ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މަގޭ ދޮންބޭ

މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއިން ގޯޅިއެއްގައި ހުރި “މަލަސް” ގޭގެ ބަދިގެތެރެއިން ދުވަނީ މީރުވަހެކެވެ. އައިޝާ އޭނާގެ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ހުރެގެން އިސްތަށިގަނޑު ރީތިކުރަމުން ދިޔައީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. މިއަދަކީ އޭނާގެ ގްރޭޑް 10 އެއްގެ ފުރަތަމަ ދުވަހެވެ. އާ އަހަރެއް، އާ އުންމީދުތަކެކެވެ. ނަމަވެސް އެ އުންމީދުތަކުގެ މައްޗަށް ބަނަވެފައިވާ ބޮޑު ހާސްކަމެއް އޭނާގެ ހިތުގައި އޮވެއެވެ.

“އައިޝާ! ދަރިފުޅާ ސައިބޯން އާދޭ،” މަންމަ ސަލްމާ ބަދިގެއިން ގޮވައިލިއެވެ.

އައިޝާ ފުން ނޭވާއެއްލުމަށްފަހު ކޮނޑުގައި ދަބަސް އަޅުވައިގެން ކޮޓަރިން ނުކުތެވެ. ސައިބޯ މޭޒުދޮށަށް ދިޔައިރު، އޭނާ އެންމެ ފެންނަން ބޭނުންނުވާ މަންޒަރު ކުރިމަތީގައި އޮތެވެ. އޭނާގެ ބޭބެ، ހާރޫން އިނީ އަނގަޔަށް ބިސްކޯދު އަޅައިގެން މުޅި ތުންފަތުގައި ހާކައިގެންނެވެ. ހާރޫނަކީ އުފަންވިއިރުވެސް ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެކެވެ. އޭނާގެ އުމުރުން 18 އަހަރު ފުރުނަސް، އޭނާގެ އުޅުމާއި ވާހަކަދެއްކުން ހުރީ 5 އަހަރުގެ ކުޑަކުއްޖެއްގެ ފެންވަރުގައެވެ.

“އައިޝާ… އައިޝާ… ރީތި… ރީތި…” ހާރޫން އުފަލުން އަތްޖަހަމުން، އަޅައިގަންނަމުން ބުންޏެވެ. އޭނާގެ ލޮލުން ފެންނަނީ ކޮއްކޮއަށްޓަކައި އޮތް މައުސޫމް ލޯތްބެވެ.

ނަމަވެސް އައިޝާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. “މަންމާ، ބޭބެ ކައިރީ ބުނެބަލަ މަގޭ ޔުނީފޯމްގައި އަތްނުލާށޭ. ކޮންމެ ދުވަހަކު މިވަރުން ކިހިނެއް ކިޔަވަން ދާނީ؟”

ސަލްމާ ދެރަވެފައި ހުރެ ހާރޫންގެ މޫނު ފޮހެލައިދިނެވެ. “ދަރިފުޅާ، ބޭބެ އެއުޅެނީ ދަރިފުޅު ފެނުނީމާ އުފަލުންނެއްނު. އޭނާއަށް ނޭނގޭނެ ދަރިފުޅު ތި ބުނާ އެއްޗެއް.”

“އެއޭ މައްސަލައަކީ. އެއްވެސް އެއްޗެއް ނޭނގޭ މީހަކު ގޭގައި ހުރީމާ އަހަރެން މި އުޅެންޖެހެނީ ހާދަ ބިރަކުންނޭ. ސްކޫލް ކުދިންނަށް އެނގިއްޖެއްޔާ އެމީހުންގެ މަލާމާތުން އަހަންނަށް ސަލާމަތެއް ނުލިބޭނެ،” އައިޝާ ސައިބޯން މަޑުނުކޮށް ގޭގެ ދޮރާ ދިމާއަށް ހިނގައިގަތެވެ.

“ސައިނުބޮއިތަ ތިދަނީ؟” ބައްޕަ، އަކްރަމް ގޭގެ ދޮރުން ވަންނަމުން އެހިއެވެ. އަކްރަމަކީ ފިހާރައެއްގައި މަސައްކަތްކުރާ ހީވާގީ މީހެކެވެ. އޭނާގެ މުޅި ދިރިއުޅުން ހުސްކޮށްފައިވަނީ މި ދެ ދަރިންނަށްޓަކައެވެ. ހާރޫންގެ ބޭސްފަރުވާއަށާއި އައިޝާގެ ކިޔެވުމަށެވެ.

“ބަނޑުހައެއް ނުވޭ،” އައިޝާ ފިނި ރާގަކަށް ބުންޏެވެ.

އައިޝާ މަގުމައްޗަށް ނުކުތްއިރު، އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމެކެވެ. އޭނާއަކީ ސްކޫލުގައި މަގުބޫލު، ރީތި ކުއްޖެކެވެ. އޭނާގެ ރައްޓެހިންނަކީ މާލޭގެ މުއްސަނދި އަދި “ހައި-ފައި” އާއިލާތަކުގެ ކުދިންނެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ސިއްރަކީ ހާރޫނެވެ. ރައްޓެހިން ގާތުގައި އޭނާ ބުނެފައިވަނީ އޭނާއަކީ ގޭގައި ހުންނަ ހަމައެކަނި ދަރިފުޅު ކަމަށެވެ.

ސްކޫލަށް ދެވުމާއެކު، އައިޝާގެ އެންމެ ގާތް އެކުވެރިޔާ ލިއުޝާ އޭނާގެ ގާތަށް އައެވެ. “އައިޝާ! ހާދަ ލަހުންނޭ ތި އައީ. ބަލާބަލަ، އެއޮއް އަންނަނީ ޒަޔާން!”

ޒަޔާންއަކީ ސްކޫލުގެ ގިނަ އަންހެން ކުދިންގެ ހިތްތައް އަތުލާފައިވާ ކުޅިވަރުގެ ތަރިއެވެ. އައިޝާގެ ހިތުގައިވެސް ޒަޔާންއަށްޓަކައި ޚާއްޞަ މަގާމެއް އޮވެއެވެ. ރަޔާން ހިނިތުންވުމަކާއެކު އައިޝާއަށް ސަލާމް ކުރިއެވެ.

“ހޭއި އައިޝާ، އާ އަހަރެއްގެ ފެށުން ކިހިނެއް؟” ރަޔާން އެހިއެވެ.

“ވަރަށް ސަޅި،” އައިޝާ ލަދުވެތި ހިނިތުންވުމަކާއެކު ބުންޏެވެ. ނަމަވެސް އެވަގުތު އޭނާގެ ހަނދާނަށް އައީ ހާރޫން ކާން އިންނައިރު އިންނަ ހުތުރު ސިފައެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާގެ މި އުފާވެރި ދުނިޔެއަށް ހާރޫންގެ ހިޔަނި އެޅިއްޖެނަމަ ހުރިހާ ކަމެއް ބަރުބާދުވާނެކަން އޭނާއަށް އެނގެއެވެ.

ސްކޫލް ނިމިގެން ގެއަށް އައި މަގުމަތީގައި އައިޝާއަށް ފެނުނީ އޭނާ ދުވަހަކުވެސް ފެންނަން ބޭނުންނުވި މަންޒަރެކެވެ. މަގުމަތީގައި ތިބި ބައެއް ކުދިން ހާރޫނަށް މަލާމާތް ކުރަނީއެވެ. ހާރޫން ހުރީ އައިޝާއަށްޓަކައި މަގުމަތިން ހޮވި މަލެއް ހިފައިގެން، އޭނާގެ ކޮއްކޮ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

“އޭ ބަލާބަލަ، މިއީ ކޮން ސޮރެއް؟ މޮޔައެއްތަ؟” އެއް ކުއްޖަކު ހީގަންނަމުން ބުންޏެވެ.

ހާރޫން ރޮމުން، “އައިޝާ… އައިޝާ…” ގޮވަމުން ދިޔައެވެ.

އައިޝާ ދުރުގައި ހުރެފައި، ހާރުނާ އަރާކަމަކުރިއެވެ. ނަމަވެސް އޭނާ ސަލާމަތް ކުރުމުގެ ބަދަލުގައި، މޫނު އަނބުރާލާފައި ބާރަށް ހިނގާފައި ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ. އެއީ ހާރޫނަށްޓަކައި އައި ކަރުނައެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ނަފްސަށްޓަކައި ވީ ދެރައަކުން އައި ކަރުނައެވެ. “ކީއްވެބާ އަހަރެންގެ ނަސީބުގައި މިފަދަ ބޭބެއެއް ލެއްވީ؟” އޭނާގެ ހިތާހިތުން ކިޔައިލެވުނެވެ.

ގެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އިރުކޮޅަކުން ބޭރުން ބައްޕަ ހާރޫން ގޮވައިގެން ގެއަށް ވަން އަޑު އިވުނެވެ. ހާރޫން ގިސްލާފައި ރޮނީއެވެ.

“ދަރިފުޅާ ހާރޫން، ނުރޮއި. ބައްޕަ މިއައީނު،” އަކްރަމުގެ އަޑުގައި ވަނީ އިންތިހާ ކަނބޮޑުވުމެވެ.

އައިޝާ ކޮޓަރީގައި އިނދެ ދަތްކުނޑިވިކައިލިއެވެ. އޭނާ ބޭނުންވަނީ މި ހުރިހާ ކަމަކުން ދުރަށް ދާށެވެ. މި ހަގީގަތުން ފިލާށެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ، ހާރޫންގެ އެ މައުސޫމް ހިތުގައި އައިޝާއަށްޓަކައި އޮތީ ދުނިޔޭގެ އެއްވެސް މީހަކަށް ނުދެވޭނެ ފަދަ ސާފު ލޯތްބެއް ކަމެވެ.

މިއީ އައިޝާގެ ދިރިއުޅުމުގެ ހަނގުރާމައިގެ ފެށުމެވެ. އެއްކޮޅުން އޭނާގެ އިޖުތިމާއީ ގަދަރާއި ރައްޓެހިންނެވެ. އަނެއްކޮޅުން އޭނާގެ އާއިލާއާއި، ބޭބެގެ ނިކަމެތި ކަމެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައިޝާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ސްކޫލުގައި އޭނާއަކީ މިހާރު “ކުއީން ބީ” އެކެވެ. ރަޔާންއާ އޮންނަ ގުޅުން ބަދަހިވަމުން ގޮސް، ދެމީހުން އެކުގައި ކެންޓީނުގައި ވަގުތު ހޭދަކުރުމާއި، ފިލާވަޅުތައް ހެދުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. ނަމަވެސް މި އުފާވެރިކަމުގެ ފަހަތުގައި އޮތީ ބިރުވެރި ހިޔަންޏެކެވެ.

“އައިޝާ، މި ހަފުތާ ބަންދުގައި އަހަރެމެން ގޭގައި ކުޑަ ޕާޓީއެއް އެބައޮތް. އައިޝާ ވާނެ އަންނަން،” ރަޔާން އެއްދުވަހަކު ކެންޓީނުގައި އިނދެފައި ބުންޏެވެ.

އައިޝާގެ ހިތް ހުއްޓުނު ފަދައެވެ. “އެ… އެއީ ކޮން ކަހަލަ ޕާޓީއެއް؟”

“އަހަރެންގެ އުފަންދުވަސް. މަންމަމެން ބޭނުންވަނީ އަހަރެންގެ ގާތް ރައްޓެހިންނާ ބައްދަލުކޮށްލަން. އައިޝާގެ ވާހަކަ އަހަރެން ވަރަށް ގިނައިން މަންމަ ގާތު ދައްކަން،” ރަޔާން ހިނިތުންވުމަކާއެކު ބުންޏެވެ.

އައިޝާ މަޖުބޫރުވެގެން ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ކަމެކެވެ. ޒަޔާންގެ މުއްސަނދި އާއިލާއާ ބައްދަލުކުރާއިރު އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އޭނާގެ އާއިލާއާ ބެހޭގޮތުން ހަދާފައިވާ ދޮގުތައް ހާމަވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ގެއަށް އައި މަގުމަތީގައި އައިޝާ ހުރީ ފުން ވިސްނުމެއްގައެވެ. އޭނާއަށް ބޭނުންވަނީ އާ ހެދުމެކެވެ. ރަޔާންގެ ޕާޓީއަށް ދާއިރު އެންމެ ރީތި ކުއްޖާގެ ގޮތުގައި ފެންނާށެވެ. އެކަމަކު ބައްޕަގެ އަތްމަތި މިދުވަސްވަރު ހުރީ ވަރަށް ތާށިކޮށްކަން އޭނާއަށް އެނގެއެވެ.

ގެއަށް ވަދެވުނުއިރު، ހާރޫން އިނީ ސިޓިންގް ރޫމް ކާޕެޓް މަތީގައި ކުލަޖައްސާ ފޮތެއް ހިފައިގެންނެވެ. އޭނާ އައިޝާ ފެނުމާއެކު ދަތްޕިލާ ފެންނަވަރަށް ހިނިތުންވެލިއެވެ.

“ކޮއްކޮ… އައީ… ކޮއްކޮ… ކޭކު؟” ހާރޫން އޭނާގެ އާދައިގެ މަތިން އައިޝާ އަންނަ އިރު ކޮންމެވެސް އެއްޗެއް ގެންނާނެ ކަމަށް އުންމީދު ކުރިއެވެ.

“ބޭބޭ، މަގޭ ގައިގަ އަތްނުލާށޭ ބުނީމެއްނު!” އައިޝާ ހަޅޭއްލަވައިގަތެވެ. “ކޮންމެ ދުވަހަކު ކޭކު ކޭކު ކިޔަން ތި ދެން ކިހާ ބޮޑުވެއްޖެ ކަމެއް؟”

ހާރޫންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ގޮސް، ލޮލަށް ކަރުނަ ގިނަވިއެވެ. އޭނާ އިސްޖަހާލައިގެން އިނދެ މަޑުމަޑުން ގިސްލަން ފެށިއެވެ. ބަދިގޭގައި ހުރި ސަލްމާ ނުކުމެ ހާރޫންގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅާ އައިޝާ، ކީއްވެ ތިހާ ރުޅިގަދަވަނީ؟ ބޭބެ ބޭނުންވަނީ ހަމައެކަނި ދަރިފުޅުގެ ލޯބި،” ސަލްމާ ދެރަވެފައި ބުންޏެވެ.

“އަހަރެންގެ ލޯތްބެއް ނޫން ބޭނުންވަނީ. އޭނާ ބޭނުންވަނީ ކާން. މުޅި ދުވަހު ކެއުމާއި ސަކަރާތްޖެހުން ފިޔަވައި ކަމެއް ނޯވޭ. މަންމައަށް އެނގޭތަ އަހަރެން ސްކޫލުގައި ކިހާ ލަދުގަންނަން ޖެހޭކަން؟ އެންމެން ހީކުރަނީ އަހަރެން މިއީ މުއްސަނދި، ހަމަޖެހޭ އާއިލާއެއްގެ ކުއްޖެއް ކަމަށް. އެކަމަކު މިގޭގެ ހާލަތަކީ މިއީ!” އައިޝާ އޭނާގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ.

އެރޭ ކެއުމުގެ ވަގުތުގައި އަކްރަމް އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އޭނާ އިތުރު ގަޑީގައި މަސައްކަތް ކުރާތާ މިހާރު މަހެއް ވެއްޖެއެވެ.

“ބައްޕާ، އަހަރެން ބޭނުން އާ ހެދުމެއް ގަންނަން. ރަޔާންގެ އުފަންދުވަހުގެ ޕާޓީއަށް ދާން،” އައިޝާ މަޑުމަޑުން ބުންޏެވެ.

އަކްރަމް އިސްއުފުލާލާފައި އައިޝާއަށް ބަލާލިއެވެ. “ދަރިފުޅާ، މިމަހު ބޭބެގެ ތެރަޕީއަށް ވަރަށް ބޮޑު ޚަރަދެއް ހިނގައްޖެ. އަދި ގޭގެ ކުލިވެސް މިހުރީ ނުދެއްކި. އަންނަ މަހު ދަރިފުޅަށް ހެދުމެއް ހޯދައިދޭނަން.”

އައިޝާގެ މޫނު ކުނުކޮށްލިއެވެ. “ކޮންމެ ކަމެއްގައިވެސް ބޭބެ! ބޭބެގެ ބޭސް، ބޭބެގެ ތެރަޕީ، ބޭބެގެ ކާ އެއްޗެހި! އަހަރެންގެ އުންމީދުތަކުގެ އެއްވެސް އަގެއް ނެތީތަ؟”

އައިޝާ ތަށި ބަހައްޓާފައި ތެދުވެގެން ދިޔައެވެ. ހާރޫން އިނީ ބިރުން އޭނާގެ ކޮއްކޮއަށް ބަލާށެވެ. އޭނާއަށް އެނގެނީ ކޮއްކޮ ދެރަވެފައި ހުރިކަމެވެ. އެކަމަކު އެއީ އޭނާގެ ސަބަބުން ކަމެއް އޭނާގެ އެ މައުސޫމް ސިކުނޑިއަކަށް ނުވިސްނެއެވެ.

ޖެހިގެން އައި ދުވަހު، އައިޝާ ސްކޫލަށް ދިޔައީ ވަރަށް ދެރަވެފައި ހުރެއެވެ. ލިއުޝާ އޭނާއާ ބައްދަލުކޮށްފައި އާ ހެދުމެއްގެ ފޮޓޯއެއް ދެއްކިއެވެ. “ބަލާބަލަ އައިޝާ، މިއީ އަހަރެން ރަޔާންގެ ޕާޓީއަށް ލާން ގަތް ހެދުން. އައިޝާ ކޮން ކަހަލަ ހެދުމެއް ގަންނަނީ؟”

އައިޝާ ދޮގެއް ހަދާލިއެވެ. “އަހަރެން މިހާރު އޯޑަރު ކޮށްފިން. ވަރަށް އަގުބޮޑު ހެދުމެއް.”

އެދުވަހު ސްކޫލް ނިމިގެން ގެއަށް އައިއިރު، އައިޝާގެ ހިތުގައި އޮތީ ނުބައި ރޭވުމެކެވެ. އޭނާގެ މަންމަގެ ގަހަނާ ފޮށީގައި އޮންނަ ރަން ފަށް ވިއްކާލައިގެން ހެދުމެއް ގަތުމަށެވެ. އެ ފަށަކީ އައިޝާގެ މާމަ ސަލްމާއަށް ދިން ހަނދާނީ ފަށެކެވެ.

އައިޝާ މަންމަ ނެތް ވަގުތެއް ބަލައި، ކޮޓަރިއަށް ވަދެ ގަހަނާ ފޮށި ހުޅުވާލިއެވެ. ނަމަވެސް ފަށް އޮންނަ ތަނުގައި ފަށެއް ނެތެވެ. މުޅި ފޮށި ހާވާ ބެލިއިރުވެސް ފަށެއް ނުފެނުނެވެ.

“ކޮބާ ފަށް؟” އައިޝާ ހާސްވެފައި ކޮޓަރިން ނުކުތެވެ.

ސިޓިންގް ރޫމުގައި ހާރޫން އިނީ އޭނާގެ ކުޑަ ފޮށި ހިފައިގެންނެވެ. އެއީ އޭނާގެ “ޚަޒާނާ” އެވެ. އޭގައި ހުންނަނީ މަގުމަތިން ހޮވާ އޮށްތަކާއި، ކަރުދާސް ކޮޅުތަކާއި، ހުއްޓިފައި ހުންނަ ގަޑި ފަދަ ތަކެއްޗެވެ.

އައިޝާ ގޮސް ހާރޫންގެ ފޮށި އަތުލައި ބަންޑުން ޖަހާލިއެވެ. އެތަނުން އޭނާގެ މަންމަގެ ރަން ފަށް ފެނުނެވެ. ހާރޫން އެ ފަށް ހިފައިގެން އިނީ އޭނާގެ ކޮއްކޮއަށް “ރީތި އެއްޗެއް” ދޭންވެގެން ކަމެއް އައިޝާއަކަށް ނޭނގެއެވެ.

“މިހިރަ މޮޔަގަނޑު! މަންމަގެ ފަށް ވަގަށް ނެގީ ދޯ؟” އައިޝާ ހާރޫންގެ ކޮލުގައި ބާރަށް ތަޅައިގަތެވެ.

ހާރޫން ބާރަށް ރޮއިގަތެވެ. “ނޫން… ނޫން… ރީތި… އައިޝާ… ރީތި…”

އެވަގުތު ސަލްމާ ގެއަށް ވަނެވެ. މަންޒަރު ފެނުމާއެކު އޭނާ ދުވެފައި ގޮސް ހާރޫންގެ ގައިގައި ބައްދާލިއެވެ. “އައިޝާ! ކިހިނެއް ތިހެދީ؟ ބޭބެ ގައިގައި އަތްލާކަށް ލަދެއް ނުގަނޭތަ؟”

“މަންމާ، ބަލާބަލަ އޭނާ މަންމަގެ ފަށް ވަގަށް ނަގައިގެން މިއުޅެނީ!” އައިޝާ އިނގިލި ދިއްކޮށްފައި ބުންޏެވެ.

ސަލްމާ ފަށް ނަގައި، އައިޝާއަށް ބަލާލިއެވެ. “އޭނާ ފަށް ނެގީ ވަގަށް ނަގާކަށް ނޫން. އޭނާ އިއްޔެ ބައްޕަ ގާތު ބުނި ކޮއްކޮ ހެދުމެއް ބޭނުންވެގެން އުޅޭ ވާހަކަ. އޭނާ މި ފަށް ދޭން އުޅުނީ ދަރިފުޅަށް ހެދުމެއް ގަންނަން ބޭނުންކުރަންވެގެން. އޭނާގެ ހިތުގައި އޮތީ ކިހާ މަތިވެރި ލޯތްބެއްކަން ދަރިފުޅަކަށް ނުވިސްނޭނެ.”

އައިޝާ ގަނޑުވިއެވެ. ހާރޫން ރޮމުން މަންމަގެ ފުރަގަހަށް ވަނެވެ. އޭނާގެ މައުސޫމް ދެލޮލުން ފެންނަނީ ބިރުވެރިކަމެވެ. އޭނާ ލޯބިވާ ކޮއްކޮ އޭނާއަށް އަނިޔާކުރުމުން ވީ ތަދަށްވުރެ ބޮޑަށް، އޭނާގެ ހިތަށް ކުރި އަސަރު މާ ބޮޑެވެ.

އައިޝާ އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އޭނާގެ ހިތުގައި ކުޑަވަރެއްގެ ރިހުމެއް އުފެދުނެވެ. ނަމަވެސް އެ ރިހުމަށްވުރެ ބޮޑަށް ކުރި ހޯދަމުން ދިޔައީ އޭނާގެ ބޮޑާކަމާއި، ރަޔާންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓިދާނެތީ އޮތް ބިރުވެރިކަމެވެ.

***

ޕާޓީ އޮތް ރެއެވެ. އައިޝާ ހުރީ އޭނާގެ ކުރީގެ ހެދުމެއް ކުޑަކޮށް މޮޑިފައި ކޮށްލައިގެން، އެންމެ ރީތި ގޮތަށް މޭކަޕް ކޮށްލައިގެންނެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ނަފްސަށް ހިތްވަރު ދެމުން ދިޔައެވެ. “މިރޭ އެއްވެސް ކަމެއް ގޯހުން ނުދާނެ. ހާރޫންގެ ވާހަކައެއް އެއްވެސް މީހަކަށް ނޭނގޭނެ.”

ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ، އެރޭގެ ޕާޓީއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ރެއެއް ކަމެވެ.

އައިޝާ ޕާޓީއަށް ދާން ނުކުތްއިރު، ހާރޫން އިނީ ގޭގެ ބޭރު ފެންޑާ މަތީގައެވެ. އޭނާގެ އަތުގައި ކުޑަ ކަރުދާސް ފޮށްޓެއް އޮތެވެ. އައިޝާ ފެނުމާއެކު އޭނާ ތެދުވިއެވެ.

“ކޮއްކޮ… ރީތި… މިއީ… ހަދިޔާ…” ހާރޫން މަޑުމަޑުން ފޮށި ދިއްކޮށްލިއެވެ.

އައިޝާ ފޫހިކަމާއެކު ފޮށި އަތުލާފައި ދަބަހަށް ލިއެވެ. “ދޭ އެތެރެއަށް. މަގުމަތީ މީހުންނަށް ފެންނަވަރަށް ނީނދެ.”

——

ޒަޔާންގެ ގެއަށް ދެވުމާއެކު އައިޝާގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. އެއީ ގަނޑުވަރެއް ފަދަ ބޮޑު ގެއެކެވެ. މިއުޒިކާއި، ކުލަބޮކިތަކާއި، މީރު ކާނާގެ ވަހުން މުޅި މާހައުލު އޮތީ ފުރިފައެވެ. ރަޔާން ހުރީ އޭނާގެ ރައްޓެހިންގެ މެދުގައެވެ. އައިޝާ ފެނުމާއެކު ރަޔާން އޭނާގެ ގާތަށް އައެވެ.

“ވާއު އައިޝާ! ޔޫ ލުކް އެމޭޒިންގް،” ރަޔާން ތައުރީފު ކުރިއެވެ.

އައިޝާ އުފަލުން ފޮޅުނެވެ. މުޅި ރޭ އޭނާ ހޭދަކުރީ ރަޔާން އާ އެކުގައެވެ. އޭނާއަށް ހީވީ އޭނާއަކީ ދުނިޔޭގެ އެންމެ ނަސީބުވެރި އަންހެން ކުއްޖާ ހެންނެވެ. ނަމަވެސް ޕާޓީގެ މެދުތެރެއިން މީހަކު ގޭގެ މައި ދޮރުން ވަދެގެން އަންނަ މަންޒަރު ފެނުމާއެކު އައިޝާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.

އެއީ ހާރޫނެވެ! އޭނާ ހުރީ އޭނާގެ ބާ ޓީޝާޓެއްގައެވެ. އެއް އަތުން އައިޝާގެ ކުޑަކުޑަ ކުޑައެއް ހިފައިގެންނެވެ. ބޯކޮށް ވާރޭ ވެހެން ފެށުމުން، އޭނާގެ ކޮއްކޮ ތެމިދާނެތީ ކުޑަ ހިފައިގެން އައީއެވެ.

“އައިޝާ… އައިޝާ… ވާރޭ… ކުޑަ…” ހާރޫން މީހުންގެ ތެރެއިން ހަޅޭއްލަވަމުން ގޮވަމުން ދިޔައެވެ.

މުޅި ޕާޓީގެ ސަމާލުކަން ހާރޫނަށް ހުއްޓުނެވެ. މީހުން ހޭން ފެށިއެވެ. ބައެއް މީހުން ފޮޓޯ ނަގަން ފެށިއެވެ.

“މިއީ ކާކު؟ އައިޝާ، މި މީހާ ކޮއްކޮއޭ ކިޔައިގެން މި ގޮވަނީ ކާކަށް؟” ރަޔާން ހައިރާންވެފައި އެހިއެވެ.

އައިޝާގެ މޫނު ހުދުވިއެވެ. އޭނާގެ ދުނިޔެ ބަރުބާދުވަނީއެވެ. އޭނާގެ ކުރިމަތީގައި ދެ ގޮތެއް އޮތެވެ. ހަގީގަތް ބުނުން ނުވަތަ އަމިއްލަ ބޭބެއަކީ ނުވެސް ދަންނަ މީހަކަށް ހަދައި އިންކާރު ކުރުމެވެ.

“އަހަރެން… އަހަރެންނަކަށް ނޭނގެ މިއީ ކާކު ކަމެއް،” އައިޝާ ތުރުތުރުލާ އަޑަކުން ބުންޏެވެ. “މިއީ މަގުމަތީގައި އުޅޭ ކޮންމެވެސް މޮޔައެއް ކަންނޭނގެ.”

ހާރޫން އައިޝާގެ ގާތަށް އައެވެ. “ކޮއްކޮ… ކުޑަ… ތެމޭނެ…” އޭނާ އައިޝާގެ އަތުގައި ހިފަން އުޅުނެވެ.

“މަގޭ ގަައިގަ އަތްނުލާށޭ!” ހާރޫން ކޮށްޕާލަމުން އައިޝާ ހަޅޭއްލަވައިގަތެވެ.

ހާރޫން ވެއްޓުނީ މާބްލް ތަޅުންގަނޑު މައްޗަށެވެ. އޭނާގެ އަތުގައި އޮތް ކުޑަ ދުރަށް ވިއްސައިގެން ދިޔައެވެ.

ހާރޫން ބިރުންނާއި ދެރަވެގެން ރޮމުން ތަޅުންގަނޑު މަތީގައި އިނެވެ. އޭނާގެ މައުސޫމް ދެލޮލުން އައިޝާއަށް ބަލަހައްޓައިގެން އިނީ ކީއްވެގެން ކޮއްކޮ އޭނާ ކޮށްޕާލީ ބާވައޭ އަހާ ފަދަ ގޮތަކަށެވެ. ޕާޓީގެ މީހުންގެ ހުނުމުގެ އަޑު ގަދަވަމުން ދިޔައެވެ. ލިއުޝާ އާއި އެހެން ކުދިން ތިބީ އަނގަމަތީގައި އަތް އަޅައިގެންނެވެ.

“ސެކިއުރިޓީ! މިއީ ކާކު މިތަނަށް ވެއްދި މީހެއް؟ އަވަހަށް މީނާ ބޭރުކުރޭ!” ރަޔާން ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ.

ދެ ސެކިއުރިޓީ ގާޑުން އައިސް ހާރޫންގެ ދެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ބޭރަށް ގެންދަން ފެށިއެވެ.

“ނޫން… އައިޝާ… ކޮއްކޮ… ވާރޭ…” ހާރޫން ގިސްލަމުން ގޮވަމުން ދިޔައެވެ. އޭނާ ބޭރަށް ނެރުނުއިރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އޭނާ އައީ އޭނާގެ ފުރާނަފަދަ ލޯބިވާ ކޮއްކޮ ތެމިދާނެތީ ކުޑަ ހިފައިގެންނެވެ. ނަމަވެސް އެންމެ ފަހުން އޭނާ ބާކީވީ އެ ފިނި ވާރޭގެ ތެރޭގައެވެ.

އައިޝާ ހުރީ ހިލަބުދެއް ފަދައިން ހުއްޓުން އަރާފައެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ރަޔާން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “އައިޝާ، އޯކޭތަ؟ އެ މޮޔަ ގޮލަޔަކާ ހެދި މުޅި ޕާޓީ ޚަރާބުވެއްޖެ. އަޅާނުލާ، ހިނގާ އެތެރެއަށް.”

ރަޔާން އާއެކު އައިޝާ އެތެރެއަށް ދިޔަ ނަމަވެސް، އޭނާގެ ސިކުނޑީގައި އެނބުރެނީ ހާރޫންގެ އާއްމު ހާލަތުގައި ފެންނަ އެ ރީތި ހިނިތުންވުމާއި، ދެންމެ ފެނުނު ކަރުނުން ފުރިގެންވި ދެލޮލެވެ. އައިޝާގެ ލޮލުން ކަރުނަހިލޭ ގޮތްވުމުން އޭނާގެ އަތް ދަބަސް ހުޅުވައިލީ ޓީޝޫއެއް ނެގުމަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާ އަތަށް ހާރޫން ދިން ކުޑަކުޑަ ފޮށްޓެވެ. އައިޝާ ސިއްރުސިއްރުން ފާޚާނާއަށް ވަދެ އެ ފޮށި ހުޅުވާލިއެވެ.

ފޮށީގެ ތެރޭގައި އޮތީ އައިޝާ އެންމެ ކުރިން ބޭނުންވި ކަހަލަ ރީތި ބްރޭސްލެޓެކެވެ. އޭގެ އިތުރުން ކުޑަ ކަރުދާސްކޮޅެއްގައި ވަރަށް ހުތުރު އަތުލިޔުމަކުން ލިޔެފައިވާ ލިޔުންކޮޅެއް އޮތެވެ.

“އައިޝާ… ލޯބި… ކޮއްކޮ… ހެޕީ ބާތުޑޭ.” އައިޝާގެ އުފަންދުވަސް އައުމާމެދު އަދި ދެ ދުވަސް އެބައޮތެވެ. ނަމަވެސް ހާރޫން ބޭނުންވީ އެންމެ ކުރިން އޭނާގެ ހަދިޔާ ކޮއްކޮއަށް ދޭށެވެ.

އައިޝާގެ ދެލޮލުން ކަރުނަ ފޭދުނެވެ. އެ ބްރޭސްލެޓަކީ ހާރޫން އޭނާ އެންމެ ލޯބިވާ “ޚަޒާނާ” ފޮށީގައި ހުރި ތަކެތި މަގުމަތީގައި ބަހައްޓައިގެން ވިއްކައިގެން ލިބުނު ފައިސާއިން ގަތް އެއްޗެއްކަން އައިޝާއަށް އެނގުނީ މާ ފަހުންނެވެ. އޭނާގެ އަމިއްލަ އެދުމާއި ބޮޑާކަމުގެ ސަބަބުން އޭނާގެ ބޭބެއަށް ކުރި އިހާނެތިކަން އިހުސާސްވުމުން އޭނާގެ ހިތް ކުދިކުދިވާން ފެށިއެވެ.

“އަހަރެން ކީއް މިކުރީ؟” އައިޝާ މޫނުގައި އަތް އަޅައިގެން ރޯން ފެށިއެވެ.

އެވަގުތު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އެއީ މަންމަ ސަލްމާ އެވެ.

“އައިޝާ! ދަރިފުޅާ… ހާރޫން ގެއަކަށް ނާދޭ. އޭނާ އައިޝާ ކައިރިއަށް ދާށޭ ކިޔާފަ ބޭރަށް ނުކުތް ގޮތަށް ޚަބަރެއް ނެތް. ބައްޕަ އެބައުޅޭ އޭނާ ހޯދަން ބޭރުގައި،” ސަލްމާ ރޮމުން ބުންޏެވެ.

އައިޝާގެ ހިތް ހުއްޓުނު ފަދައެވެ. “މަންމާ… ބޭބެ… ބޭބެ މިތަނަށް އައި. އަހަރެން… އަހަރެން އޭނާ ބޭރުކޮށްލައިފިން.”

އައިޝާ ފޯނު ބާއްވާފައި ދުވެފައި ޕާޓީއިން ނުކުތެވެ. ރަޔާން ގޮވަގޮވާ ހުއްޓާ އޭނާ ވާރޭގެ ތެރެއަށް ނުކުތެވެ.

“ބޭބޭ! ހާރޫން ބޭބޭ!” އޭނާ ބާރަށް ގޮވަމުން މަގުތަކުގައި ދުވަން ފެށިއެވެ.

މުޅި ސަރަހައްދު ހޯދިއިރުވެސް ހާރޫންގެ ޚަބަރެއް ނުވިއެވެ. އައިޝާ ބޯކޮށް ވެހޭ ވާރޭގެ ތެރޭގައި ތެމި ފޯވެފައި ހުރެ ގިސްލާފައި ރޮނީއެވެ. “ބޭބޭ… އަހަރެންނަށް މާފުކުރޭ. އަހަރެންނަކީ ވަރަށް ނުބައި ކޮއްކޮއެއް.”

ގަޑިއެއްހާއިރު ފަހުން، އައިޝާއަށް ފެނުނީ މަގުގެ އެއްފަރާތުގައި ހުރި ކުޑަ ހިޔާގަނޑެއްގެ ދަށުގައި މީހަކު އޮށޯވެގެން އޮތް ތަނެވެ. އެއީ ހާރޫނެވެ. އޭނާ އޮތީ ފިނިވެގެން ގަނޑުވެފައެވެ. އޭނާގެ އަތުގައި އަދިވެސް އެ އައިޝާއަށް ދޭން ގެންގުޅު ކުޑަ އޮތެވެ. އެކަމަކު އޭނާ އަމިއްލައަށް ކުޑަ ނުނަގައި، އެ ކުޑަ ބާއްވާފައި އޮތީ އޭނާ ގެނައި ކުޑަ ކަރުދާސް ފޮށްޓެއް ފޯވެދާނެތީ އެ ފޮށި މަތީގައެވެ.

“ބޭބޭ!” އައިޝާ ދުވެފައި ގޮސް ހާރޫންގެ ގައިގައި ބައްދާލިއެވެ.

ހާރޫން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭނާގެ ތުންފަތް ވަނީ ނޫފައިގެންފައެވެ. “ކޮއްކޮ… ތެމުނީ؟… ހަދިޔާ… ރީތި؟” އޭނާ ވަރަށް އުނދަގުލުން އަހާލިއެވެ.

އައިޝާ ބާރަށް ރޯން ފެށިއެވެ. “އާނ ބޭބޭ. ވަރަށް ރީތި. އަހަރެންނަށް މާފުކުރޭ ބޭބޭ. އަހަރެން ދެން ދުވަހަކުވެސް ބޭބެ އެކަނި ނުކުރާނަން.”

އެވަގުތު އަކްރަމްގެ ސައިކަލު އެތަނަށް މަޑުކޮށްލިއެވެ. އޭނާ ދުވެފައި އައިސް ދެކުދިންގެ ގައިގައި ބައްދާލިއެވެ. އަކްރަމްގެ ލޮލުންވެސް ކަރުނަ އޮހެމުން ދިޔައެވެ.

ގެއަށް ދެވުނުއިރު ހާރޫން ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އޭނާގެ ހުން ގަދަވެ، ނޭވާލާން އުނދަގޫވާން ފެށިއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބުނީ އޭނާއަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށެވެ.

އައިޝާ ހޮސްޕިޓަލުގެ ގޮނޑީގައި އިނދެ ވިސްނަމުން ދިޔައެވެ. ރަޔާން އޭނާއަށް އެތައް މެސެޖެއް ކޮށްފައި ހުއްޓެވެ. “އައިޝާ، އެ މޮޔަ މީހާއާ ހެދި ތިހާ ބޮޑަށް ދެރަނުވޭ. އޭނާއަކީ އާއިލާގެ ލަދެއްނު.”

އައިޝާ އެ މެސެޖު ކިޔާލުމަށްފަހު، އެއްވެސް ޖެހިލުމެއް ނެތި ރަޔާންގެ ނަންބަރު ބްލޮކް ކޮށްލިއެވެ. އޭނާއަށް މިހާރު އެނގިއްޖެއެވެ. ހަގީގީ ރީތިކަމަކީ ބޭރުފުށުގެ ފެންނަ ފެނުމެއް ނޫނެވެ. އެއީ ހިތުގެ ސާފުކަމެވެ. ހާރޫންގެ އެ “މޮޔަ” ސިކުނޑީގައި އޮތީ ރަޔާން ފަދަ “ވިސްނޭ” މީހުންނަށް ދުވަހަކުވެސް ދަސްނުވާނެ ފަދަ މަތިވެރި ލޯތްބެކެވެ.

ހަފުތާއެއް ފަހުން ހާރޫންގެ ހާލު ރަނގަޅުވެގެން ގެއަށް ގެނެވުނެވެ. އައިޝާ ސްކޫލަށް ދާން ތައްޔާރުވިއެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ އާ ހިތްވަރަކާއެކުގައެވެ.

ސްކޫލަށް ދިޔައިރު، ލިއުޝާ އާއި ރަޔާން ތިބީ އޭނާގެ އިންތިޒާރުގައެވެ. “އައިޝާ، ކީއްވެ ފޯނަށް ޖަވާބު ނުދެނީ؟ އަދި ބުނެބަލަ، އެ ރޭ އެއީ ކާކު؟” ރަޔާން މަލާމާތުގެ ރާގަކަށް އެހިއެވެ.

އައިޝާ ހަމަޖެހިލާފައި، އެންމެންގެ ކުރިމަތީގައި ބާރަށް ބުންޏެވެ. “އެއީ އަހަރެންގެ ބޭބެ. އޭނާގެ ނަމަކީ ހާރޫން. އޭނާއަކީ ދުނިޔޭގެ އެންމެ އޯގާތެރި، އެންމެ ހިތްހެޔޮ ބޭބެ. އޭނާގެ ސިކުނޑީގައި އުނިކަމެއް ހުއްޓަސް، އޭނާގެ ހިތް ތިޔަ އެންމެންގެ ހިތަށްވުރެ މާ ފުރިހަމަ.”

މުޅި ހޯލަށް ހިމޭންކަން ވެރިވިއެވެ. ރަޔާން އާއި ލިއުޝާ ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ. އައިޝާ ފަޚުރުވެރިކަމާއެކު ހިނގާފައި ގޮސް އޭނާގެ ކްލާހަށް ވަނެވެ.

އެދުވަހުން ފެށިގެން އައިޝާގެ ދިރިއުޅުން ބަދަލުވިއެވެ. އޭނާ ދެން ދުވަހަކުވެސް ހާރޫން ދެކެ ލަދެއް ނުގަންނާނެއެވެ. އޭނާ ހާރޫން ގޮވައިގެން ހަވީރުވުމުން ބޭރަށް ހިނގާލަން ދެއެވެ. ހާރޫން “އައިޝާ… ކޮއްކޮ… ލޯބި…” ކިޔާފައި ގޮވާއިރު، އައިޝާ ހިނިތުންވުމަކާއެކު ބޭބެގެ އަތުގައި ހިފާލައެވެ.

އައިޝާއަށް އެނގިއްޖެއެވެ. ބައެއް ފަހަރު އަހަރެމެން “މޮޔަ” ކަމަށް ބުނާ މީހުންނަކީ، މާތްﷲ އަހަރެމެންގެ އިމްތިހާނަށްޓަކައި ފޮނުއްވާ މަލާއިކަތުން ފަދަ ބައެއްކަމެވެ. އެމީހުންގެ ލޯތްބަކީ އެއްވެސް ޝަރުތެއް ނެތް، ދުނިޔޭގެ އެއްވެސް މުއްސަނދިކަމަކަށް ނުގަނެވޭނެ ފަދަ އަގުބޮޑު ޚަޒާނާއެކެވެ.

ހާރޫންގެ އެ މައުސޫމް ހިނިތުންވުމުގެ ހިޔަލުގައި، އައިޝާ އޭނާގެ ހަގީގީ އުފާވެރިކަން ހޯދިއެވެ. އަދި “މަލަސް” ގޭގެ ބަދިގެތެރެއިން މިހާރު ދުވަނީ ހަމައެކަނި މީރުވަހެއް ނޫނެވެ. އެއީ އާއިލީ ލޯތްބާއި، އޯގާތެރިކަމުގެ ފޮނި މީރުވަހެވެ.

ނިމުނީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top