ސޫރަތުލް ފާތިޙާގެ މާނަ ދެނެގަތުމަށް މަސައްކަތް ކުރުމަކީ ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރުކޮށްދޭ ކަމެކެވެ. ނަމާދުގެ ވަގުތުގައި އަޅުގަނޑުމެންގެ ފުރިހަމަ ސަމާލުކަން މާތް ﷲ އަށް ހުސްކުރުމަށްޓަކައި، ކީރިތި ޤުރުއާނުގެ ޚުލާޞާގެ ގޮތުގައި ބެލެވޭ މި މާތް ސޫރަތުގެ މާނަ ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ.
މުސްލިމުން ދުވާލަކު އެތައް ފަހަރަކު މި ސޫރަތް ކިޔަވައެވެ. ނަމާދުގެ ކޮންމެ ރަކުޢަތެއްގައި މި ސޫރަތް ކިޔެވުމަކީ އަޅުގަނޑުމެން ކުރާ ކަމެކެވެ. ނަމަވެސް، އިމާމަކާ އެކު ޖަމާޢަތުގައި ނަމާދުކުރާއިރު، އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވަމުންދާ ވަގުތު ތިމާވެސް އެ ސޫރަތް ކިޔަވަންޖެހޭނެތޯ؟ ނުވަތަ ހަމައެކަނި “އާމީން” ކިޔުމުން ފުދޭނެތޯ؟ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.
ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިމާމު މީހާ އާއި އޭނާގެ ފަހަތުގައި ނަމާދުކުރާ މީހުން (މައުމޫމުން) ކޮންމެ ރަކުޢަތެއްގައި މި ސޫރަތް ކިޔަވަން ޖެހެއެވެ. އެއީ ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ ސަބަބުންނެވެ. “ސޫރަތުލް ފާތިޙާ ނުކިޔަވާ މީހާގެ ނަމާދެއް ނުވެއެވެ.” (ބުޚާރީ: 714).
ޖަހުރިއްޔަ ނަމާދުތަކުގައި (އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި) އިމާމު މީހާގެ ފަހަތުގައި ހުރެ ފާތިޙާ ސޫރަތް ކިޔެވުމާ މެދު ޢިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮވެއެވެ.
ފުރަތަމަ ރައުޔަކީ، އެއީ ވާޖިބު ކަމެއް ކަމުގެ ރައުޔެވެ. މީގެ ދަލީލަކީ މަތީގައި ބަޔާންކުރެވުނު ޢާންމު ޙަދީޘްފުޅެވެ. އަދި ނަމާދުގައި ގޯސްކޮށް ކަންތައް ކުރި މީހާއަށް ރަސޫލުﷲ ﷺ ނަމާދު ކުރަންވީ ގޮތް ދަސްކޮށްދެއްވިއިރު، ފާތިޙާ ސޫރަތް ކިޔެވުމަށް އަމުރުކުރެއްވުމެވެ. ޞަޙީޙު ރިވާޔަތްތަކުން ސާބިތުވާ ގޮތުގައި ރަސޫލުﷲ ﷺ ކޮންމެ ރަކުޢަތެއްގައިމެ މި ސޫރަތް ކިޔަވައިވިދާޅުވެއެވެ. އަލްޙާފިޡް އިބްނު ޙަޖަރު ‘ފަތުޙުލް ބާރީ’ ގައި ވިދާޅުވެފައިވަނީ، ޖަހުރިއްޔަ ނަމާދުތަކުގައިވެސް އިމާމުގެ ފަހަތުގައި ހުރެ ފާތިޙާ ސޫރަތް ކިޔެވުމަށް އެއްވެސް އިސްތިސްނާއެއް ނެތި ހުއްދަ ދެވިފައިވާކަން ސާބިތުވާ ކަމަށެވެ. ފަޖުރު ނަމާދުގައި ރަސޫލުﷲ ﷺ ކިޔަވައިވިދާޅުވަމުން ވަޑައިގަންނަވަނިކޮށް އުނދަގޫފުޅުވެ، ނަމާދު ނިންމަވާފައި، “ތިޔަބައިމީހުން އިމާމު މީހާ ކިޔަވަމުންދާއިރު ފަހަތުގައި ހުރެ ކިޔަވަނީ ހެއްޔޭ؟” ސުވާލުކުރެއްވުމުން، “އާދެއެވެ” ދެންނެވުމުން، “ފާތިޙާ ސޫރަތް ފިޔަވައި އެހެން އެއްޗެއް ނުކިޔަވާށެވެ. އެހެނީ އެ ސޫރަތް ނުކިޔަވާ މީހާގެ ނަމާދެއް ނުވެއެވެ.” މިފަދައިން ޙަދީޘްކުރެއްވިއެވެ.
ދެވަނަ ރައުޔަކީ، އިމާމު މީހާ ކިޔަވާ ކިޔެވުމަކީ އޭނާގެ ފަހަތުގައި ހުންނަ މީހާގެ ކިޔެވުން ކަމުގައި ބެލުމެވެ. މީގެ ދަލީލަކީ ކީރިތި ޤުރުއާނުގެ އާޔަތެކެވެ. “ޤުރުއާން ކިޔަވާއިރު، ތިޔަބައިމީހުން އެއަށް ކަނުލައި އަޑުއަހާށެވެ. އަދި ހިމޭނުން ތިބޭށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ.” (އަލްއަޢުރާފް: 204). މާލިކީ މަޛްހަބުގެ ބޭފުޅުން މި ދަލީލަށް ބުރަވެވަޑައިގަންނަވައެވެ.
ފާތިޙާ ސޫރަތް ކިޔެވުން ވާޖިބު ކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ، އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވައި ނިންމުމަށްފަހު، އެހެން ސޫރަތެއް ފެށުމުގެ ކުރިން އޮންނަ ހުސްވަގުތުކޮޅުގައި ނުވަތަ އިމާމު މީހާ ކިޔެވުމުގެ ތެރެއިން މަޑުޖައްސާލާ ވަގުތުތަކުގައި މައުމޫމު މީހާ ފާތިޙާ ސޫރަތް ކިޔަވަންވާނެ ކަމަށެވެ. ޝައިޚް އިބްނު ބާޒް ވިދާޅުވެފައިވަނީ، އިމާމު މީހާ މަޑުޖައްސާލާ ވަގުތެއް ނުލިބުނު ކަމުގައިވިޔަސް، އިމާމު މީހާ ކިޔަވަމުން ދަނިކޮށްވެސް މައުމޫމު މީހާ ފާތިޙާ ސޫރަތް ކިޔެވުން އެއީ އެންމެ ޞަޙީޙު ގޮތް ކަމަށެވެ.
ސައުދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީން (ލަޖްނަތުއް ދާއިމާ) ބަޔާންކޮށްފައިވާ ގޮތުގައި، އެންމެ ޞަޙީޙު ގޮތަކީ އެކަނި ނަމާދު ކުރި ނަމަވެސް، އިމާމު މީހާ ކަމުގައިވިޔަސް ނުވަތަ މައުމޫމަކަށް ވިޔަސް، އަދި ސިއްރިއްޔަ ނަމާދެއް ނުވަތަ ޖަހުރިއްޔަ ނަމާދެއް ކަމުގައިވިޔަސް، ފާތިޙާ ސޫރަތް ކިޔެވުމަކީ ވާޖިބު ކަމެކެވެ.
މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި އޮތް ޚިލާފަކީ އެކަކު އަނެކަކަށް ނަފްރަތުކޮށް، ބައިބައިވާންޖެހޭ ސަބަބެއް ނޫނެވެ. މިއީ ޢިލްމީ ގޮތުން ދިރާސާކޮށް، ދަލީލުތަކަށް ބަލަންޖެހޭ ކަމެކެވެ. ވަކި ޢިލްމުވެރިއެއްގެ ބަހަށް ތަބާވެގެން އިމާމުގެ ފަހަތުގައި ފާތިޙާ ސޫރަތް ކިޔަވާ މީހާ އާއި، އިމާމުގެ ކިޔެވުމަށް އަޑުއަހައިގެން ހުންނަ މީހާއާ ދެމެދު އެކަކު އަނެކަކަށް އިންކާރުކޮށް، ދެކޮޅުވެރިވުމެއް ނެތެވެ. ޢިލްމުވެރިންގެ މެދުގައި އޮންނަ މިފަދަ ޚިލާފުތަކަށް ހިތްހަމަޖެހުމާއެކު އިޙްތިރާމްކުރަން ޖެހެއެވެ.
ނަމާދުގެ އެންމެ އަސާސީ ބަޔަކީ ސޫރަތުލް ފާތިޙާ ކަމަށްވާއިރު، މި ޚާއްޞަ ސޫރަތާ ބެހޭގޮތުން އިތުރަށް އުނގެނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިއީ ކުރު ސޫރަތެއް ނަމަވެސް، މީގައި އެކުލެވިގެންވާ މާނަތަކާއި ޙިކުމަތްތައް ނުހަނު ތަނަވަހެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ބަރަކާތް ލައްވާށިއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންގެ އަޅުކަންތައް ޤަބޫލުކުރައްވާށިއެވެ.
އާމީން.
