މާލޭގެ ހަލަބޮލި މަގުތަކުގެ ތެރޭގައި ހުންނަ ފެހުމުގެ މަސައްކަތްކުރާ ކުޑަކުޑަ ފިހާރައެއްގެ ކަނެއްގައި، ސުނީތާ އިނީ ފަހާފޮށީގެ ފުރޮޅު އަވަސް ދުވެއްޔެއްގައި އަނބުރާލަ އަނބުރާލައެވެ. ފަހާފޮށީގެ އަޑާއި، ކަނދުރާއިން ފައިބަމުންދިޔަ ދާތިކިތަކާއެކުވެސް އޭނާގެ ދެލޯ ހުރީ ހެދުމުގެ ބަތާނައިގެ އެންމެ ފަހު ރޮއްޖަށް ހުއްޓިފައެވެ.
“ސުނީތާ، ޕްލީޒް ބުނެބަލަ ތި ނިމުނީއޭ!” ފިހާރައިގެ ސުޕަވައިޒަރު ހާސްވެފައި އަހާލިއެވެ.
“އިސާހިތަކުން ނިމެނީ މި،” ސުނީތާ އިސްއުފުލައިވެސް ނުބަލައި ޖަވާބުދިނެވެ.
“މިރޭ އޮތް ކައިވެންޏެކޭ މީ!”
“އެނގެޔޭ. އެހެންވެޔެއްނު އަހަރެން އަދިވެސް މިތާ މި އިނީ.” ސުނީތާގެ އަޑުގައި ވަރުބަލިކަން ހުއްޓެވެ.
“އޯހް ނޫން! އިތުރު ދިހަ މިނެޓު ދެވޭނީ.”
“އެނގެޔޭ،” ސުނީތާ ހިނިތުންވެލިއެވެ. “ތިހެން ބުނިތާ ފަސް މިނެޓު ވެއްޖެ.”
ކައިރީގައި ހުރި އޭނާގެ ހަ އަހަރުގެ ދަރިފުޅު އިމްނާ، އުނގުގައި ބާއްވައިގެން މާމަ އައިމިނަދީ ބަތްކޮޅެއް ލަވަން މަސައްކަތް ކުރަމުން ދިޔައެވެ. “އެ ކުއްޖާއަށް ކާން ދީބަލަ ދަރިފުޅާ،” މާމަ ބުންޏެވެ. “އެހެން މަޑުމަޑުން ކާން ހަދައިފިއްޔާ، މިތަނުން ދާންވާއިރަށް އެ ކުއްޖާ ސްކޫލަށް ގަޑިވެސް ޖެހޭނެ.”
އިމްނާ މަންމަގެ ގާތަށް ޖެހިލިއެވެ. “މަންމާ، މިރޭ ގެއަށް އަންނާނަންތަ؟”
“މަންމަ ބަލާނަން،” ސުނީތާ ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.
“މަންމަ އަބަދުވެސް ތިހެން ބުނަނީ!” ކުޑަކުއްޖެއްގެ ތުއްތު ޝަކުވާއަކުން އިމްނާ ބުންޏެވެ.
“އެހެންވިއްޔާ މިރޭ މަންމަ މާ ބޮޑަށް މަސައްކަތް ކުރާނަން، އިނގޭ ދޫނީ.”
ފިހާރައިގެ ސުޕަވައިޒަރު އަނެއްކާވެސް ބޯދިއްކޮށްލިއެވެ. “ސުނީތާ! އެ ކަސްޓަމަރު ތިން ފަހަރު ގުޅައިފި. މިރޭ އޮތް ޕާޓީއެކޭ.”
“އެހެންވިއްޔާ އޭނަ މި ހެދުން ދެކެ ވަރަށް ލޯބިވާނެ،” ސުނީތާ އެންމެ ފަހު ރޮދިކޮޅު ކަނޑާލަމުން، އެ ފުރިހަމަ ހެދުން ދައްކާލިއެވެ. “މި ނިމުނީ.”
“ތީ ހަމަ އަމިއްލަ އަތުން ފެހި ހެދުމެއްތަ؟ ކޮންމެ ރޮދިވަޅެއް، ކޮންމެ ރޮއްޖެއްވެސް ފުރިހަމަ. ހާދަ ރީއްޗޭ!” ސުޕަވައިޒަރު ހައިރާންވެފައި ބުންޏެވެ.
“އެހެންވިއްޔާ ރައްޓެއްސަކުވެސް ހެދުމެއް ފަހަން އޮތިއްޔާ އަހަރެންގެ ވާހަކަ ބުނެދެއްޗޭ،” ސުނީތާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ހުރިހާ ކަމެއްވެސް ފަސޭހަހެން ހީވަނީ ސަތޭކަ ފަހަރު ކުށްޖެހި، ދަސްވުމަށްފަހު.”
ހަމަ އެވަގުތު ކައިރީގައި ހުރި އިވެންޓް މެނޭޖްމަންޓް އޮފީހެއްގެ މުވައްޒަފެއް ކަމަށްވާ ރާޖިހް އަދި އޭނާގެ ރަހުމަތްތެރިޔާ ތިބީ ބޮޑު ހާސްކަމެއްގައެވެ. މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ބޮޑު ކޯޕަރޭޓް އިވެންޓަށް ރާޖިހް ލާން ހަމަޖެހިފައިވާ ކޯޓުގެ އަތްކުރި އޮތީ މާ ދިގުކޮށެވެ.
“ރާޖިހް، ތީތި ކަޑައޭ!” އެކުވެރިޔާ ބުންޏެވެ. “އަތްކުރި މާ ދިގު. މާދަމާ ތި ލައިގެން ނުދެވޭނެ.”
“އިވެންޓް ޓީމު ކައިރީ ބުނިންތަ؟” ރާޖިހް އަހާލިއެވެ.
“އެމީހުން ބުނީ ސައިޒުތައް ފައިނަލްވެ ނިމިއްޖެޔޯ.”
“އެންމެ ރަނގަޅު، އަހަރެން މި ރަނގަޅުކޮށްދޭނެ މީހަކު ހޯދާނަން،” ރާޖިހް ހިނގައިގަތީ ކައިރީގައި ހުރި ފަހާ ތަނަށެވެ. އެއީ ސުނީތާ މަސައްކަތްކުރާ ކުޑަ ފިހާރައެވެ.
އެތަނަށް ވަދެ، ކައުންޓަރުގައި ހުރި މީހާ ކައިރީ ބުނުމުން އޭނާ ދެކޮޅުހެދިއެވެ. “ސޮރީ، މާ ލަސްވެއްޖެ. އަހަރެމެން އަތުގައި މާ ގިނަ އޯޑަރު އެބަހުރި.”
ރާޖިހް މާޔޫސްވެފައި ހުއްޓާ، ސުނީތާ އިސްއުފުލާ ބަލާލިއެވެ. “ތީތި ބަލާލަން ދީބަލަ،” ސުނީތާ ބުންޏެވެ. ހެދުން ބެލުމަށްފަހު އޭނާ ބުންޏެވެ، “ރަނގަޅު، އެކަމަކު މިއަދަކު ނުވާނެ. މާދަމާ ހަވީރު.”
“މާދަމާ ހަވީރުއޭ އިވެންޓް އޮތީ!” ރާޖިހް އާދޭހުގެ ރާގެއްގައި ބުންޏެވެ.
“އެހެންވިއްޔާ އިއްޔެ ގެންނަންވާނެއެއްނު؟” ސުނީތާ ހިނިތުންވުމެއް ނެތި، ވަރަށް ސީރިއަސްކޮށް ބުންޏެވެ.
“އެނގޭ، އެއީ އަހަރެންގެ ކުށެއް،” ރާޖިހް އެއްބަސްވިއެވެ.
ސުނީތާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މާދަމާ މެންދުރުފަހު، އެކަމަކު ގަޑިއަށް އަންނާތި.”
“އާނ، އަންނާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!” ރާޖިހް ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ސުނީތާއަށް ގެއަށް އާދެވުނުއިރު އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ކުޑަކުޑަ ކޮޓަރިއެއްގައި މަންމަ އައިމިނަދީ އިނީ އޭނާގެ އިންތިޒާރުގައެވެ.
“ދަރިފުޅަށް އާދެވިއްޖެދޯ؟” މަންމަ ބުންޏެވެ.
“މަންމާ، ސޮރީ! ކީއްވެ ނުނިދާ މަޑުކުރީ. އަހަރެން ބުނީމެއްނު މަޑުނުކުރާށޭ،” ސުނީތާ ކަންބޮޑުވެފައި ބުންޏެވެ.
“ނިދި ނައީ. އިމްނާވެސް އެތައް އިރަކު މަންމަ ކޮބައިތޯ އަހަން އޮއްވާ ނިދުނީ.”
“އަހަރެން މިއައީނު. މަންމަ ދެން އަވަހަށް ނިދަންދޭ.” ސުނީތާ ދަރިފުޅުގެ ކައިރީގައި އިށީނދެ، އެ މައުސޫމް މޫނަށް ބަލަން އިނދެ ފިރުމާލިއެވެ. މިއީ އޭނާގެ ދިރިއުޅުމެވެ. ދުވާލުދާކޮޅު ބުރަ މަސައްކަތްކޮށް، ދަރިފުޅަށާއި މަންމައަށް ކާންބޯން ދިނުމަކީ އޭނާގެ ހަމައެކަނި އަމާޒެވެ. އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިޔަތާ އެތައް އަހަރެއް ވެއްޖެއެވެ. އޭގެ ފަހުން އޭނާގެ ދިރިއުޅުމަކީ ހިތްދަތި، އެކަނިވެރި، އެކަމަކު ހިތްވަރުގަދަ ދަތުރެކެވެ.
ޖެހިގެން އައި ދުވަހު މެންދުރުފަހު، ރާޖިހް އައީ ގަޑިއަށެވެ. ސުނީތާ އާ ހަވާލުކުރި ގަމީހުގެ އަތްކުރި ރަނގަޅުކޮށްފައި އޮތްލެއް ފުރިހަމަކަން ފެނިފައި ރާޖިހް އަންތަރީސްވިއެވެ.
“ވަރަށް ފުރިހަމަ! ތި ސަލާމަތްކޮށްދިނީ އަހަރެން. ވަރަށް ބޮޑަށް ޝުކުރިއްޔާ!” ރާޖިހް ފައިސާ ދައްކަމުން ބުންޏެވެ.
“މައްސަލައެއް ނެތް. ދެން ފަހަރަކުން ތަންކޮޅެއް ކުރިން ގެނައުމަށް ހަނދާން ބަހައްޓާތި،” ސުނީތާ ބުންޏެވެ.
އެދުވަހު ހަވީރު ފިހާރައިގެ ވެރިޔާ ސަމީރު، ސުނީތާއަށް މުސާރަ ދިނުމުން، އޭނާއަށް ލިބުނު ފައިސާ މަދުކަން ފާހަގަވިއެވެ.
“ސަމީރު، އަހަރެންގެ މުސާރައިގަ މައްސަލައެއް އުޅޭހެން ހީވަނީ،” ސުނީތާ ބުންޏެވެ. “އަހަރެން ހުރިހާ ގަޑިއެއް ފުރިހަމަކުރިން.”
“އެއީ މައްސަލައެއް ނޫން. ބައެއް ކަންކަމަށް އުނިކުރުންތަކެއް އައީ. ކުދި ފިހާރަތައް ހިނގަނީ މިހެން. ކަމުނުދަންޏާ އެހެން ތަނެއް ހޯދާ،” ސަމީރު ފަރުވާކުޑަ ގޮތަކަށް ބުންޏެވެ. ސުނީތާގެ ހިތް ކުދިކުދިވިއެވެ. އެކަމަކު އޭނާ ކެތްކުރިއެވެ. ދަރިފުޅަށްޓަކައެވެ.
އަނެއްކޮޅުން، ރާޖިހްގެ އޮފީހުގައި އޭނާ ހުރީ ކާމިޔާބީގެ އުފަލުގައެވެ. އޭނާ އިވެންޓް ފުރިހަމައަށް ގެންދިއުމުން ވެރިޔާ އޭނާއަށް ތައުރީފުކުރިއެވެ. “ރަނގަޅު މަސައްކަތެއް ރާޖިހް. ކްލައިންޓް ވަރަށް ހިތްހަމަޖެހުނު. އަހަރެން ބޭނުން އަނެއް ޕްރޮޖެކްޓް އިސްވެ ހިންގަން ރާޖިހާ ހަވާލުކުރަން.”
“އަޅުގަނޑާއޭ ތޯ؟” ރާޖިހް އުފަލުން އަހާލިއެވެ.
“އާނ. ތިހުރީ އިތުރު ޒިންމާތައް ނަގަން ތައްޔާރަށް. ހުކުރު ދުވަހަށް ޕްރޮޕޯސަލް ނިންމަންވާނެ.”
ހަވީރުގެ ވަގުތުގައި، ސުނީތާ މަގުމަތީގައި ހުރި ކުޑަ މޭޒެއްގެ ކައިރީގައި އޭނާ އަމިއްލައަށް ފަހާފައި ހުރި ދަބަސްތަކާއި ކުދި އަންނައުނު ވިއްކަން އިނެވެ. އެއީ އިތުރު އާމްދަނީއެއް ހޯދުމަށް އޭނާ ކުރާ މަސައްކަތެކެވެ. ރާޖިހާއި އޭނާގެ ރަހުމަތްތެރިޔާ ސައިބޯން ދިޔަ މަގުމަތީގައި އެތަން ފެނިގެން ރާޖިހް މަޑުކޮށްލިއެވެ.
“މިތާވެސް މަސައްކަތް ކުރަނީތަ؟” ރާޖިހް ހައިރާންވެފައި އަހާލިއެވެ.
“އާނ، ބައެއް ފަހަރު،” ސުނީތާ ބުންޏެވެ.
“އެހެންވީމާ މިއީ އިތުރު ވަޒީފާއެއްތަ؟”
“ވަޒީފާއެއް ނޫން. މިއީ އަހަރެންގެ އަމިއްލަ ތަކެތި. އަމިއްލައަށް ފެހި އެއްޗެހި،” ސުނީތާ ފަޚުރުވެރިކަމާއެކު ބުންޏެވެ.
ރާޖިހް އެތަނުން ރީތި ކުޑަ ދަބަހެއް ނެގިއެވެ. “މީގެ އަގު ތަންކޮޅެއް ހެޔޮކޮށްލެވިދާނެތަ؟”
ސުނީތާ ހިނިތުންވެލިއެވެ. “ތީގެ އަގު މާ ބޮޑަށް ހެޔޮކޮށްފިއްޔާ، މިރޭ ކާން ޖެހޭނީ ތި ދަބަސް.”
އެ ޖަވާބުން ރާޖިހްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“އެންމެ ރަނގަޅު، އަހަރެން މިއަށް ފުރިހަމަ އަގު ދީފައި ގަންނާނަން.” އޭނާ އެ ދަބަސް ގަތީ އޭނާގެ މަންމައަށް ހަދިޔާއެއްގެ ގޮތުގައެވެ.
ގެއަށް ގޮސް މަންމައަށް އެ ދަބަސް ދިނުމުން، މަންމަ ވަރަށް އުފާވިއެވެ. އެހެން ނަމަވެސް، މަންމަގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ.
“ދަރިފުޅާ ރާޖިހް، މަންމަ ދަރިފުޅަށް ކުއްޖަކު ހޯދައިފިން. މި ހަފުތާ ބަންދުގައި އެ ކުއްޖާއާ ބައްދަލުކުރަން ދާންވާނެ،” މަންމަ ބުންޏެވެ. “އާއިލާއާ ވާހަކަވެސް ދެކެވިއްޖެ.”
“މަންމާ، އަހަރެން އަދި ކައިވެންޏަކަށް ތައްޔާރެއް ނޫން، އެހެން ނޫނަސް މި ޒަމާނުގަ، އަމުދުން މި ރާއްޖޭގަ ތީކީ މީހުން ކުރާ ކަހަލަ ކަންކަމެއްވެސް ނޫން.” ރާޖިހް ދެކޮޅުހެދިއެވެ.
“ހުރިހާ ކަމަކަށް ތައްޔާރުވެގެންނެއް ނޫން ދިރިއުޅުން ފަށަނީ. ދަރިފުޅު ވަޒީފާގައި ހަމަޖެހިއްޖެ. ދެން ކޮން ކަމަކަށްތަ ތި އިންތިޒާރު ކުރަނީ؟ ހަމައެކަނި ބައްދަލުކޮށް ވާހަކަދައްކާލާ.” ބައްޕަވެސް އެ ވާހަކައަށް ބާރުއެޅިއެވެ.
ހޮނިހިރު ދުވަހު އޮތް ކައިވެނީގެ ހަފުލާއަކަށް އެހީތެރިވުމަށް ޕާޓްޓައިމް މަސައްކަތަކަށް ސުނީތާ ދިޔައެވެ. ހައިރާންވާންވީ ކަމަކީ، އެއީ ރާޖިހްގެ ގާތް ތިމާގެ މީހެއްގެ ކައިވެނި ކަމެވެ. ދެމީހުން އެތަނުން އަނެއްކާވެސް ބައްދަލުވިއެވެ. ހެދުމެއްގެ ގޮށްތައް ނެއްޓިގެން ސުނީތާ ގާތު އެ ރަނގަޅުކޮށްދޭން އެދުނު ވަގުތު، ރާޖިހް އޭނާގެ ހިތުގެ އުދާސްތައް ސުނީތާއާ ހިއްސާކުރިއެވެ.
“ސުނީތާ، ކައިވެނީގެ ކަންކަމުގައި މައިންބަފައިން ބުނާ ބަސް އަހަންވީތަ، ނޫނީ އަމިއްލައަށް ގަޔާވާ މީހަކު އިޚްތިޔާރު ކުރަންވީތަ؟” ރާޖިހް އެހިއެވެ.
“އަހަރެން ދެކޭގޮތުގައި މައިންބަފައިންގެ ވާހަކަ އަޑުއަހަންވާނެ،” ސުނީތާ ފަހަން އިނދެ ބުންޏެވެ. “އެކަމަކު އެންމެ ފަހު ނިންމުން ނިންމާނީ އަމިއްލައަށް. އެއީ ތިމާގެ މުޅި ދިރިއުޅުން. އެއްފަހަރު ބައްދަލުކޮށްލުމަކުން ގޯހެއް ނެތެއްނު؟ ކަމުނުދަންޏާ ނޫނެކޭ ބުނާނީ.”
އެ ނަސޭހަތާއެކު ރާޖިހް އެ އަންހެން ކުއްޖާއާ ކޮފީއަކުން ބައްދަލުކުރިއެވެ. ނަމަވެސް އޭނާގެ ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނުއުފެދުނެވެ. އޭނާގެ ޚިޔާލުގައި އެނބުރެމުން ދިޔައީ މަސައްކަތަށް ފަރުވާތެރި، ހިތްވަރުގަދަ ސުނީތާއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރާޖިހް އިސްވެ ހިންގި އޮފީހުގެ ބޮޑު ޕްރޮޖެކްޓް ކްލައިންޓް ރިޖެކްޓް ކުރުމުން އޭނާ މާޔޫސްވިއެވެ. ވަޒީފާގެ ބުރަކަމާއި މާޔޫސްކަމުގައި އިނދެ، އޭނާއަށް ދެވުނީ ސުނީތާ ފެންނަން ހުންނަ ދިމާއަށެވެ. ސުނީތާ އޭނާއަށް ހިތްވަރު ދިނެވެ.
“އެއް ފަހަރު ނާކާމިޔާބުވުމަކީ މުޅި މީހާ ފެއިލްވުމެއް ނޫން. މާދަމައަކީ އައު ދުވަހެއް، އަލުން ފަށާ،” ސުނީތާގެ އެ ބަސްތަކުން ރާޖަށް އައު އުންމީދެއް ލިބުނެވެ. އެ ބަދަލުތަކާއެކު އަލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުވިއެވެ. އުފަލުން ފޮޅިފައި އެ ޚަބަރު ދޭން ރާޖިހް ދިޔައީ ސުނީތާގެ ގާތަށެވެ. އެވަގުތު ސުނީތާގެ ކައިރިއަށް އައި އިމްނާ ފެނިފައި ރާޖަށް ހަގީގަތް އެނގުނެވެ.
“މިއީ އަހަރެންގެ ދަރިފުޅު،” ސުނީތާ އިސްދަށަށް ޖަހާލަމުން ބުންޏެވެ. “އަހަރެން މީގެ ކުރިން ކައިވެންޏެއް ކުރިން. އެކަމަކު ފިރިމީހާ އަހަރެމެން ދޫކޮށްލާފައި ދިޔައީ.”
ރާޖިހްގެ ހިތުގައި ސުނީތާއަށް އޮތް ގަދަރާއި ލޯބި އިހުނަށްވުރެ ބޮޑުވިއެވެ. ނަމަވެސް ސުނީތާ ފިހާރައިގެ ވަޒީފާއިން ވަކިވެ، އަމިއްލަ ކުޑަ މަސައްކަތެއް ގޭގައި ފެށި ހިސާބުން، ރާޖިހް އަބަދު އެގެޔަށް އަންނަން ފެށުމުން އަވަށްޓެރިންގެ ދޫތައް ހުޅުވުނެވެ. ހުސްހަށިބައި، ޒުވާން، ތަނަވަސް ފިރިހެނަކު ދަރިއަކު ހުރި އަންހެނެއްގެ ގާތަށް ތަކުރާރުކޮށް ދިއުމަކީ ދިވެހި މުޖުތަމައުގައި ބައެއް މީހުން ފަސޭހައިން ބަލައިގަންނަ ކަމަކަށް ނުވިއެވެ.
“ރާޖިހް، ދެން މިތަނަށް ނާންނާތި،” އެއްދުވަހަކު ސުނީތާ ހިތްވަރުކޮށްފައި ބުންޏެވެ. “މީހުން އެބަ ފާޑުފާޑުގެ ވާހަކަދައްކާ. އަހަރެންގެ ދިރިއުޅުން މާ ބޮޑަށްވެސް އޮޅުންބޮޅުންވެއްޖެ. އަހަރެން ބޭނުމެއް ނޫން އަނެއްކާވެސް ހިތް ހަލާކުވާކަށް.”
އެހެން ނަމަވެސް، ލޯތްބަކީ ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ރާޖިހްގެ މަންމަ ދެއްކި އެހެން ކުއްޖަކާއެކު ރާޖިހް ކެފޭއެއްގައި އިންދާ ފެނުމުން، ސުނީތާގެ ހިތަށް ކެތެއް ނުވިއެވެ. އޭނާ ރޮމުން ގެއަށް އައުމުން، މަންމަ އައިމިނަދީ ބުންޏެވެ. “ދަރިފުޅާ، މުޅި އުމުރު ހޭދަ ތި ކުރަނީ އަހަރެމެންނަށްޓަކައި. މިފަހަރު އަމިއްލަ އުފަލަށްޓަކައި ގޮތެއް ނިންމާ. ބިރުނުގަނޭ.”
ދެމީހުން އަލުން ބައްދަލުވެ، އެކަކު އަނެކަކަށް ވާ ލޯބި ހާމަކުރިއެވެ. ނަމަވެސް އެންމެ ބޮޑު އިމްތިހާނަކަށްވީ ރާޖިހްގެ އާއިލާއެވެ. ރާޖިހް ސުނީތާއާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނުމުން މަންމަ ކަނޑައެޅިގެން ދެކޮޅުހެދިއެވެ.
“އޭނާގެ ދަރިއަކު އެބަހުރި! ދަރިފުޅަށް މާ ރަނގަޅު ކުދިން ލިބޭނެ. މުޅި އުމުރު އެހެން މީހެއްގެ ޒިންމާތައް އުފުލަން ޖެހޭނީ!” މަންމަ ހިތްހަމަނުޖެހިފައި ބުންޏެވެ.
“މަންމާ، އަހަރެން ބޭނުމީ ފަސޭހަ ދިރިއުޅުމެއް ނޫން. އަހަރެން ބޭނުމީ ސުނީތާ. އޭނާއަކީ އަހަރެންގެ ދިރިއުޅުމުގެ އުފާ،” ރާޖިހް ސާބިތުކަމާއެކު ޖަވާބުދިނެވެ.
ކަންތައް މިހެން އޮއްވައި، ރާޖިހްގެ މަންމަ ސިއްރިޔާތުގައި ސުނީތާގެ ފެހުމުގެ މަސައްކަތް ބަލާލަން ދިޔައެވެ. އެތަނުން އޭނާއަށް ފެނުނީ ސުނީތާގެ މުރާލިކަމާއި، އަޚްލާޤު ރަނގަޅުކަމެވެ. ސުނީތާގެ މަންމަ އައިމިނަދީއާ ވާހަކަދައްކާލުމުގެ ފުރުސަތު ލިބުމުން، ސުނީތާ ވޭތުވެދިޔަ އަހަރުތަކުގައި އާއިލާއަށްޓަކައި ވެފައިވާ ޤުރުބާނީތަކާއި، ދަރިފުޅު ބަލާބޮޑުކުރަން އުފުލި ތަކުލީފުތަކުގެ ވާހަކަ އަޑުއިވުނެވެ. އެއީ ކެތްތެރި، ޝަކުވާއެއް ނެތް މާތް އަންހެނެކެވެ.
ރާޖިހްގެ މަންމަގެ ހިލަހިތް މަޑުވިއެވެ. ދަރިފުޅު ހޮވީ ކުށްވެރިއެއް ނޫންކަމާއި، ޙަޤީޤީ ޖަވާހިރެއްކަން އޭނާއަށް ވިސްނުނެވެ.
ޖެހިގެން އައި ހަފުތާގައި، ރާޖިހްގެ މަންމަ ސުނީތާއާއި ކުޑަކުޑަ އިމްނާ ރާޖިހް މެންގެ ގެއަށް އައުމަށް ދައުވަތު ދިނެވެ. އެ މެހެމާންދާރީއާއި، އިމްނާއަށް ދިން ލޯތްބާއެކު، އާއިލާގެ ހިތްތަކުން ހުރިހާ ހުރަހެއް ފިލައިގެން ދިޔައެވެ.
“ދަރިފުޅުމެން ކައިވެނީގެ ތާރީޚު ކަނޑައަޅައިފިންތަ؟” ރާޖިހްގެ މަންމަ ހިނިތުންވެލަމުން އެހިއެވެ. “އަންނަ މަހަށް ލަސްނުކޮށް އަވަހަށް ނިންމަމާ.”
ކުޑަ އިމްނާ ދުވެފައި އައިސް ސުނީތާގެ އަތުގައި ހިފާލަމުން އެހިއެވެ. “މަންމާ، އަހަރެންވެސް އެ ޕާޓީއަށް ދާނަންތަ؟”
“އާނ ދޫނީ، ދަރިފުޅު ހުންނާނީ ހަމަ މަންމަގެ އެންމެ ކައިރީގަ،” ސުނީތާ ލޮލުން ފޭބި އުފާވެރިކަމުގެ ކަރުނަތައް ފޮހެލަމުން ދަރިފުޅު އުރާލިއެވެ.
ރާޖިހް އައިސް ސުނީތާގެ ގާތުގައި ހުއްޓި، ޔަޤީންކަމާއި ލޯތްބާއެކު އޭނާގެ އަތުގައި ހިފާލިއެވެ. މުޖުތަމަޢުގެ ފާޑުކިޔުންތަކާއި، އާއިލީ ހުރަސްތަކާއި، ދިރިއުޅުމުގެ ބުރަ ތަކުލީފުތަކުގެ މައްޗަށް އެންމެ ފަހުން ތެދުވެރި ލޯތްބާއި ކެތްތެރިކަން ކުރިހޯދިއެވެ.
އެތައް އަހަރެއް ވަންދެން ހިތާމައާއި އެކަނިވެރިކަމުގައި ހޭދަކުރި ދުވަސްތަކަށްފަހު، ސުނީތާގެ ހަޔާތަށް އުފާވެރިކަމުގެ އައު ފަތިހެއް އަލިވިލުނެވެ. އެއީ ދެ ހިތެއްގެ ގުޅުމަށްވުރެ ބޮޑަށް، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ހިތްވަރުދީ، ދިރިއުޅުމުގެ ހުރިހާ އިމްތިހާނަކުން އެކުގައި ފާސްވި ދެމީހުންގެ ވަރުގަދަ ބަދަހި ގުޅުމެކެވެ.
(ނިމުނީ)
