ކޮންގްރެސް ފެށުނު ދުވަހު، ރައީސް ރާޝިދު ޕޯޑިއަމްއަށް އެރީ ވަރަށް ހިތްދަތި ގޮތަކަށެވެ. ޝާކިރު ދެއްކި ލިޔުމުގެ ސަބަބުން އޭނާ ހުރީ މަޖުބޫރުވެފައެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގަ، ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަޙްމަދު ޝާކިރު ފަދަ ތަޖުރިބާކާރު ބޭފުޅަކު ޕާޓީގެ ރައީސްކަމަށް އައުމަކީ މިވަގުތަށް އެންމެ ބޭނުންތެރި ކަންތައް،” ރައީސް ރާޝިދުގެ އަޑުގައި ކުރިން ހުރި ސާބިތުކަމެއް ނެތެވެ.
މުޅި ހޯލު ގުގުމާލީ އަތްތިލަބަޑީގެ އަޑުންނެވެ. ޝާކިރު މަޑުމައިތިރިކަމާއެކު ތެދުވެ، ރައީސްގެ އަތުގައި ހިފާލިއެވެ. އެއީ ކެމެރާތަކަށް ދެއްކި ‘އެއްބައިވަންތަކަމުގެ’ މަންޒަރެކެވެ. އެކަމަކު އެ ދެމީހުންގެ ލޮލަށް ބަލާލި މީހަކަށް، އެތަނުގައި އޮތީ ބިރުވެރި ހަނގުރާމައެއްކަން އެނގޭނެއެވެ.
—
ޒައިދު އިނީ އޭނާގެ މިނިސްޓްރީގެ އޮފީހުގައެވެ. އޭނާއަށް މިހާރު އިހުސާސްވަނީ އޭނާއަކީ ޝާކިރުގެ އަތުގައި އޮތް ކުޅޭބުދެއް ކަމެވެ. ކޮންމެ ދުވަހަކު މުރުޝިދު އައިސް، ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓެއް ދެއެވެ.
“މިނިސްޓަރު، މި ފަސް ސްކޫލެއްގެ މަރާމާތުގެ ކޮންޓްރެކްޓް މި ބުނާ ކުންފުންޏަށް ދޭންޖެހޭނެ،” މުރުޝިދު ބުންޏެވެ.
“އެކަމަކު މުރުޝިދު، އެ ކުންފުނީގެ އަގު މާ ބޮޑު. އަދި އެއީ ޝާކިރުބޭގެ ތިމާގެ މީހެއްގެ ކުންފުންޏެއް،” ޒައިދު ކަންބޮޑުވުމާއެކު ބުންޏެވެ.
މުރުޝިދު ގާތަށް އިންތިހާ ރުޅިއައެވެ. “ޒައިދު، ހަނދާންކުރާތި ކަލޭ މި ގޮނޑީގައި ބޭންދީ ކާކުކަން. އަދި ހަނދާންކުރާތި ކަލޭގެ އިންތިޚާބީ ޚަރަދުތަކަށް ފައިސާ ދިނީ ކާކުކަން. މި ސޮއި ކުރޭ، ނޫނީ މާދަމާ ކަލޭގެ އިސްތިއުފާ ތައްޔާރުކުރޭ.”
ޒައިދުގެ އަތް ތުރުތުރުލަމުން ދިޔައެވެ. އޭނާގެ ހިތުގައި އޮތް އިޚްލާޞްތެރިކަމާއި، އޭނާގެ މަގާމުގެ ދަހިވެތިކަން ހަނގުރާމަކުރަމުން ދިޔައެވެ. އެންމެ ފަހުން، އޭނާ ލޯ މަރާލާފައި ސޮއިކޮށްލިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސު ޝައިޠާނާއަށް ވިއްކާލުން ކަހަލަ ކަމެކެވެ.
—
ފާޠިމަތު ސްކޮލަރޝިޕް ގަބޫލެއް ނުކުރިއެވެ. އޭނާ ނިންމީ މާލޭގެ ކުޑަ ގޯޅިއެއްގައި ހުރި އޭނާގެ ރަޙުމަތްތެރިއެއްގެ ގޭގައި އިނދެގެން، ސިއްރުން އޭނާގެ ތަޙުޤީޤު ކުރިއަށް ގެންދާށެވެ.
“އަހަރެން ހޯދައިފިން،” ފާޠިމަތު އޭނާގެ ރަޙުމަތްތެރިޔާ ގާތު ބުންޏެވެ. “ޝާކިރުގެ ބޯޓުދަތުރުކުރާ ކުންފުނިން މަސްތުވާތަކެތި އެތެރެކުރި ކަމުގެ ހެކި އެބަހުރި. އެކަމަކު އެ ހެކިތައް ހުރީ ކަސްޓަމްސްގެ ދުވަސްވީ ފައިލްތަކެއްގެ ތެރޭގައި ސިއްރުކޮށްފަ.”
“ފާޠިމަތު، މިއީ ވަރަށް ނުރައްކާތެރި ކަމެއް. ޝާކިރުއަށް އެނގިއްޖެއްޔާ ކަލޭ ދިރިހުއްޓަކަ ނުދޭނެ،” ރަޙުމަތްތެރިޔާ ބިރުން ހުރެ ބުންޏެވެ.
“މި ގައުމު ސަލާމަތްކުރަން ޖެހޭނެ. ކޮންމެވެސް މީހަކު މީހަކު މި ބާރުގެ ކުޅިގަނޑު ހުއްޓުވަން ޖެހޭނެ،” ފާޠިމަތުގެ ދެލޮލުން ފެންނަނީ ސާބިތުކަމެވެ.
—
ޤާސިމް ބައްދަލުކުރީ އިސްމާއިލް ޒަކީއާއެވެ. ދެމީހުން ބައްދަލުކުރީ ރޭގަނޑު ދަންވަރު، ހުޅުމާލޭގެ ފަޅު ސަރަހައްދެއްގައެވެ.
“ޒަކީ، ކަލެއަށްވެސް އެނގޭ ޝާކިރު މިހާރު ހުރީ ރައީސަށްވުރެ ބާރުގަދަވެފައިކަން. އޭނާ ހުއްޓުވޭނީ ހަމައެކަނި އަހަރެމެން ދެމީހުން ގުޅިގެން،” ޤާސިމް ބުންޏެވެ.
ޒަކީ ފުން ނޭވާއެއްލިއެވެ. “އަހަރެން ކީއްކުރަންވީ؟”
“އޭނާގެ އެންމެ ގާތް މީހާ، މުރުޝިދު، އަހަރެމެންގެ ފަރާތަށް އަނބުރާލަން ޖެހޭނީ. މުރުޝިދުގެ އަތުގައި ހުންނާނެ ޝާކިރު ފޮރުވާފައިވާ ހުރިހާ ހަޑިމުޑުދާރު ކަންތައްތަކެއްގެ ހެކި،” ޤާސިމް ރޭވުން ހާމަކުރިއެވެ.
—
ޝާކިރު އިނީ އޭނާގެ އައު އޮފީހުގައެވެ. އޭނާ މިހާރުވަނީ ޕާޓީގެ ރައީސްކަން ކާމިޔާބުކޮށްފައެވެ. މުޅި ގައުމުގެ ސިޔާސީ މައިދާން އޮތީ އޭނާގެ ފައިބުޑުގައެވެ.
“މުރުޝިދު، ކޮބާ ފާޠިމަތުގެ ޚަބަރަކީ؟” ޝާކިރު އަހާލިއެވެ.
“އޭނާ އަދިވެސް ހޯދަނީ. އެކަމަކު ސަރ، އަޅުގަނޑަށް ހީވަނީ މިހާރު އޭނާ ހުއްޓުވަން މާ ލަސްވެއްޖެހެން،” މުރުޝިދުގެ އަޑުގައި ތަފާތު ގޮތެއް ހުއްޓެވެ.
ޝާކިރު މުރުޝިދަށް ބަލާލިއެވެ. “ކީއްވެ ތިހެން ތިބުނީ؟”
“ސަބަބަކީ، އޭނާގެ އަތުގައި ހުރި މަޢުލޫމާތުތައް މިހާރު ވަނީ އޭސީސީއަށް ފޮނުވާފަ. އަދި އޭގެ ކޮޕީއެއް ވަނީ ބޭރުގެ މީޑިއާތަކަށްވެސް ފޮނުވާފަ،” މުރުޝިދު މަޑުމަޑުން ފަހަތަށް ޖެހިލިއެވެ.
އެ ވަގުތު ޝާކިރުގެ ފޯނަށް މެސެޖެއް އައެވެ. އެއީ މާލީ އިދާރާއަކުން އައި މެސެޖެކެވެ. އޭނާގެ ހުރިހާ ބޭންކް އެކައުންޓްތަކެއް ވަނީ ފްރީޒްކޮށްފައެވެ.
ޝާކިރު ގޮނޑިން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފުރަތަމަ ފަހަރަށް ބިރުވެރިކަން ފެނުނެވެ. “މުރުޝިދު، ކަލޭ…؟”
“ސަރ، މަނިކުފާނު އަބަދުވެސް ބުނަމެއް ނޫންތޯ، ކޮންމެ މީހަކީވެސް އަގަކަށް ގަނެވޭނެ މީހެއްކަން. ޤާސިމް އަޅުގަނޑަށް ދިނީ މަނިކުފާނަށްވުރެ މާ ބޮޑު އަގެއް. އެއީ އަޅުގަނޑުގެ އާއިލާގެ ސަލާމަތާއި، ރާއްޖޭން ބޭރުގައި އައު ދިރިއުޅުމެއް،” މުރުޝިދު ދޮރާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.
—
އެއް ގަޑިއިރު ތެރޭގައި، ޝާކިރުގެ މުޅި ދުނިޔެ ބަދަލުވިއެވެ. ޓީވީތަކުން ދައްކަމުންދިޔައީ ޝާކިރުގެ ކޮރަޕްޝަނާއި، މަސްތުވާތަކެތީގެ ވިޔަފާރިއާ އޮތް ގުޅުމުގެ ޚަބަރުތަކެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ އޭނާ ހައްޔަރުކުރުމަށް ގޮވަން ފެށިއެވެ.
މަރިޔަމް ގެއަށް އައިއިރު އޭނާ ހުރީ ރޮއެފައެވެ. “ޝާކިރު، އަހަރެމެންގެ އެންޖީއޯވެސް ބަންދުކޮށްފި. އެމީހުން ބުނަނީ އަހަރެމެން މަނީ ލޯންޑަރ ކުރީއޭ. ކިހިނެއް މިވީ؟”
ޝާކިރު އެއްޗެކޭ ނުބުނެ ކުޑަދޮރުން ބޭރު ބަލަން ހުއްޓެވެ. އޭނާ ކަރުދާހުން ހެދި ގަނޑުވަރު، އެންމެ ވައިރޯޅިއަކާއެކު ބިމާ ހަމަވެއްޖެއެވެ.
—
ފުލުހުން ޝާކިރުގެ ގެއަށް ވަނެވެ. ޝާކިރު އިނީ ވަރަށް ހަމަޖެހިލައިގެން ސައިބޯށެވެ. އޭނާ ދެންވެސް ދައްކަން ބޭނުންވީ އޭނާގެ ބާރުވެރިކަމެވެ.
“އިންސްޕެކްޓަރު، ކަލޭގެ ވަޒީފާ ސަލާމަތްކުރަން ބޭނުންނަމަ މިހާރުން މިހާރަށް މިތަނުން ނުކުމޭ،” ޝާކިރު ބުންޏެވެ.
އެކަމަކު އިންސްޕެކްޓަރު ހިނިތުންވެލިއެވެ. “ޝާކިރު، މިއަދު ކަލޭގެ އަމުރު ހިނގާނެ އެކަކުވެސް މި ގައުމަކު ނެތް. ރައީސް ރާޝިދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ކަލޭ ހައްޔަރުކުރަން އަމުރު ދެއްވާފައި.”
ޝާކިރުގެ އަތުގައި ބިޑި އެޅުވުނެވެ. އޭނާ ގެއިން ނެރުނުއިރު، މަގުމަތީގައި ތިބި މީހުން އޭނާއާ ދިމާލަށް ހަޅޭއްލަވަމުން ދިޔައެވެ. އެ މީހުންގެ ތެރޭގައި ފާޠިމަތު ހުއްޓެވެ. އޭނާގެ އަތުގައި އޮތީ އޭނާގެ ކެމެރާއެވެ. އޭނާ ޝާކިރުގެ ފޮޓޯއެއް ނެގިއެވެ. އެއީ ބާރުގެ ނިމުން ސިފަކޮށްދޭ ފޮޓޯއެކެވެ.
—-
ޝާކިރު އިނީ ކުޑަ ގޮޅިއެއްގައެވެ. އޭނާގެ އަގުބޮޑު ގަމީހުގެ ބަދަލުގައި މިހާރު ހުރީ ޖަލު ހެދުމެވެ. އޭނާގެ ކުރިމަތީގައި އިނީ ޒަކީއެވެ.
“ޒަކީ، ކަލޭ ހީކުރަނީ މިހިސާބުން ނިމުނީ ކަމަށްތޯ؟” ޝާކިރު އަހާލިއެވެ.
“ޝާކިރު، ކަލޭ ދަސްކޮށްދިން ފިލާވަޅަކީ، ބާރު ބޭނުންކުރަންވީ އަނިޔާވެރިކަމާއެކު ނޫންކަން. ކަލޭ މާ ބޮޑަށް ބާރަށް އެދުމުން، ކަލޭގެ އަމިއްލަ ހިޔަނިވެސް ކަލެއާ ދެކޮޅުވީ،” ޒަކީ ބުންޏެވެ.
“އަދި ބަލަން ހުރޭ. މި ގައުމުގައި ބާރުގެ ކުޅިގަނޑު ދުވަހަކުވެސް ނުނިމޭނެ. މިއަދު އަހަރެން މިތާ އިނަސް، މާދަމާ އަނެއްކާވެސް އެހެން ޝާކިރެއް އުފަންވާނެ،” ޝާކިރުގެ މޫނުމަތިން އަދިވެސް ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ.
—
(ނުނިމޭ)
