“މާރވޭމްސް – ކަނޑުރެއްސިއަކާ ލޭއިންސިއެއްގެ ލޯބީގެ ވާހަކަ!”
އިވާން ކާރުގެ ޑްރައިވަރު ސީޓަށް އެރިއެވެ. އަދި ދާނިޝް ކުރީ ސީޓަށް އެރިއެވެ.
“މީގެ ޒިންމާ ނަގަން ޖެހޭނީ ކަލޭ،” އިވާން ރުޅިއައިސްފައި ދާނިޝްއާ ދިމާލަށް ބުންޏެވެ. ދާނިޝް އެއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ބޭރަށް ބަލަހައްޓައިގެން އިނެވެ. އިވާން ބާރު ދުވެލީގައި ކާރު ދުއްވާލިއެވެ.
ކާރުގެ ބިއްލޫރިގަނޑުން ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ. އެ މަންޒަރުތައް ހީވަނީ ހިޕްނޮޓައިޒް ކުރާ އެއްޗެއް ހެންނެވެ. ހޭލާ ހުންނަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ވަރުބަލިކަމުގެ ސަބަބުން އަހަރެންނަށް ނިދިއްޖެއެވެ.
އަހަރެން ހޭލެވުނުއިރު، ކަރުގައި ރިހުމެއް ހުރެފައި، ހަރުވެފައި ހުރި ކަހަލަ އިހުސާސެއް ކުރެވުނެވެ. އަދި ބޮލުގައިވެސް ގަދައަށް ރިއްސަމުން ދިޔައެވެ. އަހަރެން އޮށޯވެގެން އޮތީ ކާރެއްގެ ފަހަތު ސީޓުގައެވެ. ނަމަވެސް، އެއީ ކުރިން އަހަރެން އޮތް ކާރެއް ނޫނެވެ. ބަޔަކު ވާހަކަދައްކާ އަޑު އިވެމުން ދިޔަ ނަމަވެސް، އެއީ އިވާން ނުވަތަ ދާނިޝްގެ އަޑެއް ނޫނެވެ.
“ތިޔަ މޮޔަ ޝިކާރަވެރިންނަށް މިފަހަރު މިކަން ރަނގަޅަށް ކުރެވިފަ އޮންނަންވާނެ. އަލުން އަނެއްކާވެސް މިކަމުގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން.” ބަރު އަޑަކުން އޭނާ ހަރުކަށިކޮށް ބުނެލިއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން ސާފުކޮށް އެނގެއެވެ. އޭނާ އަހަންނާ ދިމާލަށް ހަޅޭއްނުލެވި ކަމުގައި ވިޔަސް، ބިރުން ކުރުގެޅިލަން ޖެހުނު ކަހަލަ އިހުސާސެއް އަހަންނަށް ކުރެވުނެވެ.
“ކީއްވީ؟ އަނެއްކާވެސް މަންމައާއި ބައްޕަ ރުޅިއަތުވެދާނެތީ ބިރުގަތީތަ؟” ދެން ވާހަކަދެއްކި މީހާގެ އަޑު މާ ބަރު ނޫން ނަމަވެސް، އެ އަޑުގައި ހުރީ އޯގާތެރި އޮމާންކަމެކެވެ. ބޮޑަށް ހީވަނީ ތަންކޮޅެއް ހަގު މީހެއްގެ އަޑެއް ހެންނެވެ.
“އެމީހުންގެ އެންމެ ހަގު ދަރިއަށް ތިހެން ބުނަން ވަރަށް ފަސޭހަވާނެ،” އަނެކަކު ރުޅިވެރިކަމާއެކު ބުންޏެވެ. “ލަޔިލް، އެމީހުންނާ މައްސަލަ ޖެހިގެން އުޅޭއިރު ވާގޮތެއް ކަލެއަކަށް ނޭނގޭނެ. ދުވަހަކުވެސް ނޭނގޭނެ.”
“އަނެއްކާވެސް އަމިއްލަ ނަފްސަށް ހަމްދަރުދީ ހޯދަން މަސައްކަތް ކުރަނީތަ ލިޔާމް؟ ހަމަ އަސްލުވެސްތަ؟” ސަމާސާ ރާގަކަށް ލަޔިލް ބުންޏެވެ.
“ކޮންމެއަކަސް، މި ޝިކާރަކުރެވުނީ ކަނޑުރެއްސިއަކަށް ވާންވާނެ. އިތުރު ގޯހެއް ހެދޭކަށް މިހާރަކު ނެތް،” ލިޔާމް ހަރުކަށިކަމާއެކު ބުންޏެވެ.
“އެއީ ކޮން ‘އެއްޗެއްކަން’ ބަލާލެވޭނެ ގޮތެއް އެބައޮތް،” ލަޔިލްގެ އަޑުން އޭނާ މަލާމާތުގެ ހިނިތުންވުމެއްގައި ހުރިކަން އެނގުނެވެ. ނަމަވެސް އޭނާ އެބުނި އެއްޗެއްގެ މާނައެއް އަހަންނަކަށް ނޭނގުނެވެ.
މި މީހުންނަށް ކަނޑުރެއްސިންގެ ވާހަކަ އެނގެނީ ކިހިނެއް ހެއްޔެވެ؟ އެމީހުން އެފަދަ މަޚްލޫޤެއް ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަހަރެން މިތަނަށް ގެނައީ ކީއްވެ ހެއްޔެވެ؟ އަދި އަހަރެން މިތަނުގައި މިއޮތީ ކީއްވެގެން ހެއްޔެވެ؟ ޕާޓީގެ ބޭރުން އަހަރެންގާތުގައި އޭރު އިވާން އެ ބުނި އެއްޗެއްގެ މާނައަކީ، ހަޤީޤަތުގައިވެސް ޒައިރާ އެ ޕާޓީގައި ބައިވެރިކުރަން ލިޔާމް ބޭނުންވުން ހެއްޔެވެ؟ އެހެންނަމަވެސް، ލިޔާމް ދިން ޖަވާބުން ހުރިހާ ކަމެއް ސާފުވެ ބަޔާންވެގެން ދިޔައެވެ.
“ކަލޭ އޭގެ ގައިގަ ދަތް އަޅައިގެން ނުވާނެ. އަހަންނަކަށް ނުވާނެ…”
“ދެން ހޫނ!” ލަޔިލް ޝަކުވާގެ ރާގަކަށް ބުންޏެވެ. “އޭނާގެ ލޭގެ ވަސް ބަލާލަބަލަ…” އޭނާ ފުން ނޭވާއެއް އެތެރެއަށް ދަމާލި އަޑު އަހަންނަށް އިވުނެވެ.
“މައިތިރިވޭ!” ލިޔާމް ރުޅިވެރިކަމާއެކު ބުންޏެވެ. “އަހަރެން މި އުޅެނީ ދުއްވުމަށް ސަމާލުކަން ދެވޭތޯ.”
ވެމްޕަޔަރުން ނުވަތަ ލޭއިންސިންނޭ؟ ލޭއިންސިންގެ އަތްދަށުވާން މިޖެހުނީ ހަމަ އަހަންނަށްތަ؟ މިއީ ހާދަހާ ބޮޑު ސަމާސާއެކޭ! ލޭއިންސިންނާ މެދު ހަމްދަރުދީވާ، އަހަރެން ދަންނަ މަދު ކަނޑުރެއްސިންގެ ތެރެއިން އެކަކީ އަހަރެންނެވެ. އެކަމަކު މިއަދު އަހަރެން މިވަނީ ނިޔަތް ނުބައި ލޭއިންސިއަކާއި، އަހަރެންގެ ލޭ ބޯން ކެތްމަދުވެފައި ހުރި އެހެން ލޭއިންސިއެއްގެ އަތްދަށުވެ، ހައްޔަރުވެފައެވެ. އަދި އެމީހުން އަހަރެން މި ގެންދަނީ އެމީހުންގެ މައިންބަފައިންގެ ގާތަށެވެ. އެމީހުންގެ ވާހަކަ ހުރި ގޮތުން އެއީ ވަރަށް ހިތްނުބައި ބައެއްކަން އިހުސާސް ކުރެވެއެވެ.
އަހަރެން ހޭލަން އެބަޖެހެއެވެ. ވަމުންދާ ގޮތް ސާފުކޮށް ބަލަން ލޯ ހުޅުވަން މަޖުބޫރެވެ.
ލޯ ހުޅުވަން ގަސްދުކުރި ވަގުތަކީ، ވެހިކަލް އަޑިގަނޑަކަށް ޖަހައި، އަހަރެންގެ ބޯ ކުޑަދޮރުގައި ބާރަށް ޖެހުނު ވަގުތެވެ. އެއާއެކު ބޮލުގައި ރިއްސުން ކުރިއަށްވުރެ ގަދަވިއެވެ. އަހަރެން މަޑުމަޑުން ތެދުވެ، ބޮލުގައި އަތް އަޅައިލަމުން ވީ ތަދުން އާހެއް ލައްވައިލެވުނެވެ.
“އޭއް، އޭނާ ހޭލައިފި،” ލަޔިލް ސިއްރުސިއްރުން ބުންޏެވެ.
“އޭނާ ހޭލިތާ ކިތަންމެ އިރެއް ވެއްޖެ، މޮޔަޔާ،” ލިޔާމް ރުޅިވެރިކަމާއެކު ބުންޏެވެ.
“ތިހާ ހަރުކަށި ނުވެބަލަ،” ފުން ނޭވާއެއް ދޫކޮށްލަމުން ލަޔިލް ބުންޏެވެ.
މަޑުމަޑުން ލޯ ހުޅުވާލިއިރު، އަހަރެންގެ ކުރިމަތީގައި ހުރީ ކަނޑުނޫ ކުލައިގެ ދެލޮލެވެ. އެ ސޫރަ ފެނުމާއެކު ސިހިފައި އަހަރެން ގޮނޑީގައި ރަނގަޅަށް އިށީނދެލީމެވެ. އޭނާގެ ހުރީ މުށިކުލައަކަށްދާ ރަތްކުލައިގެ ކުރު އިސްތަށިގަނޑެކެވެ. މޫނުމަތީގެ ސިފަތައް ވަރުގަދަވެފައި އޮމާނެވެ. ބަލާބެލުމަށް އޭނާ ހީވަނީ އަހަރެންގެ އުމުރުގެ ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ހެންނެވެ. އޭނާގެ ފިޔާތޮށިކުލައިގެ ތުންފަތުން ފެންނަނީ މަލާމާތުގެ ހިނިތުންވުމެކެވެ.
“ކަލެއަކީ ކަނޑުރެއްސިއެއްތަ؟” ލަޔިލް ކުއްލިއަކަށް ސުވާލުކުރިއެވެ.
އެ ސުވާލުން އަހަރެން ސިހި، ނޭވާ ހިފަހައްޓާލެވުނެވެ. އެމީހުންގެ ހަންގަނޑު އާދަޔާޚިލާފަށް ހުދުވެފައި ފަނޑުކޮށް ހުރި ނަމަވެސް، އެއީ ‘ލޭއިންސިން’ ކަން އަހަރެންގެ ސިކުނޑިއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.
ލިޔާމް، ލަޔިލްގެ ގައިގައި އުޅަނބޮށިން ޖަހާލުމުން އޭނާ ހިތްހަމަނުޖެހިފައި ގޮނޑީގައި ލެނގިލިއެވެ. “އެކަހަލަ ސުވާލު ތިޔަ ކުރަނީ ކީއްވެ؟ ކަލޭ ތީ މޮޔައެއްތަ؟” ލިޔާމް ބުންޏެވެ.
ލިޔާމް އަކީ ނުހަނު ފުރިހަމަ، އެހެނަސް ބިރުވެރި ރީތިކަމެއް ލިބިފައިވާ މީހެކެވެ. އޭނާގެ އިސްތަށިގަނޑު އެހާ ކަޅުވެފައި ފަހަތަށް އޮމާންކޮށްލާފައި އޮތް ނަމަވެސް، ބައެއް އިސްތަށިތައް މޫނުމައްޗަށް ވެއްޓިފައި ހުރުމުން އޭނާގެ ސޫރަ އިތުރަށް ފުރިހަމަކޮށްދެއެވެ. އޭނާގެ ހަށިގަނޑުގެ ވަރުގަދަ މަސްތަކުން ހީވަނީ ނުރައްކާތެރި، އެހެނަސް ކުޅަދާނަ ހަނގުރާމަވެރިއެއް ހެންނެވެ.
“ދެން އޭނާއަކީ ހަމަ ހަގީގަތުގައި ވެސް ކަނޑުރެއްސިއެއް ކަން ބަލާނީ ކިހިނެއް؟” ލަޔިލް އަނެއްކާވެސް އެހިއެވެ.
ލިޔާމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ކުއްލި ހަރަކާތްތަކެއް ކޮށްލަމުން ފަހަތަށް އަތް ދިއްކޮށް އަހަރެންގެ ވާތު ފައިގެ ކުޑަކަޅުވާގައި ހިފާ ދަމައިގަތެވެ. މިކަމުގެ ސަބަބުން އަހަރެން ގޮނޑިން ތިރިއަށް ކަހާލިއެވެ. އަހަރެން ބިރުން ގޮނޑީގެ އަރިމަތީގައި ބާރަށް ހިފަހައްޓައިގެން ފައި ސަލާމަތް ކުރެވޭތޯ އުޅުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. އޭނާ އަހަރެންގެ ބޫޓު ބާލައި އެއްލާލިއެވެ.
އަހަރެންގެ ހަންގަނޑުގައި އަތްނުލާން ސަމާލުވަމުން، އޭނާ އަހަރެންގެ އިސްޓާކީނު ތިރިކޮށްލިއެވެ. އެތަނުން ފެންނަން ހުރީ ހުރިހާ ކަނޑުރެއްސިންގެ ފައިގައި ހުންނަ އުފަން ލަފެވެ. އެއީ އަހަރެމެންގެ ދެ ހަޔާތް ރަމްޒުކޮށްދޭ ދެ ބުރުގެ ނިޝާނެކެވެ.
“އެއޮތީ ފެންނަން،” ލިޔާމް އެ ނިޝާން ލަޔިލްއަށް ދައްކާލަމުން ބުންޏެވެ. “އެ ބުނާ ކަހަލަ ޓެޓޫ ނިޝާން އެހުރީ.” އެއަށްފަހު އޭނާ އަހަރެންގެ ފައިން ދޫކޮށްލިއެވެ.
އަހަރެން ހިތްހަމަނުޖެހިފައި އިށީނދެ، އަލުން ބޫޓަށް އެރީމެވެ.
“މައްސަލައެއް އެބައޮތްތަ؟” ރިއަރ މިރޯއިން ލިޔާމްގެ ތޫނު ނޫކުލައިގެ ދެލޮލުން އަހަރެންނަށް ބަލާލިއެވެ.
އަހަރެން ސިހިފައި އަވަސް އަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. އޭނާގެ އެ ނޫކުލައިގެ ދެލޮލަކީ އަހަރެންނަށް ވަރަށް ފަރިތަ ދެލޮލެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ.
” މައްސަލައެއް ނޯންނާނޭ މަށަށް ވެސް ހީވިއޭ!” އޭނާ ފޮނިގޮތަކަށް ބުނެލުމަށްފަހު ނަޒަރު ވަކިކޮށްލިއެވެ.
“ތިޔަ… އަހަރެން ތިޔަ ގެންދަނީ ކޮންތާކަށް؟” އަހަރެން އަޅައިގަންނަމުން އެހީމެވެ.
“ލަފާކޮށްލަން ނޭނގޭތަ؟ ކަނޑުރެއްސިންނަށް ލޭއިންސިންގެ މައުލޫމާތު އެނގޭނެ ނޫންތަ؟” ލަޔިލް ފަހަތަށް އެނބުރި އަހަރެންނަށް ބަލާލިއެވެ.
“ކީއްވެ؟” އަހަރެން ސުވާލުކުރީމެވެ.
އޭގެ ޖަވާބު އަހަރެންނަށް ވެސް އެނގެއެވެ. އެމީހުން އަހަރެން އެ ގެންދަނީ އެމީހުންގެ ރަސްގެފާނާއި ރާނީގެ ގާތަށެވެ. އެކަން ކުރިން ހަނދާނަށް ނައީ ކީއްވެބާއެވެ؟ އެމީހުންގެ ގަނޑުވަރަށް ނޫން ހެއްޔެވެ؟ މީގެ ކުރިން ވެސް އަހަރެން އެތަނަށް ދިޔައިމެވެ. އެއީ ލޭއިންސިންނާއި ކަނޑުރެއްސިން އެއްވެސް މައްސަލައެއް ނެތި އުޅުނު ޒަމާނުގައެވެ. ނަމަވެސް މިހާރު ހާލަތު ވަނީ ބަދަލުވެފައެވެ. ދެ ނަސްލުގެ ދެމެދުގައި ހިނގި ހަނގުރާމައަށް ފަހު، ރަސްކަމުގެ ޢާއިލާގެ މެންބަރަކަށް ވުމުން، ބައެއް ކަހަލަ ބައްދަލުވުންތަކަށް އަހަރެން އެތަނަށް ދާން ޖެހުނެވެ.
“އެއީ ކަލެއާ ބެހޭ ކަމެއް ނޫން،” ލަޔިލްގެ ވާހަކަ މެދުކަނޑާލަމުން ލިޔާމް ބުންޏެވެ.
“އަހަރެންގެ ނުރުހުމުގަ ތިޔަ ގެންދަނީ، އެހެންވީމަ އެއީ އަހަންނާ ބެހޭ ކަމެއްނު؟” އަހަރެން ރުޅިއައިސްފައި ބުނީމެވެ.
” ކަލޭ ހޭނެތިފަ އޮތްއިރު އަހަރެންނަށް މާ ކަމުދިޔަ. އެހެންވީމާ އަނގަ މަޑުންލައިގެން އަދިވެސް ހޭނެތިފަ ކަމަށް ހެދިގެން އޮވެބަލަ،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.
“ހޫމް،” އަހަރެން އަތްމަތީ އަތް ބަނދެލައިގެން ސީޓްގައި ލެނގިލީމެވެ.
“މާ ރަނގަޅު،” އޭނާ ފޮނިގޮތަކަށް ހީނލިއެވެ. އެއީ އުނދަގޫވާ ކަހަލަ ގޮތަކަށް ދެއްކި ހިނިތުންވުމެކެވެ.
“ކަލޭގެ ލޯ…” ލަޔިލް އަހަރެންނަށް ބަލާލަމުން ބުންޏެވެ. “ވަރަށް…”
“އެ އެއްޗާ ވާހަކަ ނުދައްކާ،” ލިޔާމް، ލަޔިލްގެ ގައިގައި ޖަހާލިއެވެ. އޭނާ އެ ބުނީ އަހަރެންނަށް ނިސްބަތްކޮށް ‘އެތި’ ހެއްޔެވެ؟
“ތިޔަހާ ގޯސް ނުވެބަލަ،” ލަޔިލް ރައްދު ދިނެވެ.
“އަހަރެން ގޯސްތަ؟ އަހަރެން މިއިނީ ނުލާހިކު ހަމަޖެހިގެން. އެހެން ނޫނަސް އެއީ އަހަރެމެންގެ ރަހުމަތްތެރިއެއް ނޫން،” ލިޔާމް ބުންޏެވެ. އޭނާ ހަމަގައިމުވެސް އަހަރެންނަށް ނިސްބަތްކުރީ ‘އެތި’ މި ބަހެވެ. އެއީ ވަރަށް…
“ބޭ އަދަބީ ކަމެއް،” ލަޔިލް ބުންޏެވެ.
“އެންމެ ރަނގަޅު،” ލިޔާމް ފުން ނޭވާއެއް ދޫކޮށްލިއެވެ.
އޭގެ ފަހުން ދަތުރުގެ ބާކީ ބައިގައި އެންމެން ތިބީ ހިމޭނުންނެވެ. ކަނު އަނދިރި ރޭގަނޑުގެ މަންޒަރުތަކަށް ބަލަން އިނދެ، ލޭއިންސިންގެ ގަނޑުވަރު ހުންނަ ގޮތް ހަނދާން ކުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެއީ ވަރަށް ކުރީގެ ގޮތަކަށް ހުންނަ ބިނާއެއްކަން ހަނދާންވެއެވެ. އަންހެނުން ޝާހީ ހެދުން ލައިގެން ތިބޭއިރު، ރަސްގެފާނު ފިޔަވައި އެހެން ފިރިހެނުން އުޅެނީ އާދައިގެ ހެދުމުގައެވެ. ކަނޑުރެއްސިންގެ ސަގާފަތާ ވެސް މިކަންކަން ވަރަށް އެއްގޮތެވެ. އެތަނަށް ދިއުމުން ރަސްގެފާނާއި ރާނީއަށް އިޙުތިރާމް އަދާކުރަން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. އަދި އެއްޗެއް ނުބުނަނީސް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ. އެމީހުންގެ ބިމުގައި އަހަރެންނަށް ޖެހޭނީ އެމީހުންގެ ގަވާއިދުތަކަށް ބޯލަނބާށެވެ. އަހަރެންނަކީ ރަސްދަރިކޮޅުގެ މީހެއްކަން ހަނދާން ނައްތާލަން ޖެހެއެވެ. ބޮޑަށް ރަނގަޅީވެސް އެކަން އެމީހުންނަށް ނޭނގުނިއްޔާ އެވެ.
ކަންތައްތައް ބަދަލުވެފައިވާ މިންވަރެއް ނޭނގޭތީ އަހަރެން އިނީ ވަރަށް ފަރުވާތެރިވެގެންނެވެ. މިހާރުގެ ރަސްގެފާނަކީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެންމެ ފަހުން އަހަރެން އެތަނަށް ދިޔައީ ވަރަށް ކުރިން ކަމަށް ވާތީ، އޭރުގެ ރަސްގެފާނު މަތިން ހަނދާން ހުރީ ވަރަށް ކުޑަކޮށެވެ. ނަމަވެސް އޭނާގެ ދަރިފުޅު މަތިން އަހަރެން ހަނދާން އެބަހުއްޓެވެ. އޭރު އޭނާއަކީ އަހަރެންގެ އުމުރުގެ ކުއްޖެކެވެ. އަދި އޭނާ އަހަރެން ދެކެ ލޯބިވެސް ވިއެވެ. އަހަރެމެންނަކީ ވަރަށް ގާތް ރަހުމަތްތެރިންނެވެ. ނަމަވެސް އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދިނުމުން، އެ ގުޅުން ކަނޑާލަން އަހަރެންނަށް މަޖުބޫރުވިއެވެ.
🧜♀️ ނުނިމޭ 🧜♀️
