ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެމްކޯ އާއި ޕޮލިސް ދެވަނަ މެޗުން މޮޅުވެއްޖެ
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި ޕޮލިސް ކުލަބާއި ކުލަބް ވެމްކޯ ދެވަނަ މެޗުން މޮޅުވެއްޖެ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިޔަށްދާ މި މުބާރާތުގެ ދެ މެޗު އިއްޔެ އާއި ރޭ ވެސް ވަނީ ކުޅެފަ އެވެ.

އިއްޔެ ހަވީރު ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބް ވެމްކޯ ބައްދަލުކުރި މެޗަކީ ލީގުގެ ފަސްވަނަ މެޗެވެ. އަދި ސިޓީ ފްރެންޑްސް އާއި ޕޮލިސް ކުލަބް ރޭ ބައްދަލުކުރި މެޗަކީ ލީގުގެ ހަވަނަ މެޗެވެ.

ހުރާ އާއި ވެމްކޯ މެޗަށް ނުކުތްއިރު ދެ ޓީމު ވެސް ވަނީ ކުރިން އެއް މެޗު ކުޅެފަ އެވެ. ވެމްކޯ ކުރިން ކުޅުނު މެޗު ސިޓީ ފްރެންޑްސްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދި ނަމަވެސް، ޕޮލިސް ކުލަބާއި ބައްދަލުކޮށް ހުރާ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ލީގުގައި ކުރިޔަށް ދިއުމަށް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް މި މެޗުގައި ހުރާގެ ފަރާތުން ކުރީ މެޗަށްވުރެ ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ވެމްކޯގެ މައްޗަށް ގަދަވެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ފުރަތަމަ ސެޓް 18-25 އިން ވެމްކޯ ހޯދި ނަމަވެސް ދެވަނަ ސެޓްގައި ވެމްކޯއަށް ވަނީ އުނގަދޫތަކެއް ކުރިމަތިވެފަ އެވެ. ކުރީ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ސެޓްގައި ދެއްކި ހުރާއިން ވަނީ 22 ޕޮއިންޓް ވެމްކޯއަށް ދިނުމަށްފަހު ސެޓް ގެންގޮސްފަ އެވެ. ތިންވަނަ ސެޓް ވެގެން ދިޔައީ އެންމެ ތަފާތު ސެޓަށެވެ. ކުރިން ދެ ސެޓްގައި ދެއްކި މޮޅު ކުޅުން އެއްވެސް ވަރަކަށް ނުދެއްކުނު މި ސެޓް ހުރާއަށް ގެއްލުނީ 10 ޕޮއިންޓާއިއެކު އެވެ. ހަތަރުވަނަ ސެޓްގައި ހުރާއިން ވަނީ ކުޅުން ރަނގަޅުކޮށް ވެމްކޯއަށް އުނދަގޫތަކެއް ކުރިމަތި ކުރުވާފަ އެވެ. މި ސެޓް ވެމްކޯ ކާމިޔާބުކުރީ 22-25 އިން ނެވެ.

މިވެސް ކިޔާލަން:  އެމްޓީސީސީ އާއި ޕޮލިސް ފެށީ މޮޅަކުން

މުބާރާތުގެ ހަވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ސިޓީ ފްރެންޑްސް ކުލަބެވެ. ކުރިން ކުޅުނު ދެ މެޗުން ބަލިވެފައިވާ ސިޓީ ފްރެންޑްސް ކުލަބާއި، ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފައިވާ ޕޮލިސް ކުލަބްގެ ކުރިމަތިލުން ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ.

މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ސިޓީ ފްރެންޑްސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ރަނގަޅު ވާދައެއް ކުރެވޭގޮތެއް ނުވި އެވެ. މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 14-25 އިން ނެވެ. ފުރަތަމަ ސެޓްގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ސެޓްގައި ސިޓީ ފްރެންޑްސްއިން ދެއްކި އެވެ. އަދި ސެޓްގައި ބައެއް ފަހަރު ލީޑު ވެސް ހޯދި ނަމަވެސް ސެޓް ކާމިޔާބު ކުރެވޭގޮތެއް ނުވި އެވެ. މި ސެޓް ޕޮލިސް ކާމިޔާބުކުރީ 19-25 އިން ނެވެ. ސެޓަކަށްވުރެ ސެޓެއް ކުޅުން ރަނގަޅުކޮށް ތިންވަނަ ސެޓްގައި ސިޓީ ފްރެންޑްސްއިން ލީޑު ހޯދައި ގިނަ ވަގުތު ލީޑުގައި ވެސް އޮތެވެ. ފަހަތުން އަރައި ޕޮލިސް ކުލަބް މި ސެޓް ކާމިޔާބުކުރީ 22-25 އިން ނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top