އެއީ މީގެ ދެއަހަރެއްހާ ދުވަސް ކުރިއެވެ. އެލީސާއާ އަހަރެން ދިމާވީ ރާއްޖެތެރެއަށް އަހަރެން ކުރި ދަތުރެއްގައެވެ. ވަޒީފާގެ ގޮތުން ކޮންމެހެން ދާންޖެހިގެން ކުރި އެދަތުރުގައި ދެމަހެއްހާ ދުވަހު އެރަށުގައި މަޑުކުރަން ޖެހުނެވެ.
އެލީސާއަކީ ފުރަތަމަ ނަޒަރުން އަހަރެން ލޯބިވި ކުއްޖެއް ނޫނެވެ. އެވަރުގެ ރީތިކަމެއް ފުރިހަމަކަމެއް އޭނާގެ ކިބައިގައި ނުވެސް ނެތެވެ. ތެދުބަހުން ވާހަކަ ދެއްކުމަކީ ގޯހެއް ނޫނެވެ. އެލީސާއަކީ ދޮން ކުއްޖެއް ނޫނެވެ. އެލީސާގެ ހަށިގަނޑަކީ ހިމަތޮޅި ލޫޅާފަތި ހަށިގަނޑެއް ވެސް ނޫނެވެ. ފަންކަން އެކުލެވިގެންވާ ދިގު އިސްތަށިގަނޑަކާއި ހިތިފަތު ބުމައެއް ވެސް އޭނާގެ ނެތެވެ.
އެލީސާގެ ކިބައިން އަހަރެންނަށް ފާހަގަވި އެންމެ މުހިންމު ކަމަކީ އޭނާގެ އަހްލާގެވެ. ދީނީކަންކަމަށް އޭނާ ދޭ ސަމާލުކަމާއި މައިންބަފައިންނަށް އަޅާލާ އަޅާލުމެވެ. އެމީހުނާއިމެދު ބަހައްޓާ އޯގާތެރިކަމެވެ.
އަލިބެއަކީ އަހަރެންގެ ބައްޕަގެ ވަރަށްގާތް ރައްޓެއްސެކެވެ. އަލިބެގެ ގޭގައި އަހަރެން ހުރުމުގެ އިންތިޒާމު ހަމަޖައްސައިދިނީ ބައްޕައެވެ. އަލިބެގެ ދެމަފިރިންނަކީ އުމުރުން ދުވަސްވީ މުސްކުޅި ބައެކެވެ. އެދެމަފިރިންނަށް އެލީސާ ނޫން ކުއްޖަކު ނުލިބެއެވެ.
އުމުރުން ނަވާރަ އަހަރުގެ އެލީސާއަކީ ތަޢުލީމީ ކުއްޖެކެވެ. ރަނގަޅު ނަތީޖާއަކާއިއެކު ކިޔެވުން ނިންމާލިއިރު، ކޯހެއް ވެސް ހުރީ ހަދައިގެންނެވެ. ވަޒީފާގެ ފުރުސަތުތައް އެލީސާއަށް ލިބުނެވެ. އެހެނަސް އޭނާ އެވަޒީފާއަކަށް ނުދެއެވެ. މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އެމީހުން ދޫކޮށްލާފައި ދުރަށް ދާކަށް އެލީސާ ބޭނުމެއް ނުވިއެވެ. ހުރިހާ ވަގުތެއްހެން އޭނާ ހޭދަކުރަނީ މައިންބަފައިންނާއިއެކު އެވެ. ބޭރަށް ގޮސް އުޅުމަކީ އެލީސާ އެހާ ގަޔާވާކަމެއް ނޫނެވެ.
އަލިބެގެ ދެމަފިރިންނަކީ އޯގާތެރި ރަނގަޅު ބައެކެވެ. ދެވަނަ ބަޔަކަށް މައިންބަފައިންގެ ދަރަޖަ ދޭނަމަ އަހަރެން ދޭނީ އެދެމަފިރިންނަށް ނަށެވެ. އެހާވެސް އެމީހުން ރަނގަޅެވެ. އަހަރެންނާއިމެދު އެމީހުން ދެކުނީ އުފަން ދަރިއަކު ފަދައިންނެވެ.
އަހަރެންނާއި އެލީސާގެ މެދުގައި އުފެދުނު ރަހުމަތްތެރިކަން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. މިގުޅުމާއިމެދު އެލީސާ ކިހާ އުފާވާކަން އޭނާގެ ޢަމަލުތަކުން ކިތަންމެ ރަނގަޅަކަށް ވެސް އަހަރެންނަށް އެނގެއެވެ. އަހަރެންނާއި އެލީސާގެ މެދުގައި އޮތް ގާތްކަން ފެނި އަލިބެގެ ދެމަފިރިން ނުހަނު އުފާކުރިއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އެދެމަފިރިން އެވާހަކަ ދެއްކިއެވެ.
ލޯބީގެ ހުށަހެޅުންތަކާއި ކައިވެނީގެ ދަޢުވަތުތައް އެލީސާއަށް ލިބުނެވެ. ކިޔަވައިގެން ތިބި ރަނގަޅު މީހުނާއި ތަނަވަސްކަމުގެ އަހުލުވެރިންނެވެ. ގަދަރުވެރިންނާއި އިއްޒަތްތެރިންގެ ޢާއިލާތަކުގެ ތެރެއިންނެވެ. އެކުގައި ކިޔަވާން އުޅުނު ކުދިންނާއި ރައްޓެހިންނެވެ. ރައްޓެހިންގެ ރައްޓެހިންނާއި ދެކެފަރިތަ މީހުނެވެ.
ރަނގަޅުމީހަކާއި ކައިވެނިކޮށް ދިރިއުޅުމެއް ފެށުމަށް އަލިބެގެ ދެމަފިރިން އެލީސާ ގާތު އެދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އުފަލާއި ހިތްހަމަ ޖެހުމާއިއެކު އެދަރިފުޅު އުޅޭތަން ދެކިލަން އެދެމަފިރިން ތިބީ ނުހަނު ބޭނުން ވެއެވެ.
މަސައްކަތްތައް ހުރިގޮތުން ގޭގައި މަޑުކުރަން އަހަރެންނަށް ވަރަށް ވަގުތު ނުލިބެއެވެ. ބައެއް ދުވަސް ދުވަހު ހަވީރު މަސައްކަތު ދާގޮތަށް ރޭގަނޑު އެގާރަ ޖަހާއިރު ވެސް ގެއަށް އާދެވެއެވެ. ކިތަންމެ ލަހުން ގެއަށް އައި ނަމަވެސް، އަހަރެންނަށް ކާންދީފައި ނޫނީ އެލީސާ ނުނިދާނެއެވެ.
ވަރަށް ވިއްސާރަ ރެއެކެވެ. މަސައްކަތް ނިމުނު ނަމަވެސް، ވާރޭ ވެހޭތީ ބޭރަށް ނުކުމެވޭ ވަރެއް ނޫނެވެ. ގެއަށް އައުން ލަސްވެގެން ދެފަހަރަކު އެލީސާ ގުޅިއެވެ.
ޓެކްސީއެއް ފޮނުވައިދިނީ އެލީސާ އެވެ. ގެއަށް އާދެވުނުއިރު ބާރަޖަހަން ގާތް ވެއްޖެއެވެ. އެހެން ރޭތައް ފަދައިން ކާން ތައްޔާރުކޮށްގެން އެލީސާ ހުއްޓެވެ. އަހަރެން އައުމުން އަހަރެންނަށް ކާންދީފައި ނޫނީ ނުނިދާށެވެ.
އަހަރެން އަންނަންދެން ނުނިދާ ނުހުރުމަށާއި ކާން ހަދާފައި ހުރެއްޖެނަމަ އަހަރެން ކާނެ ވާހަކަ މިރޭ ވެސް ބުނީމެވެ. އެލީސާއަށް އެގޮތް ކަމަކު ނުދާނެކަން އަހަރެންނަށް އެނގެއެވެ. ވީ ވެސް އެހެނެވެ. އެލީސާ ހަނދާންކޮށްދިނީ އޭނާގެ މަންމަ އާއި ބައްޕަ ތަކުރާރުކޮށް ދައްކާ ވާހަކައެވެ. އެވާހަކަތަކާއި ދެކޮޅު ހަދާނެ ހިތްވަރެއް އޭނާގެ ނުހުންނާނެއެވެ.
އެލީސާގެ ހިތުގައި އެހެން ސިއްރެއް ވާކަން އަހަރެންނަށް އެނގެއެވެ. ނޭނގޭކަމަށް ހަދައިގެން އަހަރެން ހުރީ ވަގުތު ނުޖެހޭތީއެވެ. އެލީސާގެ ހިތުގައި ހިނގަމުންދާ އެ ޝުއޫރުތައް އަހަރެންގެ ހިތުގައި ވެސް ދިޔައީ ހިނގަމުންނެވެ. އެއްވެސް މީހަކު ހާމަ ނުކުރާތީ ސިއްރު ސިއްރެއްގެ ގޮތުގައި އޮތީ އެވެ.
ދެމަސް ދުވަހުން ނިންމަން އައި މަސައްކަތް ފަންސާސް ދުވަހުން ނިމުނެވެ. މަސައްކަތް ނިންމާލުމަށްފަހު ވެރިންނަށް އެކަން އެންގީމެވެ. އަހަރެންގެ މަސައްކަތާއިމެދު އެމީހުން އުފާކުރިއެވެ. ހިތްވަރާއި ސާބަސް ދިނެވެ. ވާނުވާ ބަލާލާށާއި ރެސްޓްކޮށްލަން ދުވަސްކޮޅަކު މަޑުކޮށްލަން ލަފާދިނީ އެވެރިންނެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ކެއުމަށް އިންސާފު ކުރަމުން ދިޔައީ އަލިބެގެ ދެމަފިރިންނާއި އެލީސާގެ އިތުރުން އަހަރެންނެވެ. އެހެން ފަހަރުތައް ފަދައިން ކެއުމުގެ ވަގުތުގައި އަލިބެ ވަރަށްގިނަ ވާހަކަ ދެއްކިއެވެ. އަހަރެންގެ މައިންބަފައިންގެ ރަނގަޅު ވާހަކަ އާއި އަހަރެންގެ މަސައްކަތާއިމެދު ހިތްހަމަ ޖެހޭ ވާހަކައެވެ. އަހަރެން ކަހަލަ ހީވާގި މަސައްކަތްތެރި ފަރުވާތެރި ދަރިއަކު އަހަރެންގެ މައިންބަފައިންނަށް ލިބުނީތީ އުފާކުރާ ވާހަކައެވެ.
ވަގުތު ޖެހުނީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ވިސްނާކަށް ގޮތް ނިންމާކަށް ފުރުސަތެއް ވެސް ނުލިބުނެވެ. އަލިބެ އެދުނީ ސީދާ އޭނާ ބޭނުންވި ކަންތަކުއެވެ. އެލީސާ އާނ ބަސްބުނީ ހީކުރިވަރަށްވުރެ އަވަހަށެވެ. އެފުރުސަތަކަށް އޭނާ އެދިއެދި ހުރިތާ އެތައް ދުވަހެއްވީ ފުރުސަތު ލިބުނު ކަހަލައެވެ.
“އަލިބެގެ ތިޔަ އެދުން އަހަރެން ފުރިހަމަކޮށްދޭނަން. އިންޝާ ﷲ.” އަހަރެން ބުނީ ހަމައެކަނި އެހެނެވެ. އެލީސާގެ މޫނުމަތިންނާއި އަލިބެގެ ދެމަފިރިންގެ މޫނުމަތިން ފާޅުވި އުފަލާއި ހިތްހަމަޖެހުން ދުވަހަކު އަހަރެންގެ ހިތުން ފިލައި ނުދާނެއެވެ.
މޫސުން ރީތި ވައިމަޑު ހިތްގައިމު ރެއެކެވެ. ކޮންމެވެސް ވަރަކަށް ހަނދުވަރުގެ އަލިކަން ހުއްޓެވެ. ކޮފީއަކަށް ގޮސްލަން އަހަރެން ދިން ފުރަތަމަ ދަޢުވަތު އެލީސާ ގަބޫލުކުރިއެވެ. ދާން ގަސްދުކުރި ތަނަކީ މާދުރު ތަނަކަށް ނުވާތީ ދެމީހުން ވެސް ބޭނުންވީ ހިނގާލާފައި ދާށެވެ. އަހަރެންނާއިއެކު ބޭރަށް ނުކުތުމުން އޭނާގެ ކިބައިން ފާޅުވި ނުތަނަވަސްކަން ސިއްރުކުރަން އެލީސާ ކުރި މަސައްކަތް އަހަރެންނަށް ފެނުނެވެ.
އަހަރެން ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު އޭނާއަށް އެނގޭކަމަށް އެލީސާ ބުނީ އެރެއެވެ. ހިތުން ރުހުމުން އަހަރެން އެކަމާ އެއްބަސްވީމެވެ.
ކައިވެންޏަށްފަހު ދިރިއުޅުން މާލެ ބަދަލުކުރަން އަލިބެގެ ދެމަފިރިން ލަފާދިނެވެ. އަހަރެން ދިރިއުޅެނީ މާލޭގައި ކަމަށްވާތީ އެލީސާ ހުންނަން ޖެހޭނީ އަހަރެން ހުންނަތާކުއެވެ. އަހަރެންނަށް ހިދުމަތްކުރެވޭހާ ގާތުއެވެ.
އަލިބެގެ ދެމަފިރިންގެ އެއެދުމަށް އެލީސާއަށްވުރެ ކުރިން ދެކޮޅު ހެދީ އަހަރެންނެވެ. އެލީސާ ހުންނަންވާނީ އެލީސާގެ މައިންބަފައިން ގާތުއެވެ. އެމީހުނަށް ހިދުމަތްކުރުމަށް އެލީސާ ލޯބިކުރާވަރާއި އެދެމަފިރިންނަށް މީހެއްގެ އެހީ ބޭނުންވާވަރު އަހަރެންނަށް އެނގެއެވެ. އަހަރެންގެ ނިންމުން އެލީސާ ބަލައިގަތީ އުފަލާއިއެކުއެވެ. އެތައް ފަހަރަކު ޝުކުރު ވެސް އަދާކުރިއެވެ.
އަހަރެންނާއި އެލީސާގެ ކައިވެންޏަށް އަހަރެންގެ މައިންބަފައިން މަރުހަބާ ކީ އުފަލާއި ހިތްހަމަ ޖެހުމާއިއެކުއެވެ.
އަހަރެންމެންގެ ކައިވެންޏަށް މާގިނަދުވަހެއް ނުވެ އެލީސާގެ މަންމަ ނިޔާވިއެވެ. އެ ހިތާމައިން އަރައިނުގަނެވިގެން އުޅެނިކޮށް ބައްޕަ ވެސް ނިޔާވިއެވެ. އޭރު އަހަރެމެންގެ ކައިވެންޏަށް ވާނީ ހައެއްކަ މަހެވެ.
އެލީސާ އެކަނި އެރަށުގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކައްކާކެވޭގޮތަށް ހުރި އެއްކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފައި، އަހަރެން ކައިރިއަށް އެލީސާ ބަދަލުކުރީމެވެ.
ކުރިމަތިވި ހިތާމަ އާއި ހިތްދަތިކަމުން އަރައިގަންނަން އެލީސާއަށް އެތައް ދުވަހެއް ބޭނުންވިއެވެ. ފިރިއެއްގެ ފަރާތުން އަނތްބަކަށް ބޭނުންވާނެ އެހީތެރިކަމާއި އަޅާލުން އިންތިހާއަށް އަހަރެން ދިނީމެވެ. އަހަރެންނާމެދު އެލީސާ އުފާކުރިއެވެ. އަހަރެން ފަދަ ފިރިއަކު ލިބުނީތީ އުފާކުރާކަމަށާއި ޝުކުރުވެރިވާކަމަށް އެތައް ފަހަރަކު ބުންޏެވެ.
ވަޒީފާއަކަށް ދިއުމުގެ ވިސްނުން އެލީސާ ފާޅުކުރި ހިސާބުން އެކަމާއި ވެސް އަހަރެން އުޅުނީމެވެ. އެލީސާގެ އުފަލާއި ހިތްހަމަ ޖެހުމަކީ އަހަރެންގެ ވެސް އުފަލާއި ހިތްހަމަ ޖެހުމެވެ. އޭނާއަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އަހަރެން ވާނަމެވެ.
އެލީސާއަކީ ކިޔަވައިގެން ހުރި ޒުވާނަކަށް ވާތީ ވަޒީފާ ހޯދުމުގައި މާބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހުނެވެ.
ވަޒީފާގެ މާހައުލަށާއި މާލޭގެ މާހައުލަށް ހޭނުނުއިރު އެލީސާއަށް ކުދިކުދި ބަދަލުތައް އައެވެ. ޒަމާނީ ހެދުންތަކަށާއި މޭކަޕްކުރުން ފަދަ ކަންކަމަށް ސަމާލުކަންދޭވަރު އިތުރުވިއެވެ. ރައްޓެހިންނާއިއެކު ބޭރަށް ދިއުމާއި އޯވަރނައިޓަށް ރަށުން ބޭރަށް ދިއުން ވެސް އާދައިގެ ކަންކަމަށް ވިއެވެ.
ވަޒީފާގެ ކަންތައްތައް ހުންނަގޮތުން ބައެއް ރޭރޭ ދަންވަރު ވެސް އަހަރެން ޑިއުޓީއަށް ދާންޖެހެއެވެ. ބައެއް ރޭރޭ އެލީސާ ވެސް ޑިއުޓީއަށް ދާން ޖެހެއެވެ. އެހެނަސް މަހަކުން ރެއަކު ނުވަތަ ދެރޭ ކަހަލަ ގޮތަކަށެވެ.
ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި އެއްވެސް މީހަކު ފަރުވާ ކުޑައެއް ނުކުރެއެވެ. ދެމީހުން ވެސް ތިބީ ވަގުތާއި ހާލަތަށް ވިސްނައި އަނެކާއަށް ދޭންވާ ފުރުސަތާއި ވަގުތު ދީގެންނެވެ.
ދަރިއަކު ހޯދުމާއިމެދު އަހަރެންނާއި އެލީސާގެ ވިސްނުން ތަފާތެވެ. އެލީސާ ބޭނުންވާ ވަގުތު ޖެހެންދެން އަހަރެން ކެތްކޮށްލައިގެން ހުރީއެވެ.
ދަރިއަކު ބޭނުންވާ ވާހަކަ އެލީސާ ދެއްކީ ދަންވަރު ޑިއުޓީ ނިންމާފައި އައި ރެއަކުއެވެ. ކަމެއް ވާންވެއްޖެނަމަ ލަހެއް ފަހެއް ނޯންނާނެއެވެ. ބޭނުންވި ފުރުސަތު ލިބުމާއިއެކު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އެލީސާ ވެސް ހުރީ ނުހަނު އުފަލުންނެވެ.
ދަރިފުޅު ދުނިޔެއަށް ނޭވާ ލީއިރު ދަރިފުޅަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ހުރީ ނިމިފައެވެ. ދަރިފުޅަށް ނަން ކިޔަން އުޅުނު ވަގުތު އަނެއްކާ ވެސް އަހަރެންނާއި އެލީސާގެ ހިޔާލު ތަފާތުވިއެވެ. ފިރިހެން ދަރިއެއްގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ލުމަކީ މާމުހިންމު ކަމަށް އެލީސާ ނުދެކެއެވެ. ދަރިފުޅުގެ ނަމުގެ ފަހަތަށް އަހަރެންގެ ނަން އިތުރުކުރުމަށް އަހަރެން ކުރި މަސައްކަތް ހުއްޓާލީ، އެލީސާ ގޮތް ދޫނުކުރުމުންނެވެ.
ވަގުތާއި ހާލަތަކީ ބަދަލުވާ އެއްޗެކެވެ. ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެއެވެ. ވަގުތު ޖެހުމުން އެކަމަށް ތަބާވުން ނޫން ގޮތެއް ނޯއްނާނެއެވެ.
އެއްރެއެއްގެ ދަންވަރެވެ. ދަންވަރު ޑިއުޓީއަށް އަހަރެންނަށް އާދެވުނީ އޮޅިގެންނެވެ.
އައިސްދާނެ ކަމަށް ހީވެސް ވެފައި ނެތް ފޯނުކޯލް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. މާޖިދާއަކީ ގޭގެ ވެރިމީހާއެވެ. ކުލި ނުދައްކާތާ ތިންމަސް ވެއްޖެ ކަމަށް ބުނިއިރު މިހާރުން މިހާރަށް ތަން ހުސްކުރުމަށް ވެސް ބުންޏެވެ. އެންމެ މިނިޓެއް ވެސް މަޑުކުރެވެން ނެތްކަމަށާއި ތަން ހުސްކުރާނެ އިތުރު މީހަކު ގެނައުމަށް ވެސް ބުންޏެވެ. ބުންޏޭ ހީވިޔަސް ބުނީއެއް ނޫނެވެ. ދިނީ އިންޒާރެވެ. ލިބުނު ޚަބަރާއިއެކު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސުވާލުތައް ފުނިޖެހުނެވެ. ހުއްޓުންއަރާފައި ހުރެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގުނެވެ.
ޑިއުޓީ ނިންމާލުމަށްފަހު އާހިދު ބޭރަށް ނުކުތީ އެވަގުތުއެވެ. އަހަރެން ހުރިގޮތް ފެނުމާއިއެކު އޭނާ އައީ އަހަރެންނާއި ދިމާއަށެވެ. ކަމެއް ގޯސްވެއްޖެކަން ދެނެގަންނާކަށް އޭނާ މާގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ.
މަޝްވަރާގެ ރިވެތި އުސޫލަކީ އެންމެ ރަނގަޅުގޮތެވެ. އާހިދުއަކީ ހިތްހެޔޮ ރަނގަޅު ރަހުމަތްތެރިއެކެވެ. ވިސްނުންތެރި ބަސްމޮށުންތެރި ހަރުދަނާ އުޅުމެއްހުރި ހަރު މީހެކެވެ.
އެޕާރޓްމެންޓާއި ހަމައަށް ދެވުނުއިރު މާޖިދާ ހުރީ ބޭރުގައެވެ. ރަހުމެއް ކުލުނެއް ހަމްދަރުދީއެއް އޭނާގެ ކިބައަކު ނެތެވެ. މިފަދަ ދަންވަރެއްގައި އަހަރުމެނާއިމެދު އެހާ އިހާނެތިކޮށް ކަންތައް ކުރަން ނިންމިއިރު، އަހަރެމެންގެ އެކުޑަކުޑަ ދަރިފުޅާއިމެދު ވެސް އޭނާގެ ހިތުގައި ކުލުނެއް ރަހުމެއް ނެތެވެ.
ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އެންމެ ފުރަތަމަ ވެސް ބުނީ އެޕާރޓްމެންޓް ހުޅުވުމަށެވެ. އަހަރެންގެ ފަހަތުން އާހިދު އާއި މާޖިދާ ވެސް ވަނެވެ. މާޖިދާއާ ވާހަކަ ދައްކަން އާހިދު މަސައްކަތް ކުރިއެވެ. މާޖިދާ ހުރީ އެކަމަށް އެއްބާރުލުން ދޭ ގޮތަކަށް ނޫނެވެ.
ކޮޓަރި ހުޅުވާލި ވަގުތު ފެނުނު މަންޒަރުން އަހަރެންގެ ހިތުގެ ހިނގުމާއިއެކުނޭވާ ވެސް ހުއްޓުނެވެ. ބޮލަށް ކޮންމެ ވެސް ގޮތެއް ވިއެވެ. އަރި އަޅާލިހެން ވެސް ހީވިއެވެ.
ހުރިހާކަމެއް ފަޅާއެރީއެވެ. އެލީސާގެ އަސްލު ސިފަ ފެނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ބަހަނާއެއް ދެން ނޯއްނާނެއެވެ. ދެރަވެ މަޢާފަށް އެދޭނެކަމަށް ހީވި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އަހަރެންގެ ބޮލަށް ދަރި ޖެހުމަށްފަހު އެމީހުނާއިއެކު އެލީސާ ދިޔައީއެވެ. ފިރިމީހާ އާއި ދަރިފުޅަށްވުރެ އޭނާއަށް މުހިންމުވީ އެމީހުންނެވެ.
ކުއްލިއަކަށް ދަރިފުޅަށް ލޭ އަޅަން ޖެހިގެން އުޅެގަތް ވަގުތު ހެދި ޓެސްޓްތަކާއިއެކު އައު އެތައް ކަމެއް ފެންމަތިވިއެވެ. ދުވަހަކު ވެސް ހިތަށް ނާރާ އެތައް ކަމަކާއިމެދު ވިސްނާލަން ޖެހުނެވެ. ހީނުކުރާ އެތައް ދިމާލަކަށް ނަޒަރު ހިންގަން ޖެހުނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އެލީސާ އާއި އޭނާގެ ބައިވެރިން ހައްޔަރުކުރިއިރު، އެލީސާ ވަރިކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިއްޖެއެވެ. އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަށް ވެސް އޭނާ ހުރީ ތައްޔާރަށެވެ.
އެހެން މީހެއްގެ ދަރިއެއްގެ ނަމުގެ ފަހަތަށް އަހަރެންގެ ނަން އިތުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަން ޖެހޭނީ އަހަރެން ވެސް ގަބޫލުކުރާށެވެ.
ހޮސްޕިޓަލުން ނުކުތުމުގެ ކުރިން ވަރުގަދަ ނިންމުމެއް އަހަރެން ނިންމީމެވެ. އެއީ ދުވަހަކު ވެސް އެނިންމުން ބަދަލު ނުކުރާނެ ނިންމުމެކެވެ.
އާނއެކެވެ. އަދިވެސް އަހަރެން ދަތުރުކުރާނަމެވެ. ހަޔާތުގެ ބައިވެރިޔާ ލިބެން އޮތީ އެފަދަ ދަތުރެއްގައި ކަމަށް ވަންޏާ އެކަން ވެސް ކުރާނަމެވެ. އެކަމަކު …. ފާލިހަށް އަހަރެން ދިން ދަރިއެއްގެ މަގާމް ދުވަހަކު ވެސް ބަދަލެއް ނުވާނެއެވެ.
ނިމުނީ
