މީރާ ވަޒީފާއިން ވަކިވެގެން ދިޔައިރު ޒިމާން ހުރީ ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގައެވެ. ޒިމާން އެނބުރި އަންނަންދެން މަޑުކުރުމާމެދު މީރާ ވިސްނިއެވެ. ނަމަވެސް، އޭނާ އެއްކުރި ހިތްވަރާއެކު ނިންމި ނިންމުން، އެންމެ ވާހަކައަކުން ބަދަލުވެދާނެތީ އޭނާ ބިރުގަތީއެވެ.
އޭނާ ވަކިވާން ބޭނުންވީ ޒިމާންދެކެ ފޫހިވާތީއެއް ނޫނެވެ. އޭނާ ވަކިވާން ނިންމީ، މީހަކުދެކެ ލޯބިވުމަކީ އެމީހެއްގެ ފަރާތުން ލޯބި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި މުޅި އުމުރު ހޭދަކުރުން ނޫންކަން އޭނާއަށް އެންމެ ފަހުން ޤަބޫލުކުރެވުމުންނެވެ.
ޒިމާން އެނބުރި މާލެ އައިއިރު، މީރާ ވަނީ ގޮސްފައެވެ. ޒިމާން އެންމެ ފަހުގެ ލިޔެކިޔުންތައް ބަލައި، މީރާގެ ބާކީ ހުރި މުސާރަ ދިނުމަށް ހުއްދަ ދިނެވެ. އަދި ކޮންމެވެސް ދުވަހަކުން މީރާ އޭނާއަށް ގުޅާނެކަމަށް އުންމީދުކޮށް އިންތިޒާރު ކުރިއެވެ.
ޒިމާން ހިތަށް އެރިއެވެ. ފަހަރެއްގައި، ހަނދާންނެތި ބޭއްވުނު އެއްޗަކާ ބެހޭގޮތުން ސުވާލުކުރަން މީރާ ގުޅާފާނެއެވެ. ނޫނީ ބައްދަލުކޮށްލަން އަތުވެދާނެއެވެ. ނުވަތަ، އަމިއްލަ މިނިވަންކަމުގައި ދުވަސްކޮޅަކު އުޅުމަށްފަހު، ކުރީގެ ދިރިއުޅުމަކީ މާ ފުރިހަމަ ދިރިއުޅުމެއް ކަމަށް ދެކި، އެނބުރި އައުމަށް ނިންމަފާނެއެވެ.
އެނޫން ގޮތަކަށް ގަބޫލުކުރާނެ އެއްވެސް ސަބަބެއް ޒިމާންއަކަށް ނުފެނުނެވެ. އެހެނީ، މީރާ ދިހަ އަހަރު ދުވަސްވަންދެން މަޑުކުރީ ވިއްޔާއެވެ. ނަމަވެސް ޒިމާންއަށް ދެނެނުގަނެވުނު ކަމަކީ، އެ ދިހަ އަހަރުގެ ބޮޑުބައި މީރާ ހޭދަކުރީ ވަކިވެގެންދާން ދަސްކުރުމުގައި ކަމެވެ.
*****
މީރާ ނެތް ފުރަތަމަ ރޭ، ޒިމާން ގެޔަށް އައީ ވަރަށް ލަހުންނެވެ. ގިނަ ވަގުތު ހޭދަކުރީ ވިޔަފާރީގެ މައްސަލައެއް ހައްލުކުރުމުގައެވެ. ޒިމާން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ފެންވަރައި، ނިދާ ޕިޖާމާ ލުމަށްފަހު ކޮޓަރިއަށް ވަނީ، އެނދުގެ އެއްފަރާތުގައި ފޮތެއް ހިފައިގެން މީރާ އިންނާނެކަމަށް އުންމީދު ކުރަމުންނެވެ. ނަމަވެސް މުޅި ކޮޓަރި އޮތީ ފަޅަށެވެ.
ޒިމާން ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އޭނާގެ ހަނދާނަށް އައެވެ. މީރާ ވަނީ ގޮސްފައެވެ.
ޒިމާން އަތުކުރީ ގަޑި ނަގައި، އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީގައި ބޭއްވުމަށްފަހު އޮށޯތެވެ. މިރޭ އެނދުވެސް އިޙުސާސް ކުރެވެނީ ކުރިއާ ތަފާތު ގޮތަކަށެވެ. ޒިމާން ބޯލާ ބާލީސް ރަނގަޅުކޮށްލުމަށްފަހު ލޯ މަރައިލިއެވެ. އަދި ނިދަން މަސައްކަތް ކުރިއެވެ.
ކޮންމެ ފަސް މިނެޓަކުން ޒިމާމް އަރިޔަކަށް އެނބުރުނެވެ. ތިރީސް މިނެޓު މިގޮތުގައި ފާއިތުވިއެވެ. އެންމެ ފަހުން އޭނާ ސީލިންގްއަށް ބަލަން އޮތެވެ. އޭސީގެ މަޑު އަޑު މުޅި ކޮޓަރީގައި ހިފާފައިވާއިރު، މާލޭގެ ހަލަބޮލި އަޑުތައް ދުރުދުރުން އިވެމުންދިޔައެވެ.
ޒިމާން ފޯނަށް ބަލައިލިއެވެ. ވިޔަފާރީގެ އެކި ފަރާތްތަކުން ގިނަ މެސެޖުތަކެއް އައިސްފައި ހުރި ނަމަވެސް، މީރާގެ އެއްވެސް މެސެޖެއް ނެތެވެ. އޭނާ ފޯނު ބޭއްވުމަށްފަހު އަލުން ލޯ މަރައިލިއެވެ.
ދަމުން އަލިވެ ހަތަރެއް ޖެހިއިރު، އޭނާ ތެދުވެ ފެންތަށްޓެއް ބޯލިއެވެ. ފަހެއް ޖެހިއިރު ބެލްކަންޏަށް ނުކުތެވެ. ހައެއް ޖެހިއިރު، މީރާ ނިދާ ފަރާތުގައި އޮށޯވެލީ، ފަހަރެއްގައި އެތަނުގައި އޮތުމުން ނިދިދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެކަމެއް ނުވިއެވެ. މެންދުރުވީއިރު، އޭނާއަށް ނިދިފައިވަނީ މަދު މިނެޓުކޮޅަކަށެވެ. އެއީވެސް ހަމަޖެހުމެއް ނެތް ނިންޖެކެވެ.
ޖެހިގެން އައި ދުވަހު، އޭނާ އެކަން ނިސްބަތްކުރީ ވިޔަފާރީގެ ސްޓްރެސްއަށެވެ. އޭގެ އަނެއް ރޭ، އެއީ މޫސުމީ ކަމެއް ކަމަށް ނިންމިއެވެ. ތިންވަނަ ރޭ، އޭނާ ބާލީސްތައް ބަދަލުކުރިއެވެ. ހަފުތާ ނިމުނުއިރު، އޭނާ ވަނީ އެނދު ބެޑްޝީޓާއި މެޓްރެސް ޓޮޕާ ބަދަލުކޮށް، އެންމެ އަގުބޮޑު ބެޑިންގްސް ގަތުމަށް ގޭގައި މަސައްކަތްކުރާ މީހާއަށް އަންގާފައެވެ.
އެއްވެސް ކަމަކުން ނަތީޖާއެއް ނުފެނުނެވެ. އޭނާ ޑޮކްޓަރަކާ މަޝްވަރާ ކުރުމުން، ނިދި ނައުމުގެ މައްސަލައަށް އެކަށީގެންވާ ފަރުވާ ހޯދުމަށާއި ވަކި ތަރުތީބަކުން ނިދުމަށް އިރުޝާދު ދިނެވެ. އަދި އޭނާގެ ހާސްކަމާއި ހިތާމައިން އަރައިގަތުމަށްޓަކައި، އަބަދުވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބަރޯސާވުމަކީ އޭނާގެ އާދަޔަކަށް ވެފައިވާ ކަމަށް ޑޮކްޓަރު ލަފާދިނެވެ.
ޒިމާންއަށް އެ ވާހަކަ ކަމަކުނުދިޔައެވެ. ނަމަވެސް، އެއީ ހަޤީޤަތް ކަމަށްވާތީ އޭނާ މާ ބޮޑަށް ހިތްހަމަނުޖެހުނެވެ. ނިދުމުގެ ކަންކަމުގައި އެހީތެރިވުމަށް އޭނާ އެންމެފަހުން މީހަކު ހޯދިއެވެ. އެއީ އެހެން މީހަކު ކައިރީގައި ހުރުމުން ކުރީގެ ހަމަޖެހުން ލިބިދާނެ ކަމަށް ބަލާފައެވެ. އެކަން ދެމިއޮތީ މަދު ރޭތަކަކަށެވެ. އޭނާއަށް އެހީވާން އައި އަންހެން މީހާއަކީ އަދަބުވެރި، ހުނަރުވެރި މީހެކެވެ. ނަމަވެސް އެއީ މީރާއެއް ނޫނެވެ.
އޭނާ ބިރުގަންނަނީ ކޮން އަޑުތަކެއްކަމެއް، ނުތަނަވަސްކުރުވަނީ ކޮން ހަނދާންތަކެއްކަމެއް، ނުވަތަ ބިރުވެރި ހުވަފެނަކުން ހޭލެވުމުން ހަމަޖެހުން ލިބެނީ ކޮން ބަސްތަކަކުންކަމެއް އެ އަންހެން މީހާއަކަށް ނޭނގެއެވެ.
އެއްރެއަކު، ކުއްލިއަކަށް ހޭލެވިގެން ކައިރީގައި އޮތް އެ އަންހެން މީހާގެ ގައިގައި އޭނާއަށް އަތްލެވުނެވެ. ނުދަންނަ އަތެއް އޭނާގެ އަތުގައި ބީހިލުމާއެކު، އޭނާއަށް ސިހިފައި ދުރަށް ޖެހެވުނެވެ.
“މިތަނުން ދޭ، ދެން އައުމުގެ ބޭނުމެއް ނެތް.” ޒިމާން ބުންޏެވެ.
އޭނާ ދިއުމުން، ޒިމާން އެނދުގެ އަރިމަތީގައި އިށީނދެލައިގެން ހުސްކޮށް އޮތް ބާލީހަށް ބަލަން އިރުކޮޅަކު އިނެވެ. ޒިމާންއަށް ފުރަތަމަ ފަހަރަށް އިޙުސާސްވީ، އެއީ ހަމައެކަނި މީހެއްގެ ގާތުގައި ނިދުމަށް އާދަވެފައި ހުރުން ނޫން ކަމެވެ. އޭނާ އާދަވެފައިވަނީ މީރާއަށެވެ.
ނުބައި ހުވަފެނެއް ފެނިގެން ހޭލެވޭ ވަގުތު، މީރާ އޭނާއަށް ހިތްވަރުދީ ހަމަޖައްސައިދޭ ގޮތް މަތިން އޭނާ ހަނދާންވިއެވެ. ފެން ބޯން ބޭނުންތޯ މީރާގެ މަޑުމައިތިރި އަޑުން އަހާލާ ގޮތް އޭނާ ހަނދާންވިއެވެ. މީރާ ނޭވާލާ އަޑާއި، އޭނާއަށް ނިދިއްޖެކަން ޔަގީންވަންދެން މީރާ ހޭލާ އިންނަ އިނުން އޭނާ މިހާރު މިސްވެއެވެ. ކުރިން މާ ބޮޑު ކަމަކަށް ނުދެކޭ އެތައް ކުދިކުދި ކަންތައްތަކެއްގެ މުހިންމުކަން މިއަދު ޒިމާންއަށް ވިސްނެން ފެށިއެވެ.
މީރާ ނެތުމުގެ އިޙުސާސް ބޮޑުވާ ވަރަކަށް، އޭނާގެ ދިރިއުޅުމުގެ ކިތައް ކަންތައް މީރާއަށް ބަރޯސާވެފައިވާކަން އޭނާއަށް އެނގެން ފެށިއެވެ. އޭނާގެ އެޕޮއިންޓްމަންޓްތަކުގެ މަތިން ހަނދާންކޮށްދިނުމާއި، ބަލިވުމުން އެކަން ފާހަގަކުރުމާއި، އަމިއްލައަށް ގަބޫލުކުރަން ބޭނުންނުވާ ކަންބޮޑުވުންތައް މީރާ ދެނެގަނެއެވެ.
އެ ގެއަކީ ފަޅު ތަނެއް ނޫންކަމުގެ އިޙުސާސް ކޮށްދިނީ މީރާއެވެ. އޭނާގެ ރޭތަކުގެ ބިރުވެރިކަން ފިލުވައިދިނީ މީރާއެވެ. އަމިއްލަ އިޙުސާސްތައް ބަޔާންކޮށްދޭން އުނދަގޫވާ ވަގުތުތަކުގައި، އެއްވެސް މަޖުބޫރުކަމެއް ނެތި އޭނާއަށް އެހީތެރިވެދިނީވެސް މީރާއެވެ. ނަމަވެސް، ޒިމާންއަށް ހީވެފައި އޮތީ އެއީ އޭނާ ދޭ އުޖޫރައެއްގެ ބަދަލުގައި ލިބޭ ޚިދުމަތެއް ކަމަށެވެ.
މި ހަޤީޤަތް އެނގުމުން އޭނާގެ ހިތަށް ބަޔާންކުރަންދަތި ލަދުވެތިކަމެއް ވެރިވިއެވެ. މީރާގެ އުފަންދުވަހުގެ މަތިން ޒިމާން ހަނދާންވިއެވެ. ފިނިވެފައި ހުރި ރޭގަނޑުގެ ކެއުމާއި، އެ ކުޑަ ކޭކު މަތިންނެވެ. އޭނާގެ ވަގުތުގެ ބަދަލުގައި ފައިސާ ދިނުމުން މީރާގެ މޫނުމަތިން ފެނުނު އަސަރުތައް އޭނާ ހަނދާންވިއެވެ. ޒިމާންގެ މޭޒުމަތީގައި އޮތް ސިޓީއުރައާއި، މީރާއަށް މިއަށްވުރެ ރަނގަޅު ވަޒީފާއެއް ލިބުނީތޯ އޭނާ ކުރި ސުވާލު މަތިން ހަނދާންވިއެވެ. ބޭނުން ގޮތެއް ހަދަން އޭނާ ބުނި ބުނުން މަތިން ހަނދާންވިއެވެ.
އޭރު އޭނާ ހީކުރީ އެއީ މީރާގެ ނިންމުންތަކަށް ހުރަސްނާޅާކަން ދެއްކުން ކަމަށެވެ. ނަމަވެސް، މިހާރު އޭނާއަށް ވިސްނެނީ އެއީ މީރާގެ އިޙުސާސްތައް ދެނެގަންނަން އޭނާ މަސައްކަތް ކުރަން ބޭނުންނުވި މިންވަރުކަމެވެ. މީރާ ދާން ބޭނުންވީ ކީއްވެގެންތޯ އޭނާއަށް އެހުނީހެވެ. މެދުކަނޑާނުލާ އޭނާގެ ވާހަކަތައް އަޑުއެހުނީހެވެ. މީރާ ވަކިވެގެންދާތީ އޭނާ ބިރުގަންނަކަން ހާމަކުރެވުނީހެވެ. އެހެނަސް، އޭނާ އިސްކުރީ އޭނާގެ ކިބުރުވެރިކަމެވެ. އަދި މީރާ އެކަން ޤަބޫލުކުރިއެވެ.
ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ޒިމާންއަށް ވިސްނުނީ، މީހަކު ގެއްލިގެންދަނީ ހަމައެކަނި ބޮޑު ޒުވާބަކުން ނުވަތަ ބޮޑު ކެހިވެރިކަމަކުން ނޫން ކަމެވެ. ބައެއް ފަހަރު މީހުން ވަކިވެގެންދަނީ، އެތައް އަހަރެއްވަންދެން ލިބުނު މާޔޫސްކަމަށްފަހުގައެވެ. ބައެއް ފަހަރު، ބުނަން ބޭނުންވެ ނުބުނެވި ހުންނަ ވާހަކަތަކުގެ ބަރުދަނުގެ ދަށުވެ، ލޯބި ފަނޑުވެގެންދެއެވެ. އަދި ބައެއް ފަހަރު، އެކަނިވެރިކަމުގެ ހިމޭންކަން އިޙުސާސްވާއިރު، އެ ހިމޭންކަން ފިލުވައިދިން މީހާ ވަނީ އެހެން މީހަކާ ނުލައި ދިރިއުޅެން ދަސްކޮށްފައެވެ.
*****
މީރާ ދިޔަތާ ތިން ހަފުތާ ފަހުން، އޭނާގެ ހާލަތާމެދު ހަމައެކަނި ކަންބޮޑުވަނީ ކަމަށް ހެދިގެން އުޅުން ޒިމާން ހުއްޓާލިއެވެ. އޭނާ މީރާގެ މަތިން ހަނދާންވަނީއެވެ. އޭނާގެ އަޑާއި، އޭނާގެ ހާޒިރުކަމާއި، އޭނާގެ މަޑުމައިތިރި ސަމާސާ މިޒާޖާއި، އަދި ވާހަކަދައްކަންވީ ވަގުތާއި ހަނުހުންނަންވީ ވަގުތު ދަންނަ މީހަކު ގާތުގައި ހުރުމުން ލިބޭ އާދައިގެ ހިތްހަމަޖެހުން ޒިމާން ބޭނުންވެއެވެ.
ޒިމާން ބޭނުންވީ އޭނާ ދެކިލުމަށެވެ. އޭނާ އުޅެނީ އުފަލުންތޯ ބަލަން ޒިމާން ބޭނުންވިއެވެ. އަދި އެއްބަސްވާން ލަދުގަތް ނަމަވެސް، މީރާ އަދިވެސް އޭނާގެ މަތިން ހަނދާންކުރޭތޯ ބަލަން ޒިމާން ބޭނުންވިއެވެ.
(ނުނިމޭ)
