ފްލޯ ފިކްސް ހަންޏާސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ތިންވަނަ ދުވަހުގެ ކުޅުނު ނިމުނުއިރު، ގުރޫޕް އޭގެ އެއްވަނަ އެންމެފަހުގެ ރަނައަޕް މިޑްލް ކުރައުޑް އަދި ގުރޫޕް ބީގެ އެއްވަނަ އެންމެފަހުގެ ޗެންޕިއަން ނެކްސަސް ހޯދައިފި އެވެ. އިއްޔެ އާއި ރޭ ވަނީ ގުރޫޕްގެ ސްޓޭޖްގެ ފަހު މެޗްތައް ކުޅެފައެވެ. މި ތިން މެޗަށް ބަލާލާއިރު:
މެޗް 7
ހަތްވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ނެކްސަސް އާއި ކަޓައްޕާ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ. މިމެޗަށް ނުކުތްއިރު، ނެކްސަސް ވަނީ ކުރިން ކުޅުނު ދެމެޗް ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ޔަގީން ކޮށްފައެވެ. އަދި ކަޓައްޕާ ކުޅުނު ދެމެޗުން ބަލިވި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ކުރިން ދެމެޗް ވެސް ފަސޭހަކާއިއެކު ކާމިޔާބުކުރި ނެކްސަސް މި މެޗް ވެސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު، ތަފާތުބޮޑު ނަތީޖާއަކުން ނެވެ. މިމެޗްގައި ނެކްސަސްއަށް ލަނޑުތައް ޖަހައި ދިނީ ޝަނާން ރަޝާދު 2 ލަނޑު، އިބްރާހިމް ރިމާހް 2 ލަނޑު، މިފްޒާލް އަބްދުލް ހަސީބު 4 ލަނޑު، އަލީ އަހްލާމް 1 ލަނޑު އަދި އަހްނަފް ޒާހިރު 2 ލަނޑެވެ. މިމެޗްގައި ކަޓައްޕާ ޖެހި ދެ ލަނޑު ޖެހީ ހުސެއިން ލޫތު އިސްމާއިލް އާއި މުޙައްމަދު އަފްލާމް އަލީ އެވެ.
11-2 އިން މެޗް ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނަ ނެކްސަސް ހޯދި މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެކްސަސްގެ މިފްޒާލް އަބްދުލް ހަސީބު އެވެ.
މެޗް 8
އައްވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ރިއަލިޓީ އާއި ނެމިސް އެވެ. މިއީ މި ގުރޫޕްގެ ފަހު މެޗެވެ. މި މެޗަށް ދެ ޓީމު ނުކުމެފައިވާއިރު، ދެ ޓީމު ވެސް ވަނީ ކުރިން ކުޅުނު ދެ މެޗްގެ ތެރެއިން އެއްމެޗް ކާމިޔާބުކޮށް، އެއްމެޗުން ބަލިވެފައެވެ. މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނެކްސަސް ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު، މި ގުރޫޕްގެ ދެވަނަ ހޯދުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އޮތީ ހުޅުވިފައެވެ. މިމެޗުން ނެމިސް މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ލަނޑުގެ ތަފާތުން ސެމީފައިނަލްގެ ޖާގަ ލިބޭނީ ރިއަލީޓީ އަށެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މިމެޗް ރިއަލިޓީ ކާމިޔާބު ކުރީ 3-0 އިން ނެވެ. މިމެޗްގައި ރިއަލިޓީއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ހަމީދު 2 ލަނޑު އަދި އިސްމާއިލް ޝިޔާޒް 1 ލަނޑު އެވެ.
3-0 އިން މެޗް ކާމިޔާބުކޮށް ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލްގެ ދެވަނަ ޖާގަ ރިއަލިޓީ ހޯދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ އަހްމަދު ހަމީދު އެވެ.
މެޗް 9
ނުވަވަނަ މެޗްގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ދަކުލަބް އާއި މިޑްލް ކުރައުޑް އެވެ. މިއީ ދެ ޓީމުގެ ވެސް ފަހު މެޗެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެޓީމަށް ވަނީ ސެމީފައިނަލްގެ ޖާގަ ލިބިފައެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މިޑްލް ކުރައުޑް އޮތީ ފައިދާ ލަނޑުގެ ތަފާތުން ނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިޑްލް ކުރައުޑް ވަނީ ލީޑު ނަގާފައެވެ. މެޗްގެ 20 ވަނަ މިނިޓްގައި މިޑްލް ކުރައުޑްއަށް މި ލަނޑު ޖަހައި ދިނީ އަހްމަދު އަހްސަމް އެވެ. ގުރޫޕްގެ އެއްވަނަ ހޯދުމަށްޓަކައި މެޗުން މޮޅުވާން މަޖުބޫރުވި ދަ ކުލަބް މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ފަހުކޮޅު އެވެ. 36 ވަނަ މިނިޓްގައި ދަ ކުލަބަށް މި ލަނޑު ޖަހައިދިނީ ސުވައިދު ސައީދު އެވެ.
1-1 އިން މެޗް އެއްވަރުވެ ގުރޫޕް އޭގެ އެއްވަނަ މިޑްލް ކުރައުޑް ހޯދި މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިޑްލް ކުރައުޑްގެ ކީޕަރު މުޙައްމަދު ސިނާހް އެވެ.
މިމުބާރާތުގެ ސެމީފައިނަލް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. ސެމީފައިނަލް ދެ މެޗަށް ބަލާލާއިރު:
20:15 – މިޑްލް ކުރައުޑް އާއި ރިއަލިޓީ
21:30 – ނެކްސަސް އާއި ދަ ކުލަބް
