ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
​ފިލްމެެއްގެ ގޮތުގައި ދެކެން އެންމެ ބޭނުމީ “ދުންފިނި” – ބިންމާ އިބްރާހީމް ވަހީދު
އިބްރާހީމް ވަހީދުގެ ފޭސްބްކް ޕޭޖުން ނެގި ފޮޓޯއެއް ބޭނުންކޮށްގެން މުނިއަވަސް އިން ހަދާފައިވާ ގްރެފިކްސް އެއް

ވާހަކަ ލިޔުމުގައި 32 އަހަރު ހޭދަވިއިރު، ލިޔެވުނު އެންމެ ހިތްހަމަޖެހޭ ވާހަކައަކީ “ދުންފިނި” ކަމަށާ، ފިލްމެއްގެ ގޮތުގައި ދެކެން އެންމެ ބޭނުމީވެސް އެ ވާހަކަ ކަމަށް، ރާއްޖޭގެ ފުންނާބުއުސް ލިޔުންތެރިޔާ އިބްރާހީމް ވަހީދު (ބިންމާ) ބުނެފިއެވެ.

ބިންމާ އިބްރާހީމް ވަހީދު މިހެން ބުނީ ވާހަކަ ލިޔުމުގައި އޭނާ 32 އަހަރު ހޭދަކޮށްފައިވާކަން ހާމަކޮށް 31 ޖެނުއަރީ 2026ގައި ފޭސްބްކް މެދުވެރިކޮށް ދޫކޮށްލި ޚާއްޞަ މެސެޖަކާ ގުޅިގެން މުނިއަވަސް އިން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެމުންނެވެ.

ފޮޓޯ: ބިންމާ އިބްރާހީމް ވަހީދުގެ ފޭސްބްކް

އިބްރާހީމް ވަހީދު ލިޔުންތެރިކަމުގެ މައިދާނުގައި މިހާ ގިނަދުވަހު ސާބިތުކަމާއެކު ހޭދަކުރަމުން އެ ގެންދަނީ ރީތި ވާހަކަތަކެއްގެ އިތުރަށް، ދިވެހިބަހާ އަދަބަށްވެސް ގިނަގުނަ މުތީތަކެއް ދޫކުރަމުންނެވެ.

ވާހަކަ ލިޔުމުގެ ދާއިރާއަށް ވަދެވުނީ ކިހިނެއް؟ އަދި މިކަން ޕޭޝަންއަކަށް ބަދަލުވީ ކިހިނެއް؟

ކުރުކޮށް ބުނަންޏާ ޓީޗަރަކު ބުނި ދެރަބަހަކަށް ދެން ހިތަށްއެރީ ހަމަ މިކަން ކުރެވޭތޯ ބަލާނަމޭ. އެއީ ސްކޫލު ދައުރުގަ ދިމާވިކަމެއް. ދެން އެހެން ލިޔަން ފެށީ ހަމަ. ޓީޗަރު އެއްކަލަ މިކަހަލަ އެއްޗެހި ސްކޫލުގަ ލިޔަން ދޭ މަޒުމޫނު، ވާހަކަ އެއްޗެހި ނުލިޔެއޭ ހުންނަނީ ބުނީމަ ހިތަށްއެރީ އަސްލު ޓީޗަރަށް އޮޅިގެންނޭ އެހެން އެބުނެވުނީ. ދެން ހަމަ ލިޔަންފެށީ. ލިޔަން ފެށިގޮތަށް ހަމަ ލިޔެފަ އަތުގަ ބަހައްޓަނީ، ދެން އޭރަކު ނުއެއް ކެރޭ މީހަކަށް ދައްކާކަށެއް. ދެން އަދި ރައްޓެހިންނަށް ބައެއް ފަހަރަށް ދެއްކިޔަސް، ބައެއް މީހުން ރަނގަޅު ކޮމެންޓްވެސް ކުރޭ، ބައެއް މީހުން މަޖަލަށް އެއްޗެހިވެސް ބުނޭ. ދެން އެހެންތާ ވާނީ. އޭރު ވަރަށް ކުޑަވާނެ. ދެން އެއްޗިހިތައް ފޮރުވާފަ ބެހެއްޓީ. ބަހައްޓަމުން ބަހައްޓަމުން ގޮސް ދެން އެއްފަހަރު ޤައުމީ މަރުކަޒުން ވާހަކަ ލިޔުމުގެ މުބާރާތް ހުޅުވާލިކަން ރޭޑިޔޯއިން އަޑުއިވުނީމަ އެއަށް ލިޔުނީ. ލިޔެގެން ދެން އޭގެން ލިބުނީ ދެވަނަ. ދެން ހަމަ ޔަގީންކަން ލިބުނީ ދެންހަމަ މިކަން ހަމަ ޔަގީނޭ ކުރެވިދާނެ، ހަމަ ރަނގަޅަށް ކުރެވެޔޭ. ދެން އެތަނަށް ލިޔަން ފެށީ. ދެން މުބާރާތަށް އެކަނި ލިޔަނީވެސް. ކޮންމެ އަހަރަކު އޮންނަ މުބާރާތަށް ލިޔަނީ. ދެން އެހެން ލިޔަމުންގޮސް ވަކި ހިސާބަކުން ގިނަވެފަ ހުއްޓާ ހަވީރުގަ އޭރުގަ ޝަހީބު ހުންނާނީ ބޮޑުމީހަކަށް. ޝަހީބު ބުނީ އެއްފަހަރު ޓީވީން ދިމާވެގެން ތި ވާހަކަތައް ޖަހަންވީ ނޫންހޭ ހަވީރުގަ (ހަވީރު ނޫހުގަ). ދެން ހަމަ ޖަހަން ފެށީ. ދެން ހަމަ ޖަހަންފެށިގޮތަށް ދެން އަދިވެސް މިދަނީ ކުރިއަށް.

ބިންމާ އިބްރާހީމް ވަހީދު އެންމެ ފުރަތަމަ ނޫހެއްގައި ޖެހި ވާހަކައަކީ “އެހެނަސް” ގެ ނަމުގައި ލިޔުނު ލޯބީގެ ވާހަކައެކެވެ. އެ ވާހަކަ ހަވީރު ނޫހުގައި ޝާއިޢުކުރީ 31 ޖެނުއަރީ 1994 ގައެވެ. އޭރު އެ ވާހަކަ ލިޔުނީ އެހާ ބޮޑަށް ޕްލޮޓަކަށް ވިސްނައިގެން ނޫންކަމަށާ ވާހަކަ ލިޔަން ފެށީ ދަސްކޮށްގެން ނޫންކަމަށާ ދަސްކޮށްދޭނެ މީހެއްވެސް އޭރު ނުހުންނަ ކަން ފާހަގަކުރިއެވެ.

އޭރަކު ނޯވޭ ދަސްކުރެވޭނެ ގޮތެއްވެސް. ދެން އަމިއްލައަށް ހަމަ ލިޔުނީ. ހިތަށް އެރި ގޮތަކަށް ލިޔުނީ. ލިޔަމުން ލިޔަމުން ގޮސް ދެން ވާހަކައެއްގަ ހުންނަންވާ ކަންތައްތައް ދަސްވެ، މީގަ ހުންނަން ޖެހޭ އެއްޗެހިތައް އެނގި، ޕްލޮޓް ރާވާނެ ގޮތް އެނގި، ޕްލޮޓްގަ މީހުންގެ ޝައުޤުވެރިކަން ގެންނާނެ ގޮތް އެނގި، ލިޔަމުން ދަސްކުރަމުން ދަސްކުރަމުން ދިޔައީ.

އެއީ (“އެހެނަސް” ވާހަކަ އެއީ) އެންމެ ފުރަތަމަ ލިޔުނު ވާހަކައެއް ނޫން. ވަރަށް ގިނަ އެއްޗެހި ލިޔެފަ ރައްކާކުރެވިފަވެސް ހުންނާނެ. ދެން އަނެއްކާ އޭގެ މާކުރިން އޮންނާނެ ‘ފަތްތޫރަ’އިގަވެސް ވާހަކައެއް ޖަހާފަ. އެހެންވީމަ އެންމެ ފުރަތަމަ ނުކުތް ވާހަކައަކީވެސް އެއެއް ނޫން. އެކަމަކު އެންމެ ފުރަތަމަ ނޫހުގަ ޖެހި ވާހަކައަކީ އެއީ.

ވާހަކަ ލިޔުމުގައި ބިންމާ ވަހީދު މިވަނީ ދިގު ބައްތިރީސް އަހަރު ހޭދަކޮށްފައެވެ. ލައްކަ ގިނަ ވާހަކަތައް ލިޔެފައި ހުރިއިރު އެންމެ ހިތްހަމަޖެހޭ ވާހަކައަކީ ކޮބައިތޯ ސުވާލުކޮށްލީ، ޖަވާބަކަށް “ފަތިސްހަނދުވަރު”ގެ ނަން އަންނާނެ ކަމަށް ހީކޮށްގެން ހުރެއެވެ.

“ދުންފިނި” ކިޔާ ވާހަކައެއް. “ދުންފިނި” ވާހަކަ އެއީ ވަރަށް ފަހުން ލިޔެވުނު އެއްޗެއް. އެކަމަކު އެ ވާހަކަ ދެން ހަމަ ވަރަށް ހިތްހަމަޖެހޭ ހިތްގައިމު ވާހަކައެއް އަސްލުގަ. އެންމެ ބޮޑު މަސައްކަތަކީވެސް އެއީ، އެންމެ އުނދަގޫ މަސައްކަތަކީވެސް އެއީ. އެންމެ ގިނަ މީހުންނަށް އެންމެ ކަމުދިޔަ ވާހަކައަކީވެސް އެއީ.

އެކަމަކު ހީވެދާނެ ފަހަރުގަ “ފަތިސްހަނދުވަރު” އެއީ އޭ. ފަތިސްހަނދުވަރެއް ނޫން. “ދުންފިނި” ވާހަކަ.

“ދުންފިނި” ވާހަކައެއްކޮށް، އޯޑިއޯ ފޮތެއްގެ ސިފައިގައި ޔޫޓިއުބަށް ލާފައިވާކަން ވެސް ބިންމާ ފާހަގަކުރިއެވެ.

ނިންމާފަ ހުރި ވާހަކަތަކުގެ ތެރެއިން އެބަހުރިތަ ފިލްމެއް ނުވަތަ ސީރީޒެއްގެ ގޮތުގަ ފެނިގެން ދިއުމަށް އެދޭ، ފާހަގަކޮށްލެވޭ ވާހަކަތަކެއް؟

މި ބުނާހެން “ދުންފިނި” ހަމަ ވަަރަށް ބޭނުން ފިލްމެއް ހަދައިގެން މީހުންނާ ހަމައަށް އޭތި ގެނެސްދޭނެ ބަޔަކު ވުން. އެކަމަކު އެއެއްޗަކީ ފަސޭހަ އެއްޗެއް ނޫން. ފަސޭހައެއް ނުވާނެ އޭތި ހަދާކަށް. މުޅި އެތި (މުޅި ވާހަކަ) ގްރީސްގަ އޭތި އޮންނާނީ. އެހެންވީމަ ފަސޭހައެއް ނުވާނެ. އެހެން ނަމަވެސް މިހާރު ދިވެހީންނަށްވެސް އޭއައި އެއްޗެހި އައިމަ އެއާ އެއްކޮށް ނުކުރެވޭނެ ވަރު މަސައްކަތެއް ނޫން. އެކަމަކު ފަސޭހައެއް ނުވާނެ.

ލިޔުންތެރިކަމުގެ ދާއިރާއަށް ރާއްޖެއިން އަލަށް ނުކުންނަ މީހުންނަށް ބިންމާ ވަހީދު ދިނީ ވަރަށް ތަފާތު ނަސޭހަތެކެވެ.

އޭގަ އަސްލުގަ ބުނަން އޮތް އެއްޗަކީ މިހާރު ވާހަކައެއް ލިޔަންޏާ ވާހަކަލިޔާ ބަސް ރަނގަޅަށް ދަސްކުރާށޭ. އޭރުންނޭ ތިމާ މި ލިޔާ އެއްޗަކުން ކިޔާ މީހާއަށް އަސަރުކުރާނީވެސް. މި ދަނޑިވަޅަށް ބޭނުންވާ އެންމެ ފުރިހަމަ ލަފުޒު އެތަނަށް ނުގެނެވިއްޖެއްޔާ އޭގެ އަސަރެއް ނާންނާނެ. އެހެންވީމާ ދިވެހި ވާހަކަ ލިޔަންޏާ ދިވެހިބަސް ރަނގަޅަށް ދަސްކުރާށޭ. ދަސްކޮށްގެން ލިޔާށޭ. އެއީ ބުނަން އޮތް އެއްޗަކީ.

ވަރަށް ގިނަ މުބާރާތްތަކުގަ މިހާރު އިންސާފުކުރަން އެބަ ލިބޭ ވާހަކަތައް. ވަަރަށް ގިނަ ވާހަކަތައް ކިޔިފަ ހުރީ. ދެން އޭގެ އެންމެ ބޮޑު އުނިކަމަކަށް ފާހަގަކުރެވޭ ކަމަކީ ދިވެހިބަސް ރަނގަޅަށް ބޭނުންކުރަން ނޭނގުން. ތަންކޮޅެއް ކަންފަސޭހަވެސް ބައެއް ފަހަރަށް ކޮށްލެވެނީ. ދެން ފަހަރެއްގަ ވެދާނެ އެހާ ރަނގަޅަށް ލަފުޒުތައް ނޭނގެނީ ކަމަށްވެސް. ބަހަށް މި އަންނަ ބަދަލުވެސް ދަސްކުރަން ޖެހޭނެ. ބަހުގެ ގަވާއިދުވެސް ދަސްކުރަން ޖެހޭނެ. އޭރުން އަސްލުގަ ފުރިހަމަ ވާހަކައެއް ލިޔެވޭނީ.

ދިވެހި ވާހަކައާއި ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔުމާ މިހާރުގެ ކުދިން ދުރުވަނީ ކީއްވެގެން ކަމަށް ދެކެންތޯވެސް އަހައިލީމެވެ.

އޭގަ އެ ވާގޮތަކީ ދިވެހީން ލިޔެފަ ހުންނަ ރަނގަޅު އެއްޗެހި ނުހުންނަނީ ހަމަ. ދިވެހީން ލިޔެފަ ހުންނަ ރަނގަޅު ވާހަކަވެސް ހަމަ ނުހުންނަނީ. ކުދިން ބޮޑުވެގެން އަންނަ އިރު ނުކާން އުޅެން ފެށީމަ ނުވަތަ ރޯން ފެށީma ޔޫޓިއުބް އެކުދިންނަށް މި ދައްކަނީ. ދައްކާއިރުގަ ޔޫޓިއުބްގަ ފެންވަރު ރަނގަޅު ދިވެހި އެއްޗެއްސެއް ނުހުރޭ. ނެތީމަ ދެން ވާގަޮތަކީ އިނގިރޭސި ކޮންމެވެސް އެއްޗެއް އެކުދިންނަށް ދައްކަން މި ޖެހެނީ. އެހިސާބުން އެ އެއްޗެހި ދައްކައިގެން ކުއްޖާ ބޮޑުވަމުން ބޮޑުވަމުން އައިސް ވަކި ހިސާބަކަށް ދިޔައިމަ ކުއްލިއަކަށް މި ބަހުރުވަ ބަދަލުކޮށްލަން މި ޖެހެނީ. އެހެންވީމަ އެކުދިންނަށް އުނދަގޫވެސް ވަނީ. އެހެންވީމަ ދިވެހިބަހަށް ޝައުޤުވެރިކަންވެސް އުފައްދަންވީ. ކުދިން އާއްމުކޮށް ބަލާ އެއްޗެހި ދިވެހިބަހުން ހުންނަންވީ.

ދިވެހި ކޮންޓެންޓް މި ޒަމާނުގަ ވަަރަށް ފަސޭހަކަމާއެކު އުފެއްދިދާނެ ކަންވެސް އޭނާ ފާހަގަކުރިއެވެ.

ކިޔުންތެރިންނަށް ބުނެލާނީ ކީކޭ؟

ކިޔުންތެރިންނަށް ބުނެލާނީ ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ހަމަ ތި ދެއްވާ ތަރުހީބަށްޓަކާ. ބިންމާ އިބްރާހީމް ވަހީދު, “ބިންމާ އިބްރާހީމް ވަހީދަކަށް ހަދައިދިނީ” ކިޔުންތެރިންނޭ. އެހެންވީމަ ކިޔުންތެރިންނަށް ހަމަ ޝުކުރިއްޔާއޭ ޝުކުރިއްޔާއޭ.

ބިންމާ އިބްރާހީމް ވަހީދުގެ ވާހަކަތަަކަށް ލޯބިކުރާ ކިޔުންތެރިންނަށް އިއްޔެ ވަނީ ދިގު ވާހަކަ “ހިބާ” ހަދިޔާކޮށްފައެވެ. ބިންމާ އިބްރާހީމް ވަހީދުގެ ފޭސްބްކް ޕޭޖުން ނުވަތަ މި ލިންކުންވެސް އެ ވާހަކަ ޑައުންލޯޑްކޮށްލެވޭނެއެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top