ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިލަންދޫ އާއި ދަރަނބޫދޫ ފައިނަލަށް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ފ. އަތޮޅު ފައިނަލަށް ނިލަންދޫ އާއި ދަރަނބޫދޫ ދަތުރުކޮށްފި އެވެ. އިއްޔެ އާއި ރޭ ވަނީ މި އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 9

ނުވަވަނަ މެޗުގައި ބައްދަލުކުރީ މަގޫދޫ އާއި ފީއައްޔެވެ. މިއީ ދެ ޓީމުގެ ވެސް ފަހު މެޗެވެ. ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް ދެ މެޗުން ބަލިވެފައިވާ ފީއައްޔަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މަގޫދޫ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވިއިރު އަނެއް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ލީގު ބުރުގެ ފުލުގައި އޮތް މި ދެ ޓީމު މި މެޗަށް ނުކުތްއިރު ވެސް ފީއައްޔަށް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ. މި މެޗުން މޮޅުވެ ފަސް ޕޮއިންޓް ހަމަކޮށް ތިންވަނައަށް އެރުމުގެ ފުރުސަތު މަގޫދޫއަށް އޮތްއިރު، ލީގު ބުރުގެ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ފައިނަލްގެ ދެވަނަ ޖާގަ ލިބުމުގެ ފުރުސަތު ވެސް އެ ޓީމަށް އޮތެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މަގޫދޫ އެވެ. މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު މަގޫދޫން ވަނީ ދެވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުލްހަމިދު ޔޫސީފް އެވެ. ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މަގޫދޫގެ ދެވަނަ ލަނޑު އަބްދުލްހަމިދު ޔޫސީފް ކާމިޔާބުކޮށްދިނީ 10 ވަނަ މިނިޓްގަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މޫސާ އަސަދް ވަނީ މަގޫދޫއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ.

މިވެސް ކިޔާލަން:  ކުމުންދޫ އާއި ނޭކުރެންދޫ މޮޅުވެއްޖެ

ދެވަނަ ހާފުގައި މަގޫދޫގެ ފަރާތުން ފެނުނީ ތަފާތު ބޮޑު މޮޅު ކުޅުމެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު މޫސާ އަސަދް މަގޫދޫގެ ލީޑު ފުޅާކޮށް ދިންއިރު، 30 ވަނަ މިނިޓާއި 37 ވަނަ މިނިޓްގައި މޫސާ މާހިލް އިތުރު ދެ ލަނޑު ޖަހައިދިނެވެ. އަދި މެޗުގެ ފަހުކޮޅު އިބްރާހިމް ރައިޝަމް މަގޫދޫގެ ހަތްވަނަ ލަނޑު ޖަހައިދިނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މަގޫދޫން ފަސް ޕޮއިންޓް ހަމަކޮށް ތިންވަނައަށް ޖެހިލިއިރު، އެ ޓީމުގެ ފައިދާ ގޯލް ހަތެކެވެ.

7-0 އިން މަގޫދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޓީމުގެ ހޮއްސަމް ނާބިލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ހޮއްސަމް ނާބިލް / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 10

ދިހަވަނަ މެޗުގައި ބައްދަލުކުރީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފައިވާ ނިލަންދޫ އާއި ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރާ ދަރަނބޫދޫ އެވެ. ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނަ ނިލަންދޫން ޔަގީންކޮށްފައިވާއިރު، ކުޅުނު ފަސް މެޗުން ދަރަނބޫދޫއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. މަގޫދޫއަށް ވެސް ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. ފައިދާ ލަނޑަށް ބަލާއިރު ކުރީގައި އޮތީ މަގޫދޫ އެވެ.

ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި މަދުވެގެން އެއް ޕޮއިންޓް ހޯދަން މަޖުބޫރުވެފައި އޮތް ދަރަނބޫދޫން ވަނީ ދެވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. ނިލަންދޫ ކުޅުންތެރިން ދިފާއުކުރަން މަސައްކަތްކުރި ބޯޅައެއް ހޯދައި އޭރިޔާގެ ކަނުން ގޯލްގެ ތެރެއަށް ފޮނުވާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޝްވާން އަޙްމަދެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ނިލަންދޫން ވަނީ 8 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ. ބަދަލުތަކަކާއިއެކު މެޗު ކުޅެމުންދިޔަ ނިލަންދޫއަށް މި ލަނޑު ޖަހައިދިނީ މޫސާ ޖަމާލެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނިލަންދޫ ހާފުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ދަރަނބޫދޫ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ބޭރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ހަނިމާދޫ ޗެންޕިއަންކަން ހޯދައިފި!

ނިލަންދޫން ނަތީޖާ ހަމަހަމަކޮށް މާ ގިނައިރެއްނުވެ ދަރަނބޫދޫން ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. 11 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަލީ ނަސީރެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއެއް ގޯލަށް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ނިލަންދޫއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. ކުޅުނު ތިން މެޗުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފައި އޮތް ނިލަންދޫން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ދަރަނބޫދޫން ވަނީ މަސައްކަތްކޮށްފައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނިލަންދޫއަށް ނަތީޖާ ހަމަހަމަކުރެވުނީ ދަރަނބޫދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ނެވެ. ލަނޑާއިމެދު ސުވާލު އުފެއްދި ދަރަނބޫދޫ ކުޅުންތެރިންގެ ސަމާލުކަން ގެއްލުނު ވަގުތު ނިލަންދޫން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑު ނިލަންދޫއަށް ޖަހައިދިނީ މުޙައްމަދު ޝިމްރާން އެވެ. ފައިނަލަށް ދިއުމަށްޓަކައި ޕޮއިންޓެއް ހޯދަން މަޖުބޫރުވި މި މެޗު ދަރަނބޫދޫއަށް އެއްވަރުކޮށްދިނީ ސާއިން އަލީ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ފައިނަލްގެ ދެވަނަ ޖާގަ ދަރަނބުދޫން ހޯދިއިރު، އެއްވަނަ ހޯދި ނިލަންދޫއަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

މިވެސް ކިޔާލަން:  ‎ހެޕީ ބާރތު ޑޭ!

3-3 އިން އެއްވަރުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަނބޫދޫ ޓީމުގެ އަލީ ނަސީރެވެ.

މި އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެންބަރު 2026 ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top