އދ. މަހިބަދޫ ކައުންސިލުން އެރަށު ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ 3 ވަނަ ވޮލީބޯޅަ މުބާރާތް “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައި ގުރުއަތުލުން ބާއްވާއިފިއެވެ.
ދެ ޖިންސުގެ ޒުވާނުންނަށް ވަކި ދެ މުބާރާތެއްގެ ގޮތުގައި ބާއްވާ، މި އަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި ހަތް ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ރަނައަޕް ބޮއިލިންގް ހެޑްގެ އިތުރުން ލަވާރސް އާއި ކޮންޑިން އަދި ޑެމިއޯ އާއި ހިޓްހެޑް އަދި ލިލީ ބީޗް ރިސޯޓެވެ.
ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލާފައި ވާއިރު ގުރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ލަވާރސް އަދި ހިޓްހެޑާއި ލިލީ ބީޗް ރިސޯޓެވެ. ގުރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނައަޕް ބޮއިލިންގް ހެޑް އާއި ކޮންޑިން އަދި ޑެމިއޯއެވެ.
މި ބައިގެ މެޗުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕް ވަކިން ލީގު ބުރެއް ކުޅެ، ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި އެ ދެ މެޗު ކާމިޔާބުކުރާ ދެ ޓީމަށް ފައިނަލްގެ ޖާގަ ލިބޭ ގޮތަށެވެ. މި ބައިގެ ސެމީ ފައިނަލް ދެ މެޗު މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހުގެ ރެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ލަވާރސްއެވެ. ދެވަނަ މެޗާއި ތިންވަނަ މެޗު 21 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮންޑިން އާއި ލަވާރސްއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ހިޓްހެޑް އާއި ލިލީ ބީޗް ރިސޯޓެވެ.
މި މުބާރާތުގެ އަންހެން ބައިގައި މިފަހަރު 4 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ރަނައަޕް ޗެލެންޖާރސްގެ އިތުރުން ސުޕައިކާރސް އާއި ކުއީސް ބީސްއެވެ.
އަންހެން ބައިގެ ފުރަތަމަ މެޗުގައި 22 ވަނަ ދުވަހުގެ ރޭ 20:15 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކާލަމަންނަ އާއި ކުއީސް ބީސްއެވެ. އެރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ރަނައަޕް ޗެލެންޖާރސް އާއި ސުޕައިކާރސްއެވެ.
އަންހެން ބައިގެ ކުޅުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ލީގު ބުރެއް ކުޅުމަށްފަހު، ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ގޮތަށެވެ.
މި ބައިގެ ސެމީ ފައިނަލް މެޗު މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހުގެ ރެއެވެ.
