓުމަށް ވެސް މާފުށިން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ގުރައިދޫއަށް އެކަން ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. މާފުށީގެ ފަސް ފައުލް ހަމަވެގެން ގުރައިދޫއަށް ލިބުނު ދުރު ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާލިހް އަޙްމަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށީ ޓީމުގެ ހަސަން އިމްރާން އެވެ.

މި އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top