ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނޫރީން – 6
މުނިއަވަސް ގްރެފިކްސް

“އޭނާ އުޅެނީ އެތަނުގައި.”

ޝަރަފް އެ ދިމާއަށް ހިނގައިގަތެވެ. އޭނާއަށް ނޫރީން ފެނުނީ ކްލާސް ރޫމެއްގެ ތެރެއިންނެވެ. އޭނާ އިނީ ކުޑަ ގޮނޑިއެއްގައި އިށީނދެގެން، ކުޑަ އަންހެން ކުއްޖަކަށް ފޮތެއްގައި އަކުރު އަޅަން ދަސްކޮށްދޭށެވެ. އޭނާގެ ވަށައިގެން ގިނަ އަދަދެއްގެ ކުދިން ތިއްބެވެ. އޭނާ އިނީ ހިނިތުންވެފައެވެ.

އިރުކޮޅަކު ޝަރަފް ބަލަން ހުއްޓެވެ. ދެން ނޫރީންނަށް އޭނާ ފެނުނެވެ. އޭނާގެ ހިނިތުންވުން ފިލައިދިޔައެވެ.

އެ ކުޑަ އަންހެން ކުއްޖާވެސް ނޫރީން ބަލާ ދިމާއަށް ބަލައިލިއެވެ. “ޓީޗަރު؟”

ނޫރީން އޯގާތެރިކަމާއެކު އެ ކުއްޖާގެ ކޮނޑުގައި އަތްޖައްސާލައި، ކުރިއަށް ގެންދިއުމަށް އިޝާރާތް ކުރިއެވެ. އަދި އޭނާ ތެދުވިއެވެ. ދޮރާ ދިމާއަށް އޭނާ ހިނގައިގަތެވެ.

ޝަރަފް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. “ނޫރީން.”

އޭނާ ޝަރަފަށް ބަލައިލިއެވެ.

ޝަރަފް މި ވަގުތު އަންނާނެ ގޮތް އެތައް ފަހަރަކު ހިތަށް އަރުވާފައިވެއެވެ. ބައެއް ފަހަރު އޭނާ ރޮއިގަންނާނެ ކަމަށް ހީކުރެވުނެވެ. އަނެއްބައި ފަހަރު އޭނާގެ މޫނުމަތީގައި ޖަހާނެ ކަމަށް ހީކުރެވުނެވެ. އަދި މަދު ފަހަރަކު، އޭނާ ދުވެފައި އައިސް ޝަރަފްގެ ގައިގައި ބައްދާލާނެ ކަމަށާއި، ހުރިހާ ކަމެއް ބަދަލުވާނެކަމަށް ވަޢުދުވާނެ ކަމަށްވެސް އޭނާ ހީކުރިއެވެ. ނަމަވެސް ނޫރީން އެއިން އެއްވެސް ކަމެއް ނުކުރެއެވެ. އޭނާ ހަމައެކަނި މަޑުން ހުރީއެވެ. ކެތްތެރިކަމާއެކުގައެވެ. ހަމަޖެހިލައިގެންނެވެ. އޭނާއަކީ މިހާރު ޝާރަފަށް މުޅިން ބީރައްޓެހި މީހެކެވެ.

“އަހަރެމެންނަށް ވާހަކަ ދައްކާލެވިދާނެތަ؟” ޝަރަފް އެހިއެވެ.

ނޫރީން ބޯޖަހާލުމުގެ ކުރިން ކުޑަ ހިނދުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ކުޑަކުދިންނާ ދުރަށް، ރުކެއްގެ ދަށުގައި ހުރި ކުޑަ ބެންޗަކާ ދިމާއަށް އެ ދެމީހުން ހިނގައިގަތެވެ. ޝަރަފް އިށީނެވެ. ނޫރީން ހުރީ ކޮޅަށެވެ. ޝަރަފް އޭނާގެ މޫނަށް ބަލާލިއެވެ.

“އަހަރެން އުޅުނިން ވަރަށް ނޫރީން ހޯދަން.”

ނޫރީން އެއްވެސް ޖަވާބެއް ނުދެއެވެ.

“އަހަރެން ހުރިހާ ތަނެއް ބެލިން. އެންމެންގެ ގާތުން އެހިން. ނޫރީންގެ މަންމަގެ ގެއަށްވެސް ދިޔައިން.”

ނޫރީން ބަލާލީ ކަނޑާ ދިމާއަށެވެ.

ޝަރަފް ހިންދިރުވާލިއެވެ. “އަހަރެން މާފަށް އެދެން.”

މިވެސް ކިޔާލަން:  މީހޭ މަށަށް ދިން މަޤާމް – 8

ނޫރީންގެ އެއްވެސް ޖަވާބެއް ނެތެވެ.

“އަހަރެންނަށް އެނގޭ އަހަރެންނަށް މާފު ޙައްޤު ނޫންކަން. އެކަމަކު އެރޭގެ ކަންތަކާމެދު ކޮންމެ ދުވަހަކު އަހަރެން ހިތާމަކުރާކަން ނޫރީންނަށް އަންގަން ބޭނުން.”

ނޫރީން އޭނާގެ ދަބަހުން ކުޑަ ނޯޓުފޮތެއް ނެގިއެވެ. އެ ފޮތް ހުޅުވާލިއެވެ.

“ކީއްކުރަން މިތަނަށް ތިއައީ؟”

ޝަރަފް އެ ލިޔުމަށް ބަލާލިއެވެ. “ނޫރީން ގެއަށް ގެންނަން ބޭނުންވާތީ.”

ނޫރީން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ގެ އެހެރީ އެގޮތަށް. ހުރިހާ އެއްޗެއްވެސް އެބަހުރި. އަހަރެންނަށް ބަދަލުވެވިދާނެ. އަހަރެން މިހާރު ބަދަލުވެއްޖެ.”

ނޫރީން އެހެން އެއްޗެއް ލިޔުނެވެ. “ކާކަށްޓަކައި؟”

ޝަރަފް ނިތްކުރު އަރުވާލިއެވެ. “ކީކޭ؟”

ނޫރީން އަލުން ލިޔުނެވެ. “ތި ބަދަލުވަނީ ކާކަށްޓަކައި؟”

ޝަރަފްގެ އަތުގައި ދޭނެ ޖަވާބެއް ނެތެވެ. ވަރަށް ގިނައިރު ވަންދެން ނޫރީން އޭނާއަށް ބަލަން ހުއްޓެވެ. އަދި އޭގެ ފަހުން ލިޔުނެވެ.

“ތި އުޅެނީ ތިން އަހަރު ވަންދެން އަހަރެން ހޯދަން. އެ ދޮރު ތަޅުލި ދުވަހު ތިމާ ހުރި ގޮތާމެދު އެންމެ ދުވަހަކުވެސް ވިސްނާލިންތަ؟”

ޝަރަފްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ނޫރީން، އާދޭސްކޮށްފައި ބުނަން.”

ނޫރީން ލިޔުން ކުރިއަށް ގެންދިޔައެވެ.

“ކަލޭ އަނބިމީހާ ހޯދީ، ކަލޭ އިންތިޒާރުގައި މީހަކު ހުރުމުގެ އުނިކަން އިޙުސާސް ކުރެވޭތީ. ކަލެއަށް ގެޔާއި، ކެއުމާއި، ކަލޭގެ ދިރިއުޅުން ފަސޭހަކޮށްދިން މީހާގެ މަތިން ހަނދާންވަނީ. އެކަމަކު ބޭރަށް ދޫކޮށްލި އަންހެން މީހާއަށް ވީގޮތާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟”

ޝަރަފް އިސްޖަހާލިއެވެ. “އަހަރެން ކޮންމެ ދުވަހަކު އެކަމާ ވިސްނަން.”

ނޫރީން ބޯހޫރުވާލިއެވެ. “ކުރެވުނު ކަންތަކާމެދު ވިސްނުމާއި، ކުރެވުނު ކަންތައް އިޙުސާސްވުމަކީ ތަފާތު ދެކަމެއް.”

އެ ބަސްތައް އޭނާގެ ހިތަށް އެހެން ހުރިހާ ތުހުމަތަކަށްވުރެ ބޮޑަށް ތަދުވިއެވެ.

އޭނާ ނޫރީންއަށް ބަލާލިއެވެ. “އަހަރެންގެ ދަރިފުޅުވެސް އަހަރެންނަށް ގެއްލުނީ.”

ފުރަތަމަ ފަހަރަށް ނޫރީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ ލޯ ކަރުނުން ފުރުނެވެ. އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.

ޝަރަފް އޭނާގެ އަތުގައި ހިފަން އުޅުނެވެ. ނޫރީން ފަހަތަށް ޖެހުނެވެ. ޝަރަފް އަތް ތިރިކޮށްލިއެވެ.

މިވެސް ކިޔާލަން:  ކަތިލެވުނު އަބުރު - 1 

“ނޫރީން، އަހަރެން އެ ދަރިފުޅުދެކެ ލޯބިވިން.”

ނޫރީން އަލުން އޭނާއަށް ބަލާލިއެވެ. އަދި ލިޔުނެވެ.

“އަހަރެންނަށް އެނގޭ. އެކަމަކު އެ ލޯބިވުމަކަށް ކަލެއަށް އެ ދަރިފުޅު ދޫކޮށްލުމަކުން ހުރަހެއް ނޭޅުނު.”

އެމީހުންގެ ބޯމަތީގައި ހުރި ރުއްތަކުގެ ފަންތަކުގެ ތެރެއިން އަންނަ މޫދުވައިގެ އަޑު އިވެއެވެ. ދުރުން ދޯންޏެއްގެ އިންޖީނުގެ އަޑު އިވެމުންދިޔައެވެ.

ޝަރަފް ފެންނަނީ ކުއްލިއަކަށް މުސްކުޅިވެފައިވާ މީހަކު ފަދައިންނެވެ. “އަހަރެން ހުރީ ރުޅި އައިސްފައި.”

ނޫރީން ލިޔުނެވެ. “އަހަރެންވެސް ހުރީ އެހެން.”

“އަހަރެންނަށް ވަރަށް ބޮޑު ގޯހެއް ހެދުނީ.”

ނޫރީން އޭނާއަށް ބަލާލިއެވެ. “އެއީ ހަމައެކަނި ހެދުނު އެއް ގޯހެއް ނޫން. އެއީ އެތައް އަހަރެއް ވަންދެން ކަލޭ އަމިއްލަ އެދުން އިސްކުރުން.”

އޭނާ ލޯ މަރާލިއެވެ. ނޫރީން ކުރިއަށް ގެންދިޔައެވެ.

“ކަލޭ އަހަރެމެންގެ ކައިވެންޏަށްވުރެ އާއިލާގެ އަބުރަށް އިސްކަންދިނީ. ކަލޭގެ އަނބިމީހާއަށްވުރެ އެހެން އަންހެނަކަށް އިސްކަންދިނީ. ކަލޭގެ ދަރިފުޅުގެ ސަލާމަތަށްވުރެ ކަލޭގެ ރުޅި އިސްކުރީ. އަދި އަހަރެންނަށް ދޮރު ހުޅުވައިދޭން ބޭނުންވި ވަގުތު، ކަލޭ އިޚްތިޔާރުކުރީ ދުރަށް ދިއުން.”

ޝަރަފްގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. “އަހަރެން މާފަށް އެދެން.”

ނޫރީން މަޑުމަޑުން އޭނާގެ ނޯޓުފޮތް ލައްޕާލިއެވެ. އަދި އެއްވެސް މީހަކު އުންމީދު ނުކުރާ ފަދަ ގޮތަކަށް، އޭނާ ވާހަކަ ދައްކަން ފެށިއެވެ. އެ އަޑަކީ މަޑުމަޑު، އަދި އާދަޔާ ޚިލާފު އަޑެކެވެ.

އެއީ ޝަރަފަށް އޭނާ ބަހެއް ބުނަން މަސައްކަތްކުރި އަޑު އިވުނު ފުރަތަމަ ފަހަރެވެ.

“ޝަ… ރަފް…”

އޭނާ ނޫރީންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެތައް އަހަރެއް ވަންދެން، އޭނާގެ އަޑު ހުންނާނެ ގޮތް ޝަރަފް ތަޞައްވުރު ކުރިއެވެ. އުފަލުން ނުވަތަ ރުޅީގައިވިޔަސް އޭނާގެ ނަން ކިޔާ އަޑު އަހަން އޭނާ ބޭނުންވިއެވެ. މިހާރު އޭނާ އެ ނަން ކިޔައިފިއެވެ. އަދި އެ ދެމީހުން ފުރަތަމަ ބައްދަލުވި ދުވަހަށް އެނބުރި ދެވޭނެނަމައޭ ޝަރަފްގެ ހިތަށް އެރިއެވެ. އެކަމަކު ނޫރީންގެ ވާހަކަ އަދި ނުނިމެއެވެ.

މިވެސް ކިޔާލަން:  ނޫރީން - 4

އޭނާ ހިންދިރުވާލުމަށްފަހު އަލުން މަސައްކަތް ކުރިއެވެ. “ކަލޭ..”

އެ ބަސް ބޭރުވީ ވަރަށް އުނދަގުލުންނެވެ. އޭނާ ހުއްޓާލާފައި، ނޭވާއެއްލުމަށްފަހު ކުރިއަށް ގެންދިޔައެވެ.

“ކަލޭ ދުވަހަކުވެސް..”

ޝަރަފް ކުރިއަށް ޖެހިލިއެވެ. ނޫރީން ސީދާ އޭނާގެ ލޮލަށް ބަލާލިއެވެ.

“ކަލޭ ދުވަހަކުވެސް މަޑުކުރާކަށް ނުބުނޭ.”

ޝަރަފް ހުއްޓުން އެރިއެވެ. ނޫރީން އޭނާގެ ދިރިއުޅުމުގެ ބޮޑު ބައި ހިމޭނުން ހުރި އަޑުން، ކޮންމެ ބަހެއް މަޑުމަޑުން އުނދަގުލުން ބޭރުކުރަމުން ދިޔައެވެ.

“އެހެންވެ.. އަހަރެން އިންތިޒާރު ކުރުން ހުއްޓާލައިފިން.”

އެ ޖުމްލައާއެކު އެތަނަށް ހިމޭންކަން ވެރިވިއެވެ. ޝަރަފް ރޯން ފެށިއެވެ. އެއީ ބާރުގަދަ މީހަކު އަމިއްލައަށް ހިތާމަކުރާއިރު އޮހޮރުވާ ކަރުނައެއް ނޫނެވެ. އެއީ އަމިއްލަ އަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހުމުން، އެއްވެސް ބާރެއް ނެތް މީހަކު އޮހޮރުވާ ކަރުނައެވެ.

“ނޫރީން..”

ނޫރީން މަޑުމަޑުން އަތް އުފުލާލިއެވެ. އެއީ އޭނާ ހުއްޓުވާކަށް ނޫނެވެ. އެކަމަކު އޭނާ ބުނަން ބޭނުންވި ވާހަކަ ނިމިއްޖެކަން އެންގުމަށެވެ. އަދި އެންމެ ފަހު ފަހަރަށް އޭނާގެ ނޯޓުފޮތް ހުޅުވާލިއެވެ.

“އަހަރެން އެތައް އަހަރެއް ހޭދަކުރީ، އަހަރެން ކަލެއަށް ލޯބި ދީފިނަމަ، ފުރަތަމަ ބައްދަލުވީ ދުވަހު ކަލޭ ދެއްކި ސިފައަށް ބަދަލުވާނެކަމަށް ޤަބޫލުކޮށްގެން. ދުވަހަކުވެސް ނުލިބޭނެ މާފަކަށް، ދުވަހަކުވެސް ނުފުއްދޭނެ ވަޢުދުތަކަކަށް، އަދި ވަކި މުއްދަތެއް ހަމަވުމުން ހުސްވާނެ އޯގާތެރިކަމަކަށް އަހަރެން އިންތިޒާރުކުރިން.”

ނޫރީން ކުޑަކޮށް މަޑުޖެހިލިއެވެ.

“ކަލޭ އުފަންވީ މުޅި ދުނިޔެ ކަލެއަށްޓަކައި ޖާގަ ހުސްކުރަން ޖެހޭނެކަމަށް ދަސްކޮށްދިން އާއިލާއަކަށް. ލޯބި އެއަށްވުރެ ތަފާތުކަން ކަލެއަކަށް ދުވަހަކުވެސް ދަހެއް ނުވި. ލޯތްބަކީ ވާރުތައިން ލިބޭނެ، ގަނެވޭނެ، މަޖުބޫރު ކުރެވޭނެ ނުވަތަ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން.”

ޝަރަފް އެ ސޮފްހާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނޫރީން ލިޔުން ކުރިއަށް ގެންދިޔައެވެ.

“އިޔާންއަށް ބޭނުންވީ، ގޭގެ ބޭރުގައި ބާރުގަދަ މީހަކަށް ވުމަކީ ގޭގެ އެތެރޭގައި އޯގާތެރި މީހަކަށް ނުވެވޭނަމަ އެއީ އެއްވެސް އަގެއް ހުރި ކަމެއް ނޫންކަން ދަންނަ ބައްޕައެއް.”

އޭނާގެ އިނގިލިތައް ތުރުތުރުލައެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top