ޕާކިސްތާން ޑްރާމާ “މުސާފަތު” ދައްކަން ފަށައިފިއެވެ.
މުހްސިން އައްބާސް ހައިދަރް އާއި އަލިޝްބާ ޚާން އިސް ރޯލުތަކުން ފެނިގެންދާ މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އީމާން އަހްމަދު، ކޮމައިލް އަނަމް، އިމްރާން އަސްލަމް، ޣަނާ ޢަލީ އުމައިރު، ފަވާދު ޖަލާލް، ޖީނާން ޙުސައިން، ޝާމީލް ޚާން އަދި ޝަރްމީން ރިޒްވީ ފަދަ ތަރިން ހިމެނެއެވެ.
އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ “މުސާފަތު” ގައި ދައްކުވައިދެނީ އުންމީދާއެކު ފަށާ ކޮންމެ ދަތުރަކާއެކު ތަޤުދީރުގެ ރޭވުންތަކުން ދިމާވާ ހާދިސާތަކާއި އެކެއްގެ ދިރިއުޅުން އަނެކެއްގެ ދިރިއުޅުމާ ގުޅިލާމެހިގެންދާއިރު ގުޅުންތައް އިމްތިހާނުކުރެވި އިހުސާސްތައް ފުންވެގެންދާ ގޮތެވެ. އަދި ދިރިއުޅުމުގެ މި ދަތުރުގައި ދިމާވާ އެކި ބަދަލުތަކުގެ ތެރެއިން ލޯބީގެ ހަޤީޤީ މާނަ ހާމަވެގެންދާގޮތް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.
ޝަބާނާ ޝައުކަތުގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ “މުސާފަތު” ޑައިރެކްޓްކުރީ ޢަބްދުﷲ ބަދިނީއެވެ. ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.
ރޭގައި ހަމް ޓީވީއިން “މުސާފަތު” ދައްކަން ފެށިއިރު އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ރެޔާ ހަމައަށް ކޮންމެ ރެއަކު 9:00 ގައެވެ. ޓީވީގެ އިތުރުން ހަމް ޓީވީގެ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
