ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ޕްރެމިއާ ލީގު ހަފްތާ 14 އަށް ކަޅިއެއް
ފޮޓޯ: ޟާޒިޔާ ފޭސްބްކް ޕޭޖް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގް 2025 – 2026ގެ 14 ވަނަ ހަފްތާގެ ކުޅުން ރޭ (12 ޖެނުއަރީ 2026 ދުވަހުގެ ރޭ) ނިމިއްޖެއެވެ. މިހަފްތާގަ ކުޅުން ރޭ ނިމުނުއިރު ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކާއި ޕޮއިންޓް ޓޭބަލަށް ބަލާލާއިރު:

ފުރަތަމަމެޗް: މާޒިޔާ ފަސްބެލެމެއްނެތި ކުރިޔަށް:

މި ހަފްތާގައި ކުޅެވުނު މެޗްތަކަށް ބަލާލާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރީ މާޒިޔާ އާއި ވިކްޓްރީއެވެ. ރަނގަޅުފޯމެއްގައި ކުޅެމުން އަންނަ ވިކްޓްރީ ކައިރިން މާޒިޔާއަށް މޮޅުވާން ފަސޭހަ ނުވާނެކަމަށް ހީކުރެވުނު ނަމަވެސް އެކަން ދެމިއޮތީ ފުރަތަމަ ހާފު ނިމުމާއި ހަމައަށެވެ. އެއްވެސް މެޗަކުން ބަލިނުވެ ލީގުޗެންޕިއަންކަން ހޯދަން މަސައްކަތް ކުރަމުންދާ މާޒިޔާއިން ދެވަނަ ހާފުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ތިނެއް ސުމަކުން މާޒިޔާ ކާމިޔާބުކުރި މިމެޗްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އަހްމަދު އައިހަމް (ފަތޯ) އެވެ. ހަމަހަމަ ކުރެވޭތޯ ވިކްޓްރީން މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާ ވެސް ފެނުނީ މާޒިޔާގެ ލަނޑެކެވެ. ވިކްޓްރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން، މާޒިޔާގެ ހަސަން ނަޒީމް (ޗޯޓު) އަށް ވިކްޓްރީގެ ކުޅުންތެރިޔަކު ކުރި ފައުލަށް ލިބުނު މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މާޒިޔާއިން ދެވަނަ ލަނޑުޖެހިތާ މާގިނަ އިރެއް ނުވެ މާޒިޔާއިން ވަނީ އެޓީމުގެ ތިންވަނަލަނޑު ޖަހާފައެވެ. މެޗްގެ 68 ވަނަ މިނިޓްގައި މާޒިޔާއަށް މިލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު އިލާން އިމްރާންއެވެ.

ފޮޓޯ: މާޒިޔާ ފޭސްބްކް ޕޭޖް

ދެވަނަމެޗް: ޔުނައިޓެޑްވިކްޓްރީ ބަލިކޮށް އީގަލްސް ފަސްވަނައަށް:

މި ހަފްތާގެ ދެވަނަމެޗުގައި ފަސޭހަކަމާއެކު ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އީގަލްސް ވަނީ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ. 11 ޖަނަވަރީ 2026 ދުވަހުގެރޭ ކުޅުނު މިމެޗް އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ 1-4 އިންނެވެ. މިމެޗްގަ އީގަލްސްއަށް ލަނޑުތައް ޖަހައިދިނީ ޒައިން ޒަފަރު، މުޙައްމަދު ސަބާހު އަދި އިބްރާހިމް މަހުދީއެވެ. 31 ވަނަ މިނިޓާއި 64 ވަނަ މިނިޓްގައި ޒައިން ޒަފަރު ލަނޑު ޖެހިއިރު، މުޙައްމަދު ސަބާހު ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. އިބްރާހިމް މަހުދީ ލަނޑުޖެހީ ދެވަނަ ހާފުގައެވެ. ޔުނައިޓެޑްވިކްޓްރީން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މުޙައްމަދު ސާމިރުއެވެ. މިމެޗުން ހޯދި ތިންޕޮއިންޓާއިއެކު އީގަލްސް ފަސްވަނައަށް ޖެހިލީ 14 މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. މިމެޗާއި ހަމައަށް ފަސްވަނާގައި އޮތް ވިކްޓްރީއަށް ލިބިފައިވަނީ 14 މެޗުން 20 ޕޮއިންޓްއެވެ.

ތިންވަނަމެޗް: ވެލެންސިޔާ ކައިރިން މޮޅުވެ ބުރު ތިންވަނައަށް:

14 ވަނަ ހަފްތާގެ ތިންވަނަމެޗްގަ 4-1 އިން ވެލެންސިޔާ ބަލިކޮށް ބުރު ސްޕޯޓްސް ލީގުގެ ތިންވަނައަށް ޖެހިލައިފިއެވެ. 13 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ތިންވަނާގައި އޮތް ނިއުރޭޑިއަންޓްގެ ކުރިޔަށް ބުރު ޖެހެލީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ހަފްތާ 13 ގައި ރަނގަޅު ކުޅުމެއް ދެއްކި ވެލެންސިޔާއަށް މިމެޗްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފަހަތުން އަރައި ބުރު މޮޅުވި މިމެޗްގެ 27 ވަނަ މިނިޓްގައި ވެލެންސިޔާއިން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހަސަން ނަވާޒްއެވެ. ވެލެންސިޔާގެ ކުޅުންތެރިއެއްގަ އަތުގަ އޭރިޔާތެރެއިން ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ބުރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޙައްމަދު ނާއިމްއެވެ. ނަތީޖާ ހަމަހަމަ ކުރިތާ ހައެއްކަ މިނިޓްތެރޭ އިތުރުލަނޑެއް ޖަހައި ބުރުން ވަނީ މެޗްގެ ލީޑުނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑިއަވަންޑޫ ޑިވާނާއެވެ. ދެވަނަ ހާފުގެ ފަނަރަވަނަ މިނިޓްގައި ބުރުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއިރު، މިލަނޑު ވެސް ޖަހައިދިނީ ދެވަނަ ލަނޑު ޖަހައިދިން ޑިއަވަންޑޫ ޑިވާނާއެވެ. ބުރުގެ ހަތަރުވަނަ ލަނޑު މެޗްގެ 75 ވަނަ މިނިޓްގައި ޖަހައިދިނީ، އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު، އެނބުރިއައި އަބްދުﷲ ޔާމިން އެވެ.

ހަތަރުވަނަމެޗް: ޓީސީ ކައިރިން ނިއުރޭޑިއަންޓަށް އުނދަގޫމޮޅެއް.

ހަފްތާ 14 ގައި އެންމެގިނަބައެއްގެ ސަމާލުކަން ހުއްޓުނު މެޗަކީ ނިއުރޭޑިއަންޓާއި ޓީސީ ބައްދަލުކުރި މެޗެވެ. ލީގުގައި ކޮންމެ މެޗަކުން މޮޅުވަމުން އައި މާޒިޔާގެ ރެކޯޑަށް ނިމުން ގެނުވި ޓީސީންވަނީ މިމެޗްގައި ވެސް މޮޅުކުޅުމެއް ދައްކާފައެވެ. ވަރުގަދަ ޑިފެންސަކާއިއެކު ކައުންޓައެޓޭކްގައި ގޯލު ޖަހަން ފުރުސަތު ވެސް ހޯދާފައެވެ. ތިންވަނަ މަގާމު ހޯދުމަށްޓަކައި ކޮންމެހެން ވެސް މޮޅެއް ބޭނުންވެފައިވާ ނިއުރޭޑިއަންޓަށް ޓީސީގެ ޑިފެންސާއި ގޯލު ފޫއަޅުވާލަން ފަސޭހައެއް ނުވިއެވެ. އިތުރުވަގުތުގެ ގޮތުގައި ދެއްކި ދިހަ މިނިޓްގެ ތެރެއިން ހަތްވަނަ މިނިޓާއި ހަމައަށް ޓީސީން ވަނީ އެޓީމުގެ ގޭމު ދަމަހައްޓާފައެވެ. ދެވަނަ ހާފުގެ ފަހުކޮޅު ނިއުރޭޑިއަންޓުންވަނީ މުހިންމު ދެބަދަލެއް ގެނެސްފައެވެ. ދިވެހި ފުޓްބޯޅަ މިހާތަނަށްދުއް އެންމެމޮޅު ކުޅުންތެރިޔާ އަލީ އަސްފާގު (ދަގަނޑޭ) ކުޅުން ނިކުތުމާއިއެކު ނިއުރޭޑިއަންޓްގެ ކުޅުމަށް ބޮޑު ބަދަލެއް އައެވެ. އަލީ އަސްފާގުގެ ލީޑަރސިޕާއެކު މޮޅުވުމުގެ ރޫހު އިތުރުވެގެންދިޔަތަން ފެނުނެވެ. ނިއުރޭޑިއަންޓުން އެޓީމުގެ ފުރުތަމަލަނޑުޖެހީ އިތުރުވަގުތުގެ އައްވަނަ މިނިޓްގައި އަލްހާޖީ ގޭރޯ އެވެ. މިލަނޑަކީ އަހްމަދު ވިޖުދާންގެ މޮޅުކުޅުމާއިއެކު ތަނަވަސްކުރި ފުރުސަތެއްގަ އަލްހާޖީ ގޭރޯ ޖަހައިދިން ލަނޑެކެވެ. އެލަނޑުޖެހިތާ ގިނައިރުތަކެއް ނުވެ އަލްހާޖީ ގެރޯ ވަނީ ނިއުރޭޑިއަންޓަށް ދެވަނަލަނޑެއް ޖަހައިދީފައެވެ. މިލަނޑަކީ ޑަސިލްވާގެ ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެން އަލްހާޖީ ގެރޯ ޖަހައިދިން ލަނޑެކެވެ. މިމެޗުން ހޯދި ތިންޕޮއިންޓާއިއެކު 27 ޕޮއިންޓް ހަމަކޮށް ނިއުރޭޑިއަންޓް ވަނީ އަނެއްކާ ވެސް ތިންވަނައަށް ޖެހިލާފައެވެ.

ފަސްވަނަމެޗް: ގުރީންސްޓްރީޓް ބަލިކޮށް އޮޑި އަދިވެސް ދެވަނާގައި

14 ވަނަ ހަފްތާގެ ފަހު މެޗްގައި ބައްދަލުކުރީ ލީގުގެ ދެވަނާގައި އޮތް އޮޑި ސްޕޯރޓްސް އާއި ގްރީންސްޓްރީޓް އެވެ. ފަހުވަގުތުގައި މުޙައްމަދު ސާމިރު ޖަހައިދިން ގޯލުން މޮޅުވެ އޮޑި ސްޕޯރޓްސް އެޓީމުގެ މަގާމް ދިފާއުކޮށްފިއެވެ. 12 ޖަނަވަރީ 2026 ދުވަހުގެރޭ ކުޅުނު މިމެޗްގެ ފުރަތަމަ ގޯލު ޖެހީ ގްރީން ސްޓްރީޓް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގްރީންސްޓްރީޓަށް ގޯލް ޖަހައިދިނީ އެލް ސައީދުއެވެ. ލީގުގެ އައްވަނާގައި އޮތް ގުރީންސްޓްރީޓަށް އެޓީމުގެ ލީޑު ދެމެހެއްޓުނީ މެޗްގެ 64 ވަނަ މިނިޓާއި ހަމައަށެވެ. 64 ވަނަ މިނިޓްގައި އައިހަމް ޖަހައިދިން ގޯލާއިއެކު ނަތީޖާ ހަމަހަމަވިއެވެ. މި ގޯލަކީ ގްރީންސްޓްރީޓްގެ ކީޕަރުގެ ބޯމަތިން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަތީޖާ ހަމަހަމާގައި އޮވެ ނިމިދާނެކަމަށް ހީވި މިމެޗްގެ އިތުރުވަގުތުގައި އޮޑިސްޕޯރޓްސް މޮޅުކޮށްދިނީ މިފަހަރުގެ ޓްރާންސްފާރގައި އޮޑިސްޕޯރޓްސްއަށް ބަދަލުވި މުޙައްމަދު ސާމިރުއެވެ. މުޙައްމަދު ސާމިރު ފޮނުވާލި ފުރީކިކް ގޮސް ސީދާގޯލަށް ވަތްއިރު އެބޯޅަ ދިފާއުކުރަން ގްރީންސްޓްރީޓްގެ ކީޕަރާއި ކުޅުންތެރިންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

14 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ގަދަ ހަޔެއްގައި ހިމެނޭ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާލާއިރު، އެއްވަނާގައި އޮތް މާޒިޔާއަށް 40 ޕޮއިންޓް، ދެވަނާގައި އޮތް އޮޑި ސްޕޯރޓްސްއަށް 32 ޕޮއިންޓް، ތިންވަނާގައިވާ ނިއުރޭޑިއަންޓަށް 27 ޕޮއިންޓް، ހަތަރުވަނާގައިވާ ބުރަށް 26 ޕޮއިންޓް، ފަސްވަނާގައިވާ އީގަލްސްއަށް 22 ޕޮއިންޓް، ހަވަނާގައިވާ ވިކްޓްރީއަށް 20 ޕޮއިންޓް ލިބިފައިވެއެވެ.

ލީގުގެ 15 ވަނަ ހަފްތާގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ބުރު ޕޯރޓްސް އާއި ވިކްޓަރީ އެވެ.

 

1
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top