ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮންމެ ދުވަހަކު ޑާކް ޗޮކްލެޓް ކެއުމުން ހިތަށާއި، ލޭގެ ޕްރެޝަރަށާއި ސިކުނޑިއަށް އަސަރުކޮށްފާނެ ގޮތް

ރޭގަނޑުގެ ކެއުމަށްފަހު ކޮންމެ ރެއަކު ޗޮކްލެޓް ގޮޅިއެއް ކާލުމަކީ ކުށްވެރި އިހުސާސަކާ އެކު ކުރެވޭ އުފާވެރި ކަމެއްގެ ގޮތުގައި ހީވި ނަމަވެސް، އެ ކުޑަކުޑަ އާދައިގެ ފަހަތުގައިވާ ދިރާސާތަކުން ދައްކަނީ މާ ޝައުގުވެރި ވާހަކައެކެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް މި ވަގުތު އެނގެއެވެ. ރޭގަނޑު ކައި ނިމިގެން އަލަމާރި ހުޅުވާލުމަށްފަހު، ޑާކް ޗޮކްލެޓް ގޮޅިއެއް ބިންދައިލަމުން، އެއީ “ރަނގަޅު ވައްތަރު” ކަމަށް ބުނެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައެވެ. ދިރާސާވެރިން ވަނީ އަހަރުތަކެއް ވަންދެން ހިމޭންކަމާއެކު މި ކުޑަކުޑަ އާދަ ދިރާސާކޮށްފައެވެ.

މިހާތަނަށް ހެދި އެންމެ ބޮޑު ތަހުލީލު ޝާއިއުކޮށްފައިވަނީ ‘އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން’ ގައެވެ. ‘ކޮސްމޯސް’ގެ ނަމުން މަޝްހޫރު މި ތަހުލީލުގައި، އެމެރިކާގެ ދޮށީ އުމުރުގެ 21،442 މީހުންނަށް، އެވްރެޖްކޮށް 3.6 އަހަރު ދުވަހުގެ މުއްދަތަށް ކޮކޯ ފްލެވަނޯލް ކެޕްސޫލެއް ނުވަތަ ޕްލަސީބޯއެއް (އަސްލު ބޭސް ނޫން ބޭބެހެއް) ދެވުނެވެ. އެ ކެޕްސޫލުގައި ދުވާލަކު 500 މިލިގްރާމްގެ ކޮކޯ ފްލެވަނޯލް އެކުލެވިގެންވެއެވެ.

ދިރާސާވެރިންނަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހޭ މިންވަރުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ދަށްވުމެއް ނުފެނުނެވެ. އެހެންނަމަވެސް، ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގައި މަރުވި މީހުންގެ ނިސްބަތް، ޕްލަސީބޯ ގްރޫޕަށް ވުރެ ކޮކޯ ބޭނުންކުރި ގްރޫޕުގައި 27 އިންސައްތަ ދަށެވެ.

މިއީ އުންމީދީ އިޝާރާތެކެވެ؛ އެއީ ސާބިތު ހެއްކެއް ނޫނެވެ. ހިތުގެ ބަލިތަކުގައި މަރުވާ މިންވަރާ ބެހޭ ގޮތުން ފެނުނު މި ހޯދުމަކީ ދެވަނަ ދަރަޖައިގެ ނަތީޖާއެކެވެ. އެހެންކަމުން މިއީ މައިގަނޑު ނަތީޖާއަށް ވުރެ ބުރަދަން ކުޑަ ނަތީޖާއެކެވެ. ދިރާސާގެ މުސަންނިފުން މިކަން ސިފަކުރަނީ އިތުރަށް ހޯދައި ބެލުން މުހިންމު ދަށްވުމެއްގެ ގޮތުގައެވެ.

މިވެސް ކިޔާލަން:  ބޭސް ނުކައި ލޭގެ ޕްރެޝަރު ދަށްކުރެވޭނެ އިންޖެކްޝަނެއް!

ލޭގެ ޕްރެޝަރާ ބެހޭ ގޮތުން ތަހުލީލުތަކުން ދައްކަނީ ކީކޭ؟
ލޭގެ ޕްރެޝަރަކީ ދިރާސާތަކުގެ ނަތީޖާ އެންމެ އެއްގޮތްވާ ދާއިރާއެވެ. 2022 ވަނަ އަހަރު ‘ނިއުޓްރިއެންޓްސް’ ޖާނަލްގައި ޝާއިއުކުރި ސިސްޓެމެޓިކް ރިވިއުއަކާއި މެޓާ-އެނަލިސިސްއެއްގައި، އާދައިގެ ޕްރެޝަރާއި މަތީ ޕްރެޝަރު ހުންނަ މީހުން ޑާކް ޗޮކްލެޓާއި ކޮކޯ ބުއިންތައް ބޭނުންކޮށްގެން ހަދާފައިވާ ތަހުލީލުތައް އެއްކޮށް ދިރާސާކުރިއެވެ.

ޑާކް ޗޮކްލެޓްގެ ސަބަބުން ސިސްޓޮލިކް ބްލަޑް ޕްރެޝަރު (ޕްރެޝަރު ބަލާއިރު މަތީގައި އިންނަ އަދަދު) އެވްރެޖްކޮށް ގާތްގަނޑަކަށް 3.9 އެމްއެމްއެޗްޖީ ދަށްވިއެވެ. ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރު (ތިރީގައި އިންނަ އަދަދު) ގާތްގަނޑަކަށް 2.6 އެމްއެމްއެޗްޖީ ދަށްވިއެވެ.

ވަކިވަކި ފަރުދަކަށް ބަލާއިރު މިއީ ކުދިކުދި ބަދަލުތަކެކެވެ. އެކަމަކު އާބާދީއެއްގެ ނިސްބަތުން ބަލާއިރު، މަދު ޕޮއިންޓްތަކެއް ދަށްވުމަކީވެސް ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ފާހަގަކުރެވޭ މިންވަރަކަށް ކުޑަކޮށްދޭ ކަމެކެވެ.

މި ތަހުލީލުތަކުން މި އަސަރު އެންމެ ބޮޑަށް ފެނިފައިވަނީ ދުވާލަކު ބޭނުންކުރާ ފްލެވަނޯލްގެ މިންވަރު މަދުވެގެން 900 މިލިގްރާމަށް ވުރެ މަތީގައި ހުރި ހާލަތްތަކުގައެވެ. މިއީ ގިނަ މީހުންނަށް މަދު ޗޮކްލެޓް ގޮޅިކޮޅަކުން ލިބޭ މިންވަރަށް ވުރެ މާ ގިނަ މިންވަރެކެވެ.

ފްލެވަނޯލް މަސައްކަތްކުރާ ކަމަށް ބެލެވެނީ ލޭހޮޅިތަކުގެ އެތެރޭގެ ތުނި ސެލް ފަށަލައިގައި ނައިޓްރިކް އޮކްސައިޑް އިތުރުކޮށްދީގެންނެވެ. މީގެ ސަބަބުން ލޭހޮޅިތައް ދޫވެ، ލޭ ދައުރުވުން ފަސޭހަވެ، ޕްރެޝަރު ކުޑަކޮށް ދަށްވެގެންދެއެވެ.

ސިކުނޑިއާ ގުޅޭ ހެކިތައް އަދިވެސް ސާފުނުވަނީ ކީއްވެ؟
ސިކުނޑިއާ ގުޅޭ ހޯދުންތައް އެހާ ސާފެއް ނޫނެވެ. ކޮސްމޯސްގެ ދަށުން ހިންގުނު ‘ކޮސްމޯސް-މައިންޑް’ ދިރާސާގައި، އުމުރުން 65 އަހަރުން މަތީގެ 2،262 މީހުންނަށް ތިން އަހަރު ވަންދެން ކުރިން ބުނި ކޮކޯ އެކްސްޓްރެކްޓް ދީގެން ބެލިއެވެ. ‘އަލްޒައިމާސް އެންޑް ޑިމެންޝިއާ’ މަޖައްލާގައި ލިޔުއްވަމުން ދިރާސާވެރިން ހާމަކުރި ގޮތުގައި، ވިސްނުމުގެ އާންމު ކުޅަދާނަކަމަށް ކޮކޯ ފްލެވަނޯލްގެ އެއްވެސް އަސަރެއް ނުކުރެއެވެ.

މިވެސް ކިޔާލަން:  ކޮންމެ ދުވަހަކު ބިސް ކެއުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލަށް ކުރާ އަސަރުތައް

އެހެންނަމަވެސް، ކުދި އަދި ކުރު މުއްދަތުގެ ދިރާސާތަކުން ދައްކަނީ މާ އުންމީދީ ނަތީޖާއެކެވެ. ފްލެވަނޯލް ގިނައިން އެކުލެވޭ ކޮކޯ ބުއި ބައިވެރިންގެ ހަނދާން ރަނގަޅުވެ، އަވަހަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެ، ހަނދާނާއި ސަމާލުކަމާ ގުޅިފައިވާ ސިކުނޑީގެ ބައިތަކަށް ލޭ ދައުރުވާ މިންވަރު އިތުރުވިކަން ފާހަގަކުރެވުނެވެ.

މި ކުރު މުއްދަތުގެ އަސަރުތައް، ބޮޑެތި ތަހުލީލުތަކުގައި ދެމިހުންނަ ފަދަ ސިކުނޑީގެ ކުރިއެރުމަކަށް ބަދަލުވެފައެއް ނުވެއެވެ. މިވަގުތަށް ބަލާއިރު، އެއްވެސް ސީރިއަސް މާނައެއްގައި ޗޮކްލެޓަކީ ސިކުނޑީގެ ކުޅަދާނަކަން އިތުރުކޮށްދޭ ސަޕްލިމެންޓެއް ނޫނެވެ.

70 އިންސައްތަ ކޮކޯ އަދި ބޭނުންކުރާ މިންވަރު މުހިންމުވަނީ ކީއްވެ؟
މިކަންކަން ގިނައިން ބިނާވަނީ ޕެކެޓުގެ ބޭރުގައި ޖަހާފައިވާ ނަންބަރުގެ މައްޗަށެވެ. ހާވަޑްގެ ‘ނިއުޓްރިޝަން ސޯސް’ އިން ބުނާ ގޮތުގައި، މިލްކް ޗޮކްލެޓަށް ވުރެ ޑާކް ޗޮކްލެޓުގައި ފްލެވަނޯލް ގިނަ ކޮކޯ ސޮލިޑްސް ދެ ގުނަ ނުވަތަ ތިން ގުނަ އިތުރެވެ. އެންމެ ގިނައިން ފްލެވަނޯލްސް ހޯދުމަށްޓަކައި އިރުޝާދު ދެވިފައިވަނީ %70 ނުވަތަ އެއަށްވުރެ މަތީ އަދަދަކަށް ކޮކޯ ހިމެނޭ ޗޮކުލެޓް ޚިޔާރުކުރުމަށެވެ.

ޗޮކުލެޓަކީ ސިއްޙަތަށް ފައިދާހުރި އެއްޗެއް ކަމަށް ބެލެވޭ ވިސްނުން ގިނަފަހަރަށް ނާކާމިޔާބުވަނީ ބޭނުންކުރެވޭ މިންވަރުގެ ސަބަބުންނެވެ. ޗޮކުލެޓާއި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވުމާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ހޯދުންތަކުން އެނގޭ ގޮތުގައި، އެކަށީގެންވާ މިންވަރަކީ ދުވާލަކު ގާތްގަނޑަކަށް 6 ގްރާމެވެ. ނުވަތަ ކުޑަ އެއް ގޮޅި ނުވަތަ ދެ ގޮޅިއެވެ.

ޑާކް ޗޮކުލެޓުގެ އައުންސެއްގައި 150 އާއި 170 އާ ދެމެދުގެ ކެލޮރީ ހިމެނޭއިރު، ގިނަ ޗޮކުލެޓުތަކުގައި އިތުރު ހަކުރު ވެސް ހިމެނެއެވެ. އެހެންކަމުން، މުޅި 100 ގްރާމުގެ ޗޮކުލެޓް ބާރ އެއް ކެއުމަކީ، ޙަޤީޤަތުގައި ފައިދާ ލިބޭ މިންވަރަށްވުރެ މާ މަތީ އަދަދެކެވެ.

މިވެސް ކިޔާލަން:  ހިތާއި ސިނކުޑީގެ ހަނގުރާމަ!

ޗޮކުލެޓް ތައްޔާރުކުރާ ގޮތް ވެސް ވަރަށް މުހިންމެވެ. ޗޮކުލެޓު އޮމާންކޮށް އަދި މީރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އޭގައި ހުންނަ ފްލެވަނޯލްސް ވަކިވެގެންދެއެވެ. އެހެންކަމުން، އެއްވަރަކަށް ކޮކޯ ޕަސެންޓޭޖް ހުންނަ ދެ ޗޮކުލެޓް ބާރގައި ވެސް ފްލެވަނޯލްސް ހުންނަ މިންވަރު ވަރަށް ބޮޑަށް ތަފާތުވެދާނެއެވެ. ލޭބަލްތަކުން އޭގެ މިންވަރު އެނގެނީ ވަރަށް މަދުންނެވެ.

ތަހުލީލުތަކުން ޙަޤީޤަތުގައި ޓެސްޓުކޮށްފައިވާ މިންވަރަކީ، %70 ނުވަތަ އެއަށްވުރެ ގަދަ ޗޮކުލެޓުން ދުވާލަކު ގާތްގަނޑަކަށް 6 ގްރާމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top