އދ. މަހިބަދޫގައި މިހާރު ކުރިޔަށްދާ “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” ގެ ސެމީ ފައިނަލް ތިން މެޗު އޮންނާނީ މިރެއާއި މާދަމާ ރެއެވެ. އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭ މި މުބާރާތުގެ ސެމީ ފައިނަލް ތިން މެޗުގެ ތެރެއިން ދެ މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެމީ ފައިނަލް މެޗަކީ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗެވެ. އަންހެން ޑިވިޝަންގެ ފައިނަލަށް ގޮސްފައިވާ ސްޕައިކާރސްއާ ފައިނަލްގެ ވާދަކުރާނެ ޓީމެއް ކަނޑައެޅުމަށް ކުޅުމަށް ކުޅުމަށް ހަމަޖެހިފައިވާ މި ސެމީ ފައިނަލް މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ރަނަރަޕް ޗެލެންޖާރސް އެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗަކީ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ އެއްވަނަ ހޯދި ބޮއިލިންގް ހެޑް އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ހިޓް ހެޑް އެވެ. މި ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ބޮއިލިންގް ހެޑް ވަނީ ގުރޫޕް ސްޓޭޖްގައި އެ ޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ މެޗު ކޮންޑިން އާ ވާދަކޮށް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި ޑެމިއޯއާ ވާދަކޮށް އެ މެޗު ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި ގުރޫޕްގެ ފަހު މެޗު ރޭގައި ކުޅުނުއިރު އެ މެޗުން މޮޅުވެ ގުރޫޕް ބީގެ އެއްވަނަ ހޯދުމުގެ ފުރުސަތު ޑެމިއޯއަށް ވެސް އޮތެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮއިލިންގް ހެޑްގެ މަހަދީރު އެވެ.
ސެމީ ފައިނަލްގައި ބޮއިލިންގް ހެޑްއާ ވާދަކުރާ ހިޓް ހެޑް ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގެ ތެރެއިން ކާލާމަންނައާ ވާދަކުރި މެޗުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ލީލީ ބީޗް މެޗާއި ލަވާރސް މެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރިއެވެ. ހިޓް ހެޑް ގުރޫޕްގެ ދެވަނަ ހޯދީ ރޭ ކުޅުނު ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ލަވާރސްއާ ވާދަކޮށް 3 ސެޓް 1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހިޓް ހެޑްގެ ޕަބަސަރަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޕަބަސަރަ / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް
ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ކާލާމަންނަ އާއި ގުރޫޕް ބީގެ ދެވަނަ ހޯދި ޑެމިއޯ އެވެ. މި ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު ގުރޫޕް ސްޓޭޖްގައި ކާލާމަންނަ ކުޅުނު ހުރިހާ މެޗެއް އެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗު ލަވާރސްއާ ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު، ދެވަނަ މެޗު ހިޓް ހެޑްއާ ވާދަކޮށް ވެސް މޮޅުވީ އެ ނަތީޖާއިންނެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެ ޓީމު ވާދަކުރީ ލިލީ ބީޗް އާއެވެ. އެ މެޗު ވެސް ކަލާމަންނަ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ޑެމިއޯ ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗު ކޮންޑިންއާ ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ބޮއިލިންގް ހެޑްއާ ވާދަކޮށް ބަލިވީ ވެސް ސީދާ ތިން ސެޓުންނެވެ.
