މީގެ ދެތިން މަހެއްހާ ދުވަސް ކުރިން ފެށިގެން ކްރިއޭޓިވް ނެޓްވޯކުން “ޕްރޮޖެކްޓް ޖޭޖޭ” ގެ ނަމުގައި އުފައްދަމުން ދިޔަ އައު އުފެއްދުމަކީ “ޖުންޖުލާ” ނަމަކަށް ކިޔާ ދިވެހި ސީރީޒެއްކަން މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ރަސްމީކޮށް ހާމަކޮށްފިއެވެ.
ވީޑިއޯ ކްލަބުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ކުރު ވީޑިއޯއެއް މެދުވެރިކޮށެވެ. އެ ވީޑިއޯ ހިއްސާކުރަމުން ބުނެފައިވަނީ “ފުރަތަމަ ނަން، ބާކީ ހުރި ބައި އަންނާނީ ފަހުން” ކަމަށެވެ. އަދި އޭގެ ފަހުން މި ސީރީޒްގެ ނަމަކީ “ޖުންޖުލާ” ކަން ވަނީ އިއުލާނުކޮށްފައެވެ.
އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި މި ސީރީޒްގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ ވާޝިޔާ މުޙައްމަދު، މުޙައްމަދު އިޝްފާން އަދި ބަންޓީ އެވެ. އާއްމުކޮށްފައިވާ މަދު މަންޒަރުން ފެންނަގޮތުން ބަންޓީއަކީ ނުކުޅެދުންތެރިކަމެއް ހުންނަ ނުވަތަ ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. އަދި ވާޝިޔާ އަކީ ފުލުހުންގެ ވަޒީފާގައި އުޅޭ މީހެކެވެ.
މި ސީރީޒަކީ ކްރިއޭޓިވް ނެޓްވޯކްގެ އަލަތު ފިލްމު “ލިލީ” ވެސް ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި “ޖުންޖުލާ” ގެ ގިނަ މަންޒަރުތަކެއް ވަނީ ހިތްގައިމު ލާމު އަތޮޅުގައި ޝޫޓްކޮށްފައެވެ.
މި ސީރީޒް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި އުފެއްދުން ވެގެންދާނީ މީޑިއާނެޓް ވީޑިއޯ ކްލަބުން ބެލުންތެރިންނަށް ގެނެސްދޭނެ ފޯރިގަދަ އަދި ތަފާތު ސީރީޒަކަށެވެ.
View this post on Instagram
