ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ނަވާވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“އަހަރެން މި އައީ އަހަރެންގެ ކުދިން ބަލައި. ކިތަންމެ ފުއްޕާފަ އުޅުނަސް ކަލެއަކަށް ދެނެއް މި ކުދިންނެއް ނުބެލޭނެ. ކަލެއަށް ޚަރަދު ކުރާކަށް މުހުތާރެއް ދެން ނާންނާނެ. މާދަމާ ނޫންކަމެއް ވެސް ނޭނގެ މިތަނުން ނުކުންނަން ޖެހޭނީ. ވަންނާނެ ތަނެއް ހުރި މީހެއް ނޫން ކަލެއަކީ. އަހަރެންގެ ދެ ކުދިން މަގުމަތިކޮށްލާކަށް ދޫކޮށެއް ނުލެވޭނެ. އަވަހަށް ގޮތެއް ނިންމާ. އަހަރެންނަކަށް ވަގުތެއް ނެތް.” ފާއިދުގެ ކިބައިން ފެންނަމުން ދިޔައީ ކާމިޔާބުގެ ކުލަވަރެވެ.

“އެހެން ނުހަދާ. މިހާ ދުވަހު ވެސް އެކުދިން ބެލީ އަހަރެން. އަދިވެސް އަހަރެންނަށް އެކުދިން ބެލޭނެ. އަހަރެން މިގެއިން ދާކަށް ނުޖެހޭނެ. އަހަރެންނަށް ތިހެން ނުހަދާ. ކުދިން ނުގެންދޭ.” ހިތާމައެއްގެ މައްޗަށް ހިތާމައެއް ކުރިމަތިވި ރާނިޔާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.

“ދާކަށް ނުޖެހޭނެއޭ. ފެންވަރު އޮޅުނަސް ތިއީ ބޮޑުވަރެއްނު. ކަލެއަށް ހީވީތަ މުހުތާރު މަރުވާއިރަށް ކަލެއަށް މިތަން ލިބުނީއޭ. ކާކަށް އޮޅުވާލަން ތި އުޅެނީ. ބަލަ މަށަކީ އޭނާގެ ޤާނޫނީ ވަކީލޭ. މަށަށްވުރެ ބޮޑަށް ކަލެއަށްތަ މިކަންކަން އެނގެނީ. ހަމަބިމަށް ތިރިވެބަލަ.” ލިބެމުންދިޔަ ކާމިޔާބަށް އުފާކުރަމުންދިޔަ ފާއިދު ކުރީ މަލާމާތެވެ.

“މި ތަނުން ނުކުންނަން ޖެހިއްޖެނަމަ އެކުދިން ގޮވައިގެން އަހަރެން ހިނގައިދާނަން އެހެން ތާކަށް. އެ ކުދިން އަހަރެންނާއި ދުރު ނުކުރޭ. އެހެން ހަދައިފިއްޔާ އެ ކުދިން ވެސް ވަރަށް ދެރަވާނެ.” ރާނިޔާ ކުރީ އާދޭހެވެ.

ރިސޯޓް ދަތުރުގައި މުހުތާރު އޭނާއާ ހަވާލުކުރި ލިޔުންތައް މަތިން ރާނިޔާ އެއްވެސް ވަރަކަށް ހަނދާނެއް ނެތެވެ.

“ރީތި ގޮތުގަ ކަންކަން ނިންމަން އެތައް ފުރުސަތެއް ދިނިން. ކަލެއަކަށް އެވަރެއް ނުވިސްނުނު. މިހާރު ރަނގަޅު ވާނީ މިގޮތް. އެހެން ފިރިހެނަކަށް ވެސް ކަލޭ ގެންގުޅެވޭނީ އެކަނި ހުރީމައެއްނު. ތިމާގެ ހާލާއިމެދު ވިސްނާލަބަލަ. ދަރިންގެ ކަންކަން އަހަރެން ހަމަޖައްސާނަން. ކަލޭ ކޮންމެހެން އެކަމާ އުޅޭނެ ކަމެއްނެތް.” ފާއިދު މަސައްކަތްކުރަމުން ދިޔައީ ރާނިޔާގެ ކިބައިން ބަދަލު ހިފަން ކަހަލަ އެވެ.

“އަހަރެންނާ ކުދިން ދުރު ނުކުރޭ. ހެޔޮ ނުވާނެ. އާދޭސްކޮށްފައި ބުނަން އަހަރެންގެ ދެ ދަރިން އަހަރެންނާއި ވަކި ނުކުރޭ. އެހެން ހަދައިފިނަމަ އެކުދިންނަށް ވާނެގޮތަކާމެދު ވެސް ވިސްނާލާ. އަހަރެންނާނުލައި އެ ކުދިންނަކަށް ނޫޅެވޭނެ. އެހެން ނުހަދާ.” އާދޭސްކުރަމުން ދިޔަ ރާނިޔާ ފާއިދުގެ ފައި ކައިރިއަށް ތިރިވި އެވެ.

“ވިސްނާނެ ވަރަކަށް ވިސްނާ. މި ގެއާމެދު ގޮތެއް ނިންމަން ކުންފުނީގެ ޑިރެކްޓަރ ޖިހާދު މާދަމާ އަންނާނެ. އަހަރެންނަކަށް ނެތް ކަލޭގެ ދިފާއުގަ އެއްޗެކޭ ބުނެވޭކަށް. ތިޔަ ކަހަލަ ބުނާގޮތް ނުހަދާ މީހުނަށް ރަނގަޅުވާނީ ވެސް އެގޮތް. ދެން ނިކަން ގިރުވާނު ކޮޅަށް ޖަހާލާފަ އަހަރެންނާއި ދިމާލަށް މިތަނުން ނުކުންނާށޭ ބުނެބަލަ.” ރާނިޔާ އާއި ދުރަށް ޖެހިލަމުން މަލާމާތުގެ ރާގަކަށް ވާހަކަ ދެއްކި ފާއިދު ހިނގައިގަތީ ގެއިން ނުކުންނާށެވެ.

މިވެސް ކިޔާލަން:  ޙުޔޫން - އެޕިސޯޑް 02

ރާނިޔާ ބުނާ އެއްޗެއް ބަލަން ފާއިދު މަޑުކުރާނެކަމަށް ރާނިޔާ ހީކުރި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ރާނިޔާއަށް އެއްވެސް ސަމާލުކަމެއް ނުދީ ފާއިދު ނުކުމެގެން ދިޔަގޮތަށް ދިޔައީ އެވެ.

ހަދާނެ ގޮތަކާއިމެދު ވިސްނާ ފިކުރުކުރަން އިން ރާނިޔާގެ ހަނދާނަށް ލިޔުންތައް އައީ އެތައް އިރެއް ފަހުން ނެވެ. ލިޔުންތައް މަތިން ހަނދާންވުމާއިއެކު ލިޔުންތައް ހޯދުމަށް އޭނާ އަވަސްވެގަތެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަންނަން ހާވަން ފެށި އެވެ. އަލަމާރިތަކާއި ތަންތަން ބެލުމުގައި އެތައް ވަގުތެއް ހޭދަކުރި އެވެ. ބައެއް ތަންތަން އެތައް ފަހަރަކު ބެލި އެވެ. އެއިން ތަނެއްގައި ލިޔުންތައް ނެތްކަން ޔަގީންކުރި އެވެ.

“މަންމާ! ކޮންއިރަކުން ދޮންބެ އަންނަނީ؟ ދޮންބެ އަންނައިރު ކޮއްކޮއަށް މަތިންދާބޯޓެއް ގެނެސްދޭނެ ވާހަކަ ބުންޏެއްނު.” މަތިންދާބޯޓު ދުއްވާގޮތަށް އަތުން ހަރަކާތް ދައްކަމުން އައިސް ކޮޓަރިއަށް ވަތް ނާއިމްގެ ވާހަކަތައް އަޑުއިވިފައި ރާނިޔާ ދިޔައީ ސިއްސައިގެން ނެވެ. ދޭނެ ޖަވާބެއް ނޭނގިފައި އެތައް އިރަކު އިނދެވުނެވެ.

“ދޮންބެ އަންނައިރު ކޮއްކޮއަށް ގެނެސްދޭނެ ކައްކާ ސެޓެއް ދޯ މަންމާ.” ނާއިމްގެ ފަހަތުން ކޮޓަރިއަށް ވަތް ޔަޒީދާ ވެސް ދެއްކީ މުހުތާރުގެ ވާހަކަ އެވެ.

މުހުތާރު ނިޔާވި ވާހަކަ ދައްކަން ރާނިޔާއަކަށް ފަސޭހައެއް ނޫނެވެ. އެ ވާހަކަތައް ދަރިންނަށް ކިޔައިނުދީ ވާކަށް ވެސް ނެތެވެ. އެ ހިތާމަތަކާއި ހިތްދަތިކަމުން އަރައިގަންނަން ކިތަންމެ އުނދަގޫ ނަމަވެސް އެކަން ކުރަން ޖެހެ އެވެ. އެކަން ނުކޮށް ވާކަށް ވެސް ނެތެވެ.

މެންދަމުން އަލިވެ އެކެއް ޖަހާކަންހާއިރެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރާނިޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ފުލުފުލުގައި ހިތާމަތައް ކުރިމަތިވަމުންދިޔަ ރާނިޔާގެ ވިސްނުން ހުއްޓިފައި ހުރީ އޭނާގެ ކުރިމަގަށެވެ. މާދަމާއާއިމެދު ވިސްނުން ނޫން އެހެން ގޮތެއް މިއަދު އޭނާއަކަށް ނެތެވެ.

ރާނިޔާގެ ޚިޔާލީ ދުނިޔެއިން އޭނާ ހޭލައްވާލީ ފޯނުގެ ރިންގުގެ އަޑެވެ. އަވަސްއަވަހަށް ތެދުވަމުން ފޯނު ނެގިއިރު ޑިސްޕްލޭއިން ފެންނަން އޮތީ ސޭވްކޮށްފައިވާ ނަންބަރެއް ނޫނެވެ. އޭނާ ދަންނަ މީހެއްނަމަ ފޯނުގައި ނަންބަރު ސޭވްކޮށްފައި އޮންނާނެ އެވެ. ޖަވާބު ދޭނީތޯ އަޅާނުލާ ދޫކޮށްލާނީތޯ ވިސްނަން އޮއްވައި ފޯނު ކެނޑިއްޖެ އެވެ.

އެ ހިސާބުން އެކަން ނިމުނީކަމަށް ނިންމި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ދެވަނަ ފަހަރަށް ވެސް އެ ނަންބަރުން ގުޅި އެވެ. ދެވަނަ ފަހަރަށް ޖަވާބު ނުދިނުމުން ތިންވަނަ ފަހަރަށް ވެސް ގުޅި އެވެ.

“ވަރަށް މުހިންމު ވާހަކައެއް އެބައޮތް. ފޯނު ނަގާބަލަ.” ފޯނަށް ޖަވާބު ނުދިނުމުން އެ ނަންބަރުން ފޮނުވި މެސެޖް ރާނިޔާ ކިޔާލި އެވެ.

ހަތަރުވަނަ ފަހަރަށް އެ ނަންބަރުން ގުޅުމުން ރާނިޔާ ފޯނަށް ޖަވާބު ދިނެވެ. ދައްކަން އެއުޅޭ ވާހަކައަކީ މުހިންމު ވާހަކައެއް ކަމަށް ބުނުމުން ރާނިޔާ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެ ވާހަކަތަކުގެ ސަބަބުން އޭނާގެ ކުރިމަގަށް ފައިދާއެއް ކޮށްފާނެ އެވެ. ދިމާވެގެން މިއުޅޭ ކަންތައް ފައިދާ ކުރަނިވި މަގެއް ވެސް ފެނިދާނެ އެވެ.

މިވެސް ކިޔާލަން:  އޭނާ - އެކާވީސްވަނަ ބައި

ވާހަކަ ދެއްކީ ފިރިހެނެކެވެ. އަޑު ހުރިގޮތުން ބޮޑަށް ވައްތަރީ މެދުއުމުރުގެ މީހަކާ އެވެ. އަޑުގައި ދަންނަގޮތެއް ނެތެވެ. ވާހަކަ ދެއްކުމުގައި އަދަބުވެރިކަމެއް އަނެއްކާއަށް އިޙުތިރާމު ކުރުމެއް ވެސް ނެތެވެ. ރާނިޔާއަށް އެ މީހަކު ނޭނގުނު ނަމަވެސް އެ މީހަކަށް ރާނިޔާ އެނގޭކަށް އޭނާގެ ވާހަކަތަކުން އެނގުނެވެ.

އެކި މީހުންނަށް މުހިންމުވާނީ އެކި ވާހަކަ އެވެ. ފޯނު ކުރި މީހާއަށް ބުނި ފަދައިން އޭނާގެ ވާހަކަތައް އޭނާއަށް ކިތަންމެހާ ވެސް މުހިންމެވެ. އެ ވާހަކަތައް ރާނިޔާއަށް މުހިންމުތޯ ބެލުން އޭނާއަށް މުހިންމެއް ނުވި އެވެ.

“ކަލޭ ތީ ކާކު؟ ކާކު ކީކޭ ކިޔައިގެން ކަލޭ ތިއުޅެނީ؟ ކަލެއަށް ތިޔަ އުޅެނީ ވަރަށް ބޮޑަށް އޮޅިގެން. އަހަރެންނަކަށް ތިއިން އެއްވެސް ވާހަކައެއް އެއްވެސް މުހިންމެއް ނޫން.” ރާނިޔާގެ ކެތްތެރިކަން ކޮޅުންލި އެވެ. ހިތްހަމަނުޖެހުނު ނަމަވެސް އޭނާއަށް ފުރުސަތު ދެވިއްޖެކަމުގައި ހިތް ބުނި ހިސާބުން ރާނިޔާގެ ވިސްނުން ބަދަލުވި އެވެ.

“އަހަރެން މީ ކާކުކަން ބަލަން ބޭނުމިއްޔާ މިހާރު ވެސް ތިގެއަށް ހިނގައިދާނަން. ދާންވީތަ؟ ދެ މީހުން ބައްދަލުކޮށްލާ ތަޢާރަފުވެލަން ކިހާ ސަޅި ވަގުތެއް އަސްލު މީ. ދަރިން ވެސް ނިދާފައެއްނު ތިބޭނީ. މިހާރު ދެން މުހުތާރެއް އެހެން މީހެއް ވެސް ނުހުންނާނެއެއްނު. ގެ ވެސް ހުސްވާނެއެއްނު. ދާންވީ ދޯ؟” މުހުތާރުގެ ވާހަކަ ބުނި ހިސާބުން އޭނާގެ ވަގުތު ހަމަވީކަމުގައި ރާނިޔާގެ ހިތް ބުންޏެވެ.

އެ މީހަކު ދައްކާ ވާހަކަ އަހާކަށް އޭނާއަށް އިތުރު ފުރުސަތެއް ދޭކަށް ރާނިޔާގެ ހިތެއް އެއްބަހެއް ނުވި އެވެ. ހިތުގެ ނިންމުމާއިއެކު އަތުގެ ހަރަކާތް އައެވެ.

މިރެއާއި ދިމާކޮށް ކުއްލިއަކަށް އެމީހަކު ގުޅުމާއި، އެމީހާގެ ވާހަކަތަކުގެ މިސްރާބު ހުރިގޮތުން އެކަމުގައި އަޑީގައި ކޮންމެ ވެސް ސިއްރެއް ވާނެކަމުގައި ރާނިޔާގެ ހިތް ބުންޏެވެ. އެ މީހަކަށް ރާނިޔާ ފެނިގެން، އެ ބުނާ ގޮތްތަކެއް ވެގެން ރާނިޔާ އެނގޭނަމަ މިހާ ދުވަސް ވާންދެން އޭނާ މަޑެއް ނުކުރާނެ އެވެ. މަޑުކުރުމުގެ ބޭނުމެއް ވެސް ނޯންނާނެ އެވެ.

އަނެއްކާ ވެސް އެ މީހާ ގުޅި އެވެ. ފޯނަށް ޖަވާބު ނުދިނުމުން ފުލުފުލުގައި އެތައް ފަހަރަކު ގުޅި އެވެ. އެތައް މެސެޖެއް ކުރި އެވެ. އެއިން އެއްވެސް ކަމަކަށް ރާނިޔާގެ ސަމާލުކަމެއް ނުހުއްޓުނެވެ. އެތައް މަސައްކަތެއްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން އެމީހާ ޖެހުނީ އެކަން ހުއްޓާލާށެވެ. ފޯނު ނިވާލުމުގެ ބަދަލުގައި ރިންގު އޮފްކޮށްލުން ނޫން ކަމެއް ރާނިޔާ ނުކުރެ އެވެ.

މެންދަމުގެ ހަމަހިމޭންކަމަށް ނިމުން ގެންނަމުން ފަތިހުގެ ހަލަބޮލިކަމަށް ވަގުތު މިސްރާބު ޖަހައިފިކަން އެންމެ ބޮޑަށް އަންގައިދިނީ މަސްމާރުކޭޓާއި ދިމާ ބަނދަރެވެ. މަސްވެރިންތައް މަހަށް ފުރުމާއިގެން އަވަސްވެގަތެވެ. ވެހޭ ވާރޭއަކަށް ދިއްލާ އަތްވަކަށް ބެލުމެއްނެތި އެ މީހުންގެ މަސައްކަތާއި ދިމާއަށް އެ މީހުން އެނބުރުނެވެ.

މިވެސް ކިޔާލަން:  މިލަހަނދުވަރު - 08

ފަތިސް ނަމާދު ކޮށްލައިގެން ކޮޓަރިން ނުކުތް ރާނިޔާގެ އަމާޒަކީ ބަދިގެ އެވެ. ދަރިން ތެދުވަންވާއިރަށް އެކުދިންނަށް ހެނދުނުގެ ސައި ތައްޔާރުކުރުމަކީ އޭނާއަށް އެންމެ މުހިންމު ކަންތަކެވެ.

އާ ދުވަހަކަށް އިރުއަރައިގެން އައީ އެތައް ކަމެއް ބަދަލުކޮށްލަމުން ނެވެ. އިއްޔެ އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރަމުންދިޔަ އެތައް ބަޔަކަށް ހިތާމައާ ހިތްދަތިކަން ކުރިމަތިވަމުން ދިޔައިރު އޭގެ އަނެއްކޮޅު ފެނުނު މީހުން ވެސް މަދެއް ނޫނެވެ. މި ނޫން ދިރިއުޅުމަކަށް އުންމީދުކޮށް ބުރަ މަސައްކަތްކުރި އެތައް ބަޔަކަށް އެ ހިތާމަތަކާއި ހިތްދަތިކަމުން އަރައިގަނެވިއްޖެ އެވެ. ދުނިޔަވީ އެ އާދައިން ސަލާމަތްވެވޭނެ އެކެއް ވެސް ނެތެވެ.

މުހުތާރު ނިޔާވުމާއިއެކު އޭނާގެ ވިޔަފާރީގެ ހުރިހާ ކަމަކާއި ހަވާލުވީ އޭނާގެ ކުންފުނީގެ ޑިރެކްޓަރ ޖިހާދެވެ. އޭނާ އެންމެ ބޮޑު އިސްކަމެއް ދިނީ ކުންފުނިން ނަގާފައިވާ ލޯނުތަކާއި އެހެން ވެސް ގޮތަކުން ދައްކަންޖެހޭ ދަރަންޏެއް އޮތްނަމަ އެ ދަރަންޏެއް ޚަލާސް ކުރުމަށެވެ. އޭނާގެ އެހީތެރިއަކަށް ހުރީ ކުންފުނީގެ ޤާނޫނީ ވަކީލު ފާއިދެވެ.

މުހުތާރު ދުނިޔޭގައި ނެތް ދުވަހު އޭނާގެ ދަރަނިތައް ދައްކައިދިނުމަށް ޖިހާދާއި ފާއިދު ކުރި މަސައްކަތަށް ގިނަ ބަޔެއްގެ ތަޢުރީފާއި ޝުކުރު ލިބުނެވެ.

ރާނިޔާމެން ދިރިއުޅޭ ގެއަށް ޖިހާދާއި ފާއިދު އައީ މެންދުރެއްކަންހާއިރު އެވެ. ލިޔުންތައް ލާފައިވާ ފައިލު ހިފައިގެން ހުރީ މުހުތާރުގެ ވިޔަފާރީގެ ހުރިހާ ކަމަކާއި މިހާރު ހަވާލުވެގެން ހުރި ޖިހާދެވެ.

“ރާނިޔާއަށް އަހަރެންނަކީ ކާކުކަން ބުނެދޭކަށް ނުޖެހޭނެ ކަންނޭނގެ. މިހިރީ ލިޔުންތައް. ރަނގަޅަށް ކިޔާލާ. މިއަދުން ފެށިގެން މި ގެއަކީ ފާއިދުގެ އަމިއްލަ ތަނެއް. މުހުތާރު ނިޔާވުމުގެ ކުރިން ވަނީ މިކަމާއި ގުޅޭ ލިޔުންތައް ފުރިހަމަކޮށް ކޯޓުގައި ރަޖިސްޓްރީ ވެސް ކޮށްފަ. މިތަނުން ނުކުންނަން ކަލެއަށް ދޭނަން ސައުވީސް ގަޑިއިރު. އެވަރުން ވާނެކަމަށް މި ބަލަނީ.” އަތުގައި ހުރި ލިޔުންތައް ރާނިޔާއަށް ދިއްކޮށްލަމުން ޖިހާދު ވާހަކަ ދެއްކި އެވެ.

“ތީ ހުސް ދޮގު. މިތަނަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އަހަރެންނާ އަހަރެންގެ ދެދަރިންނަށް މުހުތާރު ދީފައިވާ ތަނެއް. ކަލޭމެން ތި އުޅެނީ އޮޅުވާލައިގެން. މަކަރު ހަދައިގެން މިތަން ފޭރިގަންނަން ތިއުޅެނީ. އެކަން އެނގޭނެ ލިޔުންތައް ކޯޓުގައި ވެސް ހުންނާނެ.” ލިބުނު ހައިރާންކަމަށްވުރެ ބޮޑަށް ރާނިޔާ ވީ ދެރަ އެވެ.

” މުހުތާރު ކިހިނެއް މީހަކަށް އެއްޗެއް ދޭނީ. ނަގާފައިވާ ލޯނުތަކާއި ތަންތަނަށް ދައްކަން ޖެހޭ ފައިސާތައް ދައްކާ ނިމުނުއިރު ކުންފުނީގަ ނެތް ބައި ރުފިޔާއެއްހާ ހިސާބު ވެސް. ހުރިހާ އެއްޗެއް ވިއްކާލައިގެން ކިރިޔާ ދަރަނިތަކުން ސަލާމަތް ވެވޭވަރު ވީ. މިގޭގަ އެ ހުރި ފިހާރައިގެ މުދާތައް މި ޖެހުނީ ނުއަގުގައި ވިއްކާލަން.” ޖިހާދުގެ ކިބައިން ފެނުނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top