ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ މެޗުން މާޒިޔާ މޮޅުވެއްޖެ
މާޒިޔާ - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން މޮޅުވެ، މުބާރާތުގެ ފެށުން މޮޅަކުން ފަށައިފި އެވެ.

މި އަހަރުގެ ދިވެހި ޕްރިމއާރ ލީގު ރޭ ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި އޮޑި ސްޕޯރޓްސް ކުލަބެވެ. ބޮޑެތި ބަދަލުތަކާއިއެކު މިއަހަރުގެ ސީޒަނާއި ކުރިމަތިލީ މާޒިޔާއިން ވަނީ މި އަހަރުގެ ކަޕް ވިނާސް ކަޕާއި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މާޒިޔާއިން ނެވެ. ލަނޑު ޖަހަން މާޒިޔާއަށް ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން އިލާން އިމްރާންއަށް ނުކުރެވުނުއިރު، އޭގެ އިރުކޮޅެއް ފަހުން އިންޖަރީގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ލަނޑު ޖަހަން މާޒިޔާއަށް ލިބުނު ދެވަނަ ފުރުސަތުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. އެގާރަވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ބެންޖަމިން ކުކޫ އެވެ. މި ޕެނަލްޓީއަކީ އޮޑީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު، މާޒިޔާގެ ޢަބްދުﷲ ލޫތު ވައްޓާލުމުން ލިބުނު ޕެނަލްޓީއެކެވެ.

މާޒިޔާއިން ލީޑު ނެގިތާ އިރުކޮޅެއް ފަހުން އޮޑީގެ އަޔާޒް އަޙްމަދަށް ވަނީ ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މާޒިޔާގެ އޭރިޔާ ތެރެއަށް އޮޑީގެ މުޒްދާން ނަގައިދިން ބޯޅަ ހުސްކޮށް ހުރި އަޔާޒް ކޮންޓްރޯލް ކޮށްލާފައި ގޯލާއި ދިމާއަށް ފޮނުވާލުމުން މާޒިޔާގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ބުލޮކްކޮށްފަ އެވެ.

މިވެސް ކިޔާލަން:  ފަގީރު އަވަށަކުން ދުނިޔޭގެ ތަރިއަކަށް: ލަމީން ޔަމާލްގެ އާދަޔާޚިލާފު ވާހަކަ

ލީޑު ފުޅާކޮށްލަން މާޒިޔާއަށް ލިބުނު ދެވަނަ ފުރުސަތުގައި، އެ ޓީމުގެ ކުޅުންތެރިއަކު އޮޑީގެ ކީޕަރު މުޙައްމަދު އަޝްވާންގެ ބޯ މަތިން ގޯލް ކުރިމައްޗަށް ވައްޓާލި ބޯޅަ މާޒިޔާގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން އޮޑީގެ ޑިފެންޑަރު ވަނީ ސާފުކޮށްލާފަ އެވެ.

ދަނޑުން ކަރަންޓު ދިއުމުގެ ސަބަބުން ފުރަތަމަ ހާފުގައި މެދުކަނޑާލަން ޖެހުނު މި މެޗު، ދެވަނަ ފަހަރަށް ފަށައިގެން ބޮޑުބައި ކުޅެފައިވަނީ ބޯކޮށް ވެހެމުންދިޔަ ވާރޭ ތެރޭގަ އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް އޮޑިން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދަމަހައްޓައި، ލީޑު ފުޅާކުރުމަށް މާޒިޔާއިން ވެސް ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ކުޅުމުން ބޭރުގައި ކުޅުންތެރިއަކަށް ހަމަލާ ދިނުމުގެ ސަބަބުން އޮޑީގެ ޢަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ދެއްކި ރަތް ކާޑާއި ގުޅިގެން އޮޑިން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މި މުބާރާތުގެ ދެވަނަ މެޗު އޮންނާނީ މިއަދު ހަވީރު އެވެ. ގދ. ގައްދޫގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ގދ. ގައްދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top