ދިވެހި ސަގާފީ މިއުޒިކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ ބޮޑުބެރު ޗެލެންޖުގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ދެވަނަ ފަހަރަށް “1438 ބޮޑުބެރު ގްރޫޕް” އިން ކާމިޔާބުކޮށްފިއެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ވެސް ޗެމްޕިއަނަކީ ހަމަ މި ގްރޫޕެވެ.
މި މުބާރާތަކީ މިދިޔަ އޮކްޓޫބަރު މަހުގެ 25 އިން ނޮވެމްބަރު މަހުގެ 2 އަށް ކުރިއަށްދިޔަ އެކްސްޕޯގެ ހަވާސާގައި ބޭއްވުނު މުބާރާތެކެވެ. ޖުމްލަ 10 ޓީމަކުން ވާދަކުރި މި ޗެލެންޖުގެ ފޯރިގަދަ ހުށަހެޅުންތައް ކުރިއަށް ގޮސްފައިވަނީ އޮކްޓޫބަރު 26 އިން ފެށިގެން ނޮވެމްބަރު 1 ގެ ނިޔަލަށެވެ.
މުބާރާތުގެ ހުރިހާ ހަރަކާތްތަކެއް ނޮވެމްބަރު 1 ގައި ނިމުނު ނަމަވެސް، ޓީމުތަކުން އިންތިޒާރު ކުރަމުންދިޔަ މުބާރާތުގެ ވަނަތަކާއި ރަސްމީ ނަތީޖާ އިޢުލާންކޮށް، ތަށި ހަވާލުކުރުން އޮތީ ހޯމަ ދުވަހުގެ ރޭ (2 ނޮވެމްބަރު) އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ރާއްޖޭގެ ފާހަގަކޮށްލެވޭ އެތައް ބޮޑުބެރު ގްރޫޕަކާ ވާދަކޮށް، 1438 ބޮޑުބެރު ގްރޫޕުން ވަނީ ފުރިހަމަ ހުށަހެޅުންތަކަކާއެކު މިފަހަރު ވެސް އެއްވަނަ ދިފާޢުކޮށްފައެވެ. އަދި އެ ގްރޫޕަކީ ރާއްޖޭގެ ބޮޑުބެރުގެ ދާއިރާގައި ފަހަކަށް އައިސް އެންމެ ވިދުންގަދަ، އަދި ކާމިޔާބު އެއް ގްރޫޕްކަން ވަނީ ސާބިތުކޮށްދީފައެވެ.
