ފާތިމާ ސަނާ ޝެއިޚްއަކީ 90ގެ ފަހުކޮޅުގެ ހިންދީ ފިލްމުތަކުގައި ކުޑަކުއްޖެއްގެ ރޯލު އަދާކުރި ތަރިއެކެވެ. “އިޝްޤު (1997)”، “ޗާޗީ 420 (1997)”، “ބަޅޭ ދިލްވާލާ (1998)” އަދި “ވަން 2 ކާ 4 (2001)” ފަދަ ފިލްމުތަކުގައި ކުޑަކުއްޖެއްގެ ރޯލު އަދާކޮށްގެން އޭނާ ވަނީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. ނަމަވެސް އެއީ ފާތިމާކަން ގިނަ މީހުންނަކަށް ނޭނގެއެވެ.
ދާދިފަހުން ފިލްމުފެއަރއަށް ދިން އިންޓަވިއުއެއްގައި ފާތިމާ ވަނީ ޝާހް ރުކް ޚާންއާއެކު “ވަން 2 ކާ 4″ގެ ޝޫޓިންގގެ ވާހަކަ ހިއްސާކޮށްފައެވެ. އޭނާއަކީ ޝާހްގެ ޑައި-ހާޑް ފޭންއެކެވެ.
“ޝާހް ހިތަކަށްވެސް ނާރާ މި ފަސް އަހަރުގެ އަންހެންކުއްޖާ އޭނަދެކެ ލޯބިވެދާނެ ކަމަކަށް.”
އޭނާއަކީ އެ ސެޓުގައި ހުރި އެންމެ ކުޑަ ކުއްޖާއަށްވެފައި އޭނާއަށް ވަރަށް ޚާއްސަ ސަމާލުކަމެއް އެންމެންގެ ފަރާތުންވެސް ލިބުނުކަމަށް ފާތިމާ ބުންޏެވެ.
“އަހަރެންނަށް އެއީ މީހެއްގެ ފިރިއެއްކަން އެނގުމުން ހިތްހަލާކުވި. މީހުންނަކަށް ނޭނގޭނެ، އަހަރެން ހާދަ ރުއީމޭ. ވަރަށް ހިތްދަތިވި އަދި އޭނަ މީހަކާ އިނދެގެން އުޅޭތީ ހިތްހަމަވެސް ނުޖެހުނު.”
ޝާހްއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި އިތުރަށް ހާމަކުރަމުން ފާތިމާ ބުނެފައިވެއެވެ.
ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފާތިމާ ބޮލީވުޑަށް ނުކުތީ 2016 ވަނަ އަހަރު އާމިރު ޚާންއާއި ސާނިޔާ މަލޯޓްރާއާއެކު ފިލްމު “ޑަންގަލް” އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި މޮޅު އެކްޓިންގއަށް ކްރިޓިކުންނާއި ބެލުންތެރިން ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ.
ފާތިމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު “ލޫޑޯ”އާއި އަބީޝެކް ޝަރްމާގެ “ސޫރަޖް ޕޭ މަންގަލް ބާރީ” އަދި ސައިފް ޢަލީ ޚާންއާއި ޢަލީ ފަޒާލްއާއެކު ކުޅޭ “ބޫތު ޕޮލިސް” ހިމެނެއެވެ.
