އަނާން ލައިބްރަރީއަށް ވަނީ އެތަނުގައި އެ އަންހެންކުއްޖާ އިނދެދާނެކަމަށް ބަލައިގެން ނެވެ. މުޅި ތަން ބެލުނުއިރު ވެސް އޭނާއެއް ނުފެނުނެވެ. އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ އެހެން ފަރާތަކުން ނެވެ. އަނާންގެ ހިތް ބުނަނީ އޭނާ އަންނާނެ ކަމަށެވެ. ފޮތެއް ހިފައިގެން އައިސް މޭޒެއް ކައިރީ އިށީން އަނާންގެ ލޮލުގެ އަމާޒަކީ އެތަނަށް ވަންނަން ހުންނަ ދޮރެވެ. އެތަނަށް އޭނާ ވަދެއްޖެނަމަ އަނާނަށް ފެންނާނެ އެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަ އެވެ.
އަނާންގެ ހިތަށް ލިބުނު ހަމަޖެހުމާއިއެކު މޭގައި ފިރުމާލެވުނެވެ. ހިތާހިތުން ޙަމްދު ކުރެވުނެވެ. އެ އަންހެންކުއްޖާ އައީ އިރުކޮޅެއް ފަހުން ނެވެ. އަނާންގެ މިސްރާބު ބަދަލުވި އެވެ.
ބޭނުންވި ދެ ފޮތެއް ހިފައިގެން އައިސް މޭޒު ކައިރީ އެ އަންހެންކުއްޖާ އިށީނުމުން އަނާން ވެސް ގޮސް އެތަނުގައި އިށީނެވެ. އެއީ މޭޒުގެ އަނެއް ފަރާތުން އޭނާއާ ވީ ދިމާ އެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަ އެވެ. އެ އަންހެންކުއްޖާއާ ވާހަކަ ދައްކަން އަނާން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އަނާންގެ ވާހަކަތަކަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދިނެވެ.
އަނާންގެ ހިތުގައި އޭނާއާމެދު އޮތް ސަމާލުކަން އިތުރުވި އެވެ. އެވަރަށް ވާހަކަ ދައްކާއިރު ވެސް އޭނާއާ ވާހަކަ ދައްކަން އެ އަންހެންކުއްޖާ ބޭނުންނުވާ ސަބަބު އޮޅުންފިލުވަން އޭނާގެ ހިތް ނުހަނު ބޮޑަށް އެދުނެވެ.
ނަމާދު ވަގުތު ޖެހުމާއިއެކު އެ އަންހެންކުއްޖާ ތެދުވި އެވެ. އޭނާ ގެންގުޅުނު ނޯޓްފޮތް ދަބަހަށް ލުމަށްފަހު، ލައިބްރަރީ ފޮތްތައް ރެކަށް ލައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހިނގައިގަތް އަނާން އޭނާއާ ވާހަކަ ދައްކަން މަސައްކަތްކުރި އެވެ. އެކަމަށް އޭނާ ސަމާލުކަމެއް ނުދިން ނަމަވެސް އަނާން އޭނާގެ ފަހަތުން ދިޔަ އެވެ.
އިއްޔެ އަޞްރު ނަމާދަށް އަނާން އެރީ އެ އަންހެންކުއްޖާ ބުނެގެން ނަމަވެސް، މިއަދު އަނާން މިސްކިތަށް އެރީ އޭނާ ބުނެގެނެއް ނޫނެވެ.
މިސްކިތުން ފޭބި ގަޑީ އަނެއްކާ ވެސް އަނާން އޭނާއާ ބައްދަލުކުރި އެވެ. އެންމެ ކުޑަމިނުން ނަން ނަމަވެސް ބުނެލުމަށް އެދުނެވެ.
“ވާހަކަ ދައްކާނީ އަނގައިން. އަތާއި ފަޔަކުން ނޫން. ކަލޭގެ ކިބައިން އަހަރެންނަށް ފެނުނު، އެހެން ޕާޓޭންގެ ފަރާތުން ނުފެންނަ ވަރަށް ރީތި ސިފައެއް އެއީ. ކުރިމަގުގައި ވެސް އެހެން ހުންނާނެކަމަށް އުންމީދުކުރަން. އަހަރެންގެ ނަން އަދި ބުނާނަން. އިރާދަކުރެއްވިއްޔާ ކަލެއާއެކު ކޮފީއަކަށް ވެސް ދާނަން. އެކަމު ކަލެއާއެކު ހިނގާފައެއް އަދިއެއް ނުދާނަން.” އެ އަންހެންކުއްޖާ މިސްރާބު ޖެހީ ޗާންދަނީމަގާއި ދިމާއަށެވެ. ޓެކްސީއެއް ލިބުމާއިއެކު ޓެކްސީއަށް އަރައިގެން އޭނާ ނައްޓާލި އެވެ.
ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުރި އަނާނަށް ހޭވެރިކަންވީ މީހަކު ގޮވާލުމުން ނެވެ. އަވަސްއަވަހަށް ވަށައިގެން ހޯދާލިއިރު، މުހީތު އާއި އަދީބު އެދިމާއަށް އަންނަނީ އެވެ.
“ބުނިގޮތް ހެދީމަ ވެސް އަތުގައި ޖެހޭ ގޮތެއް ނުވި ދޯ؟ އެހެންވެ ފުރަތަމަ ވެސް މަ ބުނީ އެކަމާ ވައި ވެސް ނޭޅޭށޭ.” އައިގޮތަށް އައިސް ކައިރިއަށް ހުއްޓެމުން އަދީބު ވާހަކަ ދެއްކި އެވެ. އޭނާ ހިތުން އޭނާ ދިނީ ނަސޭހަތެވެ.
“ހިނގާ ކޮފީއެއް ބޯލަން. ރޭ ވެސް ހާދަވަރަކަށް ގުޅީމޭ. ކޮންތާކުތަ އުޅުނީ؟ މެލީ ވެސް ބުނި ގުޅާނަމޭ ކިޔާފަ ނުވެސް ގުޅައޭ. އޭނަ ގުޅީމަ ފޯނެއް ވެސް ނުނަގަޔޯ. މެސެޖް ކުރީމަ މެސެޖަށް ޖަވާބެއް ވެސް ނުދެޔޯ. އެގޮލާ ހުރީ ވަރަށް ކަޑަވެފަ.” އަނާންގެ ކޮނޑަށް އަތް ވައްޓާލުމުން މުހީތު ހިނގައިގަތުމާއިއެކު އަދީބް ވެސް ހިނގައިގަތެވެ.
އަނާންއަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ޒަމާނަށް އެންމެ އެކަށީގެންވާ ޢިލްމާއި ހިލްމު ހުރި ޒުވާނެކެވެ. އޭނާގެ އުޅުމަށް އައި ކުއްލި ބަދަލު އައީ އޭނާއާ ދިމާވި ރައްޓެހިންނާއި ރައްޓެހި ވެވުނު އަންހެންކުދިންގެ ސަބަބުން ނެވެ. އެމީހުން ބޭނުންވީ އަނާންގެ ތަނަވަސް ދިރިއުޅުމުން އެމީހުންގެ އުފަލާއި ހިތްހަމަޖެހުން ހޯދާށެވެ. އެކަމަށްޓަކައި ވާން ޖެހުނު ޤުރުބާނީ އެ އަންހެންކުދިން ވީ އުފަލުން ނެވެ. އުފަލާއި ހިތްހަމަޖެހުމާއިއެކު ވެސްމެ އެވެ.
މައިންބަފައިން ދިން ނަސޭހަތް އަނާނަށް ކަމަކު ނުދިޔަ އެވެ. އެވާހަކަތައް އަޑުއެހުން އޭނާއަށް މުހިންމެއް ނުވި އެވެ. އެކަމަށް ހޭދަކުރާނެ ވަގުތެއް ވެސް އޭނާއަކަށް ނުވި އެވެ. ޢާއިލީ ގުޅުން ދުވަހަކަށްވުރެ ގޯސްވެ އެއްކޮށް ކަހަލަ ގޮތަކަށް ކެނޑުނެވެ. އެއިން އެއްވެސް ކަމެއް އަނާނަށް މުހިންމު ނުވާވަރަށް އޭނާ ހުރީ އެހެން ކަމަކަށް ހުސްވެފަ އެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔަ އެވެ. އެ އަންހެންކުއްޖާގެ ސަބަބުން އަނާންގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. އަބަދުހެން ގެއިން ބޭރުގައި އުޅުނު އަނާން ގޭގައި ހޭދަކުރާ ވަގުތު އިތުރުވި އެވެ. ނަމާދަށް ދިއުމާއި ޤުރުއާން ކިޔެވުން ފަދަ ކަންކަމަށް ބޮޑު އިސްކަމެއް ދޭން ފެށި އެވެ. ކުރިން ގެންގުޅުނު ރައްޓެހިން ދޫކޮށްލައި ދުންފަތާއި ވެސް ދުރުވި އެވެ.
އަނާން އާއި އޭނާގެ ބައްޕަ އިބާދުގެ މެދުގައި އަނެއްކާ ވެސް ގާތްކަމެއް އުފެދުނެވެ. ބައްޕަގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުންދީ އިތުބާރު ހޯދި އެވެ. ބައްޕަގެ ވިޔަފާރި ކަންކަމުގައި އަނާން އެހީތެރިވާން ފެށުމާއިއެކު ބައްޕައަށް ލުއިވެ، ވިޔަފާރީގެ ކުރިއެރުން ފެންނަން ފެށި އެވެ.
އަނާންގެ އުޅުމަށް އައި ކުއްލި ބަދަލާއިމެދު އެންމެ ބޮޑަށް ވިސްނި މީހަކީ އޭނާގެ މަންމަ ސުމީތާ އެވެ. އަނާނަށް އައި ހެޔޮ ބަދަލާއިމެދު އޭނާ އުފާކުރި އެވެ. ހެއްދެވި ފަރާތަށް ހާސްފަށުން ޝުކުރު އަދާކުރި އެވެ. ރެއާ ދުވާލުގެ އެތައް ވަގުތެއް އަނާނަށްޓަކައި ހުސްކުރި ސުމީތާއަށް ނުހޯދުނު ކާމިޔާބެއް ކުއްލިއަށް ހޯދި މީހަކީ ކާކުތޯ ބަލަން އޭނާ ބޭނުންވި އެވެ.
އަނާން ގެއަށް އައިއިރު ދިހައެއް ޖަހަން ކައިރިވެއްޖެ އެވެ. އަންނައުނު ބަދަލުކޮށްލައިގެން އައިސް ނިދަން ޖައްސާލި ވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވި އެވެ. އަވަސްއަވަހަށް ތެދުވެގެން ގޮސް އޭނާގެ އަތްދަބަސް ހުޅުވާލި އެވެ. ދަބަސް ތެރެއިން އެ ފޮތް ނެގިއިރު، އަނާންގެ ކިބައިން ފެނުނީ ހިތްހަމަޖެހުމެވެ. އޭނާގެ ކާމިޔާބުގެ އުފާވެރިކަމެވެ.
ފޮތް ހިފައިގެން އައިސް އަނާން އެނދުގައި ޖައްސާލި އެވެ.
“އަހަރެންގެ ނަމަކީ އާއިޝަތު ސުވައިލާ.. އަހަރެންގެ އުމުރަކީ 22 އަހަރު. ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެންމެ ރަނގަޅަށް ނުކިޔެވުނު ނަމަވެސް އަހަރެންނާއިމެދު އަހަރެންގެ މާމަ ހިތްހަމަޖެހޭވަރުގެ ނަތީޖާއެއް ހޯދުނު. އަލްޙަމްދުލިﷲ.. އަހަރެންގެ ބައްޕައަކީ ކާކު ކަމެއް އަހަރެންނަކަށް ނޭނގޭ. ދުވަހަކު ވެސް ދިމައެއް ނުވޭ. އޭނާގެ އެހީތެރިކަމެއް ނެތި އުޅެން ޖެހުމުން ކުޑައިރު ވަރަށް އުނދަގޫވި. މާމައަށް ލިބޭ ޕެންސަން ފައިސާއިން އަހަރެމެން ތިން މީހުންގެ ޚަރަދުގެ އިތުރުން ގޭގެ ހުރިހާ ޚަރަދެއް ކުރަން ޖެހުމުން އަތްމަތި ވަރަށް ދަތި. ބައްޕަ ހޯދަން އޭރު ވަރަށް މަސައްކަތް ކުރިން. އެކަމެއް ކާމިޔާބެއް ނުވި. އެވާހަކަ ދައްކާކަށް މަންމަ އާއި މާމަ ބޭނުމެއް ނުވި. އެ ވާހަކަތައް ދެއްކުން ފަހުން ހުއްޓާލީ އެހެންވެ.
އަހަރެންގެ އުމުރުން ހަތް އަހަރުގައި މަންމަ ނިޔާވެއްޖެ. އޯލެވެލް ނިންމާލުމަށްފަހު އޭލެވެލްއަށް ކިޔަވަން މާލެއަށް ބަދަލުވީ އެއަށްވުރެ ފަސޭހަ ގޮތެއް ނެތިގެން.. ފަސޭހައޭ ބުންޏަސް ފަސޭހައެއް ނޫން.. މާމަގެ ރައްޓެއްސެއްގެ އެހީގައި މާލޭގައި ހުރެވޭގޮތް ހަމަޖެހުނު. ކިޔެވުމާއިގެން ހިންދެމިނުލެވި އުޅެނިކޮށް މާމަ ނިޔާވެއްޖެ. އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް މީހަކު ނެތް. ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނު. އަބަދުވެސް ހަނދާނުގައި ހުންނަކަމެއް އޮވޭ. އެއީ އަހަރެންނާއިމެދު އަހަރެންގެ މަންމަ އަދި މާމަ ފަޚުރުވެރިވާނެ ފަދަ ދަރިއަކަށްވުން. އަހަރެން ހިތްވަރު ހޯދީ އެކަމުން. ކުލާހަށް ދަމުން، ގޭގައި މަސައްކަތްކުރަމުން، ވަޒީފާއަކަށް ދާން ޖެހުނު. ކިޔެވުމަށް ބޭނުންވާ ޚަރަދުގެ އިތުރުން އަމިއްލަ ކަންކަމަށް ޚަރަދުކުރާނެ ފައިސާ ހޯދަން ޖެހުނު. ގެއަށް ކުލި ދޭން ޖެހުނު. އެކަމު ހިތްވަރު ދޫކޮށެއް ނުލަން. ކަންތައްތައް ހުރިގޮތުން މިވަގުތު މިހެން އުޅެން ޖެހުނަސް ފަހުން، ރަނގަޅު ވާނެކަމަށް ކުރާ އުންމީދު ނުހަނު ބޮޑު.
ވަޒީފާއެއް ހޯދަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު. އަހަރެންނަށް ދެވޭ ވަގުތާއި ވަޒީފާ ދޭން ބޭނުންވާ މީހާ ބޭނުންވާ ވަގުތު ދިމާވާ ތަނަކާއި ދިމައެއް ނުވި. އުންމީދު ދޫކޮށެއް ނުލަން. ވަގުތެއް ނެތް. ހުކުރު ދުވަހު ހަވީރު ވެސް އެ މަސައްކަތުގައި ނުކުތިން. އޭނާއާ އަހަރެން ދިމާވީ އެދުވަހު. އެއީ ކުޑަވަރެއްގެ ފިހާރައެއް. ވަޒީފާއަކަށް އެދި އަހަރެން ކުރި އާދޭހަށް އޭނާ އިޖާބަ ދިން. އަހަރެންގެ ހާލަތަށް ހަމްދަރުދީވި. ރަނގަޅު މުސާރައަކާއިއެކު ވަޒީފާއެއް ދިން.”
ސުވައިލާ ދިން ފޮތުގައިވާ އެ ލިޔުންކޮޅުތައް އަނާން އެތައް ފަހަރަކު ކިއެވެ. އެކަމާއިމެދު ވިސްނަން އެތައް ވަގުތެއް ހޭދަކުރި އެވެ.
ދުވަސްތައް މާޒީގެ ޞަފުހާތަކާއި އެކުވަމުންދިޔައިރު އަނާން އާއި ސުވައިލާގެ މެދުގައި އޮތް ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއް ގާތްވެ ބަދަހިކަން އިތުރުވަމުން ދިޔަ އެވެ. ލިބުނު ފުރުސަތާއިމެދު އުފާކުރަމުންދިޔަ އަނާން އިންތިޒާރުކުރަމުން ދިޔައީ އޭނާގެ މަންމަ އެދުނު ފަދައިން މަންމައާ ބައްދަލުކުރަން ސުވައިލާ ގެންދެވޭނެ ދުވަހަކަށެވެ.
ދުވަހުގެ މެންދުރު ފަހެވެ.
ސުވައިލާއާ އަނާން ބައްދަލުކުރީ ސުވައިލާ ކޯސް ނިމުނު ދުވަހުގެ ހަވީރު އެވެ.
އަނާން އެދުނު ފަދައިން އޭނާއާއެކު އޭނާގެ މައިންބަފައިންނާއި ބައްދަލުކުރަން ދާނެކަމަށް ބުނެފައިވާ ސުވައިލާ އެރޭ، އަނާންއާއެކު އެގެއަށް ދާން އެއްބަސްވި އެވެ.
ދިހަ ފަންގިފިލާއަށް ވާގޮތަށް އިމާރާތްކޮށްފައިވާ ބޮޑު އެ ގެ ފެނުމާއިއެކު ސުވައިލާއަށް ލިބުނީ ހައިރާންކަމެވެ. ގުރައުންޑާއިއެކު ޖެހިގެން ހުރި ފަންގިފިލާ ވިޔަފާރިއަށް ހުސްކޮށްފައި ހުރިއިރު ތިންވަނަ ފަންގިފިލާ ހުރީ އޮފީސް ބައެއް ކަހަލަ ގޮތަކަށެވެ.
ޤަބޫލުކުރަން ދަތިވެފައި ކަހަލަ ގޮތަކަށް ސުވައިލާއަށް ހުރެވުނީ އެވެ. އަނާންއަކީ އެވަރުގެ ތަނަވަސްކަމެއް ލިބިފައިވާ ޢާއިލާއެއްގެ މެންބަރެއްކަމެއް ސުވައިލާއަކަށް ނޭނގެ އެވެ. އެފަދަ ކަމަކާއި ސުވައިލާ ނުވެސް ވިސްނަ އެވެ.
ލިފްޓަށް އަރައިގެން ސުވައިލާ ގޮވައިގެން އަނާން ދިޔައީ އަށްވަނަ ފަންގިފިލާއަށެވެ. އެޕާރޓްމަންޓަށް ވަތްއިރު، ސިޓިންގރޫމްގައި މެދު އުމުރުގެ އަންހެނަކު އިނެވެ.
“ނަތީ..ހާ.. ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟ ކަލޭ ކައިރީ ބުނީމެއްނު ދުވަހަކު ވެސް އަހަރެން ފެންނަ ހިސާބަށް އައިސްގެން ނުވާނެއޭ. ކަލޭގެ ސޫރަ ދެކޭކަށް ވެސް އަހަރެން ބޭނުމެއް ނޫނޭ.” ސުވައިލާ ފެނުމާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް ސުމީތާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާއާ ދިމާއަށް ސުމީތާ އައީ ވައިރޯޅިއެއްހާ ހަލުވި މިނުގަ އެވެ.
“މަންމާ! ހަމަޖެހިބަލަ. މިއީ ނަތީހާއެއް ނޫން.. މިއީ ސުވައިލާ! އަހަރެންގެ ރައްޓެއްސެއް. ވަރަށް ރަނގަޅު ކުއްޖެއް މިއީ.” އަނާން މަސައްކަތްކުރީ ސުމީތާ ހަމައަކަށް އަޅުވާށެވެ.
ފެނުނު މަންޒަރާއި އިވުނު އަޑުތަކާއިއެކު ސުވައިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިތުގެ ހިނގުމާއިއެކު ހަރަކާތް ހުސްވެ މީހާ ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ހުރި ސުވައިލާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.
“އެއީ ރަނގަޅު މީހެއް ނޫން.. އޭނާއާ ދުރުވޭ. އޭނާ އެއައީ ދަރިފުޅުގެ މުއްސަނދިކަމާއި ތަނަވަސްކަން ފެނި އެކަމުގެ ބޭނުމުގަ.. އޭނާގެ މަންމަ ވެސް އުޅުނީ..” ސުމީތާ ދައްކަން ފެށި ވާހަކަ ނުނިމެނީސް ސުވައިލާ ވާހަކަ ދައްކަން ފެށުމުން ސުމީތާ ހުއްޓާލި އެވެ.
“މަންމައާ ނުބެހި އަޅުގަނޑާއި ދިމާއަށް ކިޔާ އެއްޗެއް ކިޔާ.. އަޅުގަނޑު މިއައީ އަނާންގެ ތަނަވަސްކަން ފެނި އެކަމުގެ ބޭނުމުގައެއް ނޫން.. އަނާންއަށް ތިޔަ ބުނާވަރުގެ ތަނަވަސްކަމަކާއި މުއްސަނދިކަމެއް ލިބިފައިވާކަމެއް އަޅުގަނޑަކަށް ކުރިއަކުން ނުވެސް އެނގޭ. އަދި އަޅުގަނޑާއި އަނާންގެ މެދުގައި އޮތް ރަހުމަތްތެރިކަމެއް ފިޔަވާ އެހެން ކަމެއް ނުވެސް ނެތް.. ވަރަށް ބޮޑަށް މަޢާފަށް އެދެން. އަނާން އަހަރެން ދެން ދަނީ.” ކިތަންމެ ހިތްވަރު ކުރި ނަމަވެސް، ވާހަކަ ދެއްކުމަކީ ސުވައިލާއަށް ފަސޭހަ ކަމަކަށް ނުވި އެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން ސުވައިލާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ.
“އަވަހަށް ދޭ.. ގޮސް މަންމަ ކައިރީ ބުނޭ.. އެކަން ކާމިޔާބެއް ނުވިއޭ.” ސުވައިލާގެ ދެފައި ތަޅުލެވުނު ކަހަލަ އެވެ. ކުއްލިއަކަށް ހުއްޓެވުނެވެ.
(ނުނިމޭ)
