ނައިރާ އޭނާގެ އަސްލު އަމާންއަށް ހާމައެއް ނުކުރެއެވެ. އެކަން އެގޮތަށް ކޮށްފިނަމަ އަމާން ނުރައްކަލަކަށް ހުށަހެޅިދާނެކަން އޭނާއަށް އެނގެއެވެ. އޭގެ ބަދަލުގައި، އޭނާގެ ބާރުގެ ދަށުގައި ހުރި މަދު ވަސީލަތްތަކުގެ ބޭނުން ހިފައިގެން ހިމޭންކަމާއެކު މަސައްކަތް ފެށިއެވެ.
އޭނާގެ އިތުބާރު ހިފޭ ކުރީގެ އެކުވެރިއެއް މެދުވެރިކޮށް، މީގެ އަހަރުތަކެއް ކުރިން އޭނާގެ ބައްޕަ އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެއް އަލުން ހަރަކާތްތެރި ކުރުވިއެވެ. އެ ކުންފުނި މެދުވެރިކޮށް “އާޑަން ކެޕިޓަލް” ގެ އިންވެސްޓްމަންޓް ކޮމިޓީއާ ގުޅައި، ރަޝީދު ހޯލްޑިންގްސްގެ މިނިވަން ދިރާސާއެއް ހެދުމަށް މަގުފަހި ކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ކުންފުނި އަލުން ތަރުތީބުކޮށް ހިންގުމުގެ އެއްބަސްވުމެއް އެކުލަވާލެވުނެވެ. މި އެއްބަސްވުމުގެ ދަށުން ކުއްލި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދަރަނިތައް މުރާޖައާ ކުރުމާއި، އަދި އާ އިންވެސްޓަރުން ހޯދުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.
މިކަމާ އަމާން ހައިރާންވިއެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭނާއަށް އުންމީދުގެ އަލިކަމެއް ފެނުނެވެ. މި ކުރިއެރުންތަކުގެ ފަހަތުގައި ހުރީ އޭނާގެ އަނބިމީހާކަން ނޭނގި ހުރެ، އެއްބަސްވުން ކާމިޔާބު ކުރުމަށް އޭނާ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރިއެވެ.
އެއްރޭ އަމާން ގެއަށް އައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމަކާއެކުގައެވެ. “އަހަރެމެންނަށް ފުރުސަތެއް ލިބިއްޖެ.” އޭނާ އިޢުލާން ކުރިއެވެ.
ނައިރާ ކިޔަން އިން ފޮތުން ނަޒަރު ވަކިކޮށްލަމުން ބަލާލިއެވެ. “ކިހިނެއްވީ؟”
“އާޑަން ކެޕިޓަލްއިން އިންވެސްޓްކުރަން އެއްބަސްވެއްޖެ. ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ގޮސްފިނަމަ، އަހަރެމެންނަށް ކުންފުނި ސަލާމަތް ކުރެވޭނެ.”
ނައިރާ ހިނިތުންވެލިއެވެ. “އަލްހަމްދުލިﷲ.”
އަމާން އޭނާގެ ކައިރީގައި އިށީނެވެ. “މިކަން ކާމިޔާބުކޮށްދިން މީހުންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭނގެ.”
ނައިރާ އިސްޖަހާލިއެވެ. “ބަދަލުގައި އެ ކުންފުންޏަކީ ހަޤީޤަތުގައިވެސް ސަލާމަތްކުރަން ޙައްޤު ތަނަކަށް ހެދުމަށް މަސައްކަތްކުރޭ.”
އަމާން ހީނލިއެވެ. “ކޮންމެ ކަމަކަށްވެސް ދޭނެ ޖަވާބެއް ކަލޭގެ އަތުގައި އޮވޭ.”
ނަމަވެސް ޖެހިގެން އައި ހަފުތާގައި ކަންތައްތައް އުނދަގޫވާން ފެށިއެވެ. ރަޝީދު ހޯލްޑިންގްސްގެ އިސް ވެރިއަކަށް، ކުންފުނީގެ މާލީ މުއާމަލާތްތައް މީހަކު ސިއްރިއްޔާތުގައި ތަހުޤީޤު ކުރަމުންދާކަން އެނގުނެވެ. އޭނާގެ ނަމަކީ ފަޒީލެވެ. އޭނާއަކީ އަމާންގެ ބައްޕައާއެކު ފަނަރަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށް، ކުންފުނީގެ ހުރިހާ ސިއްރުތަކެއް ދަންނަ މީހެކެވެ. މީގެ އިތުރުން، ކުންފުނީގައި ހިންގާފައިވާ ބައެއް ޚިޔާނާތްތަކުގައި އޭނާ ބައިވެރިވެފައިވެއެވެ.
މި އާ މަރުހަލާގެ ސަބަބުން އޭނާގެ ކުށްތައް ފަޅާއަރައިފާނެކަމުގެ ބިރު ހީވުމުން، އިންވެސްޓްމަންޓް ހުއްޓުވުމަށް އޭނާ މަސައްކަތް ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން، އަމާންއަށް އެހީތެރިވަމުންދާ ސިއްރުވެރި އަންހެނާއަކީ އާޑަން ކެޕިޓަލްގެ މީހަކާ ގުޅުން އޮތް މީހެއްކަން އޭނާއަށް އެނގުނެވެ. އަދި ނައިރާގެ ފޮޓޯއެއް ފެނުމާއެކު، ފަޒީލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ނައިރާ ދަނެއެވެ. މީގެ އަހަރުތަކެއް ކުރިން ބޭއްވި ވިޔަފާރި ބައްދަލުވުމެއްގައި، އިބްރާހީމް އާޑަންގެ ހަމައެކަނި ދަރިފުޅުގެ ގޮތުގައި ނައިރާ ތައާރަފުކުރި މަގާމުގައި އޭނާ ހުއްޓެވެ.
އޭނާ ވަގުތުން ކަރީމް އާޑަންއަށް ގުޅިއެވެ. “އެ އަންހެން ކުއްޖާ ދުނިޔޭގައި އެބަހުރި.” އޭނާ ބުންޏެވެ.
ފޯނުގެ އަނެއްކޮޅުން އިރުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. “ޔަގީންތަ؟”
“މުޅިން ޔަގީން.”
“ކޮންތާކު؟”
“މާލޭގައި ދިރިއުޅެނީ. އޭނާ އިނީ އަމާން ރަޝީދާ އިނދެގެން.”
ކަރީމް މަޑުމަޑުން ހީނލިއެވެ. “ޝައުޤުވެރި ކަމެއް.”
އެއަށްފަހު އޭނާގެ އަޑު ބަދަލުވެ، ހަރުކަށިވިއެވެ. “އޭނާއަށް އެނގެނީ ކިހާވަރަކަށްތޯ ބަލާ.”
*****
އާންމުންގެ ފުރަތަމަ ހަމަލާ އަމާޒުވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ވަކި ފަރާތެއް ހާމަނުކުރާ އެކައުންޓަކުން، ނާއިރާ ކައިވެނީގެ ކުރިން ނަގާފައިވާ ބައެއް ފޮޓޯތައް އާންމުކުރިއެވެ. އޭގެ ތެރޭގައި އޭނާ ކެފޭއެއްގެ ބޭރުގައި އިށީނދެގެން އިން މަންޒަރާއި، ބާޒާރުކޮށްގެން ކޮތަޅުތަކެއް ހިފައިގެން ހިނގާފައިދާ މަންޒަރު ފެންނަ ފޮޓޯތައް ހިމެނެއެވެ. އެ ފޮޓޯތަކާއެކު ލިޔެފައިވާ އިބާރާތްތަކަކީ ގަސްދުގައި މީހާ ދަށުކޮށްލުމަށް ލިޔެފައިވާ ހަރުކަށި ބަސްތަކެކެވެ.
“ބޯހިޔާވަހިކަމެއް ލިބުނު ކޮންމެ ތަނެއްގައި ނިދައި އުޅުނު ހާލު، މި ޤައުމުގެ އެންމެ މުއްސަނދި އެއް އާއިލާގެ ތެރެއަށް ކައިވެނިކޮށްގެން ވަދެއްޖެއެވެ. ބައެއް އަންހެނުންނަށް މުޖުތަމައުގެ މަތީ ފަންތިއަށް އަރާނެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ.”
މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ފޮޓޯތައް މުޅި މީސްމީޑިއާގައި ފެތުރިގެން ދިޔައެވެ. މީހުން އެކި ކަހަލަ މަލާމާތުގެ ޖޯކުތައް ޖަހަން ފެށިއެވެ. އެއްބަޔަކު ތުހުމަތުކުރި ގޮތުގައި އޭނާ އަމާން މަޅީގައި ޖެއްސީއެވެ. އަނެއް ބަޔަކު ސުވާލު އުފެއްދީ، އެފަދަ މުއްސަނދި ފިރިހެނަކު، ވަގުތީ ވަޒަންވެރިކަމެއް ނެތް އަދި އާއިލީ ފަންތިއެއް ނޭނގޭ އަންހެނަކާ ކައިވެނިކުރި ސަބަބާ މެދުގައެވެ. ބައެއް މީހުން ބުނަމުން ދިޔައީ، އެދުވަހު އޭނާ މާބޮނޑި ހިފީވެސް ގަސްދުގައި ރާވައިގެން ކަމަށެވެ.
ލައިލާ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އޭނާ އަމާންގެ މަސައްކަތްކުރާ ކޮޓަރިއަށް ވަނީ ފޯނު ހިފައިގެންނެވެ.
“މި ފެނޭތަ؟”
އަމާން އެ ފޮޓޯތަކަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“މި ފޮޓޯތައް އާންމުކުރީ ކާކު؟”
“މުޅި ދުނިޔެ އެ ދައްކަނީ ކަލޭގެ އަންހެނުންގެ ވާހަކަ.”
“އެހެންވިއްޔާ އެ އެންމެންވެސް މިއަށްވުރެ މާނަހުރި ކަމެއް ކުރަން އުޅުން މާ ރަނގަޅުވާނެ.”
“ކަލޭ ލަދެއް ނުގަނޭތަ؟”
އަމާން ކޮޅަށް ތެދުވިއެވެ. “ކޮން ކަމަކާ ލަދުގަންނަންވީ؟”
“ބަލާބަލަ އޭނައަށް! އޭނާއަކީ މަގުމަތިވެފައި ހުރި މީހެއް ފަދަ މީހެއް!”
މުޅި ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. އަމާން އޭނާގެ ކޮއްކޮއަށް ބަލައިލިއެވެ.
“ކަލެއަށް ތި ދެއްކޭ ވާހަކަ އިވޭތަ؟”
“މިއީ ހަމައެކަނި އަހަރެން ބުނާ އެއްޗެއް ނޫން، އެންމެންގެ ހިތުގައި އޮތް އެއްޗެއް.”
“ނޫން ލައިލާ. ތި ބުނަނީ ކަލޭ އަބަދުވެސް ޤަބޫލުކުރާ ގޮތް. މީހެއްގެ އަގު ވަޒަންކުރެވެނީ އެމީހަކު ދިރިއުޅޭ އެޑްރެހަށާއި، ލާ ހެދުމަށާއި، އަދި ދަންނަ މީހުންގެ ފެންވަރަށް ބަލައިގެން ކަމަށް.”
އަމާންގެ އަޑު މަޑުވިއެވެ.
“އަހަރެން ނާއިރާއާ ބައްދަލުވިއިރު ފެނުނީ ކޯޗެއްކަން އެނގޭތަ؟ އަހަރެންނަށް ފެނުނީ ހިތްދަތިވުމަށް އެތައް ސަބަބެއް އޮތްއިރުވެސް، ބީރައްޓެއްސަކަށް ހަމްދަރުދީވުމުގެ މާތް ސިފަ ހުރި މީހެއް. އަހަރެންނަށް ފެނުނީ، އެހެން އެންމެން މަލާމާތްކޮށް ހޭއިރުވެސް، އަނެކާ ދަށުކޮށްލަން ބޭނުންނުވި އިންސާނެއް.”
އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ.
“އަދި އަހަރެން ބޭނުންވަނީ، މުއްސަނދިކަމަކީ ތިމާ އެހެން މީހުންނަށްވުރެ މަތިވެރިކޮށްދޭ އެއްޗެއް ކަމަށް ދެކޭ ސަތޭކަ މީހުންނަށްވުރެ، އެފަދަ އަންހެނަކު އަހަރެންގެ ގާތުގައި ހުރުން.”
ލައިލާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް، ކޮރިޑޯގައި ހުރި ނާއިރާއަށް މި ހުރިހާ ވާހަކައެއް އިވުނެވެ. އެރޭ އޭނާ ރުއިއެވެ. އެއީ އެ ފޮޓޯތަކުގެ ސަބަބަކުން ނޫނެވެ. އޭނާ ވަނީ މިއަށްވުރެ މާ ހިތްދަތި ކަންކަމާ ކުރިމަތިލާފައެވެ. އޭނާ ރުއީ، ވަރަށް ގިނަ ދުވަސްތަކަކަށްފަހު، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރިކަން ނޭނގި ހުރެވެސް، މީހަކު އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުންނެވެ.
ނާއިރާ ކޮޓަރީގައި މަޑުމަޑުން އިށީނދެގެން އިންދާ އަމާން އައެވެ. އޭނާ ނާއިރާގެ ގާތުގައި އިށީނދެ، އޯގާތެރިކަމާއެކު އަތުގައި ހިފާލިއެވެ.
“ކަލޭ އެއްވެސް މީހަކަށް އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް ނުޖެހޭނެ.”
ނާއިރާ އޭނާއަށް ބަލައިލިއެވެ.
“އަހަރެންގެ ސަބަބުން ކަލޭގެ ދިރިއުޅުމަށް މާ ގިނަ ތަކުލީފުތަކެއް ކުރިމަތިވަނީބާއޭ ބައެއްފަހަރު ހިތަށްއަރާ.”
އަމާން ބޯހޫލާލިއެވެ.
“ކަލޭ ތި އައީ އަހަރެންގެ ދިރިއުޅުމަށް. އެހެން ހުރިހާ ކަމަކީ އަހަރެމެން ދެމީހުންނަށް އެކުގައި ކުރިމަތިލެވޭނެ ކަންކަން.”
ނާއިރާ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަދި ގެއްލުނު ފަހުން ފުރަތަމަ ފަހަރަށް، ފިލައިގެން ދިއުން ނޫން މުސްތަޤުބަލެއްގެ ތަަސައްވަރު ކުރަން ނާއިރާ އަމިއްލަ ނަފްސަށް ހުއްދަ ދިނެވެ.
*****
ހަޤީޤަތް އެންމެ ފަހުން ހާމަވެގެން ދިޔައީ ރަޝީދު ހޯލްޑިންގްސްގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްސަ ބޯޑު މީޓިންގްއެއްގައެވެ. އަމާން އެ ބައްދަލުވުމަށް ދަޢުވަތު ދީފައިވަނީ އާޑަން ކެޕިޓަލްގެ މަންދޫބުންނަށާއި، އޭނާގެ ސީނިއާ މެނޭޖްމަންޓް ޓީމުގެ އިތުރުން ކުންފުނީގެ ޤާނޫނީ ލަފާދޭ ފަރާތްތަކަށެވެ. އެއީ ކުންފުނި އަލުން ބައްޓަންކުރުމުގެ އެއްބަސްވުން ފައިނަލް ކުރުމަށެވެ.
އޭނާ އުންމީދުކޮށްގެން ހުރީ ސީނިއާ އިންވެސްޓްމަންޓް ޑައިރެކްޓަރަކު އިސްކޮށް ހުންނަވައިގެން ވަޑައިގަންނަވާ ވަފުދަކަށެވެ. ނަމަވެސް، ބައްދަލުވުން ފެށިގެންދިޔައީ ހީވެސް ނުކުރާ ފަދަ އިއުލާނަކުންނެވެ.
އިންވެސްޓްމަންޓް ޑައިރެކްޓަރު ކޮޓަރިއަށް ވަދެވަޑައިގަތީ ނޭވީ ބްލޫ ކުލައިގެ ސޫޓެއްގައި ހުރި އަންހެނަކާ އެކުގައެވެ. އަމާންއަށް އެއީ ކާކުކަން ވަގުތުން އެނގުނެވެ. އެއީ ނާއިރާއެވެ.
އެކަމަކު، ހެނދުނުގެ ނާސްތާގައި އޭނާގެ ކައިރީގައި އިންނަ މަޑުމައިތިރި އަންހެންމީހާއާ މިހާރު އޭނާ އެއްގޮތެއް ނޫނެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ރީތިކޮށް އައްސާލެވިފައެވެ. އޭނާގެ ހަށިގަނޑުގެ ހަރަކާތްތަކުން ފެންނަނީ އިތުބާރެވެ. އަދި މޫނުމަތިން ފެންނަނީ ސާބިތުކަމެވެ.
އެންމެން ކޮޅަށް ތެދުވިއެވެ.
(ނުނިމޭ)
