ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސަމާލުކަން ލިބުނު މި ފޮޓޯގެ ވާހަކަތައް ނަހޫގެ ގަލަމުން
ނަހުލާ ޓީޗިން ހެދި ދުވަސްވަރު ނަގާފައިވާ ފޮޓޯ (ވ)، އަދި އޭއައި ބޭނުންކޮށްގެން އަލުން އުފައްދާފައިވާ ފޮޓޯ (ކ). / މުނިއަވަސް ގްރެފިކްސް

މި ފާއިތުވި ދެތިން ދުވަހު ގިނަ ބަޔަކު އަޅުގަނޑަށް މި ފޮޓޯ ފޮނުވަމުން އެބަގެންދެއެވެ. އެއީ 1990 ވަނަ އަހަރެވެ. އޭރު އަޅުގަނޑުމެން ތަމްރީނުވަމުން ދިޔައީ އިނގިރޭސި މުދައްރިސުން ތަމްރީނުކުރާ ކޯހުގެ 11 ވަނަ ބުރުގައެވެ. އެއީ ނުހަނު ބުރަ ދުވަސްތަކެކެވެ. މިހާރާ އަޅާބަލާއިރު، އޭރުގެ ތަމްރީނުތަކަކީ ވަރަށް ފެންވަރު ރަނގަޅު، ވަރުގަދަ މަސައްކަތްތަކެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ސެޓްފިކެޓް ހާސިލުކުރުމަށްޓަކައި ކުރަންޖެހުނު މަސައްކަތް ބުރައެވެ. އެ ބުރުން އުފެދުނު މުދައްރިސުންނަކީ ފެންވަރުގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. ގައުމަށް އައި ތަރައްގީއާއެކުވެސް، އޭރުގެ މުދައްރިސުންގެ ފެންވަރު މިހާރު ފެންނަ ގިނަ އިނގިރޭސި މުދައްރިސުންނަށްވުރެ ބޮޑުތަނުން ރަނގަޅެވެ. އަޅުގަނޑުމެންގެ އެ ބެޗުގެ ގިނަ ބޭފުޅުންނަކީ މިހާރު ބޮޑެތި ސުކޫލުތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. މި ފަންނުގައި އެ ބޭފުޅުން ދެމިތިއްބެވި ކެތްތެރިކަމަށްޓަކައި ސާބަސް ދަންނަވަމެވެ. ޒިންމާދާރު މުދައްރިސަކަށް ވުމަކީ ބުރަ މަސައްކަތެކެވެ. އެއީ ސުކޫލުގެ ވަގުތު ނިމިގެން ގެއަށް އައުމަށްފަހުވެސް ނުނިމޭ، ދިގުލައިގެންދާ މަސައްކަތެކެވެ. އަހަރުތަކެއް ވަންދެން ކިޔަވައިދިނުމުގެ ދާއިރާގައި އުޅުމަށްފަހު، އެ ފަންނު ދޫކޮށްލަން އަޅުގަނޑަށް މަޖުބޫރުވި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

ހަގީގަތުގައިވެސް 1990 ވަނަ އަހަރަކީ އަޅުގަނޑުގެ ހަޔާތުގެ ރަންޒަމާނެވެ. އެއީ އަޅުގަނޑާއި ސިނާންގެ ގުޅުމުގައި އާ ކުލަތަކެއް ޖެހެމުންދިޔަ އަހަރެވެ. މައިންބަފައިންނަށް ސިއްރުން ބައްދަލުކުރަމުން ދިޔަ އެ ދުވަސްވަރު، ދެފަރާތުގެ އާއިލާއިންވެސް އެ ގުޅުމަކަށް ނުރުހެއެވެ. އެއީ އޭރު އަޅުގަނޑުމެން ދެމީހުންނަކީވެސް ތަސައްރަފު ނުފުދޭ ކުޑަ ދެކުދިން ކަމަށްވާތީއެވެ. އިންސްޓިޓިއުޓަށް ދާ މަގުމަތީގައި ސިއްރުން ބާއްވަމުންދިޔަ ބައްދަލުވުންތައް ފަޅާއަރައި، ގޭގައި ހައްޔަރުކޮށް، ފުލުހުންގެ އިދާރާއަށް ގެންދެވުނު ހަނދާންތައް އަދިވެސް އާވެއެވެ. ނަމަވެސް އެ ހުރަސްތަކާއެކުވެސް އަޅުގަނޑުމެންގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. އެއީ ހަމަ ފިލްމީ މަންޒަރުތަކެއް ފަދަ ކަންތައްތަކެކެވެ. އެންމެ ފަހުން އަޅުގަނޑުމެން ދެމީހުން ވަކިނުވާނެކަން ކަށަވަރުވުމުން، އާއިލާތަކުންވެސް އެ ގުޅުމަށް އެއްބަސްވިއެވެ. އެއާއެކު، އުމުރުން އެންމެ 18 އަހަރުގައި އަޅުގަނޑުމެން ކައިވެނިކުރީމެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ދެ ދަރިން ލިބުމުން، ކިޔަވައިދިނުމުގެ ދާއިރާއާ ދުރަށް ދާން މަޖުބޫރުވިއެވެ. ނަމަވެސް، އުނގަންނައިދިނުމުގެ މަސައްކަތް މުޅިން ހުއްޓައެއް ނުލަމެވެ. ދެމަފިރިން އެކުވެގެން ގޭގައި ގިނަ އަދަދެއްގެ ކުދިންނަށް ޓިއުޝަން ދިނީމެވެ. އެއީ އުނގެނިފައިވާ އިލްމުގެ ބޭނުން ހިފުމުގެ ނިޔަތުގައެވެ. ސުކޫލުގައި ކިޔަވައިދިނުމުގެ ފުރުސަތު ނެތް ނަމަވެސް، އަޅުގަނޑުގެ ދަރިން ތަރުބިއްޔަތުކޮށް ކިޔަވައިދިނުމުގައި އެ ހުނަރުގެ ބޭނުން ހިފީމެވެ. މާތްﷲގެ ރަހުމަތުން، އެ މަސައްކަތުގެ ނަތީޖާ ފެނުނީ ނުހަނު ފޮނިކޮށެވެ.

އަޅުގަނޑުގެ ލިޔުންތެރިކަމުގެ ހުނަރު ފާހަގަވީވެސް އެ ދުވަސްވަރު، ޓީޗިންގ ކޯސް ހަދަމުންދިޔަ ދުވަސްވަރުއެވެ. އޭރު އަޅުގަނޑު ލިޔެއުޅުނީ އިނގިރޭސި ބަހުންނެވެ. ދިވެހި ބަހަށް އެހާ އަހުލުވެރިއެއް ނޫނެވެ. އެހެންނަމަވެސް، ރަހުމަތްތެރިއަކާ ގުޅިގެން ވާހަކައެއް ލިޔެވޭތޯ ކުރި މަސައްކަތް އޭރުގެ ލައިބްރޭރިއަނަށް ވަރަށް ކަމުދިޔައެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް އެ ވާހަކަ ހުށަހެޅުމަށް އެދުމުން، މާ ބޮޑު އުންމީދަކާ ނުލައި އެކަން ކުރީމެވެ. ނަމަވެސް، އުންމީދުވެސް ނުކުރާ ފަދަ ކާމިޔާބީއެއް ލިބި، ލިޔުންތެރިކަމާއި ކިޔުންތެރިކަމުގެ ބައިން އެ އަހަރު އެއްވަނަ ހާސިލުކުރެވުނެވެ. އެއީ އަޅުގަނޑަށް ލިބުނު ފުރަތަމަ އާމްދަނީއެވެ. އެ އުފާވެރިކަމާއެކު، ޖެހިގެން އައި އަހަރު ދެ ވާހަކަ ހުށަހަޅައިގެން އެއްވަނަ އާއި ތިންވަނަ ހޯދީމެވެ. އަދި އޭގެ ފަހު އަހަރުވެސް އެއްވަނަ ލިބުނެވެ. ޖެހިޖެހިގެން ތިން އަހަރު އެއްވަނަ ލިބުމުން، މިއީ އާމްދަނީ ހޯދުމަށް ކުރެވިދާނެ މަސައްކަތެއްކަން ގަބޫލުކުރެވުނެވެ. އެއަށްފަހު “އާފަތިސް” ނޫހަށް ވާހަކަ ލިޔަން ފެށުމުން އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަކީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. މިއީ ހައްތަހާވެސް މާތްﷲގެ މިންވަރުފުޅެވެ. ހަގީގަތަށް ދަންނަވާނަމަ، އަޅުގަނޑަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ލިޔުންތެރިއަކަށް ވީއިރު، ދިވެހި ބަހުގެ ގަވާއިދުތަކަށް އެހާ އަހުލުވެރިއެއްވެސް ނޫނެވެ.

ލިޔުންތެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމަށް އަޅުގަނޑު ނޮމިނޭޓްވީއިރު، އެ އިނާމު ލިބޭ އުމުރު ހަމައެއް ނުވެއެވެ. އެހެންކަމުން އެ ޝަރަފުވެރި އިނާމު ލިބުމަށްޓަކައި އަހަރުތަކަކަށް އިންތިޒާރު ކުރަންޖެހުނެވެ. 25 އަހަރު ފުރުމުން އާންމު ހިދުމަތުގެ އިނާމު އެރުވުމުގެ ރަސްމިއްޔާތުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމް އަޅުގަނޑުގެ މަންމައާ ބައްދަލުކުރައްވައި ވިދާޅުވި ބަސްފުޅެއް ހަނދާންވެއެވެ. “ނަހުލާގެ މަންމަ ނަހުލާ ކުޑައިރު ވަރަށް ވާހަކަ ކިޔައިދީފައި ހުންނާނެކަން ޔަގީނެވެ.” އެއީ ނުހަނު ބޮޑު ތެދެކެވެ. އަޅުގަނޑުގެ ކިބައިގައި މި ހުނަރު އަށަގަތުމުގެ އެންމެ ބޮޑު ސިއްރަކީ މަންމައެވެ. މަންމަ ކިޔައިދޭ އާދަޔާހިލާފު މޮޅު ވާހަކަތަކެވެ. ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ މަންމަގެ ހަނދާންތަކެވެ. އަޅުގަނޑުގެ ކޮންމެ ކުރިއެރުމެއް ގުޅިފައިވަނީ މަންމައާއެވެ. މާތްﷲ އަޅުގަނޑުގެ މަންމައަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން.

ރައީސް ނަޝީދުގެ ވެރިކަމުގައި މުލިއާގޭގައި ބޭއްވި ހަފުލާއެއްގެ ހަނދާންތައްވެސް އާވެއެވެ. އެދުވަހު ސޯދުބޭއާއެކު އަޅުގަނޑު ވާހަކައެއްގައި އިންދަވައި ރައީސް ނަޝީދު ވަޑައިގެން ވިދާޅުވީ، އެމަނިކުފާނަކީ އަޅުގަނޑު ކުޑައިރުއްސުރެ އަޅުގަނޑުގެ ފޭނެއް ކަމަށެވެ. އެ ބަސްފުޅު އިވުމުން އަޅުގަނޑަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ނޫސްތަކުގައި އަޅުގަނޑު ލިޔަމުންދިޔަ ވާހަކަތައް އެއްކޮށް ފޮރުވައިގެން ގެންގުޅުއްވިއެވެ. އެފަދަ މޮޅު ލިޔުންތެރިއެއްގެ ފަރާތުން އެފަދަ ބަސްފުޅެއް އިވުމުން ނުހަނު އުފާވިއެވެ.

ކިޔަވައިދިނުމުގެ ދާއިރާ ދޫކޮށް ފިލްމީ މަސައްކަތަށް ނުކުތްއިރު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ފުރަތަމަ މަސައްކަތް ކުރީ އެހެން މީހުންގެ ނަންނަމުގެ ދަށުގައެވެ. އަޅުގަނޑުގެ ވާހަކަތަކަށް ފިލްމު އުފައްދާ މީހުންނަށް އެހީތެރިވެދީ، މަސައްކަތް ދަސްކުރިއިރު ޑައިރެކްޝަންގެ ބޮޑު ބައެއް އަޅުގަނޑު ނިންމި ނަމަވެސް، އެއްވެސް ކްރެޑިޓެއް ނުލިބެއެވެ. އަޅުގަނޑު ކުރި މަސައްކަތުން އެހެން މީހުން ޝަރަފު ހޯދަމުން ދިޔަ ދުވަސްތަކެއްވެސް ދިޔައެވެ. އެހިސާބުން އަމިއްލަ ޑައިރެކްޝަނަކަށް ދިއުމަށް އަޅުގަނޑު ނިންމީމެވެ. ފުރަތަމަ ފިލްމުންވެސް އާންމުންގެ ބޮޑު ތަރުހީބަކާއި އިތުބާރެއް ލިބުނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަޅުގަނޑު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އާންމުންގެ އެ އިތުބާރު ދެމެހެއްޓުމަށެވެ.

މިއީ 1990 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑު ކުރި ދިގު ދަތުރުގެ ހުލާސާއެކެވެ. މީގެން ލިބިގަންނަންވީ އިބުރަތަކީ، ކޮންމެ މީހެއްގެ ކިބައިގައިވެސް ފޮރުވިފައިވާ ހުނަރެއް ހުންނާނެކަމެވެ. އެ ހުނަރު ދެނެގަނެވޭނީ ކަންކަމާ ކުރިމަތިލައިގެންނެވެ. އަދި ކާމިޔާބާ ހަމައަށް ދެވޭނީ ވަރުގަދަ އަޒުމަކާއެކު، ކުރިމަތިވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލައިގެންނެވެ.

ނޯޓް
މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ ފޭސްބްކްގައި ލިޔެފައިވާ ލިޔުމެކެވެ. ލިޔުން މި ގެނެސްދެނީ އެއްވެސް ވަރަކަށް ބަދަލުކުރުމެއް ނެތިއެވެ.
5
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top