ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އާދައިގެ އަތުގެ ހަރަކާތަކުން ވަރުބަލިވެފައިވާ ސިކުނޑިއެއް ހޭލައްވާލެވިދާނެ
ހެލްތު އެންޑް ސައިންސް

ތަފާތު ހިސާބުތަކާއި، މެސެޖުތަކަށް ޖަވާބުދިނުމާއި، މަޢުލޫމާތު ދިރާސާކުރުމުގައި ގިނައިރުތަކެއް ހޭދަކުރުމަށްފަހު، ކުއްލިއަކަށް ތިބާގެ ސިކުނޑީގެ މަސައްކަތްތައް މަޑުޖެހިފައިވާކަމުގެ އިޙުސާސް ކުރެވޭން ފަށައެވެ. އެއް ޖުމުލައެއް ތަކުރާރުކޮށް ކިޔަންޖެހުމާއި، ސަމާލުކަން ކުޑަވުމުގެ އިތުރުން، އާދައިގެ ކަންކަން ކުރުމަށްވެސް އުނދަގޫތަކާ ކުރިމަތިވެއެވެ.

މިއީ އަހަރެމެންނަށް އާންމުކޮށް ދިމާވާ “މެންޓަލް ފެޓީގް” ނުވަތަ ނަފްސާނީ ވަރުބަލިކަމެވެ. ސޯޝަލް މީޑިއާގައި މިކަމުން އަރައިގަތުމަށް ތަފާތު “ބްރެއިން ހެކްސް” ތައް އަންނަނީ އިސްތިހާރު ކުރަމުންނެވެ. މީގެ ތެރެއިން އެއް ކަމަކީ ގަސްތުގައި އަތުގެ ހަރަކާތްތަކުން ސިކުނޑި އޮޅުވާލުމެވެ. މިސާލަކަށް، ކަނާތުން ވާތު ކަންފަތުގައި އަތްލާއިރު ވާތުން ނޭފަތުގައި އަތްލުމެވެ. އެއަށްފަހު އަވަސްއަވަހަށް މި ހަރަކާތް އަނެއް ފަރާތަށް ބަދަލުކޮށްލުމެވެ.

މިއީ ކުޑަކުދިން ކުޅޭ ކުޅިވަރެއްހެން ހީވި ނަމަވެސް، މި ހަރަކާތް ފުރިހަމަކުރުމަށްޓަކައި ހަށިގަނޑުގެ ދެފަރާތުގެ ހަރަކާތްތައް އެއްވަގުތެއްގައި ކުރުމަށާއި، ގޯސްތައް އިސްލާހުކުރުމަށް ސިކުނޑީގެ އެހީތެރިކަން ބޭނުންވެއެވެ.

ސިކުނޑިއަށް ވަނީ ކިހިނެއް؟

ސިކުނޑީގެ ދެފަރާތް (ހެމިސްފިއަރ) ގުޅުވައިދެނީ “ކޯޕަސް ކަލޯސަމް” ކިޔާ ނާރުގެ ފައިބަރުތަކަކުންނެވެ.

2026 ވަނަ އަހަރު ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި، ދެ އަތުގެ ހަރަކާތްތައް ވިލަރެސްކުރުމުގައި މި ނާރުތަކުގެ ގުޅުން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ހަށިގަނޑުގެ މެދު ރޮނގު ހުރަސްކޮށް ކުރާ ހަރަކާތްތަކުގެ ސަބަބުން ސަމާލުކަން އިތުރުވާކަން ކުރީގެ ދިރާސާތަކުންވެސް އެނގެއެވެ.

ނަމަވެސް، މީގެ މާނައަކީ ހަމައެކަނި އަތް ހުރަސްކޮށްލުމުން ސިކުނޑީގެ ދެބައި ގުޅި، އައު ނާރުގެ ގުޅުންތަކެއް އުފެދެނީއެއް ނޫނެވެ. ސިކުނޑިއަކީ މިހާރުވެސް ވަރަށް ބޮޑަށް އެކަތި އަނެކައްޗާ ގުޅިފައިވާ ގުނަވަނެކެވެ.

މިވެސް ކިޔާލަން:  މި ވަސް ބަލައިލުމުން ސިކުނޑީގެ ސަމާލުކަން ވަގުތުން އިތުރުކޮށްދޭ!

މީގެ ސަބަބުން ޑޯޕަމީން އިތުރުވޭ ހެއްޔެވެ؟

މިއީވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލަންޖެހޭ ދަޢުވާއެކެވެ. ޑޯޕަމީންއަކީ ހަރަކާތްތަކާއި، ހިތްވަރާއި، ސަމާލުކަމާ ގުޅިފައިވާ މާއްދާއެކެވެ. ސިކުނޑި ވަރުބަލިވުމާ ޑޯޕަމީންއާ ގުޅުން ހުރިކަން 2022 ވަނަ އަހަރުގެ ދިރާސާއަކުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި ދެންނެވި އަތުގެ ހަރަކާތުގެ ސަބަބުން ކުއްލިއަކަށް ޑޯޕަމީން އިތުރުވެ، ވަރުބަލިކަން ފިލައިގެންދާކަމުގެ އެކަށީގެންވާ ހެއްކެއް ނެތެވެ.

އެހެންވީމާ މީގެ އެއްވެސް ފައިދާއެއް އޮވެދާނެ ހެއްޔެވެ؟

އޮވެދާނެއެވެ. ގިނައިރުތަކެއް ވަންދެން އެއް މަސައްކަތެއްގައި އުޅުމަށްފަހު، އާދަޔާ ޚިލާފު ކުރު ހަރަކާތެއް ކުރުމުން ސިކުނޑިއަށް އައު ކަމެއް ތަޖުރިބާކުރަން ލިބެއެވެ. މީގެ ސަބަބުން ސަމާލުކަން އިތުރުވެ، މަސައްކަތުގެ މެދުތެރެއިން ސިކުނޑިއަށް ކުޑަ ބްރޭކެއް ލިބިގެންދެއެވެ.

މިފަދަ ހަރަކާތްތަކާ ގުޅޭ ދިރާސާތައް އަދިވެސް ދަނީ ކުރެވެމުންނެވެ. 2026 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި، 12 ހަފުތާ ވަންދެން ހަށިގަނޑުގެ ދެފަރާތް ބޭނުންކޮށްގެން ކަސްރަތު ކުރި މަލްޓިޕަލް ސްކްލީރޯސިސް ބަލިމީހުންގެ ސިކުނޑީގެ މަސައްކަތްތަކަށް ކުރިއެރުން ލިބުނެވެ. ނަމަވެސް، މި ނަތީޖާއަކީ މަދު ސިކުންތުކޮޅެއްގެ ހަރަކާތުން ސިއްޙަތު ސަލާމަތުން ހުރި މީހަކަށް ލިބޭނެ ފައިދާއެއް ކަމަށް ބަލައިގެން ނުވާނެއެވެ.

އެހެންކަމުން، ސަމާލުކަން ކުޑަވާނަމަ މާ ބޮޑު ސިއްރުތަކެއް ހޯދާކަށް ނުޖެހެއެވެ. އަތުގެ ހަރަކާތްތައް ތަޖުރިބާކޮށްލާށެވެ. ނުވަތަ ކުޑަ ބްރޭކެއް ނަގައި، ހަށިގަނޑު ދަމާލައި، ކޮމްޕިއުޓަރު ކައިރިން ތެދުވެލާށެވެ. މިފަދަ ކަސްރަތުތަކުން ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ދިން ނަމަވެސް، މީގެ ސަބަބުން ވަގުތުން ނާރުތަކުގެ ގުޅުން ވަރުގަދަވާ ކަމަށް ބުނާ ބުނުމަކީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ކަމެއް ނޫނެވެ.

މިވެސް ކިޔާލަން:  ސިކުނޑީގެ ދިގުދެމިގެންވާ ދުޅަހެޔޮކަމަށް ހެނދުނުގެ އަވި

އެންމެ އާދައިގެ ހަޤީޤަތަކީ، ގިނައިރު ވަންދެން އެއް ކަމަކަށް ވިސްނުމަށްފަހު، ތަފާތު ކަމެއް ކޮށްލުމަކީ ސިކުނޑިއަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top