ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮންފަނާއި މާޅޮސް ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގެ ބ. އަތޮޅު މުބާރާތުގެ ތިންވަނަ މެޗުން މާޅޮސް އަދި ހަތަރުވަނަ މެޗުން ދޮންފަނު މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އޭދަފުށީގައި މިހާރު ކުރިޔަށްދާ މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރާއި މިރޭ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި އޭދަފުށްޓާއި މާޅޮސް ބައްދަލު ކުރިއިރު، ދެވަނަ މެޗުގައި ބައްދަލުކުރީ ތުޅާދޫ އާއި ދޮންފަނެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ އޭދަފުށްޓާއި މާޅޮހެވެ. މި މެޗަކީ މާޅޮހުގެ ފުރަތަމަ މެޗު ނަމަވެސް އޭދަފުށީގެ ދެވަނަ މެޗެވެ. އޭދަފުށި ކުރިން ކުޅުނު މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އޭދަފުށިންނެވެ. ގިނަ ވަގުތު މާޅޮހު ހާފުތެރޭގައި ބޯޅަ ގެންގުޅެ ލަނޑެއް ޖެހޭތޯ އެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މަޑުމަޑުން ގޭމްގެތެރެއަށް ވަދެ މާޅޮހުން ކުޅުން ރަނގަޅު ކުރިއެވެ. ފުޓްސަލް އާއި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ތަރިންތަކެއް ހިމެނޭ އޭދަފުށްޓާއި ދެކޮޅަށް ނުކުމެ މާޅޮހުން ވަނީ އޭދަފުށި ސިއްސުވާލާފައެވެ.

ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޅޮހުންނެވެ. މެޗުގެ ހަވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނަބީލެވެ. ނަބީލް މި ލަނޑު ޖަހާފައިވަނީ އޭދަފުށީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އޭދަފުށިން މަސައްކަތް ކުރިއިރު، ލިބިފައިވާ ލީޑު ހިފެހެއްޓުމަށް މާޅޮހުން އިސްކަން ދިނެވެ.

މިވެސް ކިޔާލަން:  ބީއެމްއެލްއިން ކަސްޓަމްސް ލަދުގަންނަވާލިއިރު، ޓީޓީއެސް ވެސް ފެށީ މޮޅަކުން

ކައުންޓާރ އެޓޭކަށް ބޮޑު އިސްކަމެއް ދިން މާޅޮހުން އެ ޓީމުގެ ލީޑު ފުޅާކުރީ ދިހަވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ނަބީލެވެ. ނަބީލް މި ލަނޑު ޖަހާފައިވަނީ މާޅޮހު ކީޕަރު މަތިމަތިން އޭދަފުށީ ހާފުތެރެއަށް އެއްލި ބޯޅަ ހާފުގެ މެދަކާއި ހިސާބުން އެ ޓީމުގެ ކުޅުންތެރިއެއް ކޮންޓްރޯލް ކޮށްލުމަށްފަހު، އެއް ކައިރިއަށް ޖައްސާލި ވަގުތު ތިރިތިރިން ވަރަށް ބާރަށް ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އޭދަފުށްޓަށް ނުކުރެވުނު މި ހާފު ނިމުނީ 2-0 އިން މާޅޮސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އޭދަފުށިން ކުޅުން ރަނގަޅުކުރި ނަމަވެސް، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފޭ ގޮތެއް ނުވިއެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި ފުރަތަމަ ހާފު ހޯދި ކާމިޔާބީ ދެވަނަ ހާފުގައި ވެސް މާޅޮހުން ހޯދިއެވެ. ގިނަ ފުރުސަތުތަކެއް ލިބި އޭދަފުށްޓަށް ލަނޑެއް ނުޖެހި އުޅެނިކޮށް ދެވަނަ ހާފުގެ ދިހަވަނަ މިނިޓްގައި މުޙައްމަދު ނަބީލް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. ނަބީލް މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭދަފުށީގެ އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެއެވެ.

3-0 އިން މާޅޮސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮހަށް ތިން ލަނޑު ޖަހައިދިން މުޙައްމަދު ނަބީލެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނަބީލް / ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ

މުބާރާތުގެ ހަތަރުވަނަ މެޗު މިރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ތުޅާދޫ އާއި ދޮންފަނެވެ. މިއީ މި މުބާރާތުގައި ދޮންފަނު ކުޅޭ ފުރަތަމަ މެޗު ނަމަވެސް ތުޅާދޫގެ ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ތުޅާދޫ ވަނީ މޮޅުވެފައެވެ. މި މެޗުން މޮޅުވެ ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކުރަން ތުޅާދޫން ނުކުތްއިރު، ދޮންފަނުން ނުކުމެފައިވަނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރުމުގެ އަޒުމުގައެވެ.

މިވެސް ކިޔާލަން:  އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ގޮއިދޫގައި ފަށައިފި

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދޮންފަނުންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ދޮންފަނުން ވަނީ ލީޑު ނަގާފައެވެ. ދޮންފަނަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މޮހްސިން މޮންތަޒޭމީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ތުޅާދޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ފްރީކިކް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ތުޅާދޫން ވަނީ ހާފު ނިމުމުގެ ކުރިން އެކަން ކާމިޔާބުކޮށްފައެވެ. ތުޅާދޫ ދެ ކުޅުންތެރިއަކު ގުޅިގެން އުފެއްދި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އީމާން އިލްޔާސްއެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ކުރީ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެއްކިއިރު، ދޮންފަނުން ވަނީ ތަފާތު ދައްކާފައެވެ. ދޮންފަނު ކުޅުންތެރިއަކު ތުޅާދޫ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހަސަން ޒަރީރު ދެވަނަ ފަހަރަށް ދޮންފަނަށް ލީޑު ނަގައިދިނެވެ. ނަތީޖާ ހަމަހަމަކުރުމަށް ތުޅާދޫން މަސައްކަތްކުރަމުން ދަނިކޮށް ދޮންފަނުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އިފްހާމެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އިފްހާމް ޖަހައިދިން ފުރަތަމަ ލަނޑަށް މާގިނައިރެއް ނުވެ އޭނާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އިފްހާމް މި ލަނޑު ޖަހާފައިވަނީ ތުޅާދޫން އުފެއްދި ހަމަލާއެއް ހުއްޓުވައި އެ ޓީމުގެ ކުޅުންތެރިއަކު ކުރިއަށް ޖައްސާލި ބޯޅަ ހޯދައިގެން ކުރިޔަށް ގޮސް ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ތުޅާދޫން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޙަސަން ނާއިލެވެ.

މިވެސް ކިޔާލަން:  އިންޑިޔާގައި "ޓިކްޓިކް" މަނާކޮށްފި

4-2 އިން ދޮންފަނު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނު ޓީމުގެ އަޙްމަދު އިފްހާމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top