ހަނީމޫނަށް އައި އިންޑިޔާ ދެމަފިރިން ދިވެހިރާއްޖޭގެ ރިސޯޓަކުން ހައްޔަރުކުރި ޚަބަރާއިއެކު ސޯޝަލް މީޑިޔާގެ ގިނަބައެއްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އެ ޚަބަރު ކަވަރު ކުރުމަށާއި ވެގެން އުޅޭގޮތެއް އޮޅުންފިލުވުމަށް އެތައް ބަޔަކު މަސައްކަތްކުރި އެވެ.
ހައްޔަރުކުރި ދެމަފިރިން މާލެ ގެނައުމާއިއެކު އެތަނަށް ވެސް ބަޔަކު ދިޔަ އެވެ. ކުޑަ ނަމަވެސް މަޢުލޫމާތެއް ލިބޭތޯ އާއި ފޮޓޯއެއް ނަމަވެސް ހޯދާށެވެ. އެއްވެފައިވާ މީހުން މަދެއް ނޫނެވެ. ދައްކަމުންދާ ވާހަކަތައް ގިނަވުމުން މާބޮޑަކަށް ވާނުވާއެއް ނޭނގެ އެވެ. ހަނީމޫނަށް ރިސޯޓަކަށް އައި ދެމަފިރިން ހައްޔަރުކުރި ވާހަކަ ފިޔަވައި އެހެން މަޢުލޫމާތެއް ރަސްމީ އިދާރާއަކުން ވެސް ހާމައެއް ނުކުރެ އެވެ.
ވަގުތުގެ ދައުރުވުން ހަވީރާއި ދިމާއަށް ދަތުރުކުރަމުން ދިޔަ އެވެ.
ފަސްގަޑި ބައިކަންހާއިރު ޕޮލިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މަޢުލޫމާތާއިއެކު، އެތައް ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއްބަޔަކަށް އެވާހަކަތައް ޤަބޫލު ނުކުރެވުނު ނަމަވެސް، އަނެއް ބަޔަކަށް އެވާހަކަތައް ޤަބޫލުކުރުން ވީ ވަރަށް ފަސޭހަކަމަކަށެވެ. އެކަމާއި ގުޅިގެން ހާމަކުރި މަޢުލޫމާތަށް ބަލައިލާއިރު އެވާހަކަތައް ޤަބޫލުކުރަން ފަސޭހަ ސަބަބުތައް ބައިވަރެވެ. ވާހަކައިގެ ފެށުމާއި ނިމުން ދިމާވެ މެދުތެރޭގެ ލާމެހުން ނުހަނު ފުރިހަމަ އެވެ.
ހާދިސާ ފެށުނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ނެވެ.
ފަތިހު ފަހެއް ޖަހާކަންހާއިރެވެ. އަރީޒަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ޓަކި ޖަހަމުން ދިޔަލެއް ބާރުކަމުންނާއި އަވަސްކަމުން ކަމެއް ގޯސްވެއްޖެކަން ދޭހަވި އެވެ.
ހޭލެވުމާއިއެކު އަރީޒަށް ބަލައިލެވުނީ ސުޖީތާ ކޮބައިތޯ އެވެ. އޭނާއާއެކު އެކޮޓަރީގައި ނިދާފައި އޮތް އޭނާގެ އަނބިމީހާ ނެތުމުން ލިބުނު ހައިރާންކަމާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެވުނެވެ. އޭނާއަށް އޮވެވުނު ތަނާއިމެދު ވިސްނާލެވުނީ ދެނެވެ. އަވަސްއަވަހަށް ގޮސް ފާޚާނާބައި ބަލައިލިއިރު އެތަނުގައި ވެސް ނެތެވެ. ސުވާލުތަކުން ފުރިފައި ހުރި އަރީޒަށް ހޭވެރިކަންވީ ތަންކޮޅެއް ބާރަށް އޭނާގެ ނަމުން ދެތިން ފަހަރަކު ގޮވައިލުމުން ނެވެ. އަޑު އައީ ބޭރުން ނެވެ. އެއީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އެކުލެވިފައިވާ ބާރު އަޑެކެވެ.
ކޮޓަރީ ދޮރުގައި ޓަކި ޖަހަމުން ދިޔަ ޓަކިޖެހުމަށް އޭރު ވެސް ބަދަލެއް ނާދެ އެވެ. ދޮރު ހުޅުވައިލުމާއިއެކު އަރީޒަށް ލިބުނު ހައިރާންކަން ވީ އިތުރެވެ. އުފެދުނު ސުވާލުތައް ވީ ގިނަ އެވެ. ކޮޓަރީ ދޮރު ކައިރީ ތިބީ ރިސޯޓްގެ މެނޭޖަރާއި ސެކިއުރިޓީ އޮފިސަރެއްގެ އިތުރުން އޮފީސް މުވައްޒަފެކެވެ.
“އަހަރުމެނާއެކު އާދޭ..” އަރީޒަށް ބަލާލަމުން މެނޭޖަރު ޖީހާން އެދުނެވެ. އޭނާ ބުނީ ކީކޭކަން އެނގުމާއިއެކު އަރީޒް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
ކިހިނެއްވީތޯ އަރީޒް ކުރި ސުވާލުގެ ޖަވާބު ދިނުން އެމީހުންނަށް މުހިންމެއް ނުވި އެވެ. އެވާހަކަ ދައްކަން އެމީހުން ސަމާލުކަމެއް ނުދިނެވެ.
ރިސޯޓްގެ ހެލްތު ރޫމަށް ވަނުމާއިއެކު އަރީޒަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. ތެމިފޯވެ ވެއްޔާއި ތަތްތެޅިފައިވާ ސޫޖީތާ އޮތީ އެތަނުގެ މެދުގައި ހުރި އެނދުގަ އެވެ. އެނދާއި ދިމާއަށް އަރީޒް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ސުޖީތާ އޮތީ މަރުވެފަ އެވެ.
ސުޖީތާގެ މަރާއި ބެހޭގޮތުން އަރީޒާއި ވާހަކަ ދެއްކީ ޑޮކްޓަރު މައިކަލް އެވެ. އަރީޒަށް ނަސޭހަތްދީ، ވިސްނައިދިނުމަށް މަސައްކަތްކުރަމުން، ހަމަޖެހުމަށް ބުނެ މައިކަލް ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި އެތަނަށް ސުޖީތާ ގެނައިއިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ. ބެލެވޭގޮތުގައި އޭނާ މަރުވެފައި ވަނީ ލޮނުބޮވިގެން ނޭވާ ހާސްވުން ކަހަލަ ކަމެއް ދިމާވެގެން ނެވެ.
ސުޖީތާގެ މަރުގެ މައްސަލަ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ރިސޯޓްގެ މެނޭޖްމަންޓް ގުޅިގެން ކުރިޔަށް ގެންދިޔަ އެވެ. ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ހުރި އަރީޒަށް އަދިވެސް މާބޮޑަކަށް ވާނުވާއެއް ނޭނގެ އެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ރިސޯޓްގައި ހުރި ސީސީ ޓީވީތަކުން ވެސް މާ މުހިންމު މަޢުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ. އެ ދެމަފިރިން ރޫމުން ނުކުމެގެން ދިޔަ ތަނާއި އަރީޒް ދުވެފައި އައިސް ރޫމަށް ވަތްތަން ފިޔަވައި އެހެން މަންޒަރެއް ނުލިބުނެވެ. މާ ގިނަ ކެމެރާތަކެއް ރިސޯޓްގައި ނެތުމުން އެކަމުގައި ކުރިއެރުމެއް ނުލިބުނެވެ.
ދުވަސްވަރަކީ ފަތުރުވެރިކަމުގެ ވިޔަފާރި އެންމެ ދަށް ދުވަސްވަރަށް ވެފައި، ރަށުގައި ތިބި މަދު ފަތުރުވެރިންނަށް އެއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެ މައްސަލަ ކުރިޔަށް ދިއުމަކީ މެނޭޖްމަންޓަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ބަލަންވީ ކަންކަން ބަލައި ދިރާސާކުރުމަށްފަހު، ސުޖީތާގެ ހަށިގަނޑު މާލެ ގެންދިޔައިރު، އަރީޒް އާއި ރިސޯޓް އިސް ދެ ބޭފުޅުން ވެސް ގެންދިޔަ އެވެ.
އަރީޒް އާއި ސުވާލުކުރުމުން، ރޭގައި ކަންތައް ހިނގައިދިޔަ ގޮތް އޭނާ ކިޔައިދިނެވެ.
ރެއަކީ ހަނދު މަހެއްގެ ސާދަ ވިލޭރޭއަށް ވާތީ ހަނދުވަރުގެ އަލިން މުޅި ބިން އޮތީ އުޖާލާވެ އަލިވެފަ އެވެ. ރިސޯޓްގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ.
މެންދަމުން އަލިވެ ދޭއް ޖަހާކަންހާއިރެވެ. މުޅި ރިސޯޓް އޮތީ ނިދައި މަރުވެފައި ކަހަލަ ގޮތަކަށެވެ. ހަނީމޫންގެ އުފާވެރި ދުވަސްތަކުގެ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމުގައި އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްލަން ބޭނުން ނުވި އަރީޒާއި ސުޖީތާ އޭރު ވެސް ނުނިދަ އެވެ.
ގަޑިއަށް ބަލައިލަމުން އެނދުން ފޭބި އަރީޒް ދިން ދަޢުވަތު ސުޖީތާ ޤަބޫލުކުރީ އުފަލުން ނެވެ. ފާޚާނާއަށް ވަތް ސުޖީތާ ނުކުތީ ސޯޓަކާއި ޓީޝާޓެއް ލައިގެން ނެވެ.
ދީފައިވާ ނަލަ ހަނދުވަރުގެ އަލިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ޖެހުމުން ދިޔަ ހިތްގައިމު ވަޔާއި ރޫމާއި މާދުރުނޫން ހިސާބަކުން ފެންނަން އޮތް ކަނޑެވެ. ބޭރު ތޮށްޓާއި ހަމައަށް ފެތުރިފައިވާ ސާފުތާހިރު ދޮންވެލިގަނޑާއި، ގޮނޑުދޮށަށް ބީއްސަމުން ދިޔަ މަޑުމަޑު ރާޅުތަކެވެ. މުޅި ހިސާބުގައި ވެސް ތިބީ އެ ދެމަފިރިން އެކަންޏެވެ.
އަތިރިމަތީ ހުރި ސަންބެޑްތަކުން ސަންބެޑެއްގައި އޮށޯވެލަމުން އަރީޒް ދިއްކޮށްލި އަތުގައި ސުޖީތާ ހިފި އެވެ. އަރީޒް ބޭނުންވީ އޭނާގެ ގައިމަތީ ސުޖީތާ ބާއްވަންކަން އެނގުމާއިއެކު، ހިނިތުންވެލަމުން ސުޖީތާ އެ ދަޢުވަތު ޤަބޫލުކުރި އެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަގޮތެއް ތިބެވުނު ތަނެއް ދެމީހުންކުރެ އެކަކު ވެސް ހަނދާން ހުރިހެނެއް ހިޔެއް ނުވެ އެވެ. ޢަމަލުތައް ހުރީ އެފަދަ އެއްވެސް ކަމަކަށް ސަމާލުކަން ނެތް ފަދަ ގޮތަކަށެވެ.
ބިރެއް ފެނިގެން ތެޅިގަތްހެން ތެޅިގަނެފައި ފުންމައިގެން ކަހަލަ ގޮތަކަށް ސުތީޖާ ކޮޅަށް ތެދުވި އެވެ. އަރީޒްގެ އަތުގައި ހިފައި ސަލަމާތްވާން ހިނގާށޭ ބުނަމުން ދުއްވައިގަތެވެ. އެހީއަކަށް އެދި އަޑުގެ ކޮޅަށް ގޮވަމުން ދުއްވައިގަތް ސުޖީތާއަށް ދެވޭ ނުދެވޭ ދިމާއެއް އޭނާއަށް އެނގޭހެނެއް ހިޔެއް ނުވެ އެވެ.
ކަޅުކުލައިގެ ކޮތަޅެއް ކަހަލަ އެއްޗަކުން ދެލޯ ފިޔަވައި ހުރިހާތަނެއް ނިވާކޮށްގެން ހުރި އެމީހާ އައީ ސަންބެޑާއި ދިމާއަށެވެ. އޭނާގެ އަތުގައި އޮތް ބޮޑު ވަޅި ހަނދުވަރުގެ އަލިކަމުގެ ސަބަބުން ވަރަށް ސާފުކޮށް އަރީޒަށް ފެނުނެވެ. އެހިސާބުން އޭނާ ވިސްނީ އޭނާގެ ސަލާމަތަށެވެ. އަވަސްއަވަހަށް ތެޅިގަންނަމުން ރޫމާއި ދިމާއަށް ދުއްވައިގަތެވެ.
ރޫމަށް ވަދެ ދޮރު ލެއްޕުނުކަން އޭނާއަށް ޔަގީނެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީ ކޮޓަރީ ދޮރުގައި ޓަކި ޖަހަމުން ގޮވާ އަޑަށެވެ. އެއީ ރޭ ފަތިހު އައި މީހުން ނެވެ.
ސުޖީތާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ދިވެހި ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް، އައި އިންޑިޔާ ސިފައިންގެ ޓީމު އައީ ޖެހިގެން އައި ދުވަހު އެވެ. ހަތް މީހުންގެ މައްޗަށް އެކުލެވޭ މި ޓީމުގެ އިސް މީހަކަށް ހުރީ ޕްރަބާސް އެވެ.
ވަގުތުން ވަގުތަށް މަސައްކަތް ފެށި އެވެ. މާލޭގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު، ސުޖީތާގެ ހަށިގަނޑު އޭނާގެ ޤައުމަށް ފޮނުވައިލެވުނެވެ. ރިސޯޓްގައި ކުރިޔަށް ދިޔަ ތަހުޤީޤުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަ އެވެ. އަރީޒް އެބުނާ މީހަކު ރިސޯޓަކުން ނުފެނުނެވެ. އެފަދަ ކަމަކަށް ޝައްކުކުރެވޭ މީހަކު ވެސް ނުފެނުނެވެ.
ރިސޯޓަށް މީހުން އެރުމާއި މީހުން ފޭބުމުގެ ހުއްދަ ލިބުނީ ހަފުތާއެއްހާ ދުވަސް ފަހުން ނެވެ.
ދިހަވަރަކަށް ދުވަހުގެ މަސައްކަތަށްފަހު އިންޑިޔާ ސިފައިން ފުރައިގެން ދިޔަ އެވެ. ދިވެހި ފުލުހުންގެ ފަރާތުން މީޑިޔާތަކާއި ހިއްސާކުރި މަޢުލޫމާތަށް ބަލައިލާއިރު، ސުޖީތާ މަރުވެފައިވަނީ މޫދަށް ވެއްޓި ލޮނު ބޮވުމުގެ ސަބަބުން ނޭވާ ހާސްވެގެން ނެވެ. ޑޮކްޓަރުން ވަނީ އެކަން ޔަޤީންކޮށްދީފަ އެވެ. ޓެސްޓަކުން ވެސް އެހެން ކަމެއް ފާހަގައެއް ނުވި އެވެ.
ޕޮލިހުން އާންމުކުރި މަޢުލޫމާތާއިއެކު ސުޖީތާގެ މަރުގެ ވާހަކަތައް އެ ހިސާބުން ނިމުނީ އެވެ. މަޑުމަޑުން ގޮސް އެ ވާހަކަތައް ވަޅުޖެހުނީ އެވެ.
ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އައި ނިހާލާ ހުރީ ސުޖީތާ މަރުވި ރިސޯޓްގަ އެވެ. ހަމަ އެ ރޫމްގަ އެވެ. އެކަމަކު އޭނާ އެކަނިމާއެކަންޏެވެ.
ދިހަވަރަކަށް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު ނިހާލާ ފުރައިގެން ދިޔައީ އެވެ. މައްސަލައިގެ އަސްލާއި ހަމައަށް ވާސިލް ވެވުނީ، އެ މަރަށް މަހެއްހާ ދުވަސް ވީ ފަހުން ނެވެ.
ޗުއްޓީއަށް ޤައުމަށް ދިއުމަށް ތައްޔާރުވަމުންދިޔަ އަޖީތު ހައްޔަރުކުރީ، ރިސޯޓުން އައިސް އެއާރޕޯޓަށް ފޭބި ވަގުތު އެވެ. އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ 25 އަހަރުގެ އަޖީތުއަކީ އެ ރިސޯޓްގެ ބާގައި މަސައްކަތް ކުރަމުންދިޔަ އިންޑިޔާ ރައްޔިތެކެވެ.
ލިބުނު ހައިރާންކަމާއިއެކު އޭނާ ހުރީ ހުއްޓުން އަރައިފަ އެވެ. ކޮންމެވެސް ވަރަކަށް ބިރުގަނެ ހާސް ވެސް ވެފަ އެވެ. ވާނުވާ ނޭނގޭ ކަންބޮޑުވުމެއް ވެސް އޭނާގެ ކިބައިން ފެންނަން ހުއްޓެވެ.
އަޖީތު ހައްޔަރުކުރީ ސުޖީތާގެ މަރުގެ މައްސަލައިގަ އެވެ. ސުޖީތާގެ މަރުގެ މައްސަލަ ތަހުޤީޤު ކުރުމަށް އިންޑިޔާއިން އައި ސިފައިންގެ ޓީމުގެ އިސްވެރިއަކަށް ހުރި ޕްރަބާސް ދެވަނަ ފަހަރަށް ރާއްޖެ އައީ އެދުވަހު އެވެ. އޭރު ވެސް އަރީޒް ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަޖީތަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނިހާލާ ހުރީ އޭނާ ބޭނުންވި ހުރިހާ މަޢުލޫމާތެއް ހޯދައި އެއްކޮށްފަ އެވެ.
ސަލާމަތް ނުވެވޭނެކަން ޔަގީންވި ހިސާބުން އަޖީތު އޭނާގެ ކުށަށް އިޢުތިރާފްވި އެވެ. ސުޖީތާ މަރައިލީ އޭނާ އެވެ. އޭނާ އެކަން ކުރީ ފައިސާގެ ބޭނުމުގަ އެވެ.
ސުޖީތާ މަރައިލުމަށް އޭނާއަށް ފައިސާ ދިން މީހަކީ ނިހާލާ އެވެ. ސުޖީތާ މަރައިލުމުގެ ކުރިން ނިހާލާ ވަނީ، އެކަމަށް އަޖީތު ހުށަހެޅި ފައިސާގެ 70 އިންސައްތައަށް ވާ ފައިސާ ޖަމާކޮށްދީފަ އެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ އެހެން ކޮންމެވެސް މީހެއްގެ ނަމުގައި އޮތް އެކައުންޓަކުން ނެވެ. ބާކީ ފައިސާ ނިހާލާ ހަވާލުކުރީ ޗުއްޓީއަށް އޭނާ އައިސް ރިސޯޓްގައި ހުރި ދުވަސްވަރު، އޭނާގެ ރޫމަށް އަޖީތު ގެންގޮސްފަ އެވެ.
އިންޑިޔާ ސިފައިންގެ ބެލުމުގެ ދަށަށް ނިހާލާ ގެންދިޔަ އެވެ. އެކަމާއި ގުޅިގެން އޭނާގެ ފަރާތުން ހޯދަން ޖެހޭ ހުރިހާ މަޢުލޫމާތެއް ހޯދި އެވެ. އަޖީތު ދެއްކި ވާހަކަތަކަށް ނިހާލާ އެއްބަހެއް ނުވި އެވެ. އެކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް އަޖީތުގެ އަތުގައި ނެތެވެ. ނިހާލާ ކަންތައްތައް ކޮށްފައި ހުރީ އެ ހުރިހާ ކަމަކަށް ވިސްނައި ސަމާލުވެގެން ނެވެ.
ކުށެއް ނެތްކަން އެނގުނު ހިސާބުން އަރީޒް މިނިވަންވި އެވެ. ނިހާލާ އާއި ބެހޭގޮތުން އަޖީތު ދެއްކި ވާހަކަތައް ސާބިތުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އޭނާ ވެސް ސިފައިންގެ ބެލުމުގެ ދަށުން ދޫކޮށްލި އެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ އެވެ. ސުޖީތާގެ މަރުގެ ވާހަކަ ނިމުނީ އެވެ. ގިނަ ބަޔަކު ޤަބޫލުކުރީ އެގޮތަށެވެ.
ސުޖީތާގެ މަރަށް ތިން މަސް ވާން ކައިރިވެފައި ވަނިކޮށް، ކުއްލިއަކަށް ނިހާލާ އާއި އަރީޒް ކައިވެނިކުރި އެވެ. ހަނީމޫނަށް އެމީހުން ދިވެހިރާއްޖެ އައީ އޭގެ ތިން ދުވަސް ފަހުން ނެވެ.
އަރީޒް އާއި ނިހާލާގެ ފިޔަވަޅުތަކަށް އިންޑިޔާ ސިފައިން ފާރަލަމުން ދިޔަކަމެއް އެމީހުން ނުދެނަހުއްޓެވެ. އެފަދަ ކަމަކަށް އެމީހުން ޝައްކެއް ވެސް ނުކުރެ އެވެ.
ސުޖީތާ މަރައިލުމަށް ޚަރަދުކުރި މީހަކީ އަރީޒް އެވެ. އެކަމުގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދިން މީހަކީ ނިހާލާ އެވެ. އެއީ ދެ ލޯބިވެރިން ނެވެ. ސުޖީތާ އާއި އަރީޒް ކައިވެނިކުރީ މައިންބަފައިންގެ އެދުމަށް ދެކޮޅު ނުހަދަންވެގެން ނެވެ. ނިހާލާ ފޮނުވިކަމަށް އަޖީތު ބުނި ފައިސާ އަކީ ވެސް އަރީޒްގެ ރައްޓެއްސެއް މެދުވެރިކޮށް ނިހާލާ ފޮނުވި ފައިސާ އެވެ. އެ ހުރިހާ ކަމެއް ކުރީ އެމީހުންގެ ކައިވެންޏަށް އެޅުނު ހުރަހަކަށްވި ސުޖީތާގެ ދުވަސް ދުއްވައިލުމަށެވެ. އެ ދެމީހުން ކައިވެނި ކުރުމަށެވެ. ޝައްކެއް ނެތް މިންވަރަށް އިންޑިޔާ ސިފައިން ވަނީ އެކަންކަން ޔަގީންކޮށްފަ އެވެ.
އެމީހުންނާއި ސުވާލުކުރާކަށް، އެމީހުން ދައްކާ ބޭކާރު ވާހަކަތައް އަޑުއަހާކަށް، ވަގުތު ބޭކާރުކުރާކަށް ތަހުޤީޤު ޓީމުން ބޭނުމެއް ނުވި އެވެ. ފުރަތަމަ ވެސް ދެއްކީ އެމީހުންނާއި ގުޅޭގޮތުން އަދި އެމައްސަލައާއި ގުޅޭގޮތުން ހޯދާފައިވާ ހެއްކެވެ. ބޭންކް ސްޓޭޓްމެންޓްތަކާއި ސީސީޓީވީ ފްޓޭޖްތަކެވެ. ފޯނުން ކޮށްފައި ހުރި މުއާމަލާތްތަކާއި ފޯނު ރެކޯޑިންގތަކެވެ.
ދެކޮޅަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތުމުން އަރީޒް އާއި ނިހާލާ އެމީހުންގެ ކުށަށް އިޢުތިރާފްވި އެވެ. މަކަރުވެރި ރޭވުމަކުން، އުފާވެރި ވާނެކަމަށް ފެށި ދިރިއުޅުން އުފާވެރިއެއް ނުވި އެވެ. އެ މަކަރުވެރިކަމާއި ރޭވުންތެރިކަން ސިއްރެއް ވެސް ނުވި އެވެ. ވަގުތު ޖެހުމާއިއެކު ހުރިހާކަމެއް ފަޅާއަރައި ބޭޒާރުވި އެވެ.
އެ ހިސާބުން ނިމުނީކަމަށް ނިންމައިގެން އާންމުން ތިބި މައްސަލަ ނިމުނީ ވާސިލްވާންވީ ހިސާބަށް ވާސިލްވެގެން ނެވެ.
(ނިމުނީ)
