ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މައިވަންތަކަމުގެ ފަރުދާ: އެކަކަށްވެސް ނުފެންނަ ނަފްސާނީ ބުރަދަން
މުނިއަވަސް ގްރެފިކްސް

މައިވަންތަކަމަކީ ވަރުބަލިކަމެއްގެ ގޮތުގައި ގިނަބަޔަކަށް ސިފަވަނީ ނިދިމަދު ރޭތަކާއި، ނުނިމޭ ދޮވުމާއި، ކެއްކުމާއި، ސާފުކުރުމާއި، ސުކޫލަށް ދަރިން ގެންގޮސް ގެނައުމާއި، އަދި ކާންދޭތާ ހަތް މިނެޓު ނުވަނީސް ބަނޑުހައިވާ ކުދިންގެ ސަބަބުންނެވެ.

އާދެ، އެ ހުރިހާ ކަމަކީވެސް ވަރުބަލިކުރުވަނިވި ކަންކަމެވެ. ނަމަވެސް، މައިވަންތަކަމުގެ އެންމެ އުނދަގޫ ބަޔަކީ ހުރިހާ ކަމެއް އަމަލީގޮތުން ކުރުން ނޫންނަމަ އެއީ ކޮންކަމެއް ހެއްޔެވެ؟ އެއީ އެއްވެސް މީހަކަށް ފާހަގަނުވި ނަމަވެސް، ހުރިހާ ކަމެއް ހަނދާން ބެހެއްޓުމާއި، ކުރިއަށް ހުރި ކަންކަމަށް ތައްޔާރުވުމާއި، އަދި ހުރިހާ ކަމެއް ފުރިހަމައަށްދާކަން ކަށަވަރުކުރުން ކަމަށްވާނަމަ އެއީ ކިހާ ބޮޑު ބުރައެއް ހެއްޔެވެ؟

މިއީ މައިވަންތަކަމުގެ ފަރުދާގެ ފުރަގަހުގައިވާ، އެކަކަށްވެސް ނުފެންނަ ނަފްސާނީ ބުރަދަނެވެ.

މަންމައަކު ހަމަހިމޭންކަމާއެކު ސައިތަށްޓެއް ބޯން އިންނަ މަންޒަރު ތަސައްވަރުކޮށްލައްވާށެވެ. ބަލާބެލުމަށް ހީވަނީ އޭނާ އެއިނީ އަރާމުކުރަންހެންނެވެ. ނަމަވެސް، އޭނާގެ ސިކުނޑީގެ ތެރޭގައި މުޅި ގޭތެރެ މެނޭޖުކުރުމުގެ ބޮޑު ބައްދަލުވުމެއް ކުރިއަށްދެއެވެ.

އެންމެ ހަގު ދަރިފުޅު ބޭސްކައިފި ހެއްޔެވެ؟ ހޮސްޕިޓަލުގެ ދެން އޮތް އެޕޮއިންޓްމަންޓަކީ ކޮބައި ހެއްޔެވެ؟ މާދަމާއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އެބަހުރި ހެއްޔެވެ؟ އައިސްއަލަމާރިއަށް އެއްޗެހި އިތުރުކުރަން ޖެހޭ ހެއްޔެވެ؟ ދެން އަންނަނީ ކާކުގެ އުފަންދުވަހެއް ހެއްޔެވެ؟ ބިލުތައް ދައްކައި ނިމިއްޖެ ހެއްޔެވެ؟ ކުދިންގެ ހެދުންތައް ހުރީ ތައްޔާރަށް ހެއްޔެވެ؟

އޭނާގެ ސައިތަށި ބޮއެ ނުނިމެނީސް، އޭނާގެ ސިކުނޑިން އެވަނީ އެއްވެސް އުޖޫރައެއް ނެތް އިދާރީ ބޮޑު މަސައްކަތެއް ނިންމާލާފައެވެ.

ދިރާސާކުރާ ފަރާތްތަކުން މިކަމަށް ކިޔަނީ “ކޮގްނިޓިވް ހައުސްހޯލްޑް ލޭބަރ” ނުވަތަ ގޭތެރޭގެ ކަންކަމުގައި ސިކުނޑިން ކުރަންޖެހޭ މަސައްކަތެވެ. މީގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަކުރުމާއި، ރޭވުމާއި، އިންތިޒާމުކުރުމާއި، ހަނދާން ބެހެއްޓުމާއި، ގޮތް ނިންމުމާއި އަދި ހުރިހާ ކަމެއް ނިމޭކަން ކަށަވަރުކުރުން ހިމެނެއެވެ.

މިއީ ބާޒާރުކުރަން ބުނުމާއި، ގޭގައި ހުސްވެފައި ހުރީ ކޮން އެއްޗެއްކަމާއި، ކޮންމެ މީހަކަށް ބޭނުންވަނީ ކޮން އެއްޗެއްކަމާއި، ބަޖެޓުގައި ހުރީ ކިހާވަރެއްކަމާއި އަދި ބާޒާރުކުރަންވީ ވަގުތު ދަންނަ މީހާއަށްވުމާ ދެމެދު ހުރި ތަފާތެވެ.

މިވެސް ކިޔާލަން:  ހިތުގެ އުދާސްތައް ބޭރުނުކޮށް ހިފެހެއްޓުމުން

ދިރާސާތަކުން ދައްކާގޮތުގައި މި ނުފެންނަ މަސައްކަތަކީ ހަޤީޤަތެކެވެ.

ޔުނިވަރސިޓީ އޮފް ބާތު އަދި ޔުނިވަރސިޓީ އޮފް މެލްބަންގެ ދިރާސާވެރިން އެމެރިކާގެ ގާތްގަނޑަކަށް 3،000 ބެލެނިވެރިން ހިމަނައިގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ގޭތެރޭގެ ނަފްސާނީ ބުރަދަނުގެ 71 އިންސައްތަ އުފުލަނީ މަންމަ އެކަނިމާ އެކަންޏެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު “ޖާނަލް އޮފް މެރިއޭޖް އެންޑް ފެމިލީ” ގައި ޝާއިޢުކުރި މި ދިރާސާއިން ހާމަވިގޮތުގައި، ދުވަހުން ދުވަހަށް ރާވަންޖެހޭ ރޭވުންތަކާއި، ކުދިން ބެލުމާއި، ސާފުކުރުމާއި، ކާބޯތަކެތި މެނޭޖުކުރުން ފަދަ ކަންކަމުގެ ބޮޑުބައި އުފުލަނީ މަންމައިންނެވެ.

މިއީ މުހިންމު ތަފާތެއް ފާހަގަކޮށްދޭ ކަމެކެވެ. ކަމެއްގައި އެހީތެރިވުމަކީ އެކަމެއްގެ ޒިންމާ ހިއްސާކުރުމާ އެއްވަރުގެ ކަމެއް ނޫނެވެ.

ބައްޕައަކު ވަރަށް އުފަލާއެކު ކުއްޖަކު ޑޮކްޓަރަށް ދައްކަން ގެންގޮސްފާނެއެވެ. ނަމަވެސް އެޕޮއިންޓްމަންޓް ހެއްދުމުގެ މަތިން ހަނދާންކުރީ ކާކު ހެއްޔެވެ؟ ކުއްޖާގެ ބަލިހާލަތަށް ސަމާލުކަންދީ، ކަލަންޑަރު ޗެކްކޮށް، އެޕޮއިންޓްމަންޓް ހަނދާން ނައްތާނުލާކަން ކަށަވަރުކުރީ ކާކު ހެއްޔެވެ؟

ގޭތެރޭގައި އާންމުކޮށް އިވޭ ވާހަކައެއް އޮވެއެވެ. “އެހީ ބޭނުންވާ ވާހަކަ ކުރިން ނުބުނީ ކީއްވެ؟”

ފަހަރުގައި މައްސަލައަކީ މިއީ ކަމަށްވެދާނެއެވެ. އެހީ ބޭނުންވާކަން ފާހަގަކުރުމުގެ ޒިންމާ އަބަދުވެސް އުފުލަންޖެހެނީ އެންމެ މީހަކަށް ކީއްވެ ހެއްޔެވެ؟

ދިރިއުޅުމުގެ ބައިވެރިޔާ ހުރިހާ މަސައްކަތެއް ފާހަގަކޮށް، އެ މަސައްކަތްތައް ހަވާލުކޮށް، އަދި އެކަން ނިމުނުތޯ ބަލަންޖެހޭނަމަ، ގޭތެރެ މެނޭޖުކުރަނީ އަދިވެސް ހަމަ އެމީހާއެވެ. އަނެއް މީހާ އެހީތެރިވީ ކަމަށް ވިޔަސް، ނަފްސާނީ ޒިންމާ އޮތީ ފުރަތަމަ މީހާގެ ބޮލުގައެވެ.

އެއީ ބުރަ ހިއްސާކުރުމެއް ނޫނެވެ. އެއީ މެނޭޖުމަންޓްގެ މަގާމުގައި ހުރެ، އަމަލީ މަސައްކަތް އެހެން މީހަކާ ހަވާލުކުރުމެވެ. އަދި މަންމައިންނަކީ އަބަދުވެސް އެ މެނޭޖުމަންޓް މަގާމަށް އެދިގެން ތިބޭ ބައެއް ނޫނެވެ!

ޝައްކެއްވެސް ނެތްގޮތުގައި، ބައްޕައިންނަށްވެސް ބެލެނިވެރިކަމުގެ ފިއްތުންތަކާއި ނަފްސާނީ ވަރުބަލިކަން އިޙުސާސްކުރެވެއެވެ. މިއީ ބޮޑީ ކާކުގެ ވަރުބަލިކަމެއްތޯ ބެލުމުގެ މުބާރާތަކަށް ވެގެން ނުވާނެއެވެ. ގިނަ ބައްޕައިންނަކީ އާއިލާއަށްޓަކައި ނުހަނު ބުރަކޮށް މަސައްކަތްކޮށް، ގިނަގުނަ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. އެހެންނަމަވެސް، ބައްޕައިންގެ ޒިންމާތައް ބަލައިގަތުމުގެ މާނައަކީ، ގިނަ މަންމައިން އުފުލަމުންދާ ނަފްސާނީ ބުރަދަން ފެނި ފާހަގަނުކުރުމެއް ނޫނެވެ.

މިވެސް ކިޔާލަން:  ހަމަ ހަޤީޤަތުގައިވެސް އެހާ "ބިޒީ" ހެއްޔެވެ؟

އެހެން މުޖުތަމައުތަކެކޭ އެއްފަދައިން ދިވެހި އާއިލާތަކުގައިވެސް، އާދަކާދައިގެ މަތިން މަންމައިންނަކީ ކުދިންގެ ކަންކަމާއި، ކެއިންބުއިމާއި، ސުކޫލު ހަރަކާތްތަކާއި، އާއިލީ ގުޅުންތަކާއި އަދި ގޭތެރޭގެ ހުރިހާ ކަމެއްގެ މަރުކަޒެވެ. މާލީ ގޮތުން ކުރާ ހޭދައާއި ގޭތެރޭގެ ޒިންމާތަކަކީ ދެކަންތައްވެސް މުހިންމު ކަންކަމެވެ. އެހެންނަމަވެސް އެއްކަމެއް ފުރިހަމަކުރުމުން އަނެއްކަމުގެ ޒިންމާ މުޅިން އުނިވެގެންނެއް ނުދެއެވެ.

ނަފްސާނީ ބުރަދަނަކީ ހަމައެކަނި ބާޒާރުގެ ލިސްޓާއި އެޕޮއިންޓްމަންޓްތަކެއް ނޫނެވެ. މަންމައިންނަކީ އާއިލާގެ ނަފްސާނީ ޒިންމާތައްވެސް އުފުލާ ބައެކެވެ. ކުއްޖަކު މާ ބޮޑަށް ހިމޭންވެފައި ހުންނަކަން ފާހަގަކުރުމާއި، މީހަކު ރަނގަޅަށް ނުކާތީ ކަންބޮޑުވުމާއި، އާއިލީ ނުތަނަވަސްކަން ހަނދާން ބެހެއްޓުމާއި، އަދި އާއިލާގެ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު މީހަކީ މަންމައެވެ.

ކުދިން ބޮޑުވަމުންދާ ވަރަކަށް މި ޒިންމާތަކުގެ ލިސްޓު ހަމައެކަނި ބަދަލުވަނީއެވެ. ތުއްތު ކުދިން ފުރާވަރުގެ ކުދިންނަށް ބަދަލުވާއިރު، ސުކޫލުގެ ކަންބޮޑުވުންތައް ވަޒީފާގެ ކަންބޮޑުވުންތަކަށް ބަދަލުވެއެވެ. އަދި ނިދަން އުޅޭއިރު ކުރާ ސުވާލުތައް ބަދަލުވަނީ ރަހުމަތްތެރިކަމާއި، ގުޅުންތަކާއި، އަމިއްލަ މިނިވަންކަމުގެ ކަންބޮޑުވުންތަކަށެވެ.

މައިވަންތަކަމަކީ ފަސޭހައިން “ލޮގް އައުޓް” ކޮށްލެވޭނެ އެއްޗެއް ނޫނެވެ.

ވަޒީފާ އަދާކުރާ މަންމައިންނަށާއި، އެކަނިވެރި މަންމައިންނަށާއި، އަދި ކުދިން ބެލުމުގެ އިތުރުން އުމުރުން ދުވަސްވީ މައިންބަފައިންނާއި އާއިލާގެ އެހެން ކަންކަން ބަލަހައްޓާ އަންހެނުންނަށް މި ބުރަދަން މާ ބޮޑަށް އިޙުސާސްކުރެވެއެވެ.

ތެދުވެރިކަމާއެކު ނަފްސާނީ ބުރަ ހިއްސާކުރުމަކީ ކޮބައި ހެއްޔެވެ؟

އޭގެ މާނައަކީ އިރުޝާދެއް ލިބެންދެން މަޑުނުކޮށް، އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމެވެ. އެޕޮއިންޓްމަންޓްތައް ހަނދާން ބެހެއްޓުމާއި، ގޭތެރެއަށް ބޭނުންވާ ތަކެތި ހުސްވޭތޯ ބެލުމާއި، ސުކޫލުގެ ކަންކަން އިންތިޒާމުކުރުމާއި، އަދި ދެން ކުރަންޖެހޭނީ ކޮން ކަމެއްކަން ދެނެގަތުމެވެ.

މިވެސް ކިޔާލަން:  ދަރިންނަށްޓަކައި - ލޯތްބެއް، ޤުރުބާނީއެއް ނުވަތަ އާދައެއް؟

އަދި އޭގެ މާނައަކީ، މަންމައަކު އަރާމުކުރަން އިންނަ ވަގުތު، އޭނާއަށް އެހީތެރިވާން ހުރި މީހާގެ މަސައްކަތްތައް ސިކުނޑިން މެނޭޖުކުރަން ނުޖެހި ހަމަޖެހިލައިގެން އިނުމުގެ ފުރުސަތު ދިނުމެވެ.

ބައެއް ފަހަރު ބައިވެރިޔަކަށް ބުނެވޭނެ އެންމެ މާނަހުރި ބަހަކީ “އަހަރެން ކުރަންވީ ކޮންކަމެއް؟” މިއެއް ނޫނެވެ. އޭގެ ބަދަލުގައި “އަހަރެން އެކަން ނިންމާލައިފިން، އެކަމާ ދެން ވިސްނާނެ ކަމެއް ނެތް” މިހެން ބުނުމެވެ.

މައިވަންތަކަމަކީ ރީތި، މާނަހުރި އަދި އުފާވެރި ކަމެކެވެ. ނަމަވެސް އާއިލާދެކެ ލޯބިވުމުގެ މާނައަކީ، ހުއްޓުމެއް ނެތް މަސައްކަތްތަކުގެ މެނޭޖަރަކަށް، ޕާސަނަލް އެސިސްޓެންޓަކަށް، ނަފްސާނީ އެހީތެރިއަކަށް އަދި ކުއްލި ހާލަތްތަކުގައި އެހީވާ މީހަކަށް އެކަނި މަންމަ ވާންޖެހުމެއް ނޫނެވެ.

މަންމައަކު އޭނާގެ ދަރިންދެކެ އިންތިހާއަށް ލޯބިވާއިރުވެސް، އަރާމުކުރަން ބޭނުންވެދާނެއެވެ. ބައިވެރިޔާގެ އަގުވަޒަން ކުރާއިރުވެސް، ޒިންމާތައް ހަމަހަމައަށް ހިއްސާކުރަން އެދިދާނެއެވެ. ހުރިހާ ކަމެއް މެނޭޖުކުރުމުގެ ޤާބިލުކަން ހުރި ނަމަވެސް، އެ ހުރިހާ ކަމެއް އެކަނި ކުރަންޖެހުމަކީ އިންސާފެއް ނޫނެވެ.

ފަހަރުގައި އަހަރެމެން މަންމައިން ގާތު އަބަދު ވަރުބަލިވެފައި ތިބެނީ ކީއްވެތޯ އެހުމުގެ ބަދަލުގައި، އެމީހުން އެކަނިމާ އެކަނި އުފުލަމުންދާ ނުފެންނަ ޒިންމާތަކަކީ ކޮބައިތޯ ސުވާލުކުރަން ފަށަންވީއެވެ. އަދި ދުނިޔޭގެ ހުރިހާ މަންމައިންނަށް ގޭތެރެއިން ކުޑަކުޑަ މުޢުޖިޒާތެއް ލިބޭނަމަ، އެއީ އަމިއްލައަށް ސާފުވާ ބަދިގެއަކަށް ނުވެދާނެއެވެ. އޭގެ ބަދަލުގައި އެއީ، ކުރަންޖެހޭ ކަންކަން އެންމެންނަށް ފެންނަ، މުހިންމު ކަންކަން އެންމެން ހަނދާން ހުންނަ، އަދި ޒިންމާއަކީ އެންމެންގެ ހިއްސާއެއްކަން ޤަބޫލުކުރާ އާއިލާއަކަށް ވެދާނެއެވެ.

ސަބަބަކީ، މާދަމާގެ ހެނދުނުގެ ނާސްތާއާއި، އަންނަ ހަފުތާގެ އެޕޮއިންޓްމަންޓްތަކާއި، އަދި އެހެން އެންމެންގެ ދިރިއުޅުމުގެ ކަންކަން ސިކުނޑިން ރާވަން ނުޖެހި، ސައިތަށި ހިހޫވުމުގެ ކުރިން ބޯލުމުގެ ޙައްޤު ކޮންމެ މަންމައަކަށްމެ ލިބިގެންވާތީއެވެ.

“އަހަރެން ކުރަންވީ ކޮންކަމެއް؟” މި ސުވާލު މަދުކޮށްލާފައި، “އަހަރެން އެކަން ނިންމާލައިފިން” ބުނާ މިންވަރު އިތުރުކޮށްލުމަކީ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top