ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ފަންސަވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ކޮންކަހަލަ މަންމައެއްތަ ތީ؟” ރުޅިވެރިކަމާއެކު ނަސީރު އެހިއެވެ.

“ތީ ކޮންކަހަލަ ސުވާލެއް ނަސީރު؟” އާފިޔާ އެހިއެވެ.

“އަހަރެމެންގެ ދަރިފުޅު ބަލި އެނދުގައި އޮތްއިރުވެސް ކަލޭ ތިޔަ ހަދަނީ އޭނާގެ ޑޮކްޓަރަށް ދޮގޭ. ޒޯޔާގެ މާޒީ ހަނދާންވާފަދަ ކަމެއް ހިނގިތޯ އޭނާ އެ އެހީ. އެކަމަކު ކަލޭ ތި ސިއްރުކުރީ އަޔާންގެ ވާހަކަ. ޒޯޔާއަށް އެ ލަވަ ހަނދާންވީ އަޔާންގެ ސަބަބުންނެއް ނޫންތަ؟ ކަލެއަށް ޒޯޔާގެ ސިއްޙަތަށްވުރެ ފައިސަލްއާއި ޒޯޔާގެ ކައިވެނިތަ މުހިންމީ؟” ނަސީރު ހުރީ ވަރަށް ރުޅިއައިސްފައެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ. ޒޯޔާއަށް އެކަން އެފަދަ ގޮތަކަށް އެނގެން އޭނާ ބޭނުމެއް ނޫނެވެ.

“ނަސީރު.” އާފިޔާ ގޮވާލިއެވެ.

“އާފިޔާ. ކަލޭ އެއްވެސް އެއްޗެކޭ ބުނާނެކަމެއް ނެތް. އަހަރެން މިރޭ ފައިސަލްއާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދޭނަން. ޒޯޔާގެ ހާލަތު މިހެންވީ ކީއްވެގެންކަން ބުނެދޭނަން.” ނަސީރު ބުންޏެވެ.

“ނޫން، އެހެން ނަހަދާ.” އާފިޔާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

“އޭނާގެ ދިރިއުޅުމަށް އަލުން އެ އައީ ކާކުކަން އަހަރެން ބުނެދޭނަން. ޒޯޔާއާއި އަޔާންއަކީ މިހާރު ބީރައްޓެހިންނެއް ނޫން. އެމީހުން އަލުން އެކަކު އަނެކަކު ހޯދައިފި.” ނަސީރުގެ އަޑު މަޑު ނަމަވެސް އެ އަޑުގައި ހަރުކަށިކަން ހުއްޓެވެ.

“ނަސީރު. ކަލޭ ތިކަހަލަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ.” އާފިޔާ އަމުރު ކުރިއެވެ.

“އަހަރެން ބުނާނަން. ހުރިހާ ވާހަކައެއް ކިޔައިދޭނަން. އެއީ ފައިސަލްއަކީ ޒޯޔާގެ ޑޮކްޓަރު ކަމަށް ވާތީ. އެކަން ކަލޭވެސް ހަނދާން ނައްތާލައިގެން ނުވާނެ.” އެހެން ބުނުމަށްފަހު ނަސީރު ގެއިން ނުކުމެގެން ދިޔައީ ނަސީރު ގޮވަގޮވާ ހުއްޓައެވެ.

******

ރިޔާޒް ހޮސްޕިޓަލަށް ގުޅުމާމެދު ވިސްނަމުން ދަނިކޮށް އަފްޒާ ކޮޓަރިއަށް ވަނެވެ. އަދި މަޑުމަޑުން އައިސް އެނދުގައި އިށީނދެލިއެވެ. ރިޔާޒް ފޯނަށް ބަލަހައްޓައިގެން އިނީ ދެ ފިކުރެއްގައެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުމާމެދު އޭނާގެ ޚިޔާލު އެކި ފަހަރު އެކި ގޮތަށް އެނބުރެމުން ދިޔައެވެ. ނަމަވެސް އެނޫން ގޮތެއް ދެން ނެތެވެ. އޭނާއަށް އަޔާން ގާތު އެކަމަށް އެއްބަސް ވެވިއްޖެއެވެ.

“ރިޔާޒް. އަހަންނަށް ހީވަނީ އަޔާންއާ ޑޮކްޓަރާ ބައްދަލުކުރުވުމުގެ ކުރިން، އަހަރެމެން ގޮސް ޑޮކްޓަރާ ބައްދަލުކުރުން ރަނގަޅުވާނެހެން. އަޔާންއާ ޒޯޔާ ބައްދަލުވި ވާހަކަ ބުނުމަކީ އަހަރެމެންގެ ޒިންމާއެއް. އެއީ އަޔާން ހުއްޓާ އެވާހަކަތައް ދައްކަން އުނދަގޫވާނެތީ.” އަފްޒާ އެންމެ ފަހުން ވާހަކަދެއްކިއެވެ.

“އާނ. ތީ ރަނގަޅު ވާހަކައެއް. އަހަރެންވެސް މި ވިސްނަނީ ތިކަމާ.” ރިޔާޒް އަފްޒާއަށް ބަލައިލަމުން ބުނެލިއެވެ.

“ރިޔާޒް. އަހަރެން މިކަމާ އެބަ ވަރަށް ބިރުގަނޭ. އަޔާންއާ ޑޮކްޓަރާ ބައްދަލުކުރުވުމަކީ ވަރަށް ބޮޑު ފިޔަވަޅެއް. އުއްމީދަކީ ހުރިހާ ކަމެއް ރަނގަޅުވުން.” އަފްޒާ ކަންބޮޑުވެފައި ބުންޏެވެ. ރިޔާޒްވެސް ބޯޖަހާލިއެވެ.

ރިޔާޒް ހޮސްޕިޓަލަށް ގުޅިއެވެ. އަދި އެންމެ އަވަހަށް އެޕޮއިންޓްމެންޓް ލިބެން އޮތް އިރެއް ބަލައި ހަމަޖެއްސިއެވެ.

މިވެސް ކިޔާލަން:  ވަގުތުޖެހުމުން - ކުރު ވާހަކަ

“އެޕޮއިންޓްމެންޓް ހަމަޖެހިއްޖެ. ހެނދުނު 10 ޖަހާއިރަށް.” ރިޔާޒް ބުންޏެވެ.

“ރިޔާޒް. ދެން ވާނީ ކިހިނެއްބާ؟ އަހަރެން އެބަ ވަރަށް ބިރުގަނޭ.” އަފްޒާ ރިޔާޒްގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“ވާގޮތެއް ބަލަމާ ހިނގާ ދެން. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ރިޔާޒް ބުނެލިއެވެ.

*****

ފައިސަލްއާ ބައްދަލުކުރަން ދާން އުޅުނު ނަސީރަށް އެރޭ ފައިސަލްއާ ބައްދަލުކުރަން ދެވޭގޮތެއް ނުވިއެވެ. ކުއްލި ގޮތަކަށް ވިޔަފާރި ބައްދަލުވުމަކަށް ދާން ޖެހުނީއެވެ. އާފިޔާއަށް އެކަމުން ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ނަސީރުގެ ގޮތް އޭނާއަށް އެނގެއެވެ. ނަސީރު ކަމެއް ގޮތަކަށް ނިންމައިފިނަމަ އެކަން ނުކޮށް އޭނާ ހަމަނޭވައެއް ނުލާނެއެވެ. ނަސީރު ހުއްޓުވުމަށް އޭނާ ޖެހޭނީ އެހެން ގޮތެއް ރާވާށެވެ.

ހެނދުނު ތައްޔާރުވެގެން އޮފީހަށް ދާން ނުކުތް ނަސީރާއި ޒޯޔާ ބައްދަލުވީ ކާގެއިންނެވެ. ޒޯޔާވެސް ހުރީ ކެފޭއަށް ދާން ތައްޔާރުވެގެންނެވެ. ޒޯޔާ ދިޔަނުދީ ހިފެހެއްޓޭތޯ އާފިޔާ މަސައްކަތްކުރިއެވެ. ނަމަވެސް ޒޯޔާ ހުރީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ކެފޭއަށް ދާން ފައިވިއްދާފައެވެ.

“ބައްޕާ. އޮފީހަށް ދާއިރު އަހަރެން ކެފޭއަށް ލައިދީފާނަންތަ؟ އަނެއް ކާރު ސާވިސްއަށް ލާފައި އޮތީމަ.” ޒޯޔާ ނަސީރު ގާތު އެހިއެވެ.

“ނޫން. ތިކަމެއް ނުވާނެ.” ނަސީރު ފާޅުގައި ދެކޮޅު ހެދުމުން ޒޯޔާއަށް ލިބުނީ ހައިރާންކަމެކެވެ. މިވީހާ ތަނަށް ދުވަހަކުވެސް ނަސީރު އޭނާގެ އެދުމަކަށް ފުރަގަހެއް ނުދެއެވެ.

“ނުވާނެޔޭ!؟ އެ ކީއްވެ؟” ޒޯޔާ ކުޑަކޮށް ދެރަވެފައި އެހިއެވެ.

“ދަރިފުޅު މިހާރު މިވަގުތު ހިނގާ ބައްޕައާއެކު ހޮސްޕިޓަލަށް. ފައިސަލްއާ ބައްދަލުކުރަން.” ނަސީރު ބުންޏެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއް ނެތްނަމަވެސް އެ އަޑުގައި ހުރީ ބަދަލު ނުކުރެވޭނެފަދަ އަމުރުވެރިކަމެކެވެ.

“ނޫން ބައްޕާ. މިއަދަކު ނޫން. ޕްލީޒް. މިއަދު އަހަރެން ކޮންމެހެންވެސް އަވަހަށް ކެފޭއަށް ދާން އެބަޖެހޭ. އެކައުންޓެންޓްވެސް..”

“ދަރިފުޅާ. ބައްޕަ ތީގެން އެއްވެސް ވާހަކައެއް އަޑެއް ނާހާނަން. މިހާރު ބައްޕައާއެކު ދާން ޖެހޭނެ.” ޒޯޔާގެ ވާހަކަ މެދުކަނޑާލަމުން ނަސީރު ބުނެލިއެވެ.

“ބައްޕާ. އަހަރެން މިހާރު ރަނގަޅޭ. މާދަމާ ނޫނީ އަނެއް ދުވަހުވެސް ދެވިދާނެއްނު.” ޒޯޔާ އަނެއްކާވެސް ބުންޏެވެ.

“ދަރިފުޅާ. ދެން ދެކޮޅު ނުހަދާ. ދަރިފުޅު ގޮތްދޫނުކުރަންޏާ ބައްޕައަކީވެސް އެހާ ގޮތްދޫނުކުރާނެ މީހެއް. ދަރިފުޅު މިހާރު ބައްޕައާއެކު ދާން ޖެހޭނެ.” ނަސީރު އޭނާގެ ފަހުބަސް އިއްވިއެވެ.

“އެންމެ ރަނގަޅު. އަހަރެން ދާނަން. ހަމަ އަސްލަށްވެސް ބައްޕަ ވަރަށް ގޮތްދޫނުކުރޭ.” ޒޯޔާ އެންމެ ފަހުން ގޮތްދޫކުރިއެވެ. އަދި ހިނިތުންވެލިއެވެ.

“ދަރިފުޅުގެ ސިއްޙަތުގެ ކަންކަން ކޮމްޕްރޮމައިޒެއް ނުކުރެވޭނެ.” އާފިޔާއަށް ބަލައިލަމުން ނަސީރު ބުންޏެވެ.

“ދެން އެއީ ބައްޕަގެ ގޮތްދޫނުކުރުން ކަމަށް ވަންޏާ އެގޮތްވެސް ރަނގަޅު.” ނަސީރު އިތުރުކޮށްލިއެވެ.

ޒޯޔާ އިސްދަށަށް ޖަހާލީ އޭނާއަށް ބުނެވުނު އެއްޗަކުން ބައްޕަ ދެރަވީ ކަމަށް ހީކޮށެވެ. ނަސީރު ބަލައިލުމުން އާފިޔާ ދުރަށް އެނބުރިލީ ޒޯޔާގެ ކުރިމަތީގައި ޒުވާބު ނުކުރަންވެގެންނެވެ. ޒުވާބު ފެށިއްޖެނަމަ އޭނާ ބުނަން ބޭނުންނުވާ ކިތަންމެ އެއްޗެއް ބުނެވޭނެއެވެ. އަދި އެހެން އެކަން ވެއްޖެނަމަ ޒޯޔާގެ ހިތުގައި އެތައް ޝައްކެއް އުފެދި އެމީހުންނާ އެތައް ސުވާލެއް ކުރިމަތިވާނެއެވެ.

މިވެސް ކިޔާލަން:  ހާވިލް - ހަވަނަ ބައި

“ދަރިފުޅު ސައި ބޮއިފިންތަ؟” ނަސީރުގެ ސުވާލަށް ޒޯޔާ ބޯޖަހާލިއެވެ.

“ހިނގާ ދާން. މިހާރުވެސް ވަރަށް ބޮޑަށް ލަސްވެއްޖެ.” ޒޯޔާ ގާތު އެހެން ބުނުމަށްފަހު ނަސީރު ހިނގައިގަތެވެ.

“ނަސީރު ވެސް ސައި ބޮއިގެން ދާން މަޑުކޮށްބަލަ.” އާފިޔާ އަވަސްއަވަހަށް ބުންޏެވެ.

“އަހަރެން ބަނޑުހައެއް ނޫން. ބަނޑުހައިވީމަ ސައި ބޯނަން.” ނަސީރު ބުނެލީ އަޑު ބާރުކޮށް ނޫން ނަމަވެސް އެ އަޑުގައިވި ނުރުހުން އެނގެނީ އާފިޔާއަށެވެ.

“ބަނޑުހައެއް ނުވެޔޭ؟ ކުޑަކުއްޖަކުހެން ނޫޅެ ސައި ބޯން އާދޭ.” އާފިޔާ އަނެއްކާވެސް ބުނެލިއެވެ.

“އާފިޔާ. މިއޮއް ހެނދުނާ ޒުވާބުކުރަން ނޫޅެބަލަ. އަހަރެން ބުނެފީމެއްނު އަހަރެން ބަނޑުހައިވީމަ ސައި ބޯނަމޭ. މިވަގުތު އަހަންނަށް ބޮޑަށް މުހިންމީ ޑޮކްޓަރާ ބައްދަލުކުރުން.” ނަސީރު އެހެން ބުނުމަށްފަހު ހިނގައިގަތީ އާފިޔާއަށް އިތުރު ފުރުސަތެއް ނުދިނުމަށެވެ.

ޒޯޔާ ނަސީރުގެ ފަހަތުން ހިނގައިގަންނަމުން އާފިޔާއަށް ބަލައިލިއެވެ. އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ޑޮކްޓަރު ފައިސަލްއާ ބައްދަލުކުރަން ބައްޕަ ދާން އުޅޭތީ މަންމަ އެހާ ކަންބޮޑުވާންވީ ސަބަބެއް ޒޯޔާއަކަށް ނުވިސްނުނެވެ.

ކާރުތެރޭގައި ވަނީ ނުތަނަވަސްކަން އެކުލެވޭ ފަދަ ހިމޭންކަމެކެވެ. ނަސީރަށް ކުޑަކޮށް އުނދަގޫވިއެވެ. ފުރަތަމަ ފަހަރަށް ދަރިފުޅާ ދައްކާނެ ވާހަކައެއް އޭނާގެ ވިސްނުމަކަށް ނައެވެ. ކުރަން އެދާ ކަމުގެ ބޮޑުކަން އޭނާއަށްވެސް ވިސްނެއެވެ. އަދި އޭގެ ނަތީޖާ ކޮންމެފަދަ ގޮތަކަށްވެސް ނުކުމެދާނެއެވެ.

ކާރުތެރޭގައިވާ ނުތަނަވަސްކަމާއި ހިމޭންކަން ނައްތާލުމަށްޓަކައި ނަސީރު ރޭޑިއޯ ހުޅުވާލިއެވެ. އެއިން އެވަގުތު އަންނަމުންދިޔައީ ލަވަ ޕްރޮގްރާމެކެވެ. އެހެންކަމުން ތެޅިގަނެފައި އަވަސްއަވަހަށް އޭނާ ރޭޑިއޯ ނިއްވާލިއެވެ. އެ މަންޒަރު ފެނުމުން ޒޯޔާ ކުޑަކޮށް ހިނިވެސް އައެވެ.

“ބައްޕާ. ކީއްވެ ރޭޑިއޯ ތި ނިވާލީ؟ އެ ހުޅުވިޔަސް ރަނގަޅޭ. އަހަރެން ލަވަތަކަށް އެލާޖިކެއް ނުވެޔޭ. އިއްޔެ އެވީ ކަންތަކަށްފަހު ކޮންމެ ލަވައެއް އިވޭއިރަށް އަހަރެން އަނބުރައިގަންނާނެ ކަމަށް ނުވިސްނާ. އެ ލަވައާއި އެ ރާގު.. އެއީ މުޅިން ތަފާތު އެއްޗެއް. އެ ރާގު..” ޒޯޔާ ކުރިއަށް ބަލަން އިނދެ ފެށި ވާހަކަ މެދުކަނޑާލިއެވެ.

“އެ ރާގު ކިހިނެއްވީ؟ ވާހަކަ ފުރިހަމަކޮށްބަލަ ދަރިފުޅާ.” ޒޯޔާއަށް އަވަސް ނަޒަރެއް ދެމުން ނަސީރު ބުނެލިއެވެ.

“އަހަންނަކަށް އެއްވެސް ވަރަކަށް ނުވިސްނޭ އެ ރާގުން އަހަންނަށް އެހާ ބޮޑު އަސަރެއް ކުރީ ކީއްވެ ކަމެއް. އަހަރެން އަމިއްލައަށްވެސް ހައިރާންވޭ އެކަމާ.” ޒޯޔާގެ ނަޒަރު ހުއްޓިފައި ހުރީ މަގަށެވެ.

“ދަރިފުޅާ. ދަރިފުޅަށް އެ ރާގު އިވުނީ ކޮންތާކުން؟”

“ބައްޕާ. ހީވަނީ އެ ރާގު ކުރިންވެސް ކޮންމެވެސް ތާކުން އަޑު އިވުނުހެން. އެ ރާގު އިވުނީމަ އެ ކުރެވުނު އިޙުސާސްތައް ވަރަށް ތަފާތު. އެއީ ވަރަށް ގާތް، ވަރަށް ބޮޑަށް ދިރިއުޅުމާ ގުޅިފައިވާ ރާގެއް ކަހަލަ އިޙުސާސެއް ކުރެވުނީ. އެހެންވެ ގަސްދަކާ ނުލައި އެ ރާގާ ދިމާއަށް އަހަންނަށް ދެވުނީ. އެ ރާގުގެ ބަސްތައް ހަނދާން ނުވަނީސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ.” ޒޯޔާ އިތުރަށް ވާހަކަ ދެއްކިއެވެ.

މިވެސް ކިޔާލަން:  ރިހި ލޯބި - ޗެޕްޓަރ 3

“ދަރިފުޅާ. ބައްޕަ އެހީ އިއްޔެ ދަރިފުޅަށް އެ ރާގު އިވުނީ ކޮންތާކުންތޯ؟” ނަސީރު އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.

“އިއްޔެ އެ ރަތް ޓީޝާޓުގެ އާޓް ގެލެރީން. އޭނަގެ ގިޓައިން އެ ރާގު ކުޅެން އިނީ.” ޒޯޔާ ނަސީރަށް ބަލައިލަމުން ބުނެލިއެވެ.

ނަސީރަށް ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާ ވަރަށް އަވަހަށް އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލިއެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ވައިބްރޭޓްވަމުން ދާކަން ނަސީރަށް އެނގެއެވެ. ގުޅާނީ އާފިޔާ ނޫން ދެވަނަ ނޫންކަންވެސް އޭނާއަށް އެނގެއެވެ. ފުލުފުލުގައި މިހާރުވެސް ފަސް ވަރަކަށް ފަހަރު ގުޅައިފިއެވެ.

ނަސީރަށް ވީގޮތް ޒޯޔާއަށް ފާހަގަކުރެވުނެވެ. އެކަމާ އެއްޗެކޭ ނުބުނެވެނީސް އޭނާގެ ފޯނު ރިންގުވިއެވެ. ބަލައިލިއިރު ގުޅަނީ އާފިޔާއެވެ. ނަސީރަށް ފޯނު ދައްކާލަމުން “މަންމަ” ކަމަށް ޒޯޔާ ބުނެލިއެވެ. އަދި ފޯނަށް ޖަވާބު ދިނެވެ.

“މަންމާ. އަހަރެމެން މިތިބީ ކާރުގައޭ. ބައްޕަގެ އަޑު ނީވި އެހާ އިރުކޮޅަކުވެސް މަންމައަށް ކެތްނުވީތަ؟” ސަމާސާ ރާގެއްގައި ޒޯޔާ އަހާލިއެވެ.

“ޒޯޔާ. ސަކަރާތް ނުޖަހާ ތި ފޯނު ބައްޕަ އަތަށް ދީބަލަ.” އާފިޔާގެ އަޑުގައި ހުރި ހިތްހަމަނުޖެހުން ޒޯޔާއަށް ފާހަގަވިއެވެ. އެހެންކަމުން އޭނާ މިވަގުތު އިތުރަށް ސަމާސާ ކުރާކަށް ނުވިސްނައެވެ.

“މަންމާ. ބައްޕަ އިނީ ކާރު ދުއްވަން. ވަރަށް ޓްރެފިކް ބާރުބޮޑުކޮށް އޮތީ.” ޒޯޔާ ބުނީ ތެދަށެވެ.

“އޭނައަށް ފޯނުގައި ނުހިފޭނީއެއްނު. އޭނަ ކަންފަތުގައި ތި ޖައްސަބަލަ.” އާފިޔާގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ.

ބޯ ހޫރާލަމުން ޒޯޔާ ނަސީރުގެ ކަންފަތުގައި ފޯނު ޖެއްސިއެވެ.

“އާނ އާފިޔާ.” ނަސީރު ބުނެލިއެވެ.

“ނަސީރު. ޕްލީޒް. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. ކަންތައްތައް ވިސްނޭތޯ މަސައްކަތްކޮށްބަލަ. ފައިސަލް ގާތު އެއްވެސް ވާހަކައެއް ނުބުނާތި. ޕްލީޒް.” އާފިޔާގެ އަޑުގައި ހުރީ އަވަސްކަމާއި އާދޭހެވެ.

“އާފިޔާ. އަހަރެން ކަމަކަށް ނިންމައިފިއްޔާ ފަހަތަށް ނުޖެހޭނެކަން ކަލެއަށް އެނގެއެއްނު. އެހެންވީމަ ތިކަން ހުއްޓާލާ. އަދި އެނގޭތަ ޒޯޔާގެ ހާލަތު ގޯސްވި ރާގު އަޑު އިވުނީ ކޮންތާކުންކަން؟ މި ހުރިހާ ކަމެއް ދިމާވީ އެހެންވެ.” ނަސީރު ވާހަކަ މެދުކަނޑާލިއެވެ.

“ކޮންތާކުން؟” އާފިޔާގެ ސަމާލުކަން ނަސީރު އެންމެ ފަހުން އެ ދެއްކި ވާހަކައަށް ހުއްޓެން ސިކުންތުކޮޅެއްވެސް ނުނަގައެވެ.

“އެނގެއެއްނު ރަތް ޓީޝާޓު. އަޔާން. އޭނަގެ އާޓް ގެލެރީގައި ގިޓައިން އެ ރާގު ކުޅެނިކޮށް އިއްތިފާޤުން ޒޯޔާއަށް އަޑުއިވުނީ.”

(ނުނިމޭ)

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top